ދަރަނި އަދާކުރުން ފަސޭހަކޮށްދެއްވުން އެދި ކުރެވިދާނެ ދުޢާތައް:
(1) اَللَّهـُمَّ اكْفِنِيْ بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِيْ بِفَضْلِكَ عَمَّنْ سِوَاكَ
މާނައީ: ” އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲ ޙަލާލުކުރެއްވި ތަކެތީގެ ޒަރިއްޔާއިން އިބަﷲ ޙަރާމްކުރެއްވި ތަކެތިން (މިއަޅާ ދުރުކުރައްވައި) މިއަޅާ ފުދުންތެރިކުރައްވާނދޭވެ! އަދި އިބަﷲގެ ދަރުމައިގެ ޒަރިއްޔާއިން އިބަﷲ ފިޔަވައި އެހެންފަރާތަކުން (އެދުމުން) މިއަޅާއަށް ފުދުންތެރިކަން ދެއްވާނދޭވެ!” (رواه الترمذي وصححه الألباني)
(2) اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ ، وَالْحَزَنِ ، وَالْعَجْزِ ، وَالْكَسَلِ ، وَالْجُبْنِ ، وَالْبُخْلِ ، وَضَلَعِ الدَّيْنِ ، وَغَلَبَةِ الرِّجَالِ
މާނައީ: ” އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދިގެންވުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކައުތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ.” (رواه البخاري)
ދަރަނި ވެރިވުމަކީ ވަރަށްވެސް ހިތްދަތި ނުރައްކާތެރި ކަމެކެވެ. ނަމަވެސް ހިތާމަޔަކީ ދަރަނި އަދާ ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާއިރު ރިޒްޤު ދެއްވާ ފަރާތް މަތިން ހަނދާން ކުރަންޖެހޭ ވަރަށް ހަނދާން ނުކުރެވޭކަމެވެ. ދަރަނި އަދާވުން އެދި ކުރާ ދުޢާގެ ބާރު ނުވިސްނޭކަމެވެ.
ދުޢާ އަކީ މުޢުމިނުންގެ ހަތިޔާރެވެ. ދަރަނި އަދާ ކުރުމަށް މަސައްކަތް ކުރަމުން ދުޢާ ކުރާށެވެ. އަމީރުލް މުއުމިނީން ޢުމަރު رضي الله عنه ވިދާޅުވިއެވެ. “ތިޔަބައިމީހުން ދަރަންޏަށް ރައްކާތެރިވާށެވެ. އޭގެ ފުރަތަމަކޮޅުގައި އޮތީ ކަންބޮޑުވުމެވެ. އަދި ފަހުކޮޅުގައި އޮތީ ހަނގުރާމައެވެ.”
* ދަރަނީގެ ފަހުކޮޅުގައި ހަނގުރާމަވާކަމުގައި ޢުމަރުގެފާނު ވިދާޅުވެފައިވަނީ ދަރަނީގައި ފަރުވާކުޑަކުރުމަކީ މީސްތަކުންގެ މެދުގައި ގުޅުންކެނޑުމާއި ތިމާގެ މީހުންނާއި ރައްޓެހިންގެ މެދުގައި ޚިޔާލުތަފާތުވުންތައް ދިމާވާ އެންމެ ބޮޑު އެއްސަބަބަށް ވުމުންނެވެ. މިފަދަ ކަންކަމުގައި އެންމެފަހުން ކޯޓަށް ދާ ހިސާބަށް ހިނގައިދާނެއެވެ. އޭގެ ސަބަބުން މީހާއަށް ބޮޑެތި އުނދަގޫތަކާއި ނަފްސާނީ ގެއްލުންތައްވެސް ވެގެންދާނެއެވެ.
މަސްދަރު:ޙިސްނުލްމުސްލިމް