އިބުރަތްތެރި ވާހަކަ
ޔޫނުސް عليه السلام ގެ ވާހަކަ

الصافات ސޫރަތުގެ 139-148 ވަނަ އާޔަތުގައި ޔޫނުސްގެފާނުގެ ވާހަކަ އައިސްފައިވެއެވެ.

وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ ﴿١٣٩

ހަމަކަށަވަރުން، يونس ގެފާނުވަނީ، ރަސޫލުންގެ ތެރެއިންކަން ކަށަވަރެވެ.“

މާތްﷲގެ ރަސޫލާ، ޔޫނުސް ޢަލައިހިއްސަލާމް ފޮނުއްވުނީ އިރާޤުގެ ނައިނަވާ ސަހަރުގެ މީހުންގެ ގާތަށެވެ. އެހެން ރަސޫލުންނެކޭ އެއްފަދައިން ޔޫނުސްގެފާނުވެސް ފޮނުއްވުނީ މާތްﷲ އަށް އަޅުކަންކޮށް، ހިދާޔަތުގެ ތެދުމަގު ލިބުމަށް ގޮވައިލެއްވުމަށެވެ. އަދި މުންކަރާތްތަކުން ދުރުވެގަތުމަށް ޔޫނުސްގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ގޮވައިލެއްވިއެވެ. ނަމަވެސް އެބައި މީހުން އެކަލޭގެފާނަށް ފުރަގަސްދިނެވެ. އެބައިމީހުން ފުރަގަސްދީ އިންކާރުކުރުމުގައި ހައްދު ފަހަނައަޅައި ދިޔުމުން ޔޫނުސްގެފާނު ކޯފާވެވަޑައިގަތެވެ. އަދި އެބައިމީހުން ދޫކޮށް ވަޑައިގަތުމަށް އެކަލޭގެފާނު ނިންމެވިއެވެ.

إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ ﴿١٤٠

އެކަލޭގެފާނު ފިއްލަވައިވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ!“

މި އާޔަތު ގެ ތަފްސީރުގައި އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ.1

އެކަލޭގެފާނު އަރާވަޑައިގެންނެވީ މުދާ އަރުވާ ބަރާކޮށްފައިވާ ނަވަކަށެވެ.

فَسَاهَمَ فَكَانَ مِنَ الْمُدْحَضِينَ ﴿١٤١

ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعة ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعة ން) ދެރަވިމީހުންގެ ތެރެއިންނެވެ.“

فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ ﴿١٤٢

ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ.“

މި އާޔަތްތަކުގެ ތަފްސީރުގައި އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ.

އެ ނައު ދަތުރު ކުރަމުންދަނިކޮށް ކުއްލިއަކަށް ވައި ބާރުވެ، ބޮޑެތި ރާޅުތައް ނަވުގެ ތެރެއަށް ބިންދަން ފެށުމާއެކު އިސާހިތަކު ނައު ޢަރަޤްވާނޭހެން ހީވާން ފެށިއެވެ.

އެބައިމީހުންގެ މުދާތައް މޫދަށް އުކާލައި ނާކޮޅަށް އަރާ ބާރު ކުޑަކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ފައިދާއެއް ނުކުރިއެވެ. އެހެންކަމުން މާލިމީން ނިންމީ ނާކޮޅުގައި ތިބި މީހުންގެ ތެރެއިން އެކަކު މޫދަށް އެއްލާލުމަށެވެ. ނަވަށް އަރާ ތިބި އެންމެންގެ މެދުގައި ގުރު ނެގިއެވެ. ގުރުލުމުން ދިމާވީ ޔޫނުސްގެފާނުގެ ނަންފުޅެވެ. އެހެން ނަމަވެސް ނަވުގެ މީހުން މިކަމާއި ނުރުހުނެވެ. އެހެންކަމުން އިތުރު ދެ ފަހަރު ގުރު ނެގިއެވެ. މި ދެފަހަރުވެސް ހޮވުނީ ޔޫނުސްގެފާނެވެ. އެކަލޭގެފާނު ނަވުން އެއްލާލުމާއިމެދު ނަވުގެ މީހުން ދެކޮޅު ހަދަހަދާ ތިއްބާ، ޔޫނުސް އަލައިހިއްސަލާމް ނާކޮޅުން ފުންމައިވަޑައިގަތެވެ. ޔޫނުސްގެފާނުގެ ހަށިކޮޅަށް ގެއްލުމެއް ނުވާނެހެން ދިރުވާލުމަށް ފެހި ކަނޑުގެ ތެރޭގައިވާ ބޮޑު މަހަކަށް ﷲ ތަޢާލާ އަމުރުކުރެއްވިއެވެ.

އެ ބޮޑުމަސް އައިސް ޔޫނުސްގެފާނު އޮތްގޮތަށް ދިރުވާލިއެވެ. އަދި ކަނޑުގެ އެތައް ހިސާބަކަށް އެކަލޭގެފާނައިގެން އެ ބޮޑުމަސް ދަތުރުކުރިއެވެ.

ޔޫނުސްގެފާނު ބޮޑުމަހުގެ ބަނޑުގައި ޤަރާރުވެވުމާއެކު އެކަލޭގެފާނު ހީފުޅުކުރެއްވީ އެކަލޭގެފާނު ވަނީ އަވަހާރަވެވަޑައިގެންފައި ކަމަށެވެ. މި ޚިޔާލުފުޅުގައި އޮވެ، އެކަލޭގެފާނު ގެ އަތް ފައި ހަލުވަންފެށިއެވެ. އެހިނދު އެކަލޭގެފާނަށް އެނގިވަޑައިގަތީ އެކަލޭގެފާނު އަދި އަވަހާރަވެވަޑައިނުގަންނަވާ ކަމެވެ. ދެން އެކަލޭގެފާނު ތެދުވެވަޑައިގެން ބޮޑުމަހުގެ ބަނޑުތެރޭގައި ނަމާދުކުރައްވަން ފެއްޓެވިއެވެ. އަދި އެކަލޭގެފާނުގެ ވެރި ރަސްކަލާންގެ ހަޟްރަތަށް ޔޫނުސްގެފާނު ދުޢާ ދަންނަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ބޮޑުމަހުގެ ބަނޑުތެރޭގައި ހޭދަކުރެއްވި މުއްދަތަކާއިމެދު ޢިލްމުވެރިންވަނީ ޚިލާފުވެވަޑައިގެންފައެވެ. މި ޚިލާފުތަކުގެ ޚުލާސާއަކީ: ތިން ދުވަސް، 7 ދުވަސް، 40 ދުވަސް މިއެވެ.

فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ﴿١٤٣ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ ﴿١٤٤

ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.“

މި އާޔަތުގެ ތަފްސީރުގައި الضحاك بن قيس ވިދާޅުވެފައިވެއެވެ. ”ފަހެ، އެކަލޭގެފާނު އެއްގަމުގައި ސިއްޙަތު ސަލާމަތުންހުރި ދުވަސްވަރު ޞާލިޙް ހެޔޮ ޢަމަލުތައް ކޮށްފައި ނުވާކަމުގައި ވީނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާންދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.“

މި މާނައިގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ.

“  تعرف إلى الله  فى الرخاء يعرفك فى الشدة – رواه الترمذى – ފާގަތިކަމުގެ ވަގުތު ގައި ﷲ ދެނެގަންނާށެވެ. އޭރުން ދަތިކަމުގެ ވަގުތުގައި އެކަލާނގެ ތިބާ ދެނެވޮޑިގަންނަވާނެއެވެ.“

أنس بن مالك ރިވާކުރައްވައިފައިވާ ޙަދީޘެއްގެ ޚުލާޞާ މިތަނުގައި ޒިކުރުކޮށްލާނަމެވެ.2

”ޔޫނުސްގެފާނުގެ ދުޢާތަކުގެ އަޑު މާތްﷲގެ މަލާއިކަތް ބޭކަލުންނަށް އިވިވަޑައިގަތެވެ. އެކަލޭގެފާނު އެއްގަމުގައި ސިއްޙަތު ސަލާމަތުންހުރި ދުވަސްވަރު ކޮށްފައިހުރި ޞާލިޙް ހެޔޮ ޢަމަލުތަކަށް ބައްލަވާ ވޮޑިގެން އެކަލޭގެފާނު މި މުޞީބާތުން ސަލާމަތްކޮށްދެއްވުންއެދި މަލާއިކަތް ބޭކަލުން މާތްﷲގެ ހަޟްރަތުގައި ދެންނެވިއެވެ. އެހިނދު ރަށެއްގެ އައްސޭރިއަށް އެކަލޭގެފާނު އެއްލާލުމަށް މާތް ﷲ ބޮޑުމަހަށް އަމުރުކުރެއްވިއެވެ.“

فَنَبَذْنَاهُ بِالْعَرَاءِ وَهُوَ سَقِيمٌ ﴿١٤٥

ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލިحال ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ.“

وَأَنبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ ﴿١٤٦

އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ.“

وَأَرْسَلْنَاهُ إِلَىٰ مِائَةِ أَلْفٍ أَوْ يَزِيدُونَ ﴿١٤٧

އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قوم އަކަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ.“

فَآمَنُوا فَمَتَّعْنَاهُمْ إِلَىٰ حِينٍ ﴿١٤٨

ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.

”ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ ޤައުމަކީ ކުރިންވެސް އެކަލޭގެފާނު އެބައެއްގެ ގާތަށް ރަސޫލުކަމައިގެން ފޮނުއްވުނު ނައިނަވާ ސަހަރުގެ އަހުލުވެރިންނެވެ.

”ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާންދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.“

ޔޫނުސްގެފާނު ޤައުމުގެ މީހުން އެކަލޭގެފާނަށް އީމާންނުވުމުން، ތިން ދުވަހުގެ ފަހުން މާތް ﷲ ގެ އަޒާބު އެބައިމީހުންނާ ކުރިމަތިވާނެކަމުގެ އިންޒާރު ދެއްވުމަށްފަހު، އެކަލޭގެފާނު އެ ޤައުމުން ނުކުމެވަޑައިގަތެވެ. އެކަލޭގެފާނު ގެ އިންޒާރުފުޅާއި އެއްގޮތަށް ތިންދުވަސް ފަހުން އެބައިމީހުންނާ މާތް ﷲ ގެ އަޒާބު ކުރިމަތިވުމުން، އެބައިމީހުންގެ އަނބި ދަރީންނާއި ނަޢަމްސޫފިތައް ގޮވައިގެން ޞަހަރާތެރެއަށް ނުކުތެވެ. އަދި ތައުބާވެ، މި އަޒާބުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދަންނަވަންފެށިއެވެ. މާތް ﷲ އެބައިމީހުންގެ ތައުބާ ޤަބޫލުކުރައްވާ، އެކަލާނގެ އަޒާބުން އެބައިމީހުން ސަލާމަތްކޮށްދެއްވިއެވެ. އަންނަނިވި އާޔަތުން މިކަމަށް ދަލާލަތުކޮށްދެއެވެ.

﴿فَلَوْلَا كَانَتْ قَرْيَةٌ آمَنَتْ فَنَفَعَهَا إِيمَانُهَا إِلَّا قَوْمَ يُونُسَ لَمَّا آمَنُوا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَمَتَّعْنَاهُمْ إِلَى حِينٍ﴾ يونس: 98

މާނައީ: “ފަހެ، ރަށެއްގެ މީހުން، އެބައިމީހުންގެ އީމާންކަމުން މަންފާކުރާނޭ ގޮތުގައި، އީމާންވީނަމަ ކިހާރަނގަޅު ހެއްޔެވެ! އެހެނެއްކަމަކު، ޔޫނުސްގެފާނުގެ ޤައުމުގެމީހުން އީމާންވުމުން، ތިމަންއިލާހު އެބައިމީހުންގެ ކިބައިން ދުނިޔޭގެ ޙަޔާތުގައި ނިކަމެތިކަމުގެ ޢަޛާބު ދުރުކުރެއްވީމެވެ. އަދި އެބައިމީހުންގެ އަޖަލު ޖެހިއްޖައުމަށް ދާނދެން، އެބައިމީހުން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.”

ޔޫނުސްގެފާނު އަނބުރައި ނައިނަވާއަށް ވަޑައިގެން މާތް ﷲގެ ޙުކުމްފުޅުތައް ބަޔާންކޮށްދެއްވުމުގައި ދެމިހުންނެވިއެވެ.

މުސީބާތްތައް ކުރިމަތިވާ ވަގުތުގައި ﷲ މަތިން ހަނދުމަކޮށް އެކަލާނގެއަށް ދުޢާކުރުމުގެ މުހިންމުކަން ޔޫނުސްގެފާނުގެ ވާހަކައިން ދޭހަވެގެންދެއެވެ. އަދި ﷲގެ މަތިން ހަނދުމަކޮށް ތަސްބީހަ ވިދާޅުވާ މީހުންގެ އަޑު އެކަލާނގެ އައްސަވާވޮޑިގެން ވާނެކަމަށާއި ފާގަތިކަމުގެ ދުވަސްވަރު ކޮށްފައިވާ ހެޔޮ ޢަމަލުތަކަކީ ދަތި ޙާލުގައި ތިބާ ޖެހޭ ދުވަހު މުޞީބާތްތައް ލުއިވެ، ފިލައިގެން ދިޔުމުގެ ސަބަބެއްކަމުގައި ވާނެކަން ޔޫނުސްގެފާނު ވާހަކައިން އެނގިގެން ދެއެވެ. އަދި ހާސްކަމާއި މުސީބާތްތަކުން ސަލާމަތް ކުރައްވާނެ ހަމައެކަނި ފަރާތަކީ މާތްﷲ ކަން މި ވާހަކައިން ދޭހަވެގެންދެއެވެ.

މުޞީބާތް އިންތިހާ އަށް ބޮޑުވެ، ސަލާމަތްވެވޭނެ އެއްވެސް މަގެއް ނެތް ކަމަށް ހީވިޔަސް، އެކަލާނގެ ރަޙްމަތަށް އުއްމީދު ކަނޑާލައިގެންނުވާނެކަންވެސް މި ވާހަކައިން އެނގެއެވެ. ރޭގަނޑުގެ އަނދިރިކަމުގައި، ކަނޑުގެ ފުންކަމުގެ ތެރޭގައި، ބިޔަސިންގާ މަހެއްގެ ބަނޑުތެރޭގައި، ސަލާމަތްވެވަޑައިގަންނަވާނޭކަމުގެ އެއްވެސް އުއްމީދެއް ނެތް ޙާލަތުގައިވެސް، ﷲގެ ރަޙްމަތުން އުއްމީދުކަނޑުއްވާލެއްވުމެއްނެތި، ތަކްބީރު ތަޙްލީލް އެކަލޭގެފާނު ދަންނަވަމުންދިޔައެވެ. ޚުޝޫޢަތްތެރިކަމާއިއެކު، ﷲގެ ޙަޟްރަތަށް އިބްތިހާލުވެވަޑައިގެން، ފާފަ ފުއްސަވައިދެއްވުމަށް ދަންނަވަމުންދިޔައެވެ.

ރެފަރެންސް:

  1. تفسير ابن كثير
  2. الطبري: 21/109

7