ޝަޚްޞިއްޔަތު
ޢުމަރުގެފާުނު: ރައްޔިތުންގެ ޙާލު ބެއްލެވުމުގައި ނަމޫނާއެއް

ނަބަވީ އިރުޝާދުފުޅުތަކުން ސާބިތުވާގޮތުގައި ކޮންމެ މީހަކީވެސް ޒިންމާ އުފުލަންޖެހޭ މީހެކެވެ. އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުނާމެދުއެވެ. އެހެންކަމުން ކޮންމެ މީހަކީވެސް އެހެން ކޮންމެވެސް ފަރާތެއްގެ އިމާމެކެވެ. ވެރިއެކެވެ. އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީސްތަކުންނާއި މެދު ކަންތައް ކުރި ގޮތާއިމެދު ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެއެވެ.

މި އަރޓިކަލް ގައި މި ހުށައަޅާލަނީ ޢުމަރުގެފާނު ރައްޔިތުންގެ ޙާލު ބެއްލެވުމުގައި  ދައްކަވާފައިވާ ރިވެތި ނަމޫނާގެ ބައެއް ’މުތީ’ތަކެވެ.

ބަނޑުހައިހޫނުކަމުގެ އަހަރުގައި ޢުމަރުގެފާނު 

ޢުމަރުގެފާނުގެ ޒަމާނުގައި ބަނޑުހައި ހޫނުކަމުގެ އަހަރެއް އައެވެ. ތެޔޮ ފޮދެއްގައި ޖައްސަވާލައްވައިގެން ރޮށިކޮޅެއް ފިޔަވައި އެހެން އެއްޗެއް އެކަލޭގެފާނު ވެސް ފަރީއްނުކުޅުއްވަ އެވެ. ބައެއް އަސްހާބުންނަށް މިކަން އެނގިވަޑައިގެން އެ ވާހަކަ ދެންނެވުމުން ވިދާޅުވީ ”މީސްތަކުން ބަނޑުހައި ހޫނު ކަމުގައި ތިއްބައި ތިމަން ކަލޭގެފާނު ފަރީއްކުޅުއްވާ ނަމަ އެއީ ވެރިއެއްގެ ކިބައިން ފެނިގެންދާނެ ނުބައިކަން ބޮޑުވެގެންވާ ސިފައެކެވެ.“

ޢުމުރުން ދުވަސްވީ ޔަހޫދީއަކަށް އޯގާތެރިވެލެއްވި ގޮތް

ރިވާވެގެންވާ ގޮތުގައި އެއްފަހަރަކު ޢުމަރުގެފާނަށް ގެއެއްގެ ދޮރުމަތިން ސަލާންޖަހާ މުސްކުޅިޔަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ޢުމުރުން ދުވަސްވީ ލޯފަން މީހެކެވެ. ދެން އޭނާގެ ފަހަތުން ވަޑައިގެން ކޮނޑުގައި ޖައްސަވާލައްވާފައި އެއްސެވި އެވެ. ތިޔައީ އަހުލުކިތާބީން ކުރެ ކޮން ދީނެއްގެ މީހަކީމު ހެއްޔެވެ؟ އޭނާ ދެންނެވި އެވެ. ޔަހޫދީއަކީމު އެވެ. ދެން އެއްސެވި އެވެ. ތިޔަ އުޅެނީ ކޮން ކަމެއް ޖެހިގެން ހެއްޔެވެ؟ އޭނާ ދެންނެވި އެވެ. ޖިޒީ ނުދެއްކިގެންނެވެ. ފަގީރު ޙާޖަތްތެރިއަކީމެވެ. ޢުމުރުން ދުވަސްވީ މީހަކީމެވެ.

ދެން އޭނާގެ އަތުގައި ހިއްޕަވައިގެން ޢުމަރުގެފާނުގެ ގެއަށް ވަޑައިގެން އޭނާއަށް ކޮންމެވެސް މިންވަރެއް ދެއްވި އެވެ. ދެން ބައިތުލްމާލުގެ ޚަޒާންދާރު ގާތަށް އޭނާ ފޮނުއްވި އެވެ. އަދި އެންގެވި އެވެ. މީނާގެ ޖިޒީ ކަނޑަލާށެވެ. އަހަރެމެން މީނާގެ ޅަ ޢުމުރުގައި މީނާގެ އަތުން ޖިޒީ ނަގައި، މުސްކުޅިވެ ލޯބޯކޮށިވީމައި ނިކަމެތިކޮށްލަންވީ ހެއްޔެވެ؟ އެއީ އިންސާފެއް ނޫނެވެ. ދެން [إنما الصدقات للفقراء والمساكين..] މި އާޔަތް ވިދާޅުވި އެވެ. މި އާޔަތުގައި ވަނީ ”ޞަދަޤާތުގެ މުދަލުން ފަޤީރުންނާއި މިސްކީނުންނަށް ބައިއަޅަން ޖެހޭނެ ވާހަކަ އެވެ.“ މި އާޔަތް ވިދާޅުވެ މީނާ އަކީ އަހުލުކިތާބީން ކުރެ މިސްކީނެކޭ ވިދާޅުވެ އޭނާގެ ހުރިހާ ޖިޒީ އަކާއި ޓެކުހެއް ކަނޑުއްވައިލެއްވި އެވެ“

ބައިތުލްމާލަށް ރައްކާތެރިވުމުގައި ޢުމަރުގެފާނު ގެންގުޅުއްވި ސިޔާސަތު

އެއް ދުވަހަކު އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲގެ ފާނުގެ ތުއްޕުޅު ދަރިކަނބަލަކު ވަރަށް ބޮޑަށް ބަނޑުފުޅު ހައިވެގެން އުޅުއްވާތަން ފެނިވަޑައިގަތުމުން އޭގެ ސަބަބާ ބެހޭ ގޮތުން ސުވާލު ކުރެއްވި އެވެ. ޢަބްދުﷲގެފާނު ވިދާޅުވީ ”ބައްޕާފުޅުގެ ބެއްލެވުމުގެ ދަށުގައި ކާބޯތަކެތި ހުންނަ އިރު ވެސް އަޅުގަނޑުމެންނަށް ނުދެއްވާތީ މިފަދަ ކަންކަން މެދުވެރިވާނެ ނޫންތޯ އެވެ؟“

ޢުމަރުގެފާނު ވިދާޅުވިއެވެ. ”އޭ ޢަބްދުﷲ އެވެ! ތިމަންކަލޭގެފާނާއި ތިޔަބައިމީހުންނާ ދެމެދުގައި ވަނީ ﷲގެ ފޮތެވެ. އެފޮތުގައި ތިޔަބައިމީހުންނަށް ދިނުމަށް ފަރުޟު ކުރެވިފައިވާ އެއްޗެއް ފިޔަވައި އެހެން އެއްޗެއް ތިމަންކަލޭގެފާނު ނުދެއްވާނަމެވެ. ތިޔަބައިމީހުން އެދެނީ ތިޔަބައިމީހުންނަށް ހައްގު ނޫން އެއްޗެއް ދެއްވައިގެން ތިމަންކަލޭގެފާނު ޚާއިނެއް ކަމުގައި ވެވަޑައިގަތުމަށް ހެއްޔެވެ؟“

އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ވެރިޔެއްގެ ގައިގައި ހުރުން ލާޒިމު އަޚްލާޤީ ސިފަތަކެއް ވެއެވެ. އެއީ:

 • އުނދަގޫތަކާއި މުޞީބާތްތައް ކުރިމަތިވާއިރު ކެތްތެރިވުން
 • ރުޅިމަޑުކުރުން
 • ދީލަތިކަން
 • ހިތްވަރުގަދަކަން
 • މީސްތަކުންނަށް މަޢާފުކުރުން
 • ހަވާނަފްސުގެ އެދުންތަކާ ދެކޮޅުހެދުން
 • ނުލަފާކަމާއި ބޮޑާކަމުން ދުރުހެލިވުން

ޙާކިމާ އިސްލާމީ ތަރަހައިން ބޭރުނުވާހައި ހިނދެއްގައި، ވެރިންނާއި ރައްޔިތުންގެ މެދުގައި އަބަދުވެސް އޮންނަންޖެހޭނީ އޯގާތެރިކަމާއި ކުލުނުވެރިކަމުގެ ގުޅުމެކެވެ. މަތިން ތިރިއަށް އަދި ތިރިން މައްޗަށް އޮންނަ އޯގާތެރިކަމަކާއި ކުލުނުވެރިކަމެކެވެ. މުސްލިމުންގެ ކޮންމެ ކަމެއްގައިވެސް އޯގާތެރިކަން އޮންނަންޖެހޭ ބީދައިންނެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަަސައްލަމް ޙަދީސް ކުރެއްވިއެވެ.

إِنَّ الِّرْفَق لاَ يَكُونُ في شَيْءٍ إِلاَّ زَاَنُه ، ولاَ يُنْزَعُ مِنْ شَيْءٍ إِلاَ شَانَه

މާނައީ: ހަމަކަށަވަރުން ކަމެއްގައި އޯގާތެރިކަން އޮވެއްޖެނަމަ އެކަމެއް ޒީނަތްތެރި ނުވެ ނުދާނެތެވެ. އަދި ކަމަކުން އޯގާތެރިކަން ނިގުޅައިގަނެވިއްޖެނަމަ އެ ކަމެއް  ހަޑި ނުވެ ނުދާނެތެވެ.

~ ޞަޙީޙް މުސްލިމް

ރެފަރެންސްތައް:

السياسة الشرعية في إصلاح الراعي والرعية لابن تيمية

ޝެއިޚް އަޙްމަދު ފަހްމީ ދީދީ، ”ޢުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުން“، ވީނިއުސް

ޑރ. ސަޢުދުﷲ ޢަލީ، ”ވެރިންނާއި ޙާކިމުންވެސް ވާންޖެހޭނީ ﷲއަށް ކިޔަމަންތެރި ބަޔަކަށް“، މިހާރު ނޫސް

15
 1. احمد محمد

  ދެންފަހެ، މި އާޓިކަލް ކިޔާ ނިމިގެން ފުން ނޭވާއެއް ލެވުނެވެ. އަދި އެއްކަލަ “ ނަމަ ، ނަމަ ތައް“ ވެރިވެގަނެ ހިތަށް ތަދުކުރަން ފެށިއެވެ.

 2. މުޚްތާރު

  ވެރިއަކަށް އިބުރަތުން ފުރިންގެންވާ އަސަރު ހުރި ލިޔުމެއް1