ކަރަޔަކީ ހަށިގަނޑަށް ފައިދާހުރި މޭވާއެކެވެ. އޭގައި މައިގަނޑު ގޮތެއްގައި އެކުލެވިގެން ވަނީ ފެން ކަމުގައި ވިޔަސް، އެހެނިހެން މުހިންމު ބައިތައް ވެސް ކަރާގައި ހިމެނެއެވެ. ކަރާގައި އެކުލެވިގެން ވަނީ އަންނަނިވި ބައިތަކެވެ.
- ފެން – %93
- ކާބޯހައިޑްރޭޓްސް
- ޕްރޮޓިން
- ކެލްސިއަމް
- ފޮސްފަރަސް
- ހަކުރު
- ދަގަނޑު (ދަގަނޑު ވަރަށް މުއްސަނދިކޮށް އެކުލެވެއެވެ.)
- ކަރާ އޮޅުގައި ކިޔުކާބޯސިޓްރިން އޭ ކިޔާ މާއްދާއެއް އެކުލެވެއެވެ.
ކަރަޔަކީ ފިނި އަދި ތެތް އެއްޗެކެވެ. އޭގެ ހޫނު މަތިވާނީ ފޮނިކަން ގަދަވި ވަރަކަށެވެ. ކަރައިން ހަށިގަނޑާއި ސިކުނޑިއަށް ތާޒާކަން ގެނެސްދެއެވެ. އަދި ކަރުހިއްކުން ފިލުވައި ދެއެވެ. މީގެ އިތުރުން ކަރަޔަކީ ބަނޑުހިކުން ލުއިކޮށް ބަވާސީރު (ފުރަގަސް ފަރާތުގެ) ބަލިތަކަށް ވެސް ރަނގަޅު މޭވާއެކެވެ.
ކަރާ ކެއުމުން މަސާނާ އާއި ކިޑްނީގެ ހިލަ ނައްތާލުމަށް ވެސް އެހީވެދެއެވެ. ކަރަޔަކީ ފަސޭހައިން ހަޖަމުވާ އެއްޗެކެވެ. ކަރާގެ އިތުރު ފައިދާތަކުގެ ތެރޭގައި ބަނޑާއި މަސާނާ ސާފުކުރުމާއި، ލޮލުގެ ފެނުން ސާފުކޮށް ދިނުމާއި މައިބަދައިގެ ލޮނދި އިތުރުކޮށް ދިނުން ހިމެނެއެވެ.
ކަރާގެ ފައިދާ ފުރިހަމައަށް ހޯދުމަށްޓަކައި ތާޒާކަން މަތީ ހުއްޓާ ކެއުން ބޭނުމެވެ. އަދި ރަނގަޅީ ކެއުމުގެ ކުރިންނާއި ފަހުން ކެއުމެވެ. ކަރާ ކެއުމަށް އެންމެ މޮޅު ވަގުތަކީ މެންދުރުގެ ކެއުމަށް ފަހު އެއް ގަޑިއިރު ކޮށްފައި ކަމަށް ބުނެއެވެ. ރަނގަޅީ އެތަނެއްގައި ހުރި ފިނިހޫނު މިނުގައި ކެއުމެވެ.
ކަރަޔާއެކު ތާޒާ ކަދުރު ކެއުމަކީ ވެސް ރަނގަޅު ކަމެކެވެ. އޭރުން ހަށިގަނޑުގެ އެތެރޭގައި ފިނިހޫނުމިން އެއްވަރު ކުރާނެއެވެ.
ލޭމައްޗަށް ދިއުމަށް:- ކަރާ އޮށުން ނުކުންނަ ދިޔައަކީ ލޭހޮޅިތައް ހުޅުވައި ދިނުމަށް އެހީވެދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން ލޭމައްޗަށް ދިއުން ދަށްކޮށްދެއެވެ. އަދި މިއިން ކިޑްނީގެ މަސައްކަތް ރަނގަޅު ކޮށްދެއެވެ. އެންމެ ފުރަތަމަ ހިޔަލުގައި ކަރާ އޮށްތައް ހިއްކާށެވެ. އެއަށްފަހު މި އޮށްތައް މުގުރައި، ފުށަށް ހަދާށެވެ. އެއް ޖޯޑު ފެން ކައްކާށެވެ. މި ފެންފޮދު ކެކިގަތުމުން މި ފުށުގެ 2 ސައިސަމުސާ އަޅާށެވެ. އަދި އެއް ގަޑިއިރު ވަންދެން ބަހައްޓާށެވެ. ފުރޭނުމަށް ފަހު ދުވާލަކު ހަތަރު ފަހަރު ބޯށެވެ.
ޖޯންޑިސްއަށް: ކަރަޔަކީ ދުޅަވެފައިވާ ފުރަމެއަށާއި ޖޯންޑިސް އަށް (ރީދޫހުމަށް) ވެސް ފަރުވާ ލިބޭ އެއްޗެކެވެ.
ކިޑްނީގެ މައްސަލަތަކަށް: އެއް ޖޯޑުގެ ކަރާ ދިޔަ އެއް ރޭ ވަންދެން ހާމަކޮށް ބަހައްޓާށެވެ. (ނުބައިވެދާނެ ކަމެއް ވިޔަނުދީ ބަލަހައްޓަން ޖެހޭނެއެވެ.) ހެނދުނުވުމުން ނަބާޒު ހަކުރާއެކު ބުއިމުން ކިޑްނީ ސާފުވާނެއެވެ.
ހީޓްސްޓްރޯކްއަށް: މިއީ މާބޮޑަށް ހޫނުވެގެން ނުވަތަ އަވީގެ އަސަރުން ޖެހޭ ކުއްލި ބައްޔެކެވެ. ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާއާއެކު 300 – 500ގ. ގެ ކަރާ ކެއުމުން މި ބަލި ޖެހުން ދުރުކޮށްދީ، މި ބަލީގެ ފަރުވާއަކަށް ވެއެވެ.
ބަނޑާއި ހަޖަމުގެ މައްސަލަތަކަށް: ކުޑަ ލޮނުކޮޅަކާއި އަސޭމިރުސްކޮޅަކާއެކު ކަރާ ކެއުމަކީ ބަނޑު ހަރުވުން ދުރުކޮށްދޭ، ހަޖަމު ކުރުމުގެ ތަފާތުމައްސަލަތަކުން ސަލާމަތްވުމަށް އެހީވެދޭ ކަމެކެވެ.
ބޮލުގައި ރިއްސުމަށް: ހެނދުނުގެ ނާސްތާގެ ކުރިން ބިއްލޫރި ތައްޓެއްގެ ކަރާ ދިޔަ އާއި ނަބާޒު ހަކުރާއި އެއްކޮށްގެން ބުއިމަކީ ދުވަސްވެ ދިގުލާ ބޮލުގައި ރިއްސުމަށް ފަސޭހަކޮށްދޭ ކަމެކެވެ.
މިއީ ދަރުމަ މަޖައްލާއަށް މުޞްޠަފާ ލިޔުއްވާފައިވާ ލިޔުމެކެވެ.