ނަޞޭޙަތާއި އިރުޝާދު
އަވަހަށް ފިލާވަޅު ދަސްވާނީ ކިހިނެއް؟

ފިލާވަޅު ދަސްކުރަން އެންމެ ރަނގަޅީ ކޮން ގަޑިއެއް ހެއްޔެވެ؟ ޓީޗަރު ފިލާވަޅު ކިޔައިދޭ ގަޑީގައި އެކިޔައިދޭ ފިލާވަޅު ތަކެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފާނީ ކިހިނެއް ހެއްޔެވެ؟ ނޯޓުތައް ކިޔަން އެންމެ ރަނގަޅު ގޮތަކީ ކޮބައި ހެއްޔެވެ؟ މި ސުވާލުތަކަކީ ކިޔަވާ ކުއްޖެއްގެ ހިތުގައި އާންމު ކޮށް އުފެދޭނެ ސުވާލުތަކެކެވެ. ތިރީގައި އަޅުގަނޑު މި ހުށަހަޅާލަނީ މިފަދަ ސުވާލުތަކަށް ޖަވާބު ނުލިބި ތިބި ކިޔަވާ ކުދިންނަށް ބޭނުން ހިފިދާނެ މަޢުލޫމާތު ކޮޅެކެވެ.

ކިޔަވާ ކުއްޖަކު ކާމިޔާބު ކަމާއެކު ކިޔެވުމަށްޓަކައި ކިޔަވާ ހިތްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކިޔެވުމަކީ ތިމާއަށް މުހިންމު ކަމެއްކަން އަމިއްލައަށް ދެނެގަންނަން ޖެހެއެވެ. ކިޔެވުމުން ހުރިހާ ވެސް މޮޅެއް އޮތީ ތިމާއަށް ކަން އަމިއްލައަށް ޤަބޫލު ކުރެވެން ޖެހެއެވެ. އަދި އެ ޓާރގެޓާއި ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރާށެވެ. ހަނދާން ކުރާށެވެ. ކާމިޔާބަކީ އަބަދުމެ ލިބޭނެ އެއްޗެއް ނޫނެވެ. ނާކާމިޔާބީ ތަކާއި ދިމާވާ ކޮންމެ ފަހަރަކު މާޔޫސްވުމުގެ ބަދަލުގައި ލިބިފައިވާ ކާމިޔާބީގެ މަތިން ހަނދުމަ ކުރާށެވެ. އަދި އަޒުމްތައް އާކުރާށޭވެ. ނާކާމިޔާބީ އަކީ ކާމިޔާބީ އާ ހަމައަށް ވާސިލުވުމަށްޓަކައި އަރާ ހަރުފަތްތަކަކަށް ހަދާށެވެ. މި ކަންތައް ވިސްނައި ނުގަނެވޭ ވަގުތު ކުޑަކުދިންގެ މައިންބަފައިންނަށް އެކުދިން ކިޔެވުމަށް ހިތް ޖެއްސުމުގެ ގޮތުން ކުދިން މޮޅަށް ކިޔަވާނަމަ އެކުދިންނަށް އިނާމެއް ކަނޑައަޅާ އިނާމެއް ދެވިދާނެއެވެ. އަބަދުވެސް ޓާރގެޓެއް ކަނޑައަޅާށެވެ.

ގޭތެރޭގައި ހަމަނުޖެހުމެއް ހިގާނަމަ ގިނަކުދިންގެ ކިޔެވުމަށް އެކަމުގެ އަސަރު ކުރެއެވެ. އެއީ ޓީޗަރު ފިލާވަޅު ނަގައިދޭ ގަޑިއެއްގައާއި ކިޔަވާ ގަޑީގައި ކިޔެވުމަށް ސަމާލުކަން ނުދެވޭތީއެވެ. މިނޫނަސް ހިތްހަމަ ނުޖެހޭ ދެރަވާ ފަދަ ކަމެއް ދިމާވާ ހިނދު ލަސްނުކޮށް މައިންބަފައިންގެ ނުވަތަ އިތުބާރު ކުރެވޭ ރައްޓެއްސެއްގެ އެހީ ހޯދާށެވެ. އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. މިގޮތަށް ކިޔާ ދިނުމުން ހިތަށް ހަމަޖެހުމެއް ލިބޭނެއެވެ. އަދި ދީނީ ވާޖިބުތަކަށް ފަރުވާތެރިވެ ތަޤްވާގެމަގު ޚިޔާރުކުރަން ވާނެއެވެ.

އެއްވެސް ކަމެއް ވެސް މާދަމާއަށް ލަސްނުކޮށް އަވަހަށް ފައްޓައިގަންނާށެވެ. ކަމެއް އަވަހަށް ފައްޓައިފިނަމަ އަވަހަކަށް އެކަމެއް ނިމޭނެކަން ހަނދާން ކުރާށެވެ. އަދި އެކަމެއް ނިމުނުހާ އަވަހަކަށް އަނެއް ކަންތައް ކުރުމަށް ތިމާގެ ވަގުތު ހުސްވާނެކަން ހަނދާން ކުރާށެވެ.

ކުލާހުގައި ފިލާވަޅު އަޑުއެހުމާއި ނޯޓު ނެގުމުގައި ޢަމަލު ކުރެވިދާނެ ބައެއް ގޮތްތައް:
ކަނުލާ އަޑުއެހުމަށްޓަކައި އަދި އެ އަޑުއަހާ އެއްޗެއް ސިކުނޑިއަށް ނަގައި ގަތުމަށްޓަކައި ހަކަތަ ބޭނުން ވެއެވެ. ބަނޑުހައިވެފައި ހުރިނަމަ ސިކުނޑި ވެސް ހުސްވާނޭ ބުނެއުޅޭ ފަދައިންނެވެ.

ކުލާހަށް ދިއުމުގެ ކުރިން:
✥ އަޑުއެހުމަށް ތައްޔާރުވުމުގެ ގޮތުން ސިކުނޑިއަށް ލުޔެއް ދޭށެވެ. ކަންކަމާއި މާބޮޑަށް ނުވިސްނާށެވެ.
✥ ކުރީގައި މުދައްރިސް ދެއްވާފައި ހުރި ފިލާވަޅުތަކާމެދު ކުޑަކޮށް ވިސްނާލާށެވެ.
✥ ޓީޗަރު ނަގާ ދެއްވާނެ ފިލާވަޅުތަކާމެދު ކުޑަކޮށް ވިސްނާލާށެވެ. ނެޓުން ނޫނީ އެހެން ފޮތްތަކަކުން މުތާލިއާ ކޮށްލައިގެން ފިލާވަޅުގެ މައިގަނޑު ޚިޔާލެއް ހޯދާލުމަކީ ފިލާވަޅު ދޭހަވުމަށް ވަރަށް ފަސޭހަވާނެ ކަމެކެވެ.
✥ ހުސްބަނޑާ ހުރެ ކުލާހަށް ނުދާށެވެ. ކުލާހަށް ދިއުމުގެ ކުރީގައި ކޮންމެވެސް ލުއި އެއްޗެއް ކާލާށެވެ.
✥ ކުލާހުގެ ކުރީ ބަރީގައި ނޫނީ މެދުގައި އިށީންނާށެވެ.

ހ. ކްލާސް ތެރޭގައި:

✥ ފިލާވަޅު ނަގައިދޭ ގަޑީގައި ފިލާވަޅުގެ މައިގަނޑާމެދު ވިސްނާށެވެ.
✥ ފިލާވަޅު ނަގައިދޭ ގަޑީގައި އެހެނިހެން ކަންތަކާމެދު ނުވިސްނާވޭތޯ ބަލާށެވެ.
✥ ޓީޗަރު ކިޔައިދޭ ކޮންމެ އެއްޗަކާމެދު ވެސް ސަމާލުކަން ދޭށެވެ.
✥ ފިލާވަޅު ކިޔައިދޭ ގަޑީގައި މުހިންމު ކަމަށް ފެންނަ ބައިތައް ވަރަށް ކުރު ގޮތަކަށް ނޯޓު ކުރަމުން ގެންދާށެވެ.
✥ ޓީޗަރުގެ ޕްރޮނަންސިއޭޝަން ހުންނަ ގޮތުން ކިޔައިދޭ އެއްޗެހި ނަގައިގަންނަން އުނދަގޫނަމަ، ހަމަޖެހިލައިގެން އިތުރަށް ފަރުވާތެރިވެ އަޑުއަހަމުން ގެންދާށެވެ.

✥ ކުލާހުގައި ލިޔާ ނޯޓުތައް އެހެން ބަހަކުން ހުންނަނަމަ މުހިއްމު ތަންތަން ކޮޅު އަމިއްލަ ބަހަށް ތަރުޖަމާ ކޮށްލާށެވެ. ކުލާހުގައި މިކަން ކުރާނޭ ވަގުތު ނުލިބޭނަމަ އިންޓަވަލް ބްރޭކެއްގައި، ނޫނީ ކުލާސް ނިމިގެން ވެސް މިކަން ކުރެވިދާނެއެވެ.
✥ ޓީޗަރު ފިލާވަޅު ކިޔަވައި ދެމުންދާ ގަޑީގައި ނޯޓު ނެގޭލެއް މަދުހެން ހީވާނަމަ ނޯޓު ފޮތުގެ ޞަފުހާ ފަސް ބަޔަކަށް ބަހާލާށެވެ. އަދި ކޮންމެ 10 މިނެޓަކުން އެއިގެ ބައެއް ފުރާލެވޭތޯ ބަލަމުން ގެންދާށެވެ.
✥ އެއްޗެއް ނޭނގޭނަމަ ވަގުތުން އަތްމައްޗަށް ނަގާ ސުވާލެއް އެބަ އޮތް ކަން ޓީޗަރަށް އިޝާރާތްކުރާށެވެ. ޓީޗަރު ފުރުޞަތު ދެއްވުމުން ސުވާލު ކުރާށެވެ.
✥ ގަޑި ނިމެން ކައިރިވާހެން ނޯޓު ފޮތް ލައްޕާލުމަށްޓަކައި ހިތް އަވަސްވުމުގެ ބަދަލުގައި ހަމަޖެހިލައިގެން ޓީޗަރުގެ ފިލާވަޅު ނިމެންދެން ކަނުލާ އަޑުއަހަން އިންނާށެވެ. ޓީޗަރު އެންމެ ފަހުން ދައްކާ ވާހަކަކޮޅަކީ ގިނަ ފަހަރަށް ވަރަށް މުހިންމު އެއްޗެކެވެ.

ށ. ކްލާސް ނިންމާލުމަށްފަހު:

✥ ނަގައިދިން ފިލާވަޅުން އެއްޗެއް ނޭގިވާނަމަ ޓީޗަރު ކައިރިން، ނުވަތަ ކުލާސް ކުއްޖެއް ކައިރިން އަހާ އޮޅުން ފިލުވާށެވެ.
✥ ކުލާހުގައި ނަގާފައިވާ ނޯޓު ތަކުގައިވާ މުހިއްމު ތަންތަން ފާހަގަ ކޮށްލާށެވެ. އަދި ބައެއް ތަންތަން ފަހުން ބަލާލީމާ ވެސް ފަސޭހައިން ދޭހަވާ ފަދަ ގޮތަކަށް ކުރު ލިޔުންކޮޅަކުން ލިޔެފައި ބަހައްޓާށެވެ.

✥ ޓީޗަރުގެ ނޯޓާއި ވަކިން އަމިއްލަ އިބާރާތުން ކުޑަކޮށް މުހިންމު ތަންތަން ކޮޅުގެ އިތުރު ތަފްސީލު އަރިމަތީގައި ލިޔެލާށެވެ.

ނ. އެކި ދުވަސްމަތިން:

✥ ނޯޓުތައް ދުވަސް ދުވަސް މަތިން މުޠާލަޢާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
✥ ނޯޓު ތަކުގައި އަމިއްލައަށް ލިޔެފައިވާ ކުރު ޚުލާޞާތައް ކިޔުމަށް ފަހު އެއީ ކޯޗެއްކަން ވިސްނައިގަނެވޭތޯ ފުރަތަމަ މަސައްކަތް ކުރާށެވެ. އަދި އެއަށް ފަހު ޓީޗަރުގެ ފިލާވަޅު އަޑުއަހަމުން ނެގި ނޯޓުތައް ކިޔާލާށެވެ.
✥ ޓެކްސްޓް ފޮތުން ނުނީ ކޮންމެވެސް އެހެން ގޮތަކުން ސުވާލުތަކެއް ހޯދާލާށެވެ. އަދި އެ ސުވާލުތަކަށް ފޮތުގައިވާ ނޯޓު ނުބަލާ ޖަވާބު ދެވޭތޯ ބަލާށެވެ. ޖަވާބު ދޭން ނޭނގުނު ސުވާލުތައް ފާހަގަކޮށްލުމަށް ފަހު ފޮތް ބަލައިގެން އެއަށް ޖަވާބު ދޭށެވެ.

މަތީގައި މި ގެނެސްދެވުނު މަޢުލޫމާތު ކޮޅަކީ ކިޔަވާ ކުދިންނަށް ފައިދާ ހުރި މަޢުލޫމާތު ކޮޅަކަށް ވާނެކަމަށް އުންމީދު ކުރަމެވެ.

 

މިއީ ދަރުމަ މަޖައްލާއަށް ޝާފިއު ޙުސައިން ލިޔުއްވާފައިވާ ލިޔުމެކެވެ.

1