ނަޞޭޙަތާއި އިރުޝާދު
ހެޔޮލަފާ ދަރިން ލިބުމަށްޓަކައި ބަލިވެއިނީންސުރެ ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިތިބެންޖެހޭ

ހެޔޮލަފާ ދަރިން ލިބުމަށްޓަކައި މައިމީހާ ދަރިފުޅަށް ބަލިވެއިނީންސުރެ ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިތިބެންޖެހޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ “ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވުމުގެ މައްސަލައަކީ މުޖުތަމައުގައި މިހާރު އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި އެ މައްސަލަ ކުރިމަތިވެފައިވަނީ ވަރަށް ގިނަ ސަބަބުތައް މެދުވެރިވެގެން ކަމަށެވެ. ސަބަބުތަކުގެ ތެރޭގައި މައިންބަފައިންގެ އަމަލުތަކާއި ތައުލީމީ މަންހަޖު ހިމެނޭ“.

ޝައިޚް އިލްޔާސް އިތުރަށް ވިދާޅުވީ “ ދަރިންނަށް ބަލިވެ އިނީންސުރެ މައިންނަކީ ނަމާދުކޮށް ރަނގަޅުގޮތުގައި ދިރިއުޅޭ ބައަކަށް ވާންޖެހޭނެ ކަމަށެވެ. ހަމައެފަދައިން ބައްޕައިންނަކީ އަނބިންނަށް އަޅައިލާ، އޯގާތެރި ބައަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މާތް ﷲ އެންގެވި ގޮތުގައި ހަލާލުމަސައްކަތްކޮށް ހަލާލުގޮތުގައި ލިބޭ އާމްދަނީން ތިމާއަށާއި އަނބިމީހާއަށް ޚަރަދުކުރާ މީހަކަށްވެސް ވާންޖެހޭނެ ކަމަށް“.

ޝައިޚް އިލްޔާސް ވިދާޅުވީ “ އާންމު މަސްތަކުގައި ނަމާދު ނުކުރެވޭ ދުވަސްތަކެއް ކޮންމެ މަހަކު މައިންނަށް އައިނަމަވެސް ބަލިވެއިނުމާއިއެކު ކޮންމެ ދުވަހަކީވެސް ނަމާދުކުރެވޭ ދުވަހެއް ކަމަށެވެ. އެކަން އެގޮތަށް މާތް ﷲ މިންވަރުފުޅު ކުރައްވަވާފައިވަނީ ވީހައި ގިނައިން ނަމާދުކޮށް ހެޔޮ އަމަލުތައް ކުރުން. ނަމާދުކޮށް ހެޔޮ އަމަލުތައް ގިނަކޮށް ތިމާއަށް ލިބެންއުޅޭ ދަރިފުޅަށް ބާއްޖެވެރިކަން އެދި ދުޢާކުރުންމަތީގައި ދެމިތިބޭނަމަ ލިބޭ ދަރިންނަކީ ބަސް އަހާ، ކިޔަމަންތެރި ލޮލަށް ފިނިކަން ގެނެސްދޭ ދަރިންނަށް ވެގެންދާނެ“.

 

މަސްދަރު:މިއަދު

25