މަގޭ ވެށި
ކަންކަމާމެދު ހާސްވުން

އިންސާނުންނަކީ ޙަޔާތުގެ ކޮންމެވެސް ދައުރެއްގައި، ނޫންނަމަ ދައުރުތަކެއްގައި ދިމާވާ ކަންކަމާ ހާސްވެ، ނުތަނަވަސްވެ، އަދި އެކަމެއްގެ ރަނގަޅު ޙައްލެއް ހޯދެން ނެތްކަން ހިތަށް އަރާ ބައެކެވެ. ބައެއް ފަހަރާ މިކަމުން އުންމީދު ގެއްލިފައި ތިބެން ދިމާވާ ބައެކެވެ. އެކަންކަމަކީ ފެންނަ ފެނުމަށް އިޙުސާސް ކުރުމަށް ވަރަށް ކުދިކުދި ކަންކަމާއި އަދި ނުއުފުލޭފަދަ ބޮޑެތި ކަންތައް ވެސް މެއެވެ. ބައެއް ފަހަރު މިކަންތައް ސިފަ ކުރެވެނީ ޙަޤީޤަތުގައި އެކަން އޮންނަ ވަރަށް ވުރެ މާ ބޮޑުކޮށެވެ. އަދި ބައެއް ފަހަރު، މިފަދަ ކަންކަމުގެ ސަބަބުން ތިމާގެ މުސް ތަޤުބަލް ފެންނަނީ ނޭނގި ފައި އެޅުމާއެކު ގޮވާފަދަ “މައިން ތަކެއްގެ” ސިފައިގައެވެ. ވީމާ މިހިނގަނީ “މައިން ދަނޑެއް” ގެ މަތިން ކަމަށް ހީވާތީ އިންސާނާ ހުންނާނީ ބިރުން ސިހިސިހިއެވެ. ދީނީ ރޮނގުން ވިސްނާލާއިރު، އަނެކުންނާމެދު ބާއްވާ އިޚްލާޞްތެރި ހެޔޮ ގުޅުމާ، ބަހައްޓާ އެހީތެރިކަމާ އަދި ކުރާ ހެޔޮ މުޢާމަލާތަކީ ތިމާ ހިތްދަތިކަމާ ފިކުރުން މިންޖު ކޮށްދޭނެ އަދި ރޫޙާނީ އުފާތަކެއް ގެނެސްދޭކަމެކެވެ. ދިމާވާ ކަންކަމާ ފިކުރު ނުކޮށް އެނެކަކަށް ދިމާވެފައިވާ ދެރަ ކަމަކާމެދު ވިސްނައި އެކަމެއްގެ ޙައްލު ހޯދާ ދެވެން އޮތްނަމަ ހޯދާ ދިނުމެވެ. އަނެކުން އުފާވާ ކަމެއް ކޮށްދީފިނަމަ ތިމާގެ ހިތަށް އުފާ ޙާޞިލް ވާނެތީއެވެ. ތިމާގެ ސަބަބުން އެހެން މީހުން އުފާވާކަން އިޙުސާސް ކުރުވުމާއެކު ތިމާގެ ހިތްދަތިކަން ފިލާދާނެއެވެ. މިއީ އިންސާނީ ޠަބީޢަތުގެ އަޞްލެވެ. ތިމާގެ ނަފްސަށް ނިކަމެތިކަން ލިބޭ ކަންކަމާ ކުރިމަތިލާންޖެހޭ ކަމަށް ހީކޮށް އެކަމާ ހިތްހަމަ ނުޖެހި ފިކުރުކުރާ މިޒާޖުގެ މީހުންނަށް އޮތް އެންމެ އަވަސް ފަރުވާއަކީ ވެސް މިއެވެ.

ކަންކަމާ ހިތްހަމަނުޖެހި، ނުތަނަވަސްވާ ވަޤުތު، އެކަމާ ބޭނުމެއް ނެތް ފިކުރު ކުރުމުގެ ބަދަލުގައި އަމިއްލަ ނަފުސާ ކުރެވޭނެ ސުވާލަކާ އޭގެ ޖަވާބު ވިސްނާލުންވެސް ރަނގަޅެވެ. ތަޖުރިބާ ކޮށްލުމުގެ ގޮތުން ކުރެވިދާނެ އެއް ސުވާލަކީ ކުރިމަތިވި މި މަސްއަލައިގައި ފިކުރުކުރުމުގެ ބަދަލުގައި ރޫޙާނީ ގޮތުންނާ ޖިސްމާނީ ގޮތުން “އަވަދިނެތި” ގޮތެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމެވެ. ދެން އިޙުސާސް ކުރެވޭނީ އެ ކުރު މުއްދަތުގެ ކުރިން އިޙްސާސް ކުރެވުނު ނުތަނަވަސްކަމުގެ ބަދަލުގައި ހިތްހަމަ ޖެހުން ލިބުނު ކަމެވެ. ވީމާ ފިކުރު ކުރުމުގެ މަގު ބަންދުކޮށްލުމަށް މީ އިސްލާމް ދީނާއި ގުޅިފައިވާ ފައިދާ ހުރި ތަމްރީނެކެވެ. ކެތްތެރިކަމުގެ ދަރުހެކެވެ.

ކަންކަމާ ހެދި ހާސްވެ ފިކުރު ބޮޑުވުމާއެކު “މިކަމުން ލިބޭ ޢިބުރަތަކީ ކޮބައިތޯ” ބެލުމަކީ ވެސް އެކަންކަމާ ގުޅިގެން ޚިޔާލު ހިންގަން އޮތް ރަނގަޅު ގޮތެކެވެ. އެހެނީ މިކަހަލަ ތަޖުރިބާއިން އަގުހުރި ފިލާވަޅު ހޯދިދާނެތީއެވެ. ސަބަބަކީ ތިމާއަށް ދިމާވާ ބައެއް ކަންތައް އެއީ ފިކުރު ބޮޑުވާ ކަމަކަށް ވިޔަސް އެކަންކަމުން ތިމާއަށް އެތައް ޢިބުރަތެއް ޙާޞިލް ވާތީއެވެ. މިހެން ދިމާވާ ކަންތައް މާޒީވެ ދާއިރު ތިމާ ހުންނާނީ ލިބުނު ތަޖުރިބާއިން އިހަށް ހުރި ތިމާއަށް ވުރެ އެތައް ދަރަޖައެއް ހޭލުންތެރި ތިމާއަކަށް ވެފައެވެ. ވީމާ މާޒީވެ ދިޔަ ތަޖުރިބާ ހިމެނިގެން ދަނީ ތިމާއަށް ޙަޤީޤީ އުފާތަކެއް ގެނުވި ކަމަކަށެވެ.

ދިމާވާ ކަމެއްގެ ސަބަބުން ހިތާއި ސިކުނޑި އިންތިހާ ދަރަޖައަށް ހާސްކޮށް ތިމާ ނުތަނަވަސް ވާއިރު، ޙަޤީޤަތުގައި އެކަން އެވަރުގެ ކަމަކަށް ނުވެދެއެވެ. ވީމާ “މިއީ އެވަރުގެ ކަމެއް ނޫނޭ” ހީކޮށްލުން އެއީ މިގޮތަށް ލިބޭ ހާސްކަމަށް ލުއިކަން ހޯދައިދޭން ޙައްލެކެވެ. ބައެއްފަހަރު ތިމާ އެތަކެއް ރެއެއްގެ ނިދި ނަގާލާ ކަމަކީ، އެހެން މީހުން އެކަމާމެދު ފިކުރުކުރުމަށް ސިކުންތެއްވެސް ހޭދަނުކުރާ އާދައިގެ ކަމަކަށް ވެފައި ހުރެއެވެ. އެހެންވަނީ ދިމާވާ ކުދިކުދި ކަންތައް އޭގެ އަޞްލަށް ނުވިސްނާ މާ ބޮޑު ކަމެއްގެ ގޮތުގައި ތިމާ ދެކޭތީއެވެ. އެގޮތަށް އެކަންކަމާމެދު ނުވިސްނުން އެއީ ވެސް މިކަމުގެ އެއް ޙައްލެވެ.

އިންސާނާ އެންމެ ދުވަހެއްގެ ދަތުރަކަށް ނިކުންނައިރު އެތަކެއް އަހަރަށް ބޭނުންވާނޭ ތަކެތި އަޅާ ދަތުރު ފޮށި ބަންނާނެ ކަމަކަށް ނުފެނެއެވެ. ވީމާ ދުރު މުސްތަޤުބަލެއްގައި ކުރަންޖެހޭނެ ފިކުރުތަކެއް އޮންނާނެކަން ޔަޤީންކޮށް އެފިކުރާއި މަސްއަލަ އަދި ނާކާމިޔާބީގެ ތަޞައްވުރާއެކު އަދު ދަތުރު ފޮށި ބަނދެ އުޅުމަކީ ފަހެ ޢަޖައިބު ނުވާނޭ ކަމެއް ބާވެއެވެ. ސުވާލު އުފެދެއެވެ. އަދި މި ތަޞައްވުރުން ތިމާގެ ޙަޔާތަކީ ވޭންދެނިވި ޙަޔާތެއް ކަމަށް ނިންމުން އެއީ ކިހާވަރެއްގެ މޮޔަ ކަމެއް ބާވައެވެ. ޙަޤީޤަތުގައި އިންސާނާ އަށް އުޅެން ލިބިފައި ވަނީ މިހާރެވެ. މި ހިނދުކޮޅެވެ. މުސްތަޤުބަލު ރާވާށެވެ. ތަރައްޤީގެ ފިކުރަށެވެ. ވީމާ އަންނަން އޮތް ޒަމާނާ ހަމައަށް ތިމާގެ ޙަޔާތާމެދު ފިކުރުކޮށް އަދި އެޙަޔާތް ވާނީ ވޭނާއި އުނދަގުލުން ފުރިފައިވާ އުފަލެއް ނެތް ޙަޔާތެއް ކަމަށް ސިފަ ކުރުމުގެ އެއްވެސް ޙައްގެއް އެއްވެސް ބޭނުމެއް އިންސާނާއަށް އޮންނާނެ ބާވައެވެ. މިއީ ހައްތާވެސް ވިސްނައި ފިކުރު ކޮށް ޖަވާބުހޯދާލުން ރަނގަޅު ސުވާލެކެވެ.

ހާސްކަމާ ނުތަނަވަސްކަމުގެ “ބަލިން” ސަލާމަތްވުމާ ގުޅޭ ޚިޔާލު ކުރާއިރު މިކަމަކީ ތަބީޢީ ގޮތުން ފިރިހެނުންނަށް ބޮޑަށް އިޙްސާސްކުރެވޭ ކަމެއް ކަމުގައި ސައިންސްވެރިން ބުނެއެވެ. އަދި އަންހެނުންގެ ތެރޭގައި ވެސް ޒުވާން ޢުމުރުގެ މީހުންނަށްވުރެ ބޮޑަށް ޢުމުރުން ދުވަސްވި މީހުން މިކަމުގެ ތެރޭގައި ގެނބިގެން ތިބޭކަމަށްވެއެވެ. ސަބަބަކީ އަންހެނުންގައި ހުންނަ ހޯމޯން އޮސްޓްރޯޖަން ޢުމުރުން ދުވަސްވުމުން ހަށިގަނޑުން ހުސްވުމެވެ. ވީމާ މިކަމާ ސަމާލުކަން ބެހެއްޓުމަކީ ބޭނުން ކަމެއް ކަމަށް ލަފާކުރެވެއެވެ.

 

މިއީ ދަރުމަ މަޖައްލާއަށް ޙަބީބާ ޙުސައިން ޙަބީބު ލިޔުއްވާފައިވާ ލިޔުމެކެވެ.

0