ދުނިޔެ މަތީގައި ﷲ އަށް އީމާންވެ، އެއިލާހު އެންގެވި ގޮތުގައި އެ މީހެއްގެ ޙަޔާތުގެ ދުވަސްތައް ވޭތުކޮށްފި މީހާއަށް ލިބޭ އިނާމަކީ ސުވަރުގޭގެ ދާއިމީ ނިޢުމަތެވެ. އެއީ ލޮލަކަށް ފެނިފައި ނުވާ، ކަންފަތަކަށް އަޑު އިވިފައި ނުވާ، ހިތަކަށް ތަޞައްވުރު ނުވާ، ނިޢުމަތްތަކެވެ. ރީތި ކަމާއި، ފުރިހަމަކަމާއި، އަރާމާއި ލައްޒަތާއި، އުފަލާއި ހިތްހަމަޖެހުމުން ފުރިގެންވާ ސުވަރުގެއެވެ.
ސުވަރުގޭގެ އަހުލުވެރިންނަށް ލިބޭ ނިޢުމަތްތައް ޢަދަދު ނުކުރެވޭހާ ގިނަގުނައެވެ. އަދި އެ ހުރިހާ ނިޢުމަތްތަކަށްވުރެ ބޮޑުވެގެންވާ ނިޢުމަތެއް ވެއެވެ. އެއީ މުއުމިނު އަޅުތަކުން އެ ނިޢުމަތަކަށް އެންމެ ޝައުޤުވެރިވާނޭ ނިޢުމަތެވެ. އެ ނިޢުމަތް ލިބުމުން އެހެން ހުރިހާ ނިޢުމަތްތަކުގެ މަތިން ހަނދާން ނެތޭ ބޮޑު ނިޢުމަތެވެ. ލައްޒަތާއި ހިތްހަމަޖެހުމުން ފުރިގެންވާ ދެވަނައެއް ނެތް ފަދަ އަގުބޮޑު ނިޢުމަތެވެ. އެއީ ﷲ ގެ ޙަޟްރަތަށް ދިއުމަށް ދެވޭ ދަޢުވަތެވެ. އަދި އުޑުތަކާއި ބިންތަކާއި އެތަންތަނުގައި ލެއްވިގެންވާހައި ތަކެއްޗެއްގެ ވެރި ރަސްކަލާނގެ، ޖައްބާރުވަންތަ ގަދަ ކީރިތިވަންތަ އަރަހުށި މާތް ﷲ، މުއުމިނުންގެ ލޯތަކަށް ފެނުމުގެ ނިޢުމަތެވެ. އެހެން އެއްވެސް އެއްޗަކާ ވައްތަރުވުމެއް، އެއްފަދަ ވުމެއް ނެތް، ގަދަކީރިތިވަންތަ ހުސްޠާހިރުވަންތަ އެންމެ ފުރިހަމަ، އެންމެ ރީތި ވަޖުހުފުޅަށް ބެލުމުގެ ލައްޛަތެވެ.
ﷲ ގެ ދީދާރުފުޅު ދުށުމުގެ މިނިޢުމަތަކީ، އެ ނިޢުމަތަކަށްޓަކައި އިންސާނުން ގަދައަޅައި މަސައްކަތްކުރަންވީ ނިޢުމަތެވެ. ފަހެ މިއަށްވުރެ ބޮޑު ނިޢުމަތަކީ ކޮބައިހެއްޔެވެ؟ އަދި މުއުމިން އަޅުތަކުން މިއަށްވުރެ ބޮޑަށް ޝައުޤުވެރިވާނެ ދެވަނަ އެހެން ކަމަކީ ކޮބައި ހެއްޔެވެ؟ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން އެންމެންނަށް އިބައިލާހުގެ ވަޖިހުފުޅަށް ބެލުމުގެ ނިޢުމަތް ދެއްވާނދޭވެ!