މާތް ﷲ މި ދިވެހިރާއްޖޭގެ މީހުންގެ މައްޗަށް އެފަދަ ކޯފާ އެއް ފޮނުއްވުމުގެ ކުރިން އެންމެން އެކުގައި އިޞްލާޙުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދު ޚުތުބާގައި ވިދާޅުވީ ” ލޫތުގެފާނުގެ ޤައުމު އޮތް ތަނުގައި މިހާރު އޮތީ ލޮނުގަދަ ޑެޑްސީ އޭ ކިޔާ ކަނޑެކެވެ. ޖޯޑްން އާއި ފަލަސްތީނާ ދެމެދުގައެވެ. މާތް ﷲ މި ދިވެހި ރާއްޖޭގެ މީހުންގެ މައްޗަށް އެފަދަ ކޯފާ އެއް ފޮނުއްވުމުގެ ކުރިން އެންމެން އެކުގައި އިޞްލާޙު ވަމާ ހިނގާށެވެ!. ވެރިންނޭވެ! މަސްއޫލު ވެރިންނޭވެ! މައިންބަފައިންނޭވެ! މުޖައްލިމުންނޭވެ! ޢާންމު ރައްޔިތުންނޭވެ! ލޮބުވެތި އަޚުންނޭވެ! ފާފައިން ދުރުހެލިވާށެވެ! ﷲ ގެ ތެދުމަގަށް ރުޖޫޢަ ވާށެވެ! ޙަސަދަ އާއި ފަސާދައިން ދުރުވެ ރައްކައުތެރިވާށެވެ! ތާއަބަދަށް ދެމިތިބެނިވި ގޮވަތި ބާއްޖަވެރި ކުރާށެވެ! މި ހެއްލުންތެރި ދުނިޔޭގެ ދަޅަތަކާ ދުރުހެލިވާށެވެ! ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރާށެވެ!”
ސަލާމް ލެއްވި ލޫޠުގެފާނު ޤައުމުގެ މީހުން ހަލާކު ކުރެއްވީ އެއްޖިންސުން ގުޅުން ހިންގުމުންކަމުގައި ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ” ބައެއް މީހުން އެމީހުންނަށް މާތް ﷲ ދެއްވާފައިވާ ބުއްދީގެ ބޭނުން ނުހިފައި ޝަހުވަތުގެ އޮޑި ދީލައިލަނީ ވިސްނުމެއް ފިކުރެއް ނެތިއެވެ. ޖަނަވާރުން ވެސް ނޫޅޭހާ ހުތުރު ގޮތްގޮތަށް އުޅެނީ އެކަމުން ލިބިދާނޭ އެއްވެސް ގެއްލުމަކަށް ވިސްނާލުމެއް ނެތިއެވެ. އެބައިމީހުންނަކީ ޖަނަވާރުންނަށް ވުރެ ވެސް ދަށު ދަރަޖައިގެ ބައެކެވެ. ފާޙިޝް ޢަމަލުތަކުން ދުރުހެލިވެ މާތް ﷲ އަށް ތައުބާވާށެވެ! އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވާށެވެ. ބަލިތަކާއި ކޯފާއިން މިންޖުވެވޭނީ މާތް ﷲ އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައިގެންނެވެ. ރަސޫލާ صلى الله عليه وسلم ދެއްކެވި މަގުން ހިނގައިގެންނެވެ.”
ﷲއަށް ތަޤުވާވެރި ވުމުގެ މުހިއްމުކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ” މާތް ﷲ އަބަދާއިއަބަދު އަޅުތަކުންގެ ޙާލަތު ބައްލަވައިވޮޑިގެން ވެއެވެ. އެކަލާނގެ އަށް ބިރުވެތިވެ ތަޤުވާވެރިވުމަކީ ހެޔޮކަމުގެ މަގު ތަނަވަސްވާ ކަމެކެވެ. ރިޒްޤު އިތުރުވާ ކަމެކެވެ. ﷲ އެކަލާނގެ އަޅުތަކުންގެ ބޭނުންތައް ފުއްދަވައި ދެއްވައެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ” وَمَن یَتَّقِ ٱللَّهَ یَجۡعَل لَّهُۥ مَخۡرَجࣰ , وَیَرۡزُقۡهُ مِنۡ حَیۡثُ لَا یَحۡتَسِبُۚ” ( އަލް ތަލާޤް: 2-3) ﷲމާނައީ: “އަދި ﷲ އަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާ ފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤު ދެއްވާނެތެވެ.”