ނަޞޭޙަތާއި އިރުޝާދު
ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާ، އިޙުރާމް ބަނުމުގައި ކަންތައްކުރާނީ ކިހިނަކުންތޯ؟

ސުވާލު: ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާ، އިޙުރާމް ބަނުމުގައި ކަންތައްކުރާނީ ކިހިނަކުންތޯ؟

ޖަވާބު: ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާ، މީޤާތުގައި އިޙްރާމް ބަނުމުގެ ކުރިން ހިނައިގަތުން ހުއްޓެވެ. އަދި ގެފުޅު ވަށައިގެން ޠަވާފުކުރުން ފިޔަވައި ޙައްޖުގައި އެހެން މީސްތަކުންނޭ އެއްގޮތަށް ޙައްޖުގެ އަޅުކަންތައް ކުރުމުގައި މަޝްޣޫލު ވެވޭނެއެވެ. ފަހެ އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. عَنْ جَابِرِ بْنِ عَبْدِ اللَّهِ، – رضى الله عنهما – فِي حَدِيثِ أَسْمَاءَ بِنْتِ عُمَيْسٍ حِينَ نُفِسَتْ بِذِي الْحُلَيْفَةِ أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَمَرَ أَبَا بَكْرٍ – رضى الله عنه – فَأَمَرَهَا أَنْ تَغْتَسِلَ وَتُهِلَّ‏.‏‏(1) 

މާނަ: ޖާބިރު އިބްނު ޢަބްދުﷲ ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެން ވެއެވެ. ޛުލްޙުލައިފާގައި (މަދީނާގެ އަހުލުވެރިންގެ މީޤާތުގައި) އަސްމާ ބިންތު ޢުމައިސް ނިފާސް ވާން ފެށުމާއެކު، ހިނައިގަތުމަށްފަހު އިޙްރާމް ބަނުމަށް އެކަމަނާ އަށް އަމުރުކުރެއްވުމަށް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް، (އަސްމާ ބިންތު ޢުމައިސްގެ ފިރިކަލުން) އަބޫބަކުރުގެފާނަށް އެންގެވިއެވެ.

އަދިވެސް، އަބޫ ދާވޫދު ރިވާކުރައްވާ، ޝައިޚް އަލްއަލްބާނީ ޞައްޙަ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. عَنْ ابْنِ عَبَّاسٍ، – رضى الله عنهما – أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الْحَائِضُ وَالنُّفَسَاءُ إِذَا أَتَتَا عَلَى الْوَقْتِ (أَيْ : الْمِيقَات) تَغْتَسِلانِ وَتُحْرِمَانِ وَتَقْضِيَانِ الْمَنَاسِكَ كُلَّهَا غَيْرَ الطَّوَافِ بِالْبَيْتِ”(2) 

 

މާނަ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ އަށް މީޤާތާ ހަމައަށް އާދެވިއްޖެނަމަ، އެދެބައިމީހުން ހިނައިގަނެ، އިޙުރާމް ބަންނާށެވެ. އަދި ކަޢުބާގެ ވަށައިގެން ޠަވާފު ކުރުން ފިޔަވައި ޙައްޖުގެ އެހެން މަނާސިކުތައް (އަޅުކަންތައް) އަދާކުރާށެވެ.”

 

ރިފަރެންސް:

  • رواه مسلم (1218)
  • رَوَاهُ أَبُو دَاوُد (1744) وصححه الألباني في سنن أبي داود .
0