ނަޞޭޙަތާއި އިރުޝާދު
މީހަކަށް ވެރިކަން ލިބުނީ ހަމައެކަނި ވަކި ބަޔަކު ކުރި މަސައްކަތުންނޭ ބުނުން ގޯހެވެ.

މީހަކަށް ވެރިކަން ލިބުނީ ހަމައެކަނި ވަކި ބަޔަކު ކުރި މަސައްކަތުންނޭ ބުނުން ގޯހެވެ. ކެމްޕޭނުގެ އިތުރުން، އިންތިޚާބުތަކުގެ އާޚިރު ނަތީޖާއަށް އަސަރު ފޯރުވާ  އެތައް ސަބަބެއް ވެއެވެ.

وَاللَّـهُ يُؤْتِي مُلْكَهُ مَن يَشَاءُ ۚ

اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ.

(އަލްބަޤަރާ 247)

قُلِ اللَّـهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ… ﴿٢٦

ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ.

(އާލްޢިމްރާން 26)

ކީރިތި ޤުރުއާނުގައި އައިސްފައިވާ މި ފަދަ އާޔަތްތަކުންނާއި ބައެއް ވާހަކަ ތަކުން އަޅުގަނޑުމެންނަށް އަންގައިދެނީ ވެރިކަމަކީ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ދެއްވާ އެއްޗެއްކަމެވެ. އަދި އެއީ ޤިޔާމަތްދުވަހުން ސުވާލުވެވޭނެ ބޮޑު އަމާނާތެއްކަމެވެ.

ބަޤަރާ ސޫރަތުގައި އައިސްފައިވާ ޠާލޫތާއި ޖާލޫތު ވާހަކަ އަކީ އިސްވެ މި ދެންނެވުނު  ފަދަ ވާހަކައެކެވެ.

ބަނޫއިސްރާއީލް ބާގައިގެ މީހުންނަށް ތެދުމަގު ދެއްކެވުމަށާއި، އެބައިމީހުން އެއްބައިވަންތަކުރުމުގެ ގޮތުން މާތް ﷲ އެކި ޒަމާނުގައި އެކި ނަބިއްޔުން ފޮނުއްވިއެވެ.

ޝަމްވީލް عليه السلام އަކީ އޭގެ ތެރެއިން ނަބިއްޔެކެވެ. ޝަމްވީލް عليه السلام ބަނޫ އިސްރާއީލް ބާގައިގެ މީހުންނަށް ޙައްޤު މަގަށް ގޮވައިލުމުން ވަރަށް ގިނަ ބަޔަކު އުރެދުންތައް ދޫކޮށް، ހިދާޔަތުގެ މަގަށް އެނބުރި އައެވެ. އެބައިމީހުން ޙައްޤު މަގަށް އެނބުރި އައުމުގެ އެންމެ ބޮޑު ސަބަބަކަށްވީ އޭރު އެބައިމީހުން ތިބި ނިކަމެތި ޙާލަތެވެ. މި ނިކަމެތިކަމުން ސަލާމަތްވާނެ ހަމައެކަނި ގޮތަކީ ﷲ ގެ މަގުގައި ޖިހާދުކުރުން ކަމުގައި އެބައިމީހުންނަށް ޤަބޫލުކުރެވުނެވެ.

އެބައިމީހުން ޖިހާދަށް ދިޔުމުގެ ކުރިން އެބައިމީހުންގެ ވެރިޔެއްގެ ގޮތުގައި طالوت ހަމަޖެހިފައިވާ ވާހަކައާއި މިއީ އިލާހީ ނިންމުންފުޅެއްކަމުގައި ނަބިއްޔާ ޝަމްވީލް ބަނޫ އިސްރާއީލްގެ މީހުންނަށް ދެންނެވިއެވެ.

މި ހިސާބުންފެށިގެން ބަނޫ އިސްރާއީލުން ނުކިޔަމަންތެރިކަން ފާޅުކުރަން ފެށިއެވެ. ބަނޫ އިސްރާއީލުން ވެރިޔެއް ކަމުގައި ޠާލޫތު ބަލައިނުގަތުމުގެ ގޮތުން އެކި އުޒުރުތައް ދެއްކިއެވެ. މި ގޮތުން ދެއްކި އުޒުރުތަކުގެ ތެރޭގައި ބަނޫ އިސްރާއީލުންގެ އެންމެ ނިކަމެތި ވަންހަ ކަމުގައިވާ ބުންޔާމީން ވަންހައަށް ޠާލޫތު ނިސްބަތްވުމާއި  ޠާލޫތު ކާންބޯން ކުރާ މަސައްކަތަކީ ދަނޑުވެރިކަން ކަމުގައިވުން ހިމެނެއެވެ. ވެރިކަމުގެ ބާރު މިފަދަ އާދައިގެ ދަނޑުވެރިޔަކަށް ދިނުމަށް ދެކޮޅުހަދަމުން އެބައިމީހުން ބުންޏެވެ.

قَالُوا أَنَّىٰ يَكُونُ لَهُ الْمُلْكُ عَلَيْنَا وَنَحْنُ أَحَقُّ بِالْمُلْكِ مِنْهُ وَلَمْ يُؤْتَ سَعَةً مِّنَ الْمَالِ ބަނޫއިސްރާއީލުންގެ ނަޒަރުގައި ގައުމުގެ މީހުންގެ ވެރިކަމަށް ކުފޫހަމަވުމުގެ އެންމެ މުހިއްމު މިންގަނޑަކީ މުދާވެރިކަމެވެ.

އޭނާއަށްވުރެ ރަސްކަމަށް ތިމަންމެން ޙައްޤުކަން ބޮޑުކަމަށްވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއް ވެސް ލިބިފައެއް ނުވެއެވެ.

ޝަމްވީލް عليه السلام އެބައިމީހުންނަށް ޖަވާބުދިނެވެ.

قَالَ إِنَّ اللَّـهَ اصْطَفَاهُ عَلَيْكُمْ وَزَادَهُ بَسْطَةً فِي الْعِلْمِ وَالْجِسْمِ ۖ وَاللَّـهُ يُؤْتِي مُلْكَهُ مَن يَشَاءُ ۚ وَاللَّـهُ وَاسِعٌ عَلِيمٌ

އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް اللَّه، އޭނާ خيار ކުރެއްވިއެވެ. އަދި، އޭނާއަށް علم އާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

(އަލްބަޤަރާ 247)

ވެރިޔެއްގެ ގޮތުގައި ޠާލޫޠު އިޚްތިޔާރުކުރެއްވީ މާތް ﷲ ކަން ޔަޤީންކޮށްދެއްވުމުގެ ގޮތުން މާތް ﷲ ތާބޫތު ފޮނުއްވިއެވެ. تابوت އަކީ ފޮށްޓެކެވެ. އެ ފޮށީގައިވާ ތަކެއްޗާމެދު ތަފާތު ގޮތްގޮތަށް مفسر ން ލިޔުއްވާފައިވެއެވެ. موسى ގެފާނުގެ آل ވެރިންނާއި هارون ގެފާނުގެ آل ވެރިން، ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއްތަކެތިވެސް، އެ تابوت ގައި ވެއެވެ.

وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَن يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ﴿٢٤٨

”އަދި އެއުރެންނަށް އެއުރެންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާގެ ވެރިކަމުގެ ހެއްކަކީ، ތިޔަބައިމިހުންނާއި ހަމަޔަށް ތާބޫތު (Ark of Covenant) އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާންގެ ޙަޟްރަތުން ދެއްވާ ހިތްހަމަޖެހުމަކާއި. އީމާންކަމަކާއި، އަދި މޫސާގެފާނުންގެ އާލުވެރިންނާއި ހާރޫނުގެފާނުންގެ އާލުވެރިން، ދޫކުރެއްވި ތަކެތީގެތެރެއިން ބައެއް ތަކެތިވެސް، އެތާބޫތުގައި ވެއެވެ. (އެތަކެއްޗާއެކު) އެތާބޫތު، މަލާއިކަތުން އުފުއްލަވައިގެން ގެންނަވާނެތެވެ. ތިޔަބައިމީހުންނީ، މުއުމިނުންކަމުގައިވާނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެކަމުގައި ހެތްކެއް ވާކަން ކަށަވަރެވެ.“ (ބަޤަރާ: 248)

تَحْمِلُهُ الْمَلاَئِكَةُ (البقرة: 248).

(އެތާބޫތު، މަލާއިކަތުން އުފުއްލަވައިގެން ގެންނަވާނެތެވެ.)

މި އާޔަތުން އެނގޭގޮތުގައި ތާބޫތު އުފުއްލީ މަލާއިކަތުންނެވެ. އެކަމަކު މަލާއިކަތުން ތާބޫތު އުފުއްލެވިގޮތެއް ސާފުކޮށް އެނގޭކަށްނެތެވެ. އަދި މަލާއިކަތުން ތާބޫތު ހިފައިގެން ބަނޫ އިސްރާއީލުންގެ ކައިރިޔަށް އައި ގޮތްވެސް ސާފުކޮށް އެނގޭކަށްނެތެވެ.

ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވާގޮތުގައި ޢަމާލިޤުން ތާބޫތު ވަގަށް ނަގައިގެން، އެބައިމީހުންގެ ޤައުމަށް އެ ތާބޫތު ގެންދިޔައެވެ. އަދި ބޮޑު ބުދެއްގެ ދަށުގައި ތާބޫތު ވަޅުލިއެވެ. އޭގެ އަނެއް ދުވަހު އެބައިމީހުންނަށް ފެނުނީ ބުދުގެ މަތީގައި ތާބޫތުވަނިކޮށެވެ. އޭގެފަހުންވެސް  ބަދުނަސީބު އެތައް ކަމެއް އެބައިމީހުންނަށް ދިމާވުމުން އެބައިމީހުންނަށް ވިސްނުނީ މި ކަންތައްތައް މި ދިމާވަނީ ތާބޫތު އެބައިމީހުންގެ ރަށުގައި އޮތުމުގެ ސަބަބުންނެވެ. އެހެންވެ، އަސްގާޑިޔަލަކަށް ތާބޫތު ލުމަށްފަހު، އެބައިމީހުން އެ އަސް ދޫކޮށްލިއެވެ. އެއަހަށް މަގު ދައްކަމުން ބަނޫ އިސްރާއީލުންނާއި ހަމައަށް އަސް ގެނައީ މަލާއިކަތުން ކަމުގައި ބުނެވެއެވެ.

ކޮންމެއަކަސް މި ހައިޖާން ތަކާއި އެކީގައިވެސް ޠާލޫޠު ލަޝްކަރާއިގެން ކުރިޔަށް ވަޑައިގަތެވެ. މި ގޮތަށް ކުރިޔަށް ވަޑައިގަންނަވަނިކޮށް ދިމާވީ ޢައިން ޖާލޫތާއިއެވެ.

އިބްން ޢައްބާސް އާއި ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި މިކޯރަކީ ޖޯޑަން ކޯރެވެ. ދެން މިކޯރާއި ހަމަޔަށް އައުމުން ތާލޫތު އެބައިމީހުންގެ ގާތުގައި ބުންޏެވެ.

فَلَمَّا فَصَلَ طَالُوتُ بِالْجُنُودِ قَالَ إِنَّ اللَّهَ مُبْتَلِيكُمْ بِنَهَرٍ فَمَنْ شَرِبَ مِنْهُ فَلَيْسَ مِنِّي وَمَنْ لَمْ يَطْعَمْهُ فَإِنَّهُ مِنِّي إِلاَّ مَنْ اغْتَرَفَ غُرْفَةً بِيَدِهِ فَشَرِبُوا مِنْهُ إِلاَّ قَلِيلاً مِنْهُمْ فَلَمَّا جَاوَزَهُ هُوَ وَالَّذِينَ آمَنُوا مَعَهُ قَالُوا لاَ طَاقَةَ لَنَا الْيَوْمَ بِجَالُوتَ وَجُنُودِهِ قَالَ الَّذِينَ يَظُنُّونَ أَنَّهُمْ مُلاَقُو اللَّهِ كَمْ مِنْ فِئَةٍ قَلِيلَةٍ غَلَبَتْ فِئَةً كَثِيرَةً بِإِذْنِ اللَّهِ وَاللَّهُ مَعَ الصَّابِرِينَ (البقرة: 249).

ދެން، لشكر އާއިގެން طالوت ނުކުމެވަޑައިގަތްހިނދު އޭނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، اللَّه، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ. ފަހެ، އެ ކޯރުން ފެންބޮއިފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެތެވެ. އަދި، އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮށްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ. ދެން، ފަހެ، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެ ކޯރުން ފެންބޮއިފިއެވެ. ދެން އެއަށްފަހު، طالوت އާއި، އޭނާގެ އަރިހުގައި إيمان ވެގެންތިބި މީހުން، އެ ކޯރު ފަހަނަޅައި ހިނގައްޖެހިނދު، އެއުރެން (ގެ ތެރެއިން ބަޔަކު) ދެންނެވޫއެވެ. جالوت އާއި، އޭނާގެ لشكر އާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަމެއް އަދަކު ތިމަންމެންނަކަށް ނެތެވެ. ހަމަކަށަވަރުން، اللَّه އާ ބައްދަލުވާނޭކަން يقين ކުރާމީހުން ބުނޫއެވެ. اللَّه ގެ إذن ޔާއެކު ކިތައް ކިތައް މަދު جماعة ގެ މީހުން، ގިނަ جماعة ގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟ اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.

(ބަޤަރާ: 249)

ޢައިނު ޖާލޫތުގެ އިމްތިހާނަށްފަހު، ޠާލޫތުގެ ލަޝްކަރަށް ހަނގުރާމައިގެ މައިދާނަށް ވާޞިލުވެވިއްޖެއެވެ. އޭރު ޖާލޫތުގެ ލަޝްކަރުވަނީ ހަނގުރާމައިގެ މައިދާނުގައި ރުކުރުވާލާފައެވެ. އެބައިމީހުންގެ ލަޝްކަރުގެ ވަރުގަދަކަމާއި ލަޝްކަރުގެ ފަހުލަވާނުންގެ ކުޅަދާނަކަމުގެ ސަބަބުން طالوت ގެ ލަޝްކަރުގެ އެއްވެސް މީހަކަށްވަނީ ހަނގުރާމައިގެ މައިދާނަށްގޮސް ހަނގުރާމަ ކުރަން ނުކުޅެދިފައެވެ.

طالوت އޭނާގެ ލަޝްކަރުގެ މީސްތަކުންނަށް ހަނގުރާމަ ފެށުމުގެ ގޮތުން ފުރަތަމަ މައިދާނަށް ނުކުމެ މުބާލަޣާ ކުރާނެ މީހަކު ވޭތޯ ނަޞޭހަތްދެއްވައި ހިތްވަރު ދެއްވަމުން ގެންދެވިއެވެ. އެހެން އުޅުއްވަނިކޮށް داود عليه السّلام ވަޑައިގެން ޖާލޫތާއި މުބާލަޣާ ކުރުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ.

طالوت ވިދާޅުވިއެވެ. ”جالوت ޤަތުލުކުރާ މީހަކަށް ތިމަންގެ ވެރިކަމުން ބައެއްދެއްވައި، ތިމަންގެ އިންނެވި ދަރިކަންބަލުންނާއި ކާވެނި ކޮށްދެއްވާނަމެވެ.“

قرطبي ލިޔުއްވާފައިވެއެވެ. طالوت އޭނާގެ ލަޝްކަރުގެ ތެރެއިން داودގެފާނު ޚިޔާރުކުރެއްވިއެވެ. އެއީ جالوت އާއި ހަނގުރާމަކޮށް އޭނާ ޤަތުލުކުރުމަށެވެ. އެކަލޭގެފާނަކީ އިސްކޮޅުފުޅުން ކުރު ބޭކަލެކެވެ. جالوتއަކީ އާރާއި ބާރުގަދަކަމުގައި އަރާހުރި މީހެކެވެ. އޭނާ އެކަނި ހަނގުރާމައިގެ މައިދާނުގައި ދުޝްމިނުން ބަލިކުރެއެވެ. ކޮންމެއަކަސް ޖާލޫތު ޤަތުލުވީ داود ގެފާނުއަތްޕުޅުންނެވެ.
داود عليه السّلام އަކީ އެކަލޭގެފާނުގެ އަޚުންގެތެރެއިން އެންމެ ހަގުބޭފުޅާއެވެ. އެކަލޭގެފާނުގެ ހަތް އަޚުންވަނީ طالوت އާއިއެކު އޭނާގެ ލަޝްކަރުގައި ހަނގުރާމައަށް ނުކުމެފައެވެ. داودގެފާނު ބަކަރިތަށް ބެލެހެއްޓުމަށްޓަކައި ބަހައްޓާފައެވެ.

ދެން ހަނގުރާމަފެށުމުން داودގެފާނު ވިދާޅުވިއެވެ. “ތިމަން އެތަނަށްގޮސް ހަނގުރާމަ ހިނގާތަން ބަލާނަމެވެ.” އެހެންވިދާޅުވެ ކުރިއަށްވަޑައިގަތެވެ. މިހެން ވަޑައިގަންނަވަނިކޮށް ފެނިވަޑައިގެން އެތަށް ހިލައެއް ނަންގަވައި އެހިލަތަށް ކޮތަޅަކަށް ލައްވައިގެން ވަޑައިގެންނެވިއެވެ. އޭރު جالوت ހަތިޔާރު އަޅައިގެން ހަނގުރާމައިގެ މައިދާނަށް ނުކުމެއްޖެއެވެ. އޭނާގެ ބާރުގަދަ ކަމުން އެކަކަށްވެސް އޭނާއާ ކުރިމަތިލައި ހަނގުރާމަފަށަން ތިބީ ފަސްޖެހިފައެވެ.

އެހިނދު طالوت ވިދާޅުވިއެވެ. جالوت އާއި ހަނގުރާމަކޮށް އޭނާ ޤަތުލު ކުރާމީހަކަށް ތިމަންގެ ރަސްކަމުންބައެއް ހިއްސާކޮށް ތިމަންގެ އަންހެން ދަރިކަނބަލުންނާއި ކާވެނިކޮށް ދެއްވާނަމެވެ. އެހިނދު داود ގެފާނު ވިދާޅުވިއެވެ. ތިމަން ވަޑައިގެން އޭނާއާއި ހަނގުރާމަކޮށް އޭނާ ޤަތުލުކޮށްފާނަމެވެ. ނަމަވެސް داود ގެފާނުގެ އިސްކޮޅުގެ ކުރުކަމާއި އެކަލޭގެފާނުގެ ކުޑަކަމުގެ ސަބަބުން طالوت މާބޮޑު ސަމާލުކަމެއް ނުދެއްވިއެވެ.

داودގެފާނުގެ ވާހަކަފުޅު އަޑުއައްސަވާފައި طالوت ވިދާޅުވިއެވެ. ކަލޭގެފާނު އަޅުގަނޑުގެ އަހާއި ހަތިޔާރު ހިތްޕަވައިގެން ވަޑައިގަންނަވާށެވެ. ދެން داودގެފާނު ވަކި ހިސާބަކަށް ވަޑައިގަތުމުން މީސްތަކުން ބުނަންފެށިއެވެ. އެކަލޭގެފާނަކަށް އެކަމެއްނުވާނެއެވެ. އެކަލޭގެފާނުގެ އެފަދަ ހުނަރެއް އެފަދަ ހިތްވަރެއް ނުހުންނާނެއެވެ. داودގެފާނު ވިދާޅުވިއެވެ. މާތް ﷲ ތިމަންކަލޭގެފާނަށް ވާގިވެރިވެ جالوتއާއި ހަނގުރާމަ ކުރުމުގެ ބާރުވެރިކަމާއި ވާގިވެރިކަން ނުދެއްވާނަމަ މި ހަތިޔާރާއި އަހުގެ ބޭނުމެއްނެތެވެ. ތިމަން ކަލޭގެފާނު ހަނގުރާމަ ކުރައްވާނީ އެހެންނާވެސް ތިމަން ހަނގުރާމަ ކުރާފަދައިންނެވެ.

ދެން އެކަލޭގެފާނު ހިލައުއްކަވާ ސާޅަނގައާއި، ހިލައަޅުއްވައިގެން ގެންގުޅުއްވި ކޮތަޅު ހިތްޕަވައިގެން جالوتގެ ކުރިމައްޗަށް ވަޑައިގަތެވެ. ދެން ދެފަރާތުން ކުރިމަތިލައި داودގެފާނު އެކަލޭގެފާނު ސާޅަނގައަށް ހިލައެއްލައްވައި جالوتއާއި ދިމާއަށް ހުރާލެއްވިއެވެ. ﷲގެ އިސްމުފުޅުގެ ބަރަކާތުން ހޫރާލެއްވި ހިލަގޮސް جالوتއަށް އަމާޒުވެ އޭނާ ޤަތުލުވެގެން ވެއްޓިއްޖެއެވެ. ދެން جالوتގެ ބޯކަނޑައި އެކަލޭގެފާނު ހިލައަޅުއްވާ ކޮތަޅަށްލެއްވިއެވެ. {تفسير القرطبي}

މިދެންނެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ބަޤަރާ ސޫރަތުގެ 251 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

فَهَزَمُوهُم بِإِذْنِ اللَّـهِ وَقَتَلَ دَاوُودُ جَالُوتَ وَآتَاهُ اللَّـهُ الْمُلْكَ وَالْحِكْمَةَ وَعَلَّمَهُ مِمَّا يَشَاءُ ۗ وَلَوْلَا دَفْعُ اللَّـهِ النَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ الْأَرْضُ وَلَـٰكِنَّ اللَّـهَ ذُو فَضْلٍ عَلَى الْعَالَمِينَ ﴿٢٥١﴾
ފަހެ، އެއުރެން اللَّه ގެ إذن ފުޅާއެކު كافر ންގެ لشكر ބަލިކޮށްފޫއެވެ. އަދި، داود ގެފާނު، جالوت قتل ކުރެއްވިއެވެ. އަދި، اللَّه، އެކަލޭގެފާނަށް ރަސްކަމާއި، حكمة (އެބަހީ: ނަބީކަން) ދެއްވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކަންތަކެއް އެކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު اللَّه އީ، عالم ތަކުގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެއެވެ.

ރަސްކަމާއި ނަބީކަން

داود عليه السّلام އަށް ރަސްކަންލިބިވަޑައިގެންނެވި ގޮތާމެދު ދެރިވާޔަތެއް ރިވާވެގެންވެއެވެ. އެއްރިވާޔަތުގައިވަނީ داود ގެފާނު، جالوت قتل ކުރައްވައި އޭނާގެ އުނދަގުލުން ސަލާމަތްކޮށްދެއްވުމުން ބަނީ އިސްރާއީލުގެ މީސްތަކުން އެކަލޭގެފާނާ ވަރަށް ޤަބޫލުވިއެވެ. އެކަލޭގެފާނު އެބައިމީހުންގެ ވެރިއަކަށް އިންތިޚާބު ކުރެއްވުމަށްނިންމެވިއެވެ. އެއީ طالوت ވެރިކަމުން ދުރުކޮށްފައެވެ. އެހެން ރިވާޔަތެއްގައިވަނީ طالوت ދުޝްމިނުންނާކުރެއްވި ހަނގުރާމައެއްގައި ޝަހީދުވުމުން އޭނާގެ ބަދަލުގައި داود عليه السّلام އަށް ރަސްކަމަށް އިސްކުރެއްވީކަމުގައެވެ. އޭރު شمويل عليه السّلام ވަނީ އަވަހާރަވެފައެވެ. އެހެންކަމުން ބަނީ އިސްރާއީލު ބާގައިގެ މީސްތަކުންނަށް ތެދުމަގު ދައްކަވައި އެބައިމީހުންގެ މެދުގައި މާތް ﷲ ގެ ފޮތުގައި އަންގަވާފައިވާ ގޮތުގެ މަތިން ޙުކުމްކުރެއްވުމަށް داود عليه السّلام އަށް ނަބީކަމާއި ރަސޫލުކަން ދެއްވިއެވެ.

ދާވޫދުގެފާނު

ދާވޫދުގެފާނު ބިމުގައި ޚަލީފާއެއްކަމުގައި ލެއްވުމަށްފަހު ﷲ ތަޢާލާ އެކަލޭގެފާނަށް އަމުރުކުރެއްވީ މީސްތަކުންގެ މެދުގައި ޙައްޤު ގޮތުގައި ޙުކުމްކުރެއްވުމަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ((يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُمْ بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَنْ سَبِيلِ اللَّهِ))

|ص: 26|

މާނައީ: ”އޭ ދާވޫދުގެފާނެވެ! ހަމަކަށަވަރުން، ބިމުގައި ޚަލީފާއެއްކަމުގައި ތިމަންއިލާހު ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި ޙައްޤު ގޮތުގައި ޙުކުމްކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު ތަބާވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު ﷲ ގެ މަގުން އެއްކިބާކޮށްފާނެތެވެ. “

މި ވާހަކައިން ލިބޭ ބައެއް ޢިބްރަތްތައް

  • މާތް ﷲ ވެރިންނަށާއީ މީސްތަކުންނަށް ދެއްވާ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރަމުންގެންދާނަމަ، އެއަށް ވެރެ ބާރުގަދަ ބަޔަކު އެ ބައިމީހުންގެ މައްޗަށްވެރިކުރައްވައި އެ ބަޔަކު ނިކަމެތި ކުރައްވާނެކަމެވެ.
  • اللَّه ގެ إذن ޔާއެކު ކިތައް ކިތައް މަދު جماعة ގެ މީހުން، ގިނަ جماعة ގެ މައްޗަށް ގަދަވެގެންފައިވޭ ހެއްޔެވެ؟
ރެފަރެންސް:

تفسير ابن كثير

قصص الأنبياء

دَاوُد عليه السّلام | Vaahaka

 

 

 

 

 

 

 

 

 

 

 

ޢުމަރު ބިން ޢަބްދުލް ޢަޒީޒް ޚަލީފާކަން ކުރެއްވީ ނިސްބަތުން ކުޑަ ދުވަސްކޮޅަކަށެވެ. އެއީ މީލާދީ ގޮތުން 717 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު އަވަހާރަވަންދެން 720 ވަނަ އަހަރާ ހަމައަށެވެ. ނަމަވެސް ޢުމަރު ބިން ޢަބްދުލް ޢަޒީޒް ގެ ނަންފުޅު އިސްލާމީ ތާރީޚުގައި ލިޔެވިފައިވަނީ ރަން އަކުރުންނެވެ.

ޚަލީފާކަމަށް ވަޑައިގެންނެވުމުގެ ކުރިން އެ ކަލޭގެފާނަކީ ތަނަވަސް ބޭފުޅެކެވެ. މިގޮތުން އެކަލޭގެފާނުގެ ބިންތަކާއި އެހެނިހެން މުދާތަކުން އަހަރެއްގެ މައްޗަށް 50،000 ދީނާރު އާމްދަނީއެއްގެ ގޮތުގައި ލިބިވަޑައިގެންނެވިއެވެ. ނަމަވެސް މުސްލިމުންގެ ޚަލީފާކަމަށް އިސްކުރެވުމާއި އެކު އެހުރިހާ މުދަލެއް ބައިތުލްމާލަށް ހަދިޔާ ކުރެއްވިއެވެ.

އަދި ޚަލީފާއެއްގެ ގޮތުގައި މުސާރައަކަށް ނެންގެވީ އަހަރަކު 200 އެއްހާ ދީނާރެވެ. މީއީ ހުޅަަނގުން ފަރަންސޭސި ވިލާތުގެ ބޯޑަރުން ފެށިގެން އިރުން ސީނުކަރައިގެ ބޯޑަރާއި ހަމައަށް ފެތުރިފައި އޮތް މުސްލިމުންގެ ޚިލާފަތުގެ އެންމެ އިސްވެރިޔާގެ މުސާރައެވެ. ތާރީޚީ މަޞްދަރުތަކުން އެނގޭ ގޮތުގައި ޢުމަރު ބިން ޢަބްދުލް ޢަޒީޒް ދުވާލަކު ހޭދަކުރެއްވީ އެންމެ ދެ ދީނާރެވެ. އަދި މުސާރައިގެ ގޮތުގައި ނެންގެވި އަދަދަކީ ޚަލީފާއަށްވުރެ ދަށުން މަސައްކަތް ކުރާ މީހުންގެ މުސާރައަށްވުރެ ވެސް ދަށްއަދަދެކެވެ.

އުމަރު ބިން އަބްދުލް އަޒީޒް އަވަހާރަވިއިރު ވާރުތައިގެ ގޮތުގައި ދޫކުރެއްވީ އެންމެ 17 ދީނާރެވެ. އެހެން ކަމުން މިއީ މިއަދުގެ މުސްލިމް ވެރިން ވިސްނާ ފިކުރު ކުރަންޖެހޭ ކަމެކެވެ. ވެރިކަމަކީ ﷲ ދެއްވާ ވަރަށްބޮޑު އަމާނާތެކެވެ. ވެރިކަން ލިބުމުން ބޮޑާވެ ކިބުރުވެރި ވެގަތުމުގެ ބަދަލުގައި ހިތްތިރިކޮށް، މާތް ﷲ އަށް ބިރުވެތިވެ ވީހާވެސް ބޮޑަކަށް ރައްޔިތުންނަށް ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން މަންފާ ކުރާނެގޮތަށް ވެރިކަން ކުރުމަކީ މުހިންމު ކަމެކެވެ.

ޢުމަރު ބިން ޢަބްދުލް ޢަޒީޒް އަކީ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ. އެމަނިކުފާނަކީ އުމަވީ ޚަލީފާއިންގެ ތެރެއިން 8 ވަނަ ހަލީފާއެވެ.
 

0