ނަޞޭޙަތާއި އިރުޝާދު
އެންމެ ކުރު ޢިއްދައެއްގައި އިންނެވި ޞަޙާބިއްޔަތަކީ ކޮބައިކަން އެނގޭތަ؟

އެންމެ ކުރު ޢިއްދައެއްގައި އިންނެވި ޞަޙާބިއްޔަތަކީ أم كلثوم بنت عقبة رضي الله عنها އެވެ.
އެކަމަނާ ހިޖުރައަށް ވަޑައިގެންނެވީ ޞުލްޙުލް ޙުދައިބިއްޔާއަށްފަހުގައެވެ.
މިދެންނެވުނު ޞުލްހައިގެ އެއްބަސް ވުމުގެ ޝަރުޠު ތަކުގެ ތެރެއިން ޝަރުޠެއްގައި ވެއެވެ.“ މައްކާގެ އަހުލުވެރީން ގެތެރެއިން މީހަކު އިސްލާމްދީން ޤަބޫލު ކޮށް މަދީނާއަށް ހިޖުރަކުރި ކަމުގައި ވިޔަސް އެމީހަކު އަބުރާ މައްކާއަށް ފޮނުއްވަން ވާނެއެވެ. މަދީނާގެ އަހުލު ވެރީންގެތެރެއިން މީހަކު ނުވަތަ ހިޖުރަ ކޮށްފައިވާ މައްކާގެ އަހުލުވެރީންގެ ތެރެއިން މީހަކު މުރުތައްދުވެ މައްކާއަށް އެބުރި އައި ކަމުގައި ވިޔަސް އެމީހަކު އަނބުރާ މަދީނާއަށް ނުފޮނުއްވުން ވެސް ހިމެނެއެވެ.
އެހެންކަމުން އެކަމަނާ ހިޖުރަކުރެއްވުމުން މައްކާއަށް އެނބުރި ދިޔުމަށް ރަސޫލާ صلى الله عليه وسلم އެ ކަމަނާއަށް އެންގެވިއެވެ.
އެކަމަނާ ދެންނެވިއެވެ.
“ އަންހެނުންނަކީ އެހެންމީހުންގެ އެހީތެރިކަން ބޮޑަށް ބޭނުންވާ ބަޔަކަށް ވާއިރުވެސް، ތިމަންކަމަނާ މުޝްރިކުންގެ ގާތަށް ފޮނުވާލައްވަނީތޯއެވެ؟ މައްކާގެ މުޝްރިކުންގެ ފިތުނަތަކާއިމެދު ތިމަންކަމަނާ ބިރުގަންނަމެވެ
އެ ހިނދު މި އާޔަތް ބާވައިލެއްވުނެވެ.
يَا أَيُّهَا الَّذِينَ آمَنُوا إِذَا جَاءَكُمُ الْمُؤْمِنَاتُ مُهَاجِرَاتٍ فَامْتَحِنُوهُنَّ ۖ اللَّهُ أَعْلَمُ بِإِيمَانِهِنَّ ۖ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَاتٍ فَلَا تَرْجِعُوهُنَّ إِلَى الْكُفَّارِ ۖ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ ۖ وَآتُوهُم مَّا أَنفَقُوا ۚ وَلَا جُنَاحَ عَلَيْكُمْ أَن تَنكِحُوهُنَّ إِذَا آتَيْتُمُوهُنَّ أُجُورَهُنَّ ۚ وَلَا تُمْسِكُوا بِعِصَمِ الْكَوَافِرِ وَاسْأَلُوا مَا أَنفَقْتُمْ وَلْيَسْأَلُوا مَا أَنفَقُوا ۚ ذَٰلِكُمْ حُكْمُ اللَّهِ ۖ يَحْكُمُ بَيْنَكُمْ ۚ وَاللَّهُ عَلِيمٌ حَكِيمٌ (10)
އޭإيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް مؤمن އަންހެނުން هجرة ކޮށްފައި އަންނަހިނދު، ފަހެ، ތިޔަބައިމީހުން އެކަނބަލުން امتحان ކުރާށެވެ! އެކަނބަލުންގެ إيمان ކަން ހުރިގޮތް اللَّه ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، އެކަނބަލުންނީ، (حقيقة ގައި) مؤمن ންކަން ތިޔަބައިމީހުންނަށް އެނގިއްޖެނަމަ، ފަހެ، كافر ންގެގާތަށް ތިޔަބައިމީހުން އެކަނބަލުން އަނބުރައި ނުފޮނުވާހުށިކަމެވެ! އެކަނބަލުން އެއުރެންނަށް حلال ވެގެނެއް ނުވެތެވެ. އަދި އެއުރެންވެސް އެކަނބަލުންނަކަށް حلال ވެގެނެއް ނުމެވޭމެއެވެ. އަދި އެއުރެން (ކާވެނީގެ ރަނުގެ ގޮތުގައި) ހޭދަކޮށްފައިވާ އެއްޗެއް ތިޔަބައިމީހުން އެއުރެންނަށް ދޭހުށިކަމެވެ! އަދި އެކަނބަލުންގެ ކާވެނީގެ ރަން އެކަނބަލުންނަށް ތިޔަބައިމީހުންދޭނަމަ، ތިޔަބައިމީހުން އެކަނބަލުންނާ ކާވެނި ކުރުމުގައި، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން، كافر އަންހެނުން އަނބިންގެ ގޮތުގައި ނުބައިތިއްބާށެވެ! އަދި ތިޔަބައިމީހުން (އެކަނބަލުންނަށް) ރަނުގެ ގޮތުގައިދިން އެއްޗެއް އަތުލުމަށް ތިޔަބައިމީހުން سؤال ކުރާށެވެ! އަދި އެ كافر ން ހޭދަކުރި އެއްޗެއް އަތުލުމަށް އެއުރެންވެސް سؤال ކުރާހުށިކަމެވެ! އެއީ اللَّه ގެ حكم ފުޅެވެ. އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ނިޔާކުރައްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
މި އާޔަތް ބާއްވައިލެއްވުމާއެކު އިސްލާމްވެގެން މަދީނާއަށް އަންނަ މުސްލިމުން އަނބުރާ މައްކާއަށް ފޮނުވަންޖެހޭ ގޮތަށް އޮތް ބަންދު އުވިގެންދިޔައެވެ.
އުއްމު ކުލްޘޫމްވެސް މަދީނާގައި މަޑުކުރެއްވިއެވެ.

އުއްމު ކުލްޘޫމް ހަތަރު ޞަޙާބީންނާއި ކައިވެނި ބައްލަވައިގެންނެވިއެވެ. އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގެންނެވީ ޒައިދު ބިން ޙާރިޘާ އާއި އެވެ. މުއުތާ ހަނގުރާމައިގައި އެކަލޭގެފާނު ޝަހީދުވުމުން ދެން ކައިވެނި ބައްލަވައިގަތީ ޒުބައިރު ބިން އަލް ޢައްވާމް އާއި އެވެ. ޒުބައިރުގެ ފާނަކީ އަބުއި މިޒާޖެއްގެ ބޭކަލެކެވެ. އެފަދަ އަބުއި ދިރިއުޅުމަކަށް އުއްމު ކުލްޘޫމް ހޭނިވަޑައިގެންފައެއް ނެތެވެ. މިޒާޖުގެ މިފަދަ ތަފާތުވުން ތަކާއި ހެދި މިކައިވެނީގައި އަބަދުވެސް މައްސަލަ ޖެހެމުން ދިޔައެވެ. އުއްމު ކުލްޘޫމް ޒުބައިރުގެފާނު ދެކެ އެއްވެސް ވަރަކަށް ލޯބިފުޅެއް ނުވެއެވެ. އެކަމަނާ އަބަދުވެސް ދިޔައީ ވަރިކޮށް ދެއްވުމަށް އެދެމުންނެވެ. އެހެން ނަމަވެސް ޒުބައިރުގެފާނު އިންކާރު ކުރައްވަމުން ގެންދެވިއެވެ. ކަން މިހެން ވަމުން ދަނިކޮށް ޒުބައިރުގެފާނުގެ ދަރިކަލަކަށް އުއްމު ކުލްޘޫމް އާލާސްވެ އިންނަވާ ވިހާދުވަސް ގާތް ވެއްޖެއެވެ.
ޒުބައިރުގެފާނާއި އުއްމު ކުލްޘޫމްގެ ކައިވެނި ފުޅަށް ލިބިވަޑައިގަތީ ޒައިނަބެވެ. ޒައިނަބު ވިހަން އޮތް ދުވަހުވެސް ދެމަފިރިންގެ ދެމެދުގައި ޒުވާބާއި އަރައިރުންވުން ވަރަށް ބޮޑަށް ހިނގިއެވެ. ޒުވާބުގެ ކަނިތައް ބޮޑުވެ އެންމެފަހުން ޒުބައިރުގެ ފާނު އުއްމު ކުލްޘޫމް ވަރި ކުރެއްވިއެވެ. ވަރިކުރެއްވިތާ އިރުކޮޅެއްނުވެ އުއްމު ކުލްޘޫމް ވިއްސެވިއެވެ.
ﷲ ތަޢާލާ ވަނީ ވަރިކުރެވޭ އަންހެނުން ޢިއްދާގައި އިނުން ވާޖިބު ކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ.
﴿ وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلاَثَةَ قُرُوَءٍ﴾
މާނައީ ”އަދި ވަރިކުރެވިފައިވާ އަންހެނުން އެކަނބަލުންގެ ނަފުސުތަކަށްޓަކައި ތިން ޤުރުއު އިންތިޒާރުކުރާ ހުށިކަމެވެ“
އެހެން ނަމަވެސް އުއްމު ކުލްޘޫމް ވިހެއުމާއި ގުޅިގެން ތިން ޤުރުއު މަޑުކުރާކަށް ނުޖެހުނެވެ.
ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ﴾ ”އަދި މާބަނޑު އަންހެނުންގެ ޢިއްދަ އަކީ އެކަނބަލުންގެ ބަނޑުގައިވާ ދަރި ވިހެއުމެވެ.“
ދެން އެކަމަނާ ކައިވެނީގެ ގޮށްޖެއްސެވީ ޢަބްދުއްރަޙްމާން ބިން އައުފާއިއެކީގައެވެ. މި ކައިވެންޏަކީ ވަރަށް އުފާވެރި ކައިވެންޏެކެވެ.
ޢަބްދުއްރަޙްމާން ބިން އައުފު އަވަހާރަވުމުން ދެން އެކަމަނާ ކައިވެނި ބައްލަވައިގަތީ ޢަމްރޫ ބުނު العاص އެވެ.
މި ކައިވެންޏަށް އަހަރެއް ވީތަނާ އެކަމަނާ އަވަހާރަވެއްޖެއެވެ.

މިފަދަ އެހެން މިސާލެއް.  ރީތިކަމަށް މަޝްހޫރު މާތް ޞަޙާބިއްޔާއެއް ކަމުގައިވާ ޢާތިކާ ބިންތު ޒައިދު، ހަތަރު ކައިވެނި ކުރެއްވި. ނަމަވެސް އެކަމަނާގެ މާތްކަމާއި މަތިވެރިކަމަކަށް ބަދަލެއް ނާދޭ!

ވަރިވުމާއި ހުވަފަތްވުމަކީ މީހާގެ ބަދުނަސީބުކަމާ ގުޅިފައިވާ ކަމެއްނޫން. އިންސާނާއަށް އެންމެ ފައިދާ ބޮޑު ގޮތް މާތްﷲ ދެނެވޮޑިގެންވޭ.

 

4