ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މަވްޟޫޢު: އުއްމަތް ބިނާކުރުމުގައި ޙައްޖުގެ ދައުރު
ޙައްޖު ސޫރަތުގެ މުހިއްމު ނުކުތާތައް:
• މި ސޫރަތުގެ އެއްވަނަ އާޔަތުން ފެށިގެން 24 ވަނަ އާޔަތަށް އައިސްފައިވާ އާޔަތްތަކުގައި މާތް ﷲ އަށް ތަޤްވާވެރިވުމަށް އަމުރުކުރެވިފައިވެއެވެ. އަދި މީސްތަކުން މާތް ﷲ އަށް ތަޤްވާވެރިކަމުގެ ދަރަޖަތަކުގައި ބެހިގެންވާ ގޮތްތައް ބަޔާންވެފައިވެއެވެ.
• ޚާލިޤަކު ވޮޑިގެންވާކަމުގެ ބުއްދީގެ ދަލީލުތަކާއި، މަރުވެފައިވާ ތަކެތި ދިރުއްވާގޮތުގެ މިސާލުތަކާއި، ކަށްވަޅުން މީސްތަކުންނެރެލެވި އަލުން ދިރުއްވޭނެކަމާއި، ޤިޔާމަތްދުވަސް ހަމަކަށަވަރުންވެސް އަންނާނެކަމާއި، މާތްﷲ އީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާނގެކަން މި ސޫރަތުގެ ފަސްވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.
• ގެފުޅު ބިނާކުރެވުނު ގޮތުގެ ވާހަކައިގެ ބައެއް ހާދިސާތައް މި ސޫރަތުގެ 26 ވަނަ އާޔަތާއި 27 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ. ޙައްޖަށް އައުމުގެ ދަޢުވަތު މާތް ﷲ އަޅުތަކުންނަށް ދެއްވާފައިވާ ކަން މި ސޫރަތުގެ 27 ވަނަ އާޔަތުން އެނގިގެންދެއެވެ.
• ޙައްޖުގެ ބައެއް އަޙްކާމްތަކާއި ފައިދާތަކާއި މަޤްޞަދުތަކާއި އަދަބުތައް މި ސޫރަތުގައި ބަޔާންވެގެންވެއެވެ. މިގޮތުން ޙައްޖުގެ ރޫޙަކީ ތަޤްވާވެރިކަމާއި ﷲގެ ޒިކުރުކުރުން އިތުރުކުރުންކަން މި ސޫރަތުގައި ބަޔާންވެފައިވެއެވެ.
• أُذِنَ لِلَّذِينَ يُقَاتَلُونَ بِأَنَّهُمْ ظُلِمُوا ۚ وَإِنَّ اللَّـهَ عَلَىٰ نَصْرِهِمْ لَقَدِيرٌ ﴿٣٩﴾
ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ إذن ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް نصر ދެއްވުމަށް، اللَّه ކުޅަދުންވަންތަކަން ކަށަވަރެވެ.
ޢަދާވާތްތެރިންގެ ޢުދުވާންތަކުން ދީނުގެ ޝިޢާރުތަކާއި ޢިބާދާތުތައް ޙިމާޔަތްކުރުމުގެ ގޮތުން ޖިހާދުކުރުން ހުއްދަކުރެވުނެވެ.
• ރަސޫލުންނާއި ނަބީން ދޮގުކުރާމީހުންގެ ޢަމަލުތައް ހުންނާނެގޮތުގެ ތަޞައްވުރެއް މި ސޫރަތުގައި ދެވިފައިވެއެވެ.
• ހިތްތަކުގެ ވައްތަރުތައް މި ސޫރަތުގައި ބަޔާންކުރެވިފައިވެއެވެ.
އެއީ ނިފާޤުކަމާއި ކުފުރުވެރިކަމުން ބަލިވެފައިވާ ހިތްތަކާއި، ހަރުވެފައިވާ ހިތްތަކާއި އަދި މާތްﷲ ހަނދުމަކުރުމުން މަޑުމޮޅިވެފައިވާ ހިތްތަކެވެ.
• ކާފަރުން އަބަދުވެސް އުޅޭނީ ދެކޮޅަށްކިރޭ ޙާލުގައެވެ. އެއްކައުވަންތަކަމާއި އަލުންދިރުއްވުމާއިމެދު ކުރެވޭ ޝައްކުތައް ކާފަރުންނާއި ވަތްކެއް ނުވާނެއެވެ.
• މާތް ﷲގެ މަގުގައި އެކަލާނގެ ދީނަށް ނަޞްރުދިނުމުގެ ގޮތުން ހިޖުރަކުރުމުގެ ފައިދާތައް މި ސޫރަތުގައި ބަޔާންވެފައިވެއެވެ. އެގޮތުން މިފަދައިން ހިޖުރަކުރާމީހުންނަށް ދުނިޔެމަތީގައި ރޯދި ބަރަކާތް ތަނަވަސްވެގެންދެއެވެ. އަދި އާޚިރަތުގައި މަތިވެރި ދަރުމަޔާއި ޘަވާބުލިބޭނެއެވެ.
• ކާފަރުންނަށް ދީނަށް ދަޢުވަތުދޭއިރު ޙުއްޖަތް ބަޔާންކޮށްދިނުމުގެ ގޮތުން މިސާލުތައް ދެއްކިދާނެކަން މި ސޫރަތުން އެނގިގެންދެއެވެ.
ޙައްޖު ސޫރަތުން ލިބިދޭ ބައެއް ޢިބްރަތްތަކާއި ފައިދާތައް:
• މުޅި ކައުނު މާތް ﷲ އަށް ސަޖިދަކުރެއެވެ. މި ސޫރަތުގައި އިރު ހަނދާއި ތަރިތަކާއި ޖަނަވާރުތައް މާތް ﷲ އަށް ސަޖިދަކުރާ ވާހަކަ ޚާއްސަގޮތެއްގައި ފާހަގަކުރެވިފައިވަނީ އެތަކެއްޗަކީ މާތް ﷲ ފިޔަވައި އަޅުކަންކުރެވޭ ތަކެތިކަމުގައިވާތީއެވެ.
• މި ސޫރަތުގެ 27 ވަނަ އާޔަތު ގެ މާނައަކީ:
އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ.
މި އާޔަތުގައި އަނަރޫފަ ޖަމަލުމަތީގައި އަންނަ މީހުންގެ ކުރިން ފައިމަގުގައި އަންނަ މީހުންގެ ޒިކުރުކުރައްވަފައިވަނީ އެބައިމީހުންނަކީވެސް ދަށް ބައެއް ނޫންކަން އަންގައިދިނުމަށެވެ. ޙައްޖުގެ ރޫޙަކީ މާތްﷲއަށް ތަވާޟުޢުވެރިވުމެވެ. ޙައްޖަށް އަންނަ ގޮތުގެ މައްޗަށް، ނުވަތަ ގެންގުޅޭ ސަވާރީގެ މޮޅުދެރަކަމަށް ބެލުމެއްނެތި ޙައްޖުގައި އެންމެންވެސް ޝާމިލުވެގެންވެއެވެ.
• ﷲތަޢާލާގެ ނަޞްރު އެބަޔަކަށް ލިބުން އެންމެ އައުލާވެގެންވާ ބަޔަކީ ތެދުވެރި މުއުމިނުންނެވެ. އެ މުއުމިނުންގެ ސިފަތައް މި ސޫރަތުގެ 40 ވަނަ އާޔަތުގަޔާއި 41 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.
• މުޝްރިކުން العظيمގެ މަތިވެރިކަމާއިމެދު ޖާހިލުވީ މިންވަރަކަށް އެއިލާހަށް އުރެދެއެވެ. އަދިއެމީހުންގެ ހިތްތަކުގައި އެއިލާހުގެ ޤަދަރާއި މަޤާމު ދަށްވީމިންވަރަކަށް އެއިލާހަށް ކާފަރުވެ އެއިލާހުގެ ޙައްޤުތަކަށް ދެކޮޅުހަދައެވެ. އަދި ނިކަމެތި ފަރާތްތަކުގެ ނިކަމެތިކަމާއިމެދު ޖާހިލުވީ މިންވަރަކަށް ނިކަމެތިފަރާތްތަކަށް ކިޔަމަންތެރިވެއެވެ. އަދި ހިތްތަކުގައި ﷲ ތަޢާލާގެ ޤަދަރާއި މަޤާމު އުފުލުނު މިންވަރަކުން އެއިލާހަށް އަޅުކަންކޮށް މަތިވެރިކުރެވެއެވެ.
• މުޝްރިކުން ބުދަށް އަޅުކަންކޮށް، ކަށިތައް ދިރުއްވެވި އިލާހަށް ކާފަރުވަނީ މި ސަބަބަށްޓަކައެވެ. މި މައްސަލަ ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ ﴿٧٣﴾ مَا قَدَرُوا اللَّـهَ حَقَّ قَدْرِهِ ۗ إِنَّ اللَّـهَ لَقَوِيٌّ عَزِيزٌ ﴿٧٤﴾) [الحج 73-74] މާނައީ: ” އޭ މީސްތަކުންނޭވެ! (اللَّه) مثالއެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّهފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ . (73) ﷲ އަށް قدرކުރުން حقވެގެންވާ ގޮތުގައި، އެއުރެން އެކަލާނގެއަށް قدرއެއް ނުކުރެތެވެ. ހަމަކަށަވަރުން، اللَّهއީ، ބާރުވެރިވަންތަ، عزيزވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. (74) “.
• މި ސޫރަތުގެ އާދަޔާޚިލާފު ސިފަތަކުގެ ތެރެއިން އެއް ސިފައަކީ މި ސޫރަތުގެ ބައެއް އާޔަތްތައް ބާއްވައިލެއްވުނީ މައްކާގައެވެ. އަނެއް ބައި އާޔަތްތައް ބާއްވައިލެއްވުނީ މަދީނާގައެވެ. މި ފަދަ އަނެއް ސިފައަކީ މި ސޫރަތުގެ ބައެއް އާޔަތްތައް ބާއްވައިލެއްވުނީ ރޭގަނޑުގައެވެ. އަނެއް ބައި އާޔަތްތައް ބާއްވައިލެއްވުނީ ދުވާލުގައެވެ. ހަމަ އެފަދަ އެހެން ސިފައަކީ މި ސޫރަތުގެ ބައެއް އާޔަތްތައް ބާއްވައިލެއްވުނީ ރަސޫލާ صلى الله عليه وسلم ރަށުގައި ޤާއިމުވެހުންނަވަނިކޮށެވެ. އަނެއް ބައި އާޔަތްތައް ބާއްވައިލެއްވުނީ ރަސޫލާ صلى الله عليه وسلم ދަތުރުމަތީގައި ވަނިކޮށެވެ. ހަމައެހެންމެ، މި ސޫރަތުގައި ދެ ސަޖިދަވަޅުވެއެވެ. އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްގެ ނަމުން ނަން ދެވިފައިވާ ހަމައެކަނި ސޫރަތަކީވެސް ޙައްޖު ސޫރަތެވެ.
• ޙައްޖުގެތެރޭގައި ގަދަ ހޫނުގައި، އެއް ކުލައިގެ ހެދުމެއްގައި އެންމެން އެއް ދިމާއަކަށް ހިނގާފައިދާ ދިޔުން އާޚިރަތްދުވަސް ހަނދުމަކޮށްދެއެވެ.
• ޢަރަފާތުދުވަހުގެ ހޭލަމޭލަކަން ގެނެސްދިން ވަރުބަލިކަމާއިއެކީގައި މީސްތަކުން މުޒުދަލިފާއަށް ގޮސް އެތަނުގައި ނިދައެވެ. އެ ރޭގެ ފަތިސް ނަމާދަށް ބަންގިގޮވުމުން ހަމަ ނިދި ނުލިބި، އިންތިހާއަށް ވަރުބަލިވެފައިތިބި މީސްތަކުން ނިދިން ހޭލައެވެ. މި މަންޒަރު ހަނދާންކޮށްދެނީ ޤިޔާމަތްދުވަހުން މީސްތަކުން އަލުން ދިރުއްވޭނެގޮތެވެ.
• ޙައްޖުގެ މަޝާޢިރުތަކަށް ދިޔުމުގައި ޙައްޖުވެރިން ކަނޑައެޅިފައިވާ ވަޤުތުތަކަށް ސަމާލުކަންދިނުމާއި، ޖަމްރާތަކަށާއި މިނާއަށް އައިސް ގޮސް އުޅޭއުޅުމާއި މުޒުދަލިފާގައި ރޭ ކުރާކުރުމުން ޖިހާދުގެ މަތިން ހަނދާންކޮށްދެއެވެ. އެހެންކަމުން ޖިހާދުގެ އާޔަތްތައް މި ސޫރަތުގައި އައިސްފައިވަނީ ޙައްޖުގެ އާޔަތްތައް އައުމަށްފަހުގައެވެ.
• މި ސޫރަތުގެ ފެށޭކޮޅުގަޔާއި ނިމޭކޮޅުގައިވަނީ މާތްﷲއަށް އަޅުކަންކުރުމުގެ ވާހަކައެވެ.