”ފިރިމީހާ އާއި ދެމީހުން ކުރި ޒުވާބެއްގައި އަހަރެން ވަރަސް ރުޅިގަދަވެ އެތައް ފަހަރެއްގެމަތިން ވަރިއަށް އެދުނީމެވެ. ތިއައީ ހަމަ ބޭނުންވާ ގޮތްތޯ ސުވާލު ކުރުމަށްފަހު ފިރިމީހާ ބުނީ ”އެހެންވިއްޔާ ތީނީ ވަރިކޮށްފަ“ ކަމަށެވެ. ނަމަވެސް ފަހުން ފިރިމީހާ ބުނީ އޭނާ އެހެން ބުނީ ވަރިކުރުމުގެ ޤަޞްދުގައި ނޫން ކަމަށާއި އަހަރެން ވަރިއަށް އެދެމުން ގެންދިއުމުން ބުނި ބަހެއް ކަމަށެވެ. އެހެންވީމާ ފިރިމީހާ އެބުނި ބަހުން ވަރިވާނެ ހެއްޔެވެ؟“
މި ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ޞަރީޙަ ބަހުން ”ވަރިކޮށްފިން“ ކަމަށް ބުނެފިނަމަ ނިޔަތަށް ބަލަން ނުޖެހޭނެ ކަމަށެވެ. ”ތިއަ ބޭނުންވި ގޮތަށް އެވަނީ ވަރިވެފައި“ ކަމަށެވެ.
ރުޅީގައި 3 ޙާލަތެއް ވެއެވެ.
1. މީހާގެ ޝުޢޫރު ގެއްލި މޮޔަ މީހެއްފަދައިންވާ ވަރަށް ރުޅިގަދަވުން. މިފަދަ ޙާލަތުގައި ވަރި ނުވާނެ ކަމަށް ހުރިހާ ޢިލްވެރިން އިޖުމާޢުވެލައްވައެވެ. ސަބަބަކީ އެމީހަކީ ބުއްދި ފިލައި ގޮސް މޮޔަ މީހެއް ފަދަ މީހަކަށްވާތީއެވެ.
2. ރުޅިގަދަވި ނަމަވެސް ތިމާއަށް ކިޔޭ ނުކިޔޭ އެއްޗެއް އެނގޭ ވަރަށް ރުޅިއައުން ނަމަވެސް، ރުޅި ގދަވެއްޖެ ނަމަ، ތިމާގެ ނަފްސް ކޮންޓްރޯލު ނުކުރެވި ތިމާގެ އަތުން ފައިން ގޯސް ހެދޭވަރަށް ރުޅިގަދަވުން. މިފަދަ މީހާ ކުރާ ވަރި ވަރިއަކަށްވާނެތޯ ނުވަތަ ނޫންތޯ ޢިލްމްވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެއެވެ. ރާޖިޙް ގޮތަކީ ވަރި ނުވުމެވެ.
އެހެނީ ރަސޫލު صلى الله عليه وسلم ޙަދީޘް ކުރައްވަވާފައިވެއެވެ. – މާނައީ ”މަޖުބޫރީ ޙާލަތުގައްޔާއި، ރުޅިގަދަވެފައި ހުންނަ ޙާލަތުގައި ވަރިކުރުމެއް، އަޅުން މިނިވަން ކުރުމެއް ނެތެވެ.“
3. އާދައިގެ ވަރަކަށް ރުޅިއައުން. މިފަދަ ހާލަތުގައި ކުރާ ވަރި ވަރިއަކަށް ވާނެ ކަމަށް ހުރިހާ ޢިލްމުވެރިން އިޖުމާޢުވެލައްވައެވެ.
މިއީ މިމައްސަލައިގައި ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ އާއި އިބްންލް ޤައްޔިމް ރަޙިމަހުﷲ ދެއްވަވާފައިވާ ތަފްޞީލެވެ. ވަﷲ އަޢްލަމް!