ނަޞޭޙަތާއި އިރުޝާދު
އިޙްރާމް ބަނދެފައިވާ މީހާއަށް، ބޯ ފިޔަވައި ހަށިގަނޑުގެ އެހެން ތަނަކުން އިސްތަށި އުފުރުމުގެ ޙުކުމަކީ ކޮބައިތޯ؟

ސުވާލު: އިޙްރާމް ބަނދެފައިވާ މީހާއަށް، ބޯ ފިޔަވައި ހަށިގަނޑުގެ އެހެން ތަނަކުން އިސްތަށި އުފުރުމުގެ ޙުކުމަކީ ކޮބައިތޯ؟

ޖަވާބު: މިމައްސަލާގައި ޢިލްމުވެރިންގެ ރައުޔު ދެ ގޮތަކަށް ތަފާތު ވެގެން ވެއެވެ.

ފުރަތަމަ ރައުޔު: ބޯ ފިޔަވައި ހަށިގަނޑުގެ އެހެން ތަނަކުން އިސްތަށި އުފުރުމަކީ އިޙްރާމް ބަނދެފައިވާ މީހާއަށް ޙަރާމް ކަމެކެވެ. ހަތަރު މަޛްހަބު ކަމުގައިވާ ޙަނަފީ، މާލިކީ، ޝާފިޢީ އަދި ހަންބަލީ މަޛްހަބުގެ ވެސް ރައުޔަކީ މިއެވެ. އަދި އިބްނު ޢަބްދުލް ބައްރު ވަނީ މިކަމުގައި ޢިލްމުވެރިން މެދުގައި ޚިލާފެއް ނުވާ ކަމަށް ވިދާޅުވެފައެވެ.(1)

ފުރަތަމަ ދަލީލު: ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. ﴿ثُمَّ لْيَقْضُوا تَفَثَهُمْ (سورة الحَجُّ29) މާނަ: ދެން އެއުރެންގައިވާ ކުނި މިލަތައް، އެއުރެން ފިލުވާހުށިކަމެވެ!

  • ދަލީލު ނެގޭގޮތް: އައްޝައިޚް މުޙައްމަދު އަލްއަމީން އައްޝަންޤީޠީ އެކަލޭގެފާނު ލިޔުއްވި ޤުރްއާނުނެ ތަފްސީރުގައި މިއާޔަތުގައިވާ “تَفَثَ” ގެ މާނަ ތަފްސީރު ކޮށްދެއްވަމުން ވިދާޅުވެފައި ވެއެވެ. “އެއީ ބޯ ބޭލުމާއި، ފަހާފައިވާ ހެދުން ލުމާއި، ނިޔަފަތި ކެނޑުން ފަދަ ކަންކަން ކުރުމާއެކު އިޙްރާމްގެ ޙާލަތު ދޫކޮށްލުމެވެ. (އެބަހީ، ތަޙައްލުލު ވުމެވެ.)(2) އަދި މިއާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސް ވިދާޅުވެފައި ވެއެވެ. “މިއާޔަތުގައި ވާ “تَفَثَ” ގެ މާނައަކީ، ޖަމްރާއަށް ހިލައުކުމާއި، ހަދްޔު ކަތިލުމާއި، ބޯ ބޭލުން ނުވަތަ ކުރުކޮށް ކޮށުމާއި މަތިމަސް

 

ކޮށުމުގެ އިތުރުން ނިޔަފަތި ކެނޑުމާއި ތުނބުޅިން ވަކި ކުރެވޭ އިސްތައްޓެވެ.”(3) އެބަހީ ސާފުތާހިރުވުމުގެ ގޮތުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ނަމަވެސް ގައިން އިސްތަށި ބޭލުން ނުވަތަ ކޮށޭނީ ތަޙައްލުލު ވުމަށްފަހުއެވެ. ސާފުތާހިރުވުމަށްޓަކައި ގައިން އިސްތައްޓެއް ވަކި ނުކުރެވޭއިރު އެހެން ސަބަބަކަށްޓަކައި ނުވަތަ ކަމަކާ ނުލައި އިސްތަށި އުފުރުން ހުއްދަ ވެގެން ނުވުން މާ އައުލާވެގެން ވެއެވެ. މިއީ މިމައްސަލާގައި ފުރަތަމަ ރައުޔެވެ.

ދެވަނަ ދަލީލު: ދެވަނައަށް ދަލީލު ނަންގަވަނީ ޤިޔާސް ކުރައްވައިގެންނެވެ. ޤިޔާސަކީ ސުންނަތަ ޖަމާޢާތުގެ ހަތަރު މަޛްހަބުގައި (އަދިއްލަތުލް މުއްތަފަޤުން ޢަލައިހާ) ނުވަތަ އެދަލީލު ތަކާ މެދު އިއްތިފާޤުވެފައިވާ ޝަރުޢީ ދަލީލު ތަކުގެތެރޭގައި ހިމެނޭ އަސްލެކެވެ.

މިރައުޔުގެ ޢިލްމުވެރިން، އިޙްރާމުގައިވާ މީހާ، ބޮލުގެ އިސްތައްށި ވަކިކުރުން ޙަރާމް ކުރެއްވުމަށް ގަައިގެ އިސްތަށި ޤިޔާސް ކުރައްވައެވެ. މި ބައިމީހުން ދެކެވަޑައިގަންނަވާ ގޮތުގައި އިޙްރާމުގައިވާ މީހާ، ބޮލުގެ އިސްތައްށި ވަކިކުރުން ޙަރާމް ވުމުގެ ޢިއްލަތަކީ، އެކަމުން  ފަސޭހަ ދިރިއުޅުމަކަށް މަގުފަހިވުމެވެ. ސަބަބަކީ އެކަމުން ސާފުތާހިރުކަން މީހާއަށް ގެނުވައި، އިޙްސާސު ވުމެވެ. އެހެނީ ބޯ ދިގުވުމުން ބޮލުގައި އުކުނު އަޅަން ފަސޭހަވެ، ނުބައި ވަސް ދުވުމުގެ އިޙްތިމާލުވެސް އޮންނާނެއެވެ.(4)

ދެވަނަ ރައުޔު: ބޯ ފިޔަވައި ހަށިގަނޑުގެ އެހެން ތަނަކުން އިސްތަށި އުފުރުމަކީ އިޙްރާމް ބަނދެފައިވާ މީހާއަށް ޙަރާމް ކަމެއް ނޫނެވެ. މިއީ ޡާހިރީންގެ ރައުޔެވެ. އަދި ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވެސް ވަނީ މިރައުޔަށް ތާއީދުކުރަށްވާ ވާހަކަދައްކަވާފައެވެ.

ފުރަތަމަ ދަލީލު: އިޙްރާމުގައި ވާ މީހާއަށް، ބޯ ފިޔަވައި އެހެން ތާކުން އިސްތަށި ވަކިކުރުން ނުވަތަ އުފުރުން މަނާކުރާ ޞަރީޙަ ދަލީލެއް ފެންނާން ނެތުން. އަދި ކުރިންވެސް ބަޔާން ކުރެވިފައިވާ ފަދައިން، ބޮލުން އިސްތަށި ވަކިކުރުން ނުވަތަ ބޭލުން މަނާކުރާ އާޔަތުގައިވެސް ވަނީ ހަމައެކަނި ބޮލުގެ ވާހަކައެވެ. ހަށިގަނޑުގެ އެހެން ތަނެއްގެ ވާހަކައެއް ނުވެއެވެ. އަދި އާޔަތުގައި ބޯ ވަނީ ޚާއްސަ ކުރެވިފައެވެ. އެހެންކަމުން ބޯ ފިޔަވައި ހަށިގަނޑުގެ އެހެން ތަނެއްގައި ވާ އިސްތައްޓެއް މިއާޔަތުގެ މުރާދުގެ ތެރެއަކަށް ނުވަންނާނެއެވެ. އަދި ފުރަތަމަ ރައުޔުގެ ޢިލްމުވެރިން ކުރައްވާފައިވާ ޤިޔާސަކީ ރަނގަޅު ޤިޔާސެއް ނޫނެވެ. ސަބަބަކީ އަލް “މަޤީސް” ނުވަތަ ޤިޔާސް ކުރެވޭ ބައި ކަމަށް ވާ “އިޙްރާމުގައިވާ މީހާ، ބޮލުގެ އިސްތައްށި ވަކިކުރުން ޙަރާމް ކުރެއްވުން” ގެ ޢިއްލަތެއް ކަމުގައި މި ޢިލްމުވެރިން ނަންގަވާ ޢިއްލަތް ނުބައި ވުމެވެ. ފުރަތަމަ ރައުޔުގެ ޢިލްމުވެރިންގެ އަރިހުގައި އެޢިއްލަތަކީ، އެކަމުން  ފަސޭހަ ދިރިއުޅުމަކަށް މަގުފަހިވުމެވެ. ނަމަވެސް އިޙްރާމުގައިވާ މީހާ، ބޮލުގެ އިސްތައްށި ވަކިކުރުން ޙަރާމް ކުރެއްވުމުގެ ޙަޤީޤީ ޢިއްލަތަކީ، ބޯ ބޭލުން ނުވަތަ ކޮށުމުގެ ސަބަބުން ޙައްޖުގެ މަނާސިކު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނުކުރެވޭ ގޮތް ވެދާނެ ކަމެވެ. އެއީ ޢުމްރާ ވުމަށްފަހު ބޯ ބޭލުން ނުވަތަ ކުރުކޮށް ކޮށުމާއި ނަހްރުގެ ދުވަހު ޖަމްރަތުލް ޢަޤަބާ އަށް ހިލަ އުކުމަށްފަހު ބޯ ބޭލުން ނުވަތަ ކުރުކޮށް ކޮށުމެވެ.

އަދި ފުރަތަމަ ރައުޔުގެ ޢިލްމުވެރިން ކުރައްވާފައިވާ ޤިޔާސުގައި، އިޙްރާމުގައިވާ މީހާ، ބޮލުގެ އިސްތައްށި ވަކިކުރުން ޙަރާމް ވުމުގެ ޢިއްލަތް ކަމަށް ޛިކުރުކޮށްފައިވާ “ފަސޭހަ ދިރިއުޅުމަކަށް މަގުފަހިވުން” އެއީ ޞައްޙަ ޢިއްލަތެއްކަމުގައި ނުބެލެވެއެވެ. ސަބަބަކީ ފަސޭހަ ދިރިއުޅުމަކަށް މަގުފަހި ކޮށްދޭޭ ބައެއް އެހެން ކަންކަން ވެސް ކުރުން މަނާ ވެފައި ނުވާތީއެވެ. މިޘާލަކަށް އިޙްރާމް ބަނުމަށްފަހު ކެއުމުގައި އެމީހަކަށް ފަސޭހަ މިންވަރަކަށް ޙަލާލު ކޮންމެ އެއްޗެއް ވެސް ކެވިދާނެއެވެ. މިއީ ދިރިއުޅުން ފަސޭހަ ކޮށްދޭ ކަމެކެވެ. އަދި އިޙްރާމް ބަނދެފައިވާ މީހާ މީރުތަކެތި ކެއުން މަނާ ކުރެވިފައެއް ނުވެއެވެ. ނުވަތަ ވަކި ގަޑިތަކެއްގައި މެނުވީ ކެއުން މަނާ ކުރެވިފައެއްވެސް ނުވެއެވެ. ހަމަ އެބީދައިން ބަލާއިރު އިޙުރާމުގައިވާ މީހާ ހެދުން އަޅާއިރުވެސް ކޮންމެހެން ދިރިއުޅެން ފަސޭހަ ނުވާނޭހެން ހެދުން އެޅުމަކަށް އެނގެވިފައެއް ނުވެއެވެ. އިޙްރާމް ހެދުމުގެ ޝަރުޠުތައް ފުރިހަމަވާނަމަ އެމީހަކަށް ފަސޭހަ ހެދުމެއް އިޙްރާމް ހެދުމުގެ ގޮތުގައި ލެވިދާނެއެވެ. ފިރިހެނާއަށް އިޒާރަކާއި ރިދާއެކެވެ. އަންހެނާއަށް ނިޤާބާއި އަތު އަންގި ފިޔަވައި ފަހާފައިވާ ހެދުންތައް ލެވޭނެއެވެ. އެހެންކަމުން ހަމައެކަނި ބޯ ބޭލުން ޙަރާމް ކުރެވިފައިވަނީ ފަސޭހަ ދިރިއުޅުމަކަށް މަގުފަހި ނުކުރުމަށް ކަމަށް ނުބުނެވޭނެއެވެ.(5)

މިފަދައިން މިމައްސަލަ ތަފްޞީލު ކޮށްދެއްވުމަށްފަހު އިބްނު ޢުޘައިމީން ވިދާޅުވެފައިވަނީ، އިންސާނާ (އޭނާގެ ހަށިގަނޑުން) އިސްތަށި ވަކި ކުރުމުގެ އަސްލަކީ ހުއްދަ ވުމެވެ. އަދި ދަލީލެއް ނެތި އެއްވެސް މީހަކަށް ހަށިގަނޑުން އިސްތައްޓެއް ވަކި ކުރުން މަނާއެއް ނުކުރެވޭނެއެވެ. މިއީ މިމައްސަލާގައި އެންމެ ރަނގަޅު ގޮތް ކަމުގައި ބެލެވެއެވެ. އެހެންނަމަވެސް ރައްކާތެރިކަމުގައި ހިފައި ހަށިގަނޑުގެ އެއްވެސް ތާކުން އިސްތައްޓެއް ވަކި ނުކުރުން އެއީ އެންމެ ރަނގަޅު ގޮތެވެ.(6)

ޚުލާޞާ: މަތީގައި ބަޔާން ކުރެވުނުފަދައިން މި މައްސަލައަކީ އޭގައި ޚިލާފު ވާ މައްސަލައެކެވެ. މިފަދަ މައްސަލަތަކުގައި ދެ ރައުޔުންކުރެ ރައުޔެއްގައި ހިފަން ވާނީ ޢިލްމުގެ އަހުލުވެރިންނާ ސުވާލުކޮށް އަދި ދަލީލުގެ މައްޗަށް ބުރަވެ، އެމީހަކަށް އެއީ ރަނގަޅު ގޮތް ކަމުގައި ބަލައިގަނެވޭ ގޮތް އިޚްތިޔާރު ކޮށްގެންނެވެ. އެމީހަކު އިޚްތިޔާރު ކުރާ ރައުޔެއް އިޚްތިޔާރު ކުރަންވާނީ އެއީ ރަނގަޅު ގޮތް ކަމުގައި ބަލައިގެންނެވެ. އަދި އެގޮތަށް ފުރިހަމައަށް ޢަމަލު ކުރަންވާނެއެވެ. އެއްވެސް ޙާލެއްގައި އިޚްތިލާފީ މައްސަލައެކޭ ކިޔައި، އެކި ވަގުތު އެރި ރައުޔުތަކުގައި ހިފުމަކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫނެވެ. ނަމަވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ، މަތީގައިބަޔާންވެދިޔަފަދައިން، އިޙްރާމް ބަނދެގެންވާ ޙާލު، ބޯ ފިޔަވައި ގައިން އިސްތަށި ވަކިކުރެވޭނެކަމަށް ޤަބޫލުކުރިނަމަވެސް، ރައްކާތެރިކަމުގައި ހިފައި އެފަދަ ކަމެއް ނުކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ ބުއްދިވެރި ގޮތެވެ. ސަބަބަކީ ޙައްޖަކީ އެއްފަހަރު ކުރުމަށް ފަހު ދެން ޢުމުރުގައި ދެވަނަފަހަރަށް ނުކުރެވިދާނޭ ފަދަ އަޅުކަމެކެވެ. އެހެންކަމުން ޙަޔާތުގައި ލިބޭ މިފަދަ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި، ވީހާވެސް ރަނގަޅަކަށް، ނުބައެއް ނުހެދޭނޭހެން ރައްކާތެރިކަމާއެކު ޙައްޖު ވާން މަސައްކަތް ކުރަންވާނެއެވެ.

ރިފަރެންސް:

  • انظر: الاستذكار(4/160)
  • أضواء البيان في إيضاح القرآن بالقرآن (5/ 48)
  • رواه ابن أبي شيبة في المصنف (15917)
  • انظر: (الذخيرة)) للقرافي ( 3 / 308) ، ((المجموع)) للنووي (7 / 247) ((الشرح الكبير)) لشمس الدين ابن قدامة (3 / 267) ، ((كشاف القناع)) للبهوتي ( 2 / 421 ) ، ((أضواء البيان)) للشنقيطي (5 / 46), ((الشرح الممتع)) لابن عثيمين (7 / 116)
  • انظر: الشرح الممتع لابن عثيمين (7 / 116)
  • ((الشرح الممتع)) لابن عثيمين (7 / 116-117))
3