ނަޞޭޙަތާއި އިރުޝާދު
ދަރިފުޅު ބަސްނާހަނީއެވެ. ދެންހަދާނީ ކިހިނެއް؟ (2)

6. ރުޅި އައިސްގެން ގޯސް ނުގޮވާށެވެ.

“ކަލޭތީ ވަރަށް ބަސްނާހާ ކުއްޖެއް! ދުވަހަކު ވެސް ކަލެއަށް ކަމެއް ނުކޮށްދޭނަން” ރުޅި އައިސްގެން ބުނެވޭ މިފަދަ އިބާރާތްތަކަކީ ތާކުން ތާކު ނުޖެހޭ އެއްޗަކަށް ނުވެއެވެ. މީ ނުކުރެވޭނޭ ކަމެކެވެ. އެ ދަރިފުޅަށް ކަމެއް ކޮށް ނުދީ މުޅި އުމުރަށް ހުރެވިދާނެތޯއެވެ؟ މިގޮވަނީ ގޯހެވެ! މިފަދަ ގޯސް ގޮވުމުން ދަރިންގެ ކުރިމަތީ އަގުވެއްޓެއެވެ. މައިންބަފައިން ރުޅި އައިސްގެން ކޮންމެ އެއްޗެއް ކިޔަސް ފަހުން ހަމަޖެހޭނޭ ކަމުގެ ޔަޤީންކަން ލިބި ރުޅި އައުމުގެ އެއްވެސް އަސަރެއް ކުދިންނަށް ނުކުރާތަން އަތުވެދާނެއެވެ. މީގެ ބަދަލުގައި ރުޅި އަންނަން ޖެހޭ ވަގުތު ރުޅި އައިކަން އަންގައި، ނަމަވެސް ކޮންޓްރޯލްގައި ހުރެ، ދޭންޖެހޭ އެކަށީގެންވާ އަދަބު ދޭށެވެ. ހަމައިން ނެއްޓި އެއްވެސް ކަމެއް ނުކުރާށެވެ.

“މީން އެކަކު ވެސް ކައިގެން އެންމެ ތައްޓެއް ވެސް ނުނަގާނެ! މިއީ ކިހާ ބޮޑު ކަމެއް! ހުރިހާ ތަށިތައް ތަޅާލާނަން! މި މީހުން ކަމަކީ އަބަދު ޓީވީ ބެލުން! ޓީވީ ވެސް ތަޅާލާނަން!” މިހެން ބުނެ ހަޅޭއްލެވުމުގެ ފައިދާއެއް ނެތެވެ. ނަމަވެސް “ހުރިހާ ތަށިތައް ނަގާފައި އެންމެން އެކީގައި ޓީވީ ބަލާނީ! އާދޭ އަވަސްކުރަން.” ނުވަތަ ކުރީން ވެސް ބުނީމެއްނު ޓީވީ ބަލާނީ ހުރިހާ ތަށިތައް ނަގާފައޭ! އެހެންވީމާ ޓީވީ މި ނިވާލީ! ހުރިހާ ތައްޓެއް ނެގުނީމާ ޓީވީ ހުޅުވާނީ! ނިވާލީ! ހުރިހާ ތައްޓެއް ނެގުނީމާ ޓީވީ ހުޅުވާނީ! އަވަސް ކުރަންޏާ އާދޭ އެހީވެދޭން!” މިހެން ބުނުމުގެ ފައިދާ މާބޮޑެވެ. ހަޅޭއްލަވާ ރުޅި ގަދަކުރުމުން އެކުދީންނަށް ވެސް ދަސްވާނީ ހަޅޭއްލަވާ ރުޅި ގަދަކުރާށެވެ. މައްސަލައަށް ފޯކަސްކޮށް މައްސަލަ ޙައްލު ކުރާކަށް ދަހެއް ނުވާނެއެވެ.

 

7. އަބަދު މަނާނުކުރާށެވެ.
“ތިޔަހެން ނުހަދާ!” ، “ތިކަން ނުކުރޭ!” ، “ތި ތަނަށް ނުދޭ!” ، ”ތި ގޮނޑިއަށް ނާރާ!” މިގޮތަށް އަބަދު ކަންތައްތައް މަނާކުރުމުގެ ބަދަލުގައި ކުރާން ކަމަކަށް އަމާޒުކޮށް އިރުޝާދު ދިނުން މާ ރަގަޅުކަމަށް ބެލެވެއެވެ. “ތިކަން ނުކުރޭ!” މިހެންބުނުމުގެ ބަދަލުގައި “ދަރިފުޅާ އާދޭ ބައްޕައާއެކީ މިތަން ސާފުކޮށްލަން.” މިހެންބުނެ ކޮންމެވެސް އެހެންކަމަކާ ޝާމިލުކުރުވުން ރަގަޅުވާނެއެވެ.

 

8. “ރިޝްވަތު” ނުދޭށެވެ.
“ބަސްއަހައިގެން އުޅުނިއްޔާ އައިސްކްރީމް ދޭނަން” މިފަދަ “ރިޝްވަތު” ދިނުމަކީ ތަރުބަވީ ފައިދާއެއް ލިބޭކަމަކަށް ނުވެއެވެ. ވަކިކަމެއް ކުރިއްޔާ މިވެނިއެއްޗެއް ދޭނަމޭ ބުނާ ބުނުން ދޭހަވަނީ އެކަމަކީ އިނާމެއް ހޯދުމުގެ ބޭނުމުގައި ނޫނީ ކުރަން ނުޖެހޭކަމެއް ކަމެވެ. ވުމާއެކު ވަކިކަމެއް ކުރުމުން އިނާމުދީގެން ހަދިޔާދީގެން ތަރުބިއްޔަތު ނުކުރެވޭނެއެވެ. ތަރުބިއްޔަތު ކުރުވުމުގާ މުހިންމުވަނީ އެކަމަކީ ކުރަންޖެހޭ ކަމެއްކަން ޤަބޫލުކޮށް އަމިއްލައަށް ފެނިގެން ކުރުމެވެ. ނުވަތަ ކޮށްގެން ނުވާނޭ ކަމެއްކަމަށް އަމިއްލައަށް ދެކިގެން އެކަމެއް ނުކޮށް
ދޫކޮށްލަމެވެ.

9. މަލާމާތް ނުކުރާށެވެ.
“އާނ! މީ މާމޮޅު މީހެއްވިއްޔަ! ތާހިރުވެއްޖެއެއްނު! ކޮބާ ތިއޮތީ ވާނެގޮތްވެފައި!” މިފަދައިން މަލާމާތްކުރުމަކީ ތަރުބިއްޔަތަށް މަގުފަހިކުރާ ކަމެއްނޫނެވެ. މިފަދަ މަލާމާތުގެ ނަތީޖާއަކީ ރުޅިވެރިކަމާއި ނަފުރަތެވެ. މީގެ ބަދަލުގައި ދެންވެސް ހަދަންވީގޮތެއްގެ ވާހަކަދެއްކުން މާމުހިންމެވެ. “ދަރިފުޅާ މިފަހަރު މިވީގޮތް ކިހާދެރަ! ހިސާބުން ފެއިލްވީ! ހިނގާ އިތުރު މަސައްކަތް ހިސާބުން ކުރަން. މިފަހަރު މިހެން މިވީ ހިސާބުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމުން. މަންމައާ ދަރިފުޅާ ޓީޗަރ ކައިރިއަށްވެސް މާދަމާ ދާންވާނެ. އޭރުން މަސައްކަތްކުރާނޭ ގޮތް ޓީޗަރ ބުނެދެއްވާނެ…..” މިފަދަހިތްވަރުގެ ޢިބާރާތްތަކުން މަގު ދެއްކުން، މަލާމާތް ކުރުމަށްވުރެ ފައިދާ ބޮޑެވެ.

10. ހުސްވަގުތު ފުރާނޭ ކަމެއް ދަސްކޮށްދޭށެވެ.
ބޮޑެތިވަމުން އަންނަ ކުދިންނަށް ގިނަފަހަރު ގޯސް ހެދެނީ ނުވަތަ ބޭނުން ނެތް ސަކަރާތްޖެހެނީ ކަމެއްނެތި ފޫހިވުމުންނެވެ. ވީމާ ހުސްވަގުތު ކުރާނޭ ކަންކަން ދަރިފުޅަށް ތަޢާރަފްކޮށްދޭށެވެ. މުނިފޫހި ފިލުވުމުގެވެސް ފައިދާހުރި ކަންކަން ތަޢާރަފްކޮށްދޭށެވެ. ޓީވީއާއި ވީޑިއޯ ގޭމް ނޫން ގިނަ ކަންކަން މިގޮތުން ހުރެއެވެ. ތަފާތު ކުޅިވަރުތަކެވެ. ހަށިގަނޑަށް ކަސްރަތުލިބޭ ގިނަގުނަ ކުޅިވަރުތަކެވެ. ވާހަކަ ކިޔުމެވެ. ވާހަކަލިޔުމެވެ. ކުރެހުމެވެ. އަތްފައިން ކުރާ ތަފާތު މަސައްކަތެވެ. އަތްތެރި މަސައްކަތެވެ. ތަފާތު ބާވަތުގެ ތަކެތި އެއްކުރުމެވެ. ފީނުމެވެ. ފެތުމެވެ. ކެޔޮޅުކަމެވެ. މިގޮތުން ތަޢާރަފްކުރެވޭ ކަންކަމުގެ ތެރެއިން ކޮންމެވެސް ކަންތައްތަކެއް ކުރުމުގެ ފޯރި ޖައްސާށެވެ. ހުސްވަގުތު ވައިވެގެން އުޅުމުގެ ބަދަލުގައި މީން ކަމެއްގައި ޝާމިލުވެ އުޅުމަށް ހިތްވަރުދޭށެވެ.

11. ޙައްޤު ތަޢުރީފު ކުރާށެވެ.
“ދަރިފުޅު އެނދު ތަންމަތި އަޅާފައި ހުރިތަން ފެނުމުން ބައްޕަހާދަ އުފާވެއެވެ. ތިމާ އެދޭކަމެއް ދަރިފުޅު ކުރުމުން އެކަން ފާހަގަކޮށްލުމަކީ ދަރިފުޅަށް ހިތްވަރުލިބި އިތުރަށް އެފަދަ ކަންކަން ކުރުމަށް އެޅޭ ބާރެކެވެ. ނަމަވެސް ޙައްޤުނޫން ތަޢުރީފު ނުކުރާށެވެ. “ދަރިފުޅަކީ ހާދަ ރަގަޅު ކުއްޖެކޭ، ވަރަށް ބަސްއަހާނެ….” ކަނޑައެޅިގެން ބަސްނާހާ އުޅޭ ވަގުތަކު މިހެން ބުނުމުން ކުއްޖާ ކޮންމެގޮތަކަށް އުޅުނަސް މައިންބަފައިން ނުރުހުން ނުވާނޭކަމުގެ ޔަޤީންކަން ލިބި ހިތައްއެރި ގޮތަކަށް އުޅުމަށް ހިތްވަރު ލިބެއެވެ. ޙައްޤުނޫން ތަޢުރީފު ކުރުމަކީ ކުއްޖާ ހަލާކުވެދާ ކަމެކެވެ. ނަމަވެސް ރަގަޅުކަމެއް ކުރުމުން އެކަން ފާހަގަކޮށް ތަޢުރީފު ކުރުމަކީ ފައިދާހުރި ކަމެކެވެ.

12. ބޮޑާހާކައިގެން ކަންކަން ވިޔަނުދޭށެވެ.
ކުސް ތަޅައިގެން، ކުކުރައިގެން ކަންކަން ކުރުވާ ކުދިންނަކީ ބޮޑުވެގެންވެސް އެހެންމީހުންނަށް އުނދަގޫކޮށް ޖެއްސުންކޮށްގެން އެމީހުންލައްވާ ކަންތައްތައް ކުރުވަން އުޅޭނޭ ކުދިންނެވެ. އެންމެ ޅަފަތުން ފެށިގެންވެސް ރޮއި އަޑުގަދަކުރުމުން ކަންތައްތައްކޮށް ނުދޭށެވެ. ރޮއި ހަޅޭއްލަވައި ގަތުމުން ބޮލަށް އުނދަގޫވެގެން އެ ބޭނުންވާ ކަމެއް ކޮށްދެވޭތަން އާދެއެވެ. ނަމަވެސް އެއީ ރަގަޅުގޮތެއް ނޫނެވެ. ގިނަފަހަރު އެގޮތަށް ރޮއި ކުކުރާން ފަށާނީ ކަމެއް ކޮށްދެވޭން ނެތޭބުނުމުންނެވެ. ކޮށްދެވޭންނެތްކަމެއް ރޮއިގަތުމުން ކޮށްދެވޭނަމަ ކުއްޖާއަށް ދޮގުހެދެނީތާއެވެ! ވީމާ ކަމެއް ކޮށްނުދެވޭނެކަމަށް ބުނަންވާނީ ހަމަ ކޮށްދެވެން ނެތީމައެވެ. ނުވަތަ މަޤުބޫލު ސަބަބަކަށްޓަކާ ކޮށްދޭން ނުފެންނާތީއެވެ. މިހެންކަމަށްވާނަމަ ކިތަންމެ ވަރަކަށް ރުޔަސް، ކިތަންމެ ކުކުރުމެއް ކުކުރިޔަސް މިކަމަކަށް ބަދަލެއް ނުގެނެވޭނެއެވެ.

 

13. އެކަށީގެންނުވާ އަދަބު ނުދޭށެވެ.
ދެއަތާއި ދެފައި ބަނދެ ފާޚާނާ ތެރޭގައި ތަޅުލާފައި ބޭއްވުމަކީ އެއްވެސް ޙާލެއްގައި ތަރުބިއްޔަތު ކުރުމުގެ ނަމުގައި ދެވޭ އަދަބަކަށް ނުބެލެވޭނެއެވެ. އެއީ އަނިޔާއެކެވެ. ކިތަންމެ ބަސްނޭހިޔަސް ދަރިއަކަށް އެހެން ހަދާކަށް ނުވާނެއެވެ. ޖިސްމާނީ އަނިޔާއެއް ދީގެން ނުވާނެއެވެ. ނަމަވެސް ފިލާވަޅުތައް ހެދުމަށް ދޭންވާ ސަމާލުކަން ނުދީ މާގިނައިރު ގޭމު ކުޅެން ކުއްޖާއަށް ނަސޭހަތްދީގެންވެސް އެކަން ބަދަލުނުވެއްޖެނަމަ ވަކި މުއްދަތަކަށް ގޭމްތައް ފޮރުވިދާނޭކަމުގެ އިންޒާރުދީ އެވަރުންވެސް ބަދަލެއް ނައިނަމަ ގޭމްތައް ފޮރުވިދާނެއެވެ. މިއީ އަދަބެކެވެ. ހަގަށް ހުންނަ ކޮއްކޮއާ ތޮޅި ރުޅިއަރުވާހެދުން ގިނަވެ، ނަސޭހަތްދިނުމުންވެސް ބަދަލެއް ނައިކަމަށް ވާނަމަ އަދަބެއްގެ ބިރު ފުރަތަމަ ދެއްކިދާނެއެވެ. އަދި އެވަރުންވެސް އެކަން ނުހުއްޓިއްޖެނަމަ ތޮޅޭ ކޮންމެ ފަހަރަކު ވަކި ތަނެއްގައި ކަނޑައަޅާ ވަކިވަގުތަކަށް އެއްވެސްކަމެއް ނުކޮށް ބޭންދިދާނެއެވެ. ދެވޭ އަދަބަކީ ކުރެވޭ ކުށަކާ މުނާސަބު އަދަބަކަށް ވާންވާނެއެވެ. އަދި އަނިޔާ ކުރުމަކީ އަދަބު ދިނުންކަމަކަށް ނުބެލެވޭނެއެވެ. އަނގަމަތީ ޖެހިޖެހީނުން އަނގަމަތި ފަޅާލުމަކީ އަދަބެއް ނޫނެވެ. އެއީ މާރާމާރީއެވެ. އަދި އެއީ ޤާނޫނީގޮތުން މަނާކަމެކެވެ.

 

14. ރިވެތި މިސާލު ދައްކާށެވެ.
ބޮޑެތިމީހުންކުރާ ކަންކަން ކުޑަކުދީން ކޮޕީކުރެއެވެ. މިގޮތުން މަންމައާއި ބައްޕަ ކުރާކަންކަން ދަރީން ކުރެއެވެ. މައިންބަފައިން ދައްކާ ނަމޫނާ ދަރީން ބަލައިގަނެއެވެ. ރިވެތިބަހުން ވާހަކަ ދައްކާ، ޚާއްޞަކޮށް އެކުދީންނާ އޯގާތެރިކޮށް މުޢާމަލާތްކުރާ ނަމަ، ރީތިބަހުން ވާހަކަދައްކާން އަދި އޯގާތެރިކޮށް މުޢާމަލާތްކުރާން އެކުދީން ދަސްކުރާނެއެވެ. ރިވެތި އަދަބުތައް، މީހުންނާ މުޢާމަލާތްކުރާނޭ ގޮތް، މެހްމާންދާރީ އަދާކުރާނޭގޮތް، މީހުންތެރޭ އުޅޭނޭގޮތް، އިށީންނާނޭގޮތް، ހިނގާނޭގޮތް މިހިރީ ހައްތާވެސް މައިންބަފައިންގެ ނަމޫނާއިން ދަރިން ދަސްކުރާނޭ ކަންކަމެވެ. ހަމަ އެފަދައިން އެކުއުޅޭ ކުދިންގެ ސިފަތައްވެސް އެކުދިން ކޮޕީކުރެއެވެ. ވީމާ އެކުވެއުޅެނީ ކޮންކަހަލަ ކުދިންނަކާތޯ ބެލުމަކީ ވެސް ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ކުރަންޖެހޭ ކަމެކެވެ. ބައެއްކަހަލަ ކުދިންނާއެކުގައި އުޅުން މަނާކުރަން ޖެހިއްޖެ ޙާލުގައި އެކަންވެސް ކުރާންޖެހެއެވެ. ވީމާ، ރަށްޓެހިކުދިން ގެއަށް ގެނައުމުގެ ފުރުޞަތު ދަރިންނަށް ދޭށެވެ. އެއީ ރަށްޓެހި ކުދިންގެ މިޒާޖާއި ތަބީޢަތު ދެނެގަތުމަށް ލިބޭ ވަރަށް ރަގަޅު ފުރުޞަތެކެވެ.

 

15. ހާލު އަޙުވާލު އަހާ ވާހަކަ ދެއްކުމަށް ވަގުތުދޭށެވެ.
ކުޑައިރުންފެށިގެންވެސް ދަރިފުޅާއެކު ވަޤުތުހޭދަކުރާށެވެ. ދަރިފުޅާއެކު ވަގުތުހޭދަ ނުކުރައްވާނަމަ، އެކަމަށް ވަޤުތު ހުސްކުރާށެވެ. ސްކޫލްގަޔާއި، ކުޅެންދިޔަ ދިޔުމުގައި ވީ ކަންތައްތައް އޮޅުންފިލުވާ އޭނާއަށް ލިބޭ ކާމިޔާބީގަޔާއި ހިތާމައިގައި ބައިވެރިވާށެވެ. ދަރިފުޅަށް ބޮޑުވާ ކަންކަމުގެ ވާހަކަ އަޑުއަހާށެވެ. އޭނާ ދެރަވާ ވަގުތު ހިތްވަރުދޭށެވެ. އޭނާ ހާސްވާ ވަގުތު އޭނާއާ ވާހަކަދައްކާ އެހާސްކަން ފިލުވާދޭށެވެ. އޭނާއާ ރަށްޓެހިވާށެވެ. ފުރާވަރަށް އަޅައިގެން އަންނަ ކުދިން ތަރުބިއްޔަތު ކުރުމުގައި މީ ވަރަށް މުހިންމު ކަމެކެވެ. މިގުޅުން ނުއުފެދިއްޖެނަމަ އެކުދިން އަޑުއަހާނީ ރަށްޓެހި ކުދިންގެ ވާހަކައެވެ. ފަހުންއައިސް މައިންބަފައިންނަކީ އެކުދިންގެ އުފަލާ އަރާމަށް ހުރަސްއަޅާ ބައެއްކަމަށް ބެލެވެން ފަށާ ހިސާބަށްގޮސް ގެއްލި ހުސްވެދާނެއެވެ.

 

16. މަގޫ ދޫކޮށްނުލާށެވެ.
މަންމައާއި ބައްޕަ ބޭރަށްދާން ދަރިފުޅުގެ ހުއްދަ ހޯދާކަށް ނުޖެހެއެވެ. އެކަން ވަރަށް ރަގަޅަށް ދަރިފުޅަށް އެގެންޖެހޭނެއެވެ. ނަމަވެސް ދަރިފުޅު ބޭރަށްދާނަމަ މަންމަމެންގެ ހުއްދަ ލިބެންޖެހޭނެއެވެ. ދަރިފުޅު ލާންޖެހޭނީ މަންމަމެން ހުއްދަކުރާ މިންގަޑުތަކަކަށް ހުންނަ ހެދުމުވެ. ދަރިފުޅު އަމިއްލައަށް ގޮސް އެމިންގަޑުތަކަށް ފެތޭ ހެދުން ގަތުމަކީ އެންމެ ރަގަޅު ކަމެކެވެ. ކޮންމެ ކަމެއްގައިވެސް އެންމެ ފަހު ބަހެއް ބުނަން ޖެހިއްޖެނަމަ އެބަސްބުނާނީ މައިންބަފައިންކަން ދަރިންނަށް އެގެންވާނެއެވެ. މީގެ މާނައަކީ ޢާއިލާތެރޭގައި މައިންބަފައިންގެ ޚުދުމުޚުތާރު ވެރިކަން ހިންގުމެއް ނޫނެވެ. ދަރިންނަށް އެދަރިންގެ އަމިއްލަ ކަންކަން އަމިއްލައަށް ނިންމުމުގެ، އަދި ކުރުމުގެ ތަރުބިއްޔަތާއި ތަޖުރިބާ ލިބެންޖެހޭނެއެވެ. ނަމަވެސް އެއީ އަބަދުވެސް މައިންބަފައިންގެ ބެލުމުގެ ދަށުންނެވެ. މައިންބަފައިން ކަނޑައަޅާ މިންގަޑުތަކުގެ ތެރޭގައެވެ. ޢާއިލާގެ ވަކިކަންތައްތައް ކުރުމުގެ ފުރުޞަތުވެސް އެދަރީން ބޮޑެތިވަމުން އަންނަ ވަރަކަށް ދެވެންވާނެއެވެ. ޒިންމާ އުފުލުމުގެ ފުރުޞަތާ ތަޖުރިބާ އަދި ތަރުބިއްޔަތުވެސް ދެވެންވާނެއެވެ. ނަމަވެސް ދަރިފުޅުގެ “ފިޔަފަޅާ” އޭނާގެ އަމިއްލަ ދިރިއުޅުމެއް ފަށަންދެން އެދަރިފުޅާ ދޭތެރޭ އެންމެ ފަހުގެ ބާރުވެރިންނަކީ މަންމައާއި ބައްޕަކަން އޭނާއަށް ވިސްނައިދޭށެވެ. އޭރުން “ދަރިފުޅު ބަސް ނާހަނީއެވެ! ދެން ހަދާނީ ކިހިނެއްހޭ؟” އަހާކަށް ނުޖެހޭނެއެވެ.

 

މިއީ ޑރ. ޢަބްދުލް މުޙްސިން މުޙައްމަދު ދަރުމަ މަޖައްލާއަށް ލިޔުއްވާފައިވާ ލިޔުމެކެވެ.

21