ދަރުސް ދީ އިސްލާމް ދީން މަތިވެރިކުރަން މިކުރާ މަސައްކަތުގައި އަހަރެންނަށްވުރެ ބޮޑު ނުވަތަ ގިނަ ސަވާބު އަހަރެންގެ އަނބިމީހާއަށް ދެއްވަވާނެ ކަމަށް އަހަރެން އުންމީދުކުރާކަމަށް އައްޝެއިޚް ޢަބްދުއްރަޙީމް ގްރީން ވިދާޅުވެއްޖެއެވެ.
ޝެއިޚް ވިދާޅުވީ “ ދަރުސް ދީ އިސްލާމް ދީން މަތިވެރިކުރަން މިކުރާ މަސައްކަތުގައި އަހަރެންނަށްވުރެ ބޮޑު ނުވަތަ ގިނަ ސަވާބު އަހަރެންގެ އަނބިމީހާއަށް ދެއްވަވާނެ ކަމަށް އަހަރެން އުންމީދުކުރަމެވެ. އެރހެނީ އަހަރެންނަކީ ދަރުސް ދިނުމަށް ތަފާތު ޤައުމުތަކަށް ދަތުރުކުރާ މީހަކީމެވެ. ދަތުރުގައި ބައެއް ފަހަރު ގިނަ ދުވަސްތައް ވެސް ހޭދަކުރަން ޖެހެއެވެ. އަހަރެންނަށް މިދަތުރުތައް ކުރެވެނީ އަނބިމީހާ އެކަމަށް ހިތަވްރުދީ މަގުފަހިކޮށްދޭތީއެވެ. ގޭތެރޭގެ ކަންކަން ބަލަހައްޓައިދީ އަދި ދަރިންގެ ކަންކަންވެސް ބަލަހައްޓައިދޭތީއެވެ.“
އިތުރަށް ވިދާޅުވީ “ މިހުރިހާ ކަމަކަށް ބެލިނަމަވެސް ދަރުސް ދޭން އަހަރެން ކުރާ މަސައްކަތަށްވުރެ އެކަން ކުރަން އަހަރެންނަށް މަގުފަހިކޮށްދޭން އަނބިމީހާ ކުރާ މަސައްކަތްތައް މާގިނައެވެ. ރަނގަޅަށް ވިސްނާށެވެ! މީހަކު ކުރި ހެޔޮ އެމަލެއްގެ ޒައްރެއްގެ މިންވަރުވެސް އެމީހަކަށް ގެއްލިގެނެއް ނުދާނެއެވެ. ވީމާ ދަރުސް ދޭން އަހަރެންނަށް މަގުފަހިކޮށްދޭން އަނބިމީހާ އުފުލާ ކޮންމެ ބުރައަކަށް އޭނާއަށް އެކަމަށް ޙައްޤުވެގެންވާ މިންވަރަށް ސަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ! ކުރިންވެސް ބުނިފަދައިން ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކޮންމެ މަސައްކަތެއްވެސް ކޮންމެ އަންހެނަކުވެސް ކުރަންވީއެވެ. އެކަމަށް ދީނީ ގޮތުން އެއްވެސް ހުރަހެއް ނެތެވެ. ހަމައެއާއިއެކު ޤަބޫލުކުރަންވީ އަންހެނުން މަސައްކަތެއް ކުރި ކަމަށްވާނީ ވަޒީފާ އަދާކުރުމުން ނުވަތަ ވިޔަފާރިކުރުން ފަދަ ގޮތަކުން އެކަނި ނޫން ކަމެވެ. ފިރިމީހާއަށާއި ދަރިންނަށާއި ޢާއިލާއަށް ކޮށްދޭ ކަންކަމަކީވެސް ހަމަ ބަރަކާތް ލެއްވެވިގެންވާ، ދެ ދުނިޔޭގައިވެސް ތިމާއަށް ފައިދާކުރާނެ މަސައްކަތްކަމެވެ.“