ނަޞޭޙަތާއި އިރުޝާދު
ޑރ. ޢިޔާޟްގެ ނަސޭހަތް: ދަރިވަރުންނަށް

ތަކެތި ފަސޭހައިން ދަސްކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެގޮތުން:
1.ފާފަތަކާއި ދުރުހެލިވުން. ސަބަބަކީ ފާފަތަކުގެ އަނދިރިކަމާއި އެކު ޢިލްމުގެ ނޫރު އެއް ނުވާނެތީއެވެ. މީހަކު އިމާމް މާލިކް ރަޙިމަހުﷲ އާއި ސުވާލު ކުރެއްވިއެވެ.” އޭ ޢަބުދުﷲގެ ބައްޕާއެވެ! އެއްޗެތި ހިތުދަސްކުރުމަށް އޮތް ގޮތަކީ ކޮބައިތޯއެވެ؟” ،ވިދާޅުވިއެވެ.”ފާފަތަކުން ދުރުހެލިވުމެވެ.”
2. ﷲ ސުބުޙާނަޙޫ ވަތަޢާލާ އަށް ޒިކުރު ކުރުން ގިނަކުރުން.
3.ކެއުން މަދުކުރުން. ގިނައިން ކެއުމަކީ މީހާ ކަންނެތްކޮށް، ވަރުބަލި ކޮއްލާކަމެކެވެ.
4.ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ހިތުދަސްކުރުމުގެ ބާރުގަދަ ކުރުމުގެ ގޮތުން މާމުއި ބުއިމަކީ ފައިދާ ހުރި ކަމެކެވެ. އަދި ހިކިމޭބިސްކަދުރު ކެއުމަކީވެސް ހިތުދަސްކުރުމުގެ ބާރުގަދަ ކުރާކަމެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
5. ބޮލުގައި ކަވާ ޖެހުމަކީވެސް ހިތުދަސްކުރުމުގެ ބާރުގަދަވާ ކަމެއް ކަމުގައި ވެއެވެ. ހިތުދަސް ކުރުމުގެ ބާރުގަދަ ކުރުމަށްއެދި ކިޔާނެ ވަކި ދުޢާ އެއް ސުންނަތުން ސާބިތުވާކަށް ނެތެވެ. އެހެން ނަމަވެސް ކޮންމެ ކަމަކަށްވެސް އެދި އެމީހެއްގެ ބަހުން ދުޢާ ކުރަންވީ އެވެ. ﷲ ތަޢާލާ މޮޅައް ދެނެވޮޑިގެން ވެއެވެ. އެކަލާނގެއީ އަޅުތަކުންގެ ދުޢާ އައްސަވާ، އިޖާބަކުރައްވާ އިލާހެވެ.
އަޅުގަނޑުގެ އަމިއްލަ ތަޖުރިބާ އަށް ބަލާފައި ޤުރުއާން ހިތުދަސް ކުރުމަށް އެންމެ ފަސޭހަ ގޮތަކީ ދުވާލަކު ސަފްޙާއެއް ދަސްކުރުމެވެ. އަދި މަޤްރިބް ފަހުން ކޮންމެ އާޔަތެއް ދިހަ ފަހަރަށް ކިޔުމަށްފަހު، ފަތިސްނަމާދުގެ ކުރިން ނުވަތަ ފަހުން ތެދުވެ ކިޔެވުމެވެ.އަދި ކޮންމެ ނަމާދަކަށް ފަހުގައިވެސް ބައި ގަޑިއެއްހާ އިރު ދަސްކުރި ބައި މުރާޖާ ކުރުމަށް ޙާއްސަކުރުމެވެ.

0