ޚަބަރު
ޢީދު ދުވަހު ކުޅިވަރުތައް ކުޅެ، އުފާ ފާޅުކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޚްލާޤީ އިމުން ބޭރުނުވާ ގޮތަށް – ޚުތުބާ

ޢީދު ދުވަހު ކުޅިވަރުތައް ކުޅެ، އުފާ ފާޅުކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޚްލާޤީ އިމުން ބޭރުނުވާ ގޮތަށްކަމަށް މިއަދު ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ޚުތުބާގައި ވިދާޅުވީ ”ޢީދު ދުވަހު އުފާކުރުމާއި، އުފާފާޅުކުރުމަކީ، ހުއްދަކަމެކެވެ. ނަމަވެސް ޢީދު ދުވަހު ކުޅިވަރުތައް ކުޅެ، އުފާ ފާޅުކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޚްލާޤީ އިމުން ބޭރުނުވާ ގޮތަށެވެ. އަދި ތިމާގެ އަމިއްލަ ނަފުސަށާއި، އެހެން މީހުންނަށް ވެސް ގެއްލުމާއި އުނދަގޫތައް ނުވާނޭ ގޮތަށެވެ. އަދި ޢާއްމު މަޞްލަޙަތަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި، ޤަވާޢިދުތަކާ ވެސް ޚިލާފު ނުވާ ގޮތުގެ މަތިންނެވެ.“

ޢީދުގެ އުފުލައި ސަލާމްކުރުމާއި ހަދިޔާ ބަދަލުކުރުމުގެ މުހިއްމުކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “ ޢީދުގެ ދުވަސްތަކަކީ މުސްލިމުން އުފާކޮށް، އުފާ ފާޅުކުރުމުގެ ދުވަސްތަކެކެވެ. ގާތްތިމާގެ މީހުންނާއި، ރަޙްމަތްތެރިންނަށް ޒިޔާރަތްކޮށް، ތަހުނިޔާ ކިޔުމުގެ ދުވަސްތަކެކެވެ. ޢީދު ދުވަހު މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ، ހެޔޮ ދުޢާ އާއި، އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކުރަން ޖެހެއެވެ. ޢީދު ދުވަހަކީ އެކަކު އަނެކަކާ ސަލާމްކޮށް އެކަކު އަނެކަކަށް ޒިޔާރަތްކުރުމުގެ ދުވަހެވެ. ޢީދު ނަމާދަށް ފަހު ގާތްތިމާގެ މީހުންނާއި، ރަޙްމަތްތެރީންނަށް ޒިޔާރަތްކޮށް، ޢީދުގެ ތަހުނިޔާ ކިޔުމާއި، ޢީދު ސަލާމްކުރުން މުސްތަޙައްބު ވެގެންވެއެވެ. ސަލާމްކުރުމާއި، ހިތްހެޔޮކަމުގެ ޝުޢޫރުތައް ފާޅުކުރުމަކީ، ރަޙްމަތްތެރިކަމާއި، އެކުވެރިކަން އިތުރުވެގެންދާ ކަމެކެވެ. ހަދިޔާ ބަދަލުކޮށް، އެހީތެރިވުމަކީ މީހުންގެ ހިތުން ޙަސަދަވެރިކަމާއި، ދެކޮޅުވެރިކަން ނައްތާލާ ކަމެކެވެ.“

ޢަރަފާތު ދުވަހުގެ މާތްކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ “ ޢަރަފާތު ދުވަހު ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުޢާ ކުރުމަށް އަންގަވާފައިވެއެވެ. މާތް ﷲ ހަނދުމަކޮށް އެކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަކީ މަތިވެރި އަޅުކަމެކެވެ. އިންސާނާ ޣާފިލުކަމުން ދުރުކޮށް ޚާލިޤުވަންތަ ސުބުޙާނަހޫ ވަތަޢާލާއާ ގުޅުވައިދޭ އެންމެ މުހިއްމު އެއް ވަސީލަތަކީ ދުޢާކޮށް، އެކަލާނގެ މަތީން ހަނދުމަކުރުމެވެ. އެއީ އަޅާއާ އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު ގުޅުން ދަމަހައްޓައިދޭ ވަސީލަތެވެ. ޢަރަފާތު ދުވަހަކީ ދުޢާ އިޖާބަ ކުރެއްވުމުގެ ދުވަހެވެ. އެހެންކަމުން އެދުވަހު ދުޢާ ކުރުން ގިނަ ކުރަންޖެހެއެވެ.“

0