ނަޞޭޙަތާއި އިރުޝާދު
ފާފަކުރުން ގިނަވުމަކީ ދަސްކުރާ ތަކެތި ހަނދާންނެތޭ ކަމެއް!

ފާފަކުރުން ގިނަވެއްޖެ ނަމަ ފެންނާނެ ބައެއް އަލާމާތްތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ އެއްކަމަކީ ލިބިފައިވާ ޢިލްމް ހަނދާން ނެތުމެވެ. ޢިލްމު ލިބިފައިވާ ބައެއް މީހުން އަބަދުވެސް ކަންކަން ހަނދާާން ނެތިގެން އުޅެން ޖެހޭނަމަ ތިމާގެ އަމަލުތަކާއިމެދު ފުންކޮށް ވިސްނަންވާނެއެވެ!  

ބައެއް ޢިލްމުވެރިން ވަރަށް ގިނައިން ފޮތްބަލާނެއެވެ. ނަމަވެސް އަބަދުވެސް އުޅެން ޖެހޭނީ ހަނދާން ނެތިގެންނެވެ. ތިމާ ހުރިން ހިތުދަސްކޮށްފައި ހުންނަ ތަކެތިވެސް ޖެހޭނީ ފޮތުން ބަލާށެވެ!   

މި ގޮތަށް ކަންތައްތައް މެދުވެރިވަނީ އެމީހަކަށް ކުރެވޭ ފާފަތައް ގިނަވުމުން ﷲ ތަޢާލާ އާއި ދުރަށް ދެވޭތީއެވެ. އެހެނީ ފާފަކުރާ ވަރަކަށް އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން ދާނީ ދުރުވަމުންނެވެ. އެ ގުޅުން ދުރުވަމުންދާ ވަރަކަށް ހިތް ދާނީ ހަރުވެ ހިލަވަމުންނެވެ. ހިތް ހަރުވެ ހިލަވާން ފެށުމުން ހިތުގައި ހުންނަ ޢިލްމު ފިލައިގެންދާނެއެވެ. އަދި ހިތުދަސްކުރަން އުނދަގޫވާނެއެވެ.  

 މިއީ ކޮންމެ ދަރިވަރަކުވެސް ވިސްނައިލަން ޖެހޭނެ ކަމެކެވެ. ޢިލްމު އެޅުމަށްޓަކައި ހިތާ ސިކުނޑި ހުޅުވި ތާޒާކަންމަތީގައި އޮންނާނީ ހެޔޮ އަމަލުތައް ކުރުން ގިނަކުރި ވަރަކުންނެވެ. ފަސޭހައިން ފިލާވަޅުތައް ދަސްވާނީ ހިތާއި ސިކުނޑި ތާޒާކަން މަތީގައި ބޭއްވިގެންނެވެ. އަދި ދަސްކުރާ ފިލާވަޅުތައް ހިތުގައި ހަރުލައި ހުންނާނީ ވެސް އެއިރުންނެވެ. ހަމައެއާއިއެކު ތައުލީމް ޙާޞިލުކުރަމުން ގެންދާ އުމުރުގައި ދީނަށް ލޯބިކޮށް އަމަލުކުރުމަކީ އެކަމުގެ ފައިދާ މުޅި އުމުރުގައިވެސް ކުރާނެ ކަމެކެވެ.

9