ނަޞޭޙަތާއި އިރުޝާދު
މަށަށް މިކަން ދިމާ މިވީ ކީއްވެ؟

މި އަރޓިކަލް ގައި މި ބަލާލަނީ މުޞީބާތްތައް މެދުވެރިވާ ބައެއް ސަބަބުތަކަށެވެ.

• ތިބާއަށް ދުނިޔެމަތީގައި މުޞީބާތްތައް ޖެހުމަކީ އުޚުރަވީ އަޒާބު ކުޑަ ކޮށްދޭނެ ކަމެކެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
إِذَا أَرَادَ اللَّهُ بعبْدِهِ خَيْرًا عجَّلَ لَهُ الْعُقُوبةَ في الدُّنْيَا، وإِذَا أَرَادَ اللَّه بِعبدِهِ الشَّرَّ أمسَكَ عنْهُ بذَنْبِهِ حتَّى يُوافِيَ بهِ يَومَ الْقِيامةِ.
أخرجه الترمذي، كتاب الزهد ، باب ما جاء في الصبر على البلاء (4/ 601)، رقم: (2396)
”ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އިލާހުގެ އަޅަކަށް ރަނގަޅު ގޮތް މެދުވެރިކުރެއްވުމަށް އިރާދަކުރައްވައިފިނަމަ، އެމީހަކަށް ދުނިޔެމަތީން (އެމީހެއްގެ ފާފަތަކުގެ މައްޗަށް) މުޞީބާތް ޖައްސަވައި، އާޚިރަތުގެ އަޒާބުން ސަލާމަތްކުރައްވައެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅަކަށް ނުބައި ގޮތް މެދުވެރިކުރެއްވުމަށް އިރާދަކުރައްވައިފިނަމަ، އެމީހެއްގެ ފާފަތަކަށް ދުނިޔެމަތީން އެއްވެސް އުޤޫބާތެއް ނުޖައްސަވާ، (ފާގަތިކަމުގައި) ބެހެއްޓެވުމަށްފަހު، އާޚިރަތްދުވަހުން އެހުރިހާ ފާފަތަކަށް އެއްކޮށް އަޒާބު ދެއްވަވައެވެ.“

• އިހުގެ އުއްމަތްތަކުގެ މާތް ﷲއަށް އީމާންވީ އަޅުތަކުންނަށްވެސް ބޮޑެތި މުޞީބާތްތައް ޖެހުނެވެ.
أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لاَ يُفْتَنُونَ (العنكبوت: 2).
މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟
وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ (العنكبوت: 3).
އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (أمّة ތަކުގެ) މީހުން، ތިމަންރަސްކަލާނގެ امتحان ކުރެއްވީމެވެ. ފަހެ (إيمان ކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ.

• މުޞީބާތްތަކުގެ ސަބަބުން ފާފަތައް ފުހެވިގެންދެއެވެ.
އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ.
“ مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ “
އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާއި ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ކުއްފާފަތައް ނުފުއްސަވާނޭ މުއުމިނަކު ނުވެއެވެ.
ބަލިބަލީގެ ސަބަބުން މީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟުރަތުގައި އުފުލި އޭނާގެ ކުދިފާފަތައް އެކަމުގެ ސަބަބުން ފުހެވިގެން ދެއެވެ.
قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: (مَا مِنْ مُسْلِمٍ يُصِيبُهُ أَذًى مِنْ مَرَضٍ، فَمَا سِوَاهُ إِلَّا حَطَّ اللهُ بِهِ سَيِّئَاتِهِ، كَمَا تَحُطُّ الشَّجَرَةُ وَرَقَهَا)
(2571) صحيح مسلم
މާނައީ: ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ. “މުސްލިމަކަށް ދަތި އުނދަގޫ މުޞީބާތެއް (ބައްޔެއް، ނޫނީ އެފަދަކަމެއް) ޖެހިއްޖެ ކަމުގައި ވަނީނަމަ، (ވަޔާއެކު) ގަހުން ފަތްތަށް ފައިބައިގެން ދާފަދައިން، ﷲ ތަޢާލާ އޭނާގެ ފާފަތައް ފުއްސަވާދެއްވައެވެ.”
މުއުމިނު އަޅާއަށް ކުރިމަތިވާ މުސީބާތްތަކަކީ ނިއުމަތެކެވެ. އަދި ބަލިތަކާއި ދަތި އުނދަގޫކަމަކީ އޭނައަށްޓަކައި ވާ ހެވެކެވެ.

• މުޞީބާތްތައް ބޮޑުވާވަރަކަށް، ލިބޭ އަޖުރުވެސް ބޮޑުވާނެއެވެ.
ތިބާއަށް ކުރިމަތިވާ މުޞީބާތްތަކަކީ, ﷲ ތަޢާލާ ތިބާދެކެ ލޯބިވެވޮޑިގެންނަވާކަމުގެ ޢަލާމާތެކެވެ. އަދި އެއީ ސުވަރުގެ އަށް ވާސިލު ވުމަށް ތިބާއަށް ކޮށިގެންދާ މަގެއްކަމުގައި ވެގެން ދެއެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.
(إِنَّ عِظَمَ الْجَزَاءِ مَعَ عِظَمِ الْبَلاءِ ، وَإِنَّ اللهَ إِذَا أَحَبَّ قَوْمًا ابْتَلاهُمْ ، فَمَنْ رَضِيَ فَلَهُ الرِّضَا ، وَمَنْ سَخِطَ فَلَهُ السُّخْطُ)
މާނައީ: “ހަމަކަށަވަރުން ބޮޑެތި ހެޔޮޖަޒާތައް ލިބޭހުށީ ބޮޑެތި މުޞީބާތްތަކަށް ކެތްކޮށްގެންނެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާ ބަޔަކުމީހުންދެކެ ލޯބި ވެވޮޑިގަންނަވައިފިނަމަ، އެބައިމީހުން އިމްތިޙާނު ކުރައްވައެވެ. ފަހެ އެކަމަށް ރުހިއްޖެ ކަމުގައި ވަނީނަމަ، ﷲ ތަޢާލާގެ ރުއްސެވުން އެބައިމީހުންގެ މައްޗަށްވެއެވެ. އަދި އެކަމާއި ނުރުހިއްޖެ ކަމުގައި ވަނީނަމަ، ﷲ ތަޢާލާގެ ނުރުއްސެވުން، އެބައިމީހުންގެ މައްޗަށްވެއެވެ.”
(السلسلة الصحيحة) 1 / 227

• މުޞީބާތްތަކަށްފަހު އުފާވެރިކަމާއި ފާގަތިކަން އަންނާނެއެވެ.
إِنَّ مَعَ الْعُسْرِ يُسْرًا
(سورة الشرح:6)
ހަމަކަށަވަރުން ދަތިކަމާއިއެކު ފަސޭހަކަންވެއެވެ.
• ކޮންމެ މުޞީބާތެއްގެ ފަހަތުގައި އެތައް ހެވެއް ފޮރުވިފައިވާނެއެވެ.
وَعَسَىٰ أَن تَكْرَ‌هُوا شَيْئًا وَهُوَ خَيْرٌ‌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ‌ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ– سورة البقرة 216
މާނަ : ” އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ލޯބިކުރާކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވިއެވެ.
عَجَباً لأمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ لَهُ خَيْرٌ، وَلَيْسَ ذَلِكَ لأِحَدٍ إِلاَّ للْمُؤْمِن: إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْراً لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خيْراً لَهُ. رواه مسلم.
”މުއުމިނާގެ ކަންތަކާއިމެދު އަޖާއިބު ހުއްޓެވެ. އޭނާގެ ހުރިހާ ކަމަކީވެސް ހެޔޮ ކަމެވެ. މުއުމިނެއްގެ ކިބައިގައި މެނުވީ އެކަން އެގޮތަށް ނުވެއެވެ. އޭނާއަށް އުފާވެރިކަމެއް ލިބިއްޖެއްޔާ ޝުކުރުކުރެއެވެ. އެކަން އޭނާއަށް ހެޔޮކަމެއް ކަމުގައި ވެދެއެވެ. އަދި އޭނާއަށް މުޞީބާތެއް ކުރިމަތިވެއްޖެއްޔާ ކެތްތެރިވެއެވެ. ފަހެ އެ ކަންވެސް އޭނާއަށް ހެޔޮކަމެއްކަމުގައި ވެއެވެ.“

0