ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ ﷲ ހަނދުމަކުރުމެވެ. އެއީ ދުނިޔެ އާއި އާޚިރަތުގައި އެކަމުގެ ސަބަބުން ސަލާމަތްކަން ލިބޭނެ ކަމެކެވެ. ﷲ ހަނދުމަކުރާ މީހާ ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝަޢިތާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިނިހިލަތަކުން ރައްކާތެރި ކޮށްދެއްވާނެތެވެ. ﷲ ހަނދުކުރާ މީހާގެ މައްޗަށް އެކަލާނގެ ރަޙުމަތާއި، މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންދާނެއެވެ. އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. މާތްﷲ ފަރުޟު ކުރެއްވި އެންމެހައި އަޅުކަންތަކާއި ޒިކުރުކުރުމާއި ދެމެދު ހަރުދަނާ ގުޅުމެއް ވެއެވެ. ޒިކުރު ތެރޭގައި ( سُبْحَانَ اللَّهِ ، ولْحَمْدُ للهِ ، وَ لَا إِلٰهَ إِلَّا اللّٰهُ ، الله أكبر) މިކަލިމަތަކެވެ.”
ޙައްޖުމަހުގެ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނައެވެ. މުސްލިމުންނަށް މާތްﷲ މި ދެއްވާ ފުރުޞަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބަޔަކު ކަމުގައި ވަމާ ހިނގާށެވެ. ހެޔޮކަން ބޮޑު މި ފަދަ ދުވަސްތަކުގައި ޞާލިޙު ޢަމަލުތައް ގިނަކޮށް، ﷲގެ ރުހިވޮޑިގަތުން ލިބޭތޯ ވާދަ ކުރަމާ ހިނގާށެވެ. މިދިހަ ދުވަހުގެ ތެރޭގައި ކުރުން އިތުރުވެގެންވާ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުމާއި، ޤުރުއާން ކިޔެވުމާއި، ގިނަގިނައިން ﷲ ހަނދުމަކުރުން ހިމެނެއެވެ.