ނަޞޭޙަތާއި އިރުޝާދު
ރަސޫލުﷲ ﷺ: ކޮންފަދަ ކެތްތެރި ނަބިއްޔެއްތޯ؟

މާތް ނަބިއްޔާ ﷺ އަކީ ދިރިއުޅުމުގެ އެންމެހާ ކަންކަމެއްގައިވެސް އަޅުގަނޑުމެންނަށްވާ ރިވެތި ނަމޫނާއެކެވެ. ކެތްތެރިވެވަޑައިގަތުމުގައިވެސް އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ނަމޫނާ ބޭކަލެއްކަމުގައެވެ.

ރަސޫލުﷲ ﷺ އަށް 3 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ:

  1. އަލްޤާސިމް

ރަސޫލުﷲ ﷺ  ނަބީކަމައިގެން ފޮނުންވުމުގެ ކުރިން އެކަލޭގެފާނު އުފަންވެވަޑައިގެންނެވިއެވެ. ނަބިއްޔާ ﷺ  ކުންޔާއެއްގެ ގޮތުގައި މިނަން އަބުލް ޤާސިމް މިފަދައިން ބޭނުންކުރެވުނެވެ. އަލްޤާސިމް އަވާހާރަވީ އުމުރުފުޅުން ދެއަހަރުފުޅުގައެވެ.

  1. ޢަބްދުﷲ

ރަސޫލުﷲ ﷺ  ދަރިކަލުން ޢަބްދުﷲ އުފަންވެވަޑައިގަތީ ރަސޫލުﷲ ﷺ  ނަބީކަމައިގެން ފޮނުއްވުނުފަހުންނެވެ. އަދި ހިޖްރައިގެ ކުރިން މައްކާގައި ވަރަށް ތުއްޕުޅުއިރު އަވަހާރަވެއްޖެއެވެ.

  1. އިބްރާހީމް

ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ލިބިވަޑައިގެންނެވީ އިބްރާހީމްއެވެ. އެއީ ހިޖްރައިން 8 ވަނައަހަރެވެ.

  1. ޒައިނަބު ރަޟިޔަﷲ ޢަންހާ

ރަސޫލުﷲ ގެ އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ޒައިނަބުގެފާނެވެ.

  1. ރުޤައްޔާ ރަޟިޔަﷲ ޢަންހާ

އެކަމަނާ ޢުޘްމާނުގެފާނާއި ކައިވެނި ބައްލަވައިގެންނެވިއެވެ. އަދި އެކަމަނާވަނީ ދެ ހިޖްރަކުރައްވާފައެވެ. އަވަހާރަވީ ރަސޫލުﷲ ﷺ  ބަދުރު ހަނގުރާމައަށް ނުކުމެވަޑައިގެން މަދީނާއިން ބޭރުގައި ވަނިކޮށް ހިޖްރައިން ދެވަނަ އަހަރެވެ.

  1. އުއްމު ކުލްޘޫމް ރަޟިޔަﷲ ޢަންޙާ

ރަސޫލުﷲ ﷺ  ގެ ދަރިކަލުން ރުޤައްޔާ ރަޟިޔަﷲ ޢަންހާ އަވަހާރަވުމުން ދެން ޢުޘްމާނުގެފާނު ކައިވެނިބައްލަވައިގަތީ އުއްމު ކުލްޘޫމް ރަޟިޔަﷲ ޢަންހާ އާއެވެ. ޢުޘްމާނުގެފާނަށް ޛުއްނޫރައިނިގެ ލަޤަބު ލިބިވަޑަގެންނެވީ މިސަބަބަށްޓަކައެވެ.

  1. ފާޠިމާ ރަޟިޔަﷲ ޢަންހާ

ރަސޫލުﷲ ﷺ  ގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުންގެ ތެރެއިން އެކަލޭގެފާނު އަވަހާރަވީއިރު ދުނިޔޭގައި ހުންނެވީ ހަމައެކަނި ފާޠިމަތުގެފާނެވެ. އެހެންނަމަވެސް ރަސޫލުﷲ ﷺ  އަވަހާރަވުމަށްފަހު މާގިނަ ދުވަހެއްނުވެ އެކަމަނާވެސް އަވަހާރަވެއްޖެއެވެ.

 

ދުނިޔޭގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ ގިނަ ބޭފުޅުންތަކެއް އަވަހާރަވުމަކީ ޔަޤީނުންވެސް އެކަލޭގެފާނުގެ ހިތްޕުޅަށް ވަރަށް އަސަރުކުރުވާނެކަމެކެވެ. އެކަލޭގެފާނުގެ ކެތްތެރިކަން ހިތައް ގެނެވޭތޯއެވެ. ﷺ

 

0