އަޤީދާ
މިއަދަކީ މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ދުވަސް

ބައެއް މައްސަރު އަނެއް ބައި މައްސަރުގެ މައްޗަށް، އަދި ބައެއް ދުވަސްތައް އަނެއް ބައި ދުވަސްތަކުގެ މައްޗަށް މާތް ﷲ ވަނީ މާތް ކުރައްވާފައެވެ. މިގޮތުން އަޟްޙާ ޢީދު ދުވަސް މިއީ މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ދުވަހެވެ. މިދުވަހުގެ އެންމެ މާތް ނުވަތަ އެންމެ ޙާއްޞަ ކަމަކީ ކޮބައިތޯއެވެ؟ ނުވަތަ މިދުވަސް މިއީ ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ދުވަހަށް ވީ ކިހިނެއް ވެގެންތޯއެވެ؟ މިދުވަހުގައި ކުރެވޭ ޢީދު ނަމާދުގެ ސަބަބުން ބާވައެވެ. ދަންނަވަންތޯއެވެ. މިދުވަހުގެ އެންމެ ޚާއްޞަ ކަމަކީ ނުވަތަ މިދުވަހަށް އަޟްޙާ ޢީދު ދުވަހޭ ކިޔެނީވެސް މިދުވަހުގައި މާތް ﷲ އަށް ކުރެވޭ ޤުރުބާނުގެ ނަމުންނެވެ. އާދެ އުޟްޙިއްޔާ ކަތިލުމެވެ. މިއީ މިދުވަހުގެ އެންމެ ޚާއްޞަ ކަންތަކެވެ.

ابن القيم رحمه الله، زاد المعاد ގައި ބަޔާންކުރައްވާފައިވެއެވެ. ދުވަސްތަކުގެ ތެރެއިން މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ދުވަހަކީ ޤުރުބާން ކުރެވޭ ދުވަހެވެ. ސުނަނު އަބޫ ދާއޫދުގައިވާ ފަދައިން މިދުވަހަކީ ޙައްޖުގެ އެންމެ މަތިވެރި ދުވަހެވެ. އޭގައި ރިވާކުރައްވާފައިވާ ފަދައިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ”ދުވަސްތަކުގެ ތެރެއިން މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ވެގެންވާ ދުވަހަކީ ޤުރުބާން ކުރެވޭ ދުވަހެވެ.“ އަދި މިދުވަސް މަތިވެރިވުމުގެ ސަބަބުތަކުގެ ތެރޭގައި ޙައްޖުގެ އަޅުކަމުގައި ހިމެނޭ ހެޔޮކަން ބޮޑުވެގެންވާ އެތައް ކަމެއް މިދުވަހުގައި ޖަމާވުން ހިމެނެއެވެ. އެއީ:

  1. ޖަމްރަތުލް ޢަޤަބާއަށް ހިލައުކުން
  2. ހަދްޔު ކަތިލުން
  3. ބޯބޭލުން ނުވަތަ ކޮށުން
  4. ޠަވާފުކުރުން
  5. ސަޢުޔުކުރުން

އަޟްޙާ ޢީދު ދުވަހަކީ މާތް ﷲ ގެ ޙަޟްރަތުގައި މިފަދަ މަތިވެރިވެގެންވާ ދުވަހަކަށްވުމުން އަޅުގަނޑުމެން އިތުރަށް ސަމާލުކަން ދޭންޖެހޭ ނުކުތާއަކީ ޢީދުގެ އުފާ ފާޅުކުރުމުގައި މާތް ﷲ ޙުރުމަތް ކުރައްވާފައިވާ ކަންތައްތަކަށް ރައްކާތެރިވެ ތިބުމެވެ. ތިމާއާއި ތިމާގެ ޢާއިލާއާއި ގާތްތިމާގެ މީހުންގެ އިތުރުން ރައްޓެހިންނަށް ވެސް މިފަދައިން ވަޞިއްޔަތްކޮށް ހެޔޮ ފޯރުވުމެވެ.

އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް އަޟްޙާ ޢީދުގެ ތަހުނިޔާ އަރިސް ކުރަމެވެ.

تقبل الله منا ومنكم، صالح الأعمال، كل عام وأنتم بخير

0