މަގޭ ވެށި
ކުޅުމުގެ ތެރެއިން ތުއްތުކުދިންނަށް އުނގަންނައިދިނުން

އިންސާނާ ކުރާ ކޮންމެ ކަމަކުން ވެސް އުނގެނެއެވެ. ގަސްތުގަޔާއި ބޭއިޚުތިޔާރުގައެވެ. ނަމަވެސް އެންމެ ފޫހި އުނގެނުމަކީ އެ އުނގެނުމަކުން ކުރާނޭ ފައިދާއެއް ނޭގި، އުނގެނެން ޖެހޭ އުނގެނުމެވެ. އެންމެ ޅަފަތުގައި ފޮޅުވަތް އަޅުވައިގެންނާއި އަނގައިން އަނގައަށް އަޅައިގެން އަކުރު ދަސްކޮށްދޭން ކުރެވޭ މަސައްކަތަކީ ގިނަކުދިންނަށް ވަރަށް ފޫހި ކަމަކަށް ވެދެއެވެ. އެއީ ކުރެވޭ ކަމުގެ ފައިދާ އެކުދިންނަށް ނުވިސްނޭތީއެވެ. ޝައުގުވެރިވާ ކަމެއް ކުރަން ދާން ބޭނުންވާތީއެވެ. ކުޅެން ދާން ބޭނުންވާތީއެވެ.

ކިޔަވައިދިނުމުގައި ފޮޅުވަތް އަޅުވާ، އަނގައިން އަނގައަށް އަޅައިދޭންވެސް ޖެހެއެވެ. ވިސްނައިގެން ފިކުރުކޮށް ދަސްކުރާންވެސް ޖެހެއެވެ. ލެކްޗަރުދީ ތަމުރީނުހައްދާންވެސް ޖެހެއެވެ. ވަކި ތަނެއްގައި މަޑުމަޑުން އިނދެ ކިޔަވާން ދަސްކޮށްދޭން ވެސް ޖެހެއެވެ. ނަމަވެސް ޅަފަތުގައި މުހިންމީ މިހުރިހާކަމެއްވެސް މަޖުބޫރެއް ނެތި އަމިއްލަ އިޚްތިޔާރުން ކުރާފަދަ ޝަޢުގުވެރިކަމެއް ކިޔެވުމަށްޓަކާ، އުނގެނުމަށްޓަކާ އުފެއްދުމެވެ. އެޝައުގުވެރިކަން އުފެއްދިއްޖެނަމަ މީހެއްގެ ބާރަކާ ނުލައި އަމިއްލައަށް އުނގެނޭނެއެވެ. އަދި މުޅި އުމުރަށްވެސް މި ޝައުގުވެރިކަން ދެމިގެން ދާނެއެވެ.

އެންމެ ބޮޑެތި މީހުންނަށް ވެސް ކުޅުމުގެ ތެރެއިން ކިޔަވައިދޭން ފަސޭހައެވެ. ވީއިރު އެ ކުރެވޭ ކަމުގެ ފައިދާ  ނުވިސްނޭ ތުއްތުކުދިންނަށް ކުޅުން މެދުވެރިކޮށް ކިޔަވައިދިނުން މާ ފަސޭހަވެއެވެ. ކިޔަވައިދޭން އުޅޭ މައިންބަފައިންނަށް ލިބޭ އުފަލާ ހިންހަމަޖެހުންވެސް މިގޮތުގައި އިތުރުވެއެވެ. ރުޅިއައިސް އަޑުލާންޖެހުން މަދުވެއެވެ. ކުއްޖާއާ އޮންނަ ގާތްގުޅުން ބަދަހިވެއެވެ.

ތުއްތު ދަރިފުޅު ކުޅޭ ކޮންމެ ކުޅިވަރަކުން ވެސް އެއްޗެއް ނުވަތަ ކަމެއް އުނގެނޭނެއެވެ. ވީއިރު އަޅުގަނޑުމެން ބޭނުންވާ ތަކެތި ކުޅުމުގެ ތެރެއިން ކިޔަވައި ދެވިދާނެއެވެ. ކުއްޖާ ކުޅޭއިރު އަޅުގަނޑުމެން ބައިވެރިވެގެންނެވެ. އެކުޅުމުގެ ތެރެއަށް އަޅުގަނޑުމެން ބޭނުން ބައިތަކެއް އިތުރުކޮށްގެންނެވެ. މިބައިތައް އިތުރުކުރާނީ ކުއްޖާގެ ޢުމުރާއި ދަސްކޮށްދޭން އުޅޭ ހުނަރަކާ ގުޅޭގޮތުންނެވެ.

ބަސްދަސްކޮށްދޭ ބައެއް ކުޅިވަރު
އެންމެ ޅަފަތުން ފެށިގެންވެސް ވާހަކަ ކިޔައިދިނުމަކީ ބަސް ދަސްކޮށްދޭން ވަރަށް ފައިދާހުރި ކުޅިވަރެކެވެ. ފޮޓޯ ފޮތަކުން ބަލައިގެން ވާހަކަ ކިޔައިދިނުމުން ފޮތް ގެންގުޅޭން ދަސްކޮށް ދެވެއެވެ. ކިޔުމުގެ ޝައުގު އަށަގެންނެވެއެވެ. ކިޔައިދޭ ވާހަކައިގައި އުޅޭ ބައެއް މީހުން ގެ ނަން ނުވަތަ ފެންނަ ބައެއް ތަކެތީގެ ނަން ފާހަގަކޮށް ދެއްކުމުން ލިޔެފައި އޮންނަ ލިޔުމާމެދު ޝައުގުވެރިވެ އަކުރު ކިޔާން މަސައްކަތް ކުރެއެވެ. ތަންކޮޅެއް ބޮޑެތި ކުދިންނަށް ޢާއްމުކޮށް ފެންނަން ހުންނަ ތަކެތީގެ ފޮޓޮއާއެކު ނަން ލިޔެފައި ހުންނަ ކާޑު ބޭނުންކުރެވިދާނެއެވެ. މިނަން ކާޑުތައް ގޭތެރޭގައި ހުންނަ ތަކެތި ކައިރީގައި ބަހައްޓާ ކުޅިވަރުވެސް ކުޅެވިދާނެއެވެ. ނުވަތަ އެފަދަ ތަކެތި އެކި ބަޔަށް ބަހާ ހެދިދާނެއެވެ. ބޮޑެތި އަދި ކުދި އެއްޗެއްސަށް ބައި ކުރެވިދާނެއެވެ. އެއް ކުލައިގެ އެއްޗެހި ފާހަގަ ކުރެވިދާނެއެވެ. އެކި ކުލަތަކަށް ކިޔާ ނަން ދަސްކޮށްދެވިދާނެއެވެ.

މިގޮތައް ބޭނުންކުރާ ކާޑު ކުއްޖާއާއެކު ގޭގައި ތައްޔާރު ކުރުމުގެ ފައިދާ ބޮޑެވެ. ތައްޔާރީ ކާޑާއި ބުލޮކު ވެސް ލިބޭން ހުރެއެވެ. ނަމަވެސް އަމިއްލައަށް ކަފާ ހިއްޕައިގެން ތައްޔާރުކުރުމުން ކުއްޖާ އަތުން މަސައްކަތްކުރުމަށް ހިއްވަރު ދެވެއެވެ.

އެކަށީގެންވާ ލަވަކިޔުމާއި އެފަދަ ލަވަ އަޑުއެހުމާއި، އެފަދަ ޑުރާމާ ބެލުމާއި، ކުއްޖާއާއެކު ކުދި ޑުރާމާ ކުޅުމަކީ ވެސް ބަސް ދަސްކޮށް ދޭން ކުރެވިދާނޭ ކަންކަމެވެ.

ބަސް ދަސްކޮށް ދިނުމުގައި ކުއްޖާއާ ވާހަކަދެއްކުން ވަރަށް މުހިއްމެވެ. ކުއްޖާއަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދީގެންނެވެ. އެކި ކަންކަމާމެދުއެވެ. ވާހަކަ ފޮތުގައި އުޅޭ މީހަކާ ދޭތެރޭގައެވެ. އަތުގައި އޮތް ކުޅޭއެއްޗަކާ ދޭތެރޭގައެވެ. ފެންވަރުވާއިރުގައެވެ. އުރާލައިގެން އިންނައިރުގައެވެ. ކުއްޖާއަށް ރަގަޅަށް ވާހަކަ ނުދެއްކުނަސް އޭނާ ލައްވާ އަޑުތަކަކީ ވާހަކަދެއްކުން ކަމަށް ބަލަން ޖެހެއެވެ. ބޭނުމަކީ ކުއްޖާ ލައްވާ ވާހަކަ ދެއްކުވުމާއެކު އޭނާއަށް ވާހަކަ ދައްކާނޭ ގޮތުގެ މިސާލު ދެއްކުމެވެ. ތުއްތު ކުދިންނާ ވާހަކަދައްކާއިރު ލަސް ލަހުންބަސް ތަކުރާރުކުރަމުން ވާހަކަދެއްކުމުގެ ފައިދާ ބޮޑެވެ.

ލިޔަން ދަސްކޮށްދޭ ބައެއް ކުޅިވަރު
ގާތްގަނޑަކަށް 20 މަހުގެ ކުއްޖާ އެއްޗިހީގައި ހިފަން ފަށާނެއެވެ. އެއްޗިހީގައި ހިފެން ފެށުމުން ފަންސުރުން ކުރަހާ ކުޅިވަރު ކުޅުވިދާނެއެވެ. ނަމަވެސް ފުރަތަމަ އަކުރުއަޅުވަން އުޅޭކަށް ނުވާނެއެވެ. އެންމެ ފުރަތަމަ އަމާޒަކަށް ވާންވާނީ ފަންސުރަކީ ރޮނގު އެޅޭއެއްޗެއްކަން އޭނާއަށް ދަސްކޮށްދިނުމެވެ. ފަންސުރުގައި ހިފެހެއްޓެން ފެށުމުން ކުރަހާ ހަދަން ފަށާނެއެވެ. އެ ކުރަހާ ކުރެހުމާ ބެހޭގޮތުން ކުއްޖާއާ ވާހަކަ ދެއްކުން މުހިންމެވެ. އަދި އެ ކުއްޖާ ބުނާ ބައެއް ބަސް ބަސް ލިޔެދީ ވަކި ގޮތަކަށް ކުރަހާފައިވާ ރޮނގުތަކެއްގައި މާނަ އެކުލެވޭކަން ކުއްޖާއަށް ވިސްނައިދެވިދާނެއެވެ. މިގޮތުން ގޭތެރޭގައި ހިފާގެންގުޅޭ ބައެއް ސާމާނު ކުރަހައިދީ އޭގެ ނަން ލިޔެދީ ހެދިދާނެއެވެ.

ލިޔަން ފަށައިގަނެވޭނީ ލިޔުމަށް އިނގިލިތައް ތައްޔާރުވުމުންނެވެ. ކުރެހުމަކީ މިކަމަށް މަގުފަހިކޮށްދޭ ކަމަކެވެ. މީގެ އިތުރުން ކަތުރުން ކަފާ ކުލަޖައްސާ ހެދުމަކީ ވެސް ލިޔަން އެހީތެރިވެދޭ ކަންކަމެވެ. މިފަދަކަންކަން އެކުލެވޭގޮތަށް ކުޅިވަރު ކުޅުވުމުން ލިޔަން ފަށައިގަތުމަށް އެހީތެރި ވެދެއެވެ.

އަކުރުއަޅަން ފަށައިގަނެވުމުން ތަފާތު މަންޒަރު ކުރައްސާ އެ މަންޒަރާ ބެހޭ ޢިބާރާތެއް ކުއްޖާލައްވާ ބުނުވުމަށްފަހު އެ ޢިބާރާތުން ފޮޅުވަތެއް އަޅައިދީ ލިޔުއްވިދާނެއެވެ.

ހިސާބު ދަސްކޮށްދޭ ބައެއް ކުޅިވަރު
ހިސާބުގެ އެންމެ އަސާސީ ހުނަރަކީ ގުނުމެވެ. ވާހަކަ ދައްކަން ފަށައިގެންފައިވާ ކުއްޖާ ކުޅުމުގެ ތެރޭން ގުނަން ދަސްކޮށް ދެވިދާނެއެވެ. އުނގުގައި އިންނައިރު އަތުގެ އިނގިލިތައް ގުނައިދެވިދާނެއެވެ. އެއްމެ ފުރަތަމަ މަދު އަދަދުކޮޅެކެވެ. ކުއްޖާއަށް ވިސްނައިގަނެވޭ ވަރަށެވެ. އެއް ބޯޅަ ގެނެސް ދޭން ބުނުމާއި، އަދި ބޯޅައެއް އިތުރުކުރުމުން ދެ ބޯޅަ ވާކަމާއި، މިފަދަ ގުނުމަށް މަގުފަހިކޮށްދޭ ކުޅިވަރު ކުޅުވިދާނެއެވެ.

ކުޅިވަރުގެ ތެރެއިން އެއްޗެހީގެ ސައިޒާއި ކުޑަ ބޮޑު ވަކިކުރަން ދަސްކޮށްދެވިދާނެއެވެ. މީގެ އިތުރުން އެއްކޮށް؟ ކަނޑަންވެސް ދަސްކޮށް ދެވިދާނެއެވެ. ކުޑަކުދިން ޝައުޤުވެރިވާ ތަފާތު ކަންތައްތައް ހޯދާ ދެނެގަތުމާއި ތަޖުރިބާކުރުގެ ބޭނުމުގައި ކުޅެއެވެ. މިފަދަ ކުޅިވަރުގައި އަޅުގަނޑުމެން ބައިވެރިވެ، އަޅުގަނޑުމެން ބޭނުން މިސްރާބަށް މި ކުޅިވަރު ގެންދިމުން އަޅުގަނޑުމެން ބޭނުން ކަންތައްތަކެއް ކުއްޖާއަށް ދަސްކޮށްދެވިދާނެއެވެ. ޅަފަތުގެ މިމުހިންމު ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން ބެލެނިވެރިން ހިފައިގެން އުނގެނުމުގެ ބިންގާ އަޅުގަނޑުމެން ބޭނުންވާ ގޮތައް އަޅަމާތޯއެވެ؟

 

މިއީ ދަރުމަ މަޖައްލާއަށް ޑރ. ޢަބްދުލް މުޙްސިން މުޙައްމަދު ލިޔުއްވާފައިވާ ލިޔުމެކެވެ.

1