އަޚްލާޤު
ސުވަރުގޭގެ ބަގީޗާއެއްގައި ވާން ބޭނުންތަ؟

ތިބާގެ މުސްލިމް އަޚާ ބަލިވުމުން ޒިޔާރަތްކުރުމަކީ މާތް މަތިވެރި އަޅުކަމެކެވެ. ބައެއް ޢިލްމުވެރިން އެއީ ގަދަވެގެންވާ ސުންނަތެއް ކަމުގައި ވިދާޅުވާއިރު، އަނެއްބައި ޢިލްމުވެރިން އެއީ ކިފާޔަތުގެ ފަރުޟެއް ކަމުގައި ވިދާޅުވެއެވެ.

ރަސޫލުﷲ ގެ ބައެއް ޙަދީޘްފުޅުތަކުން އެނގޭގޮތުގައި އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން ޙައްޤެކެވެ.  އެގޮތުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (حَقُّ اَلْمُسْلِمِ عَلَى اَلْمُسْلِمِ سِتٌّ) މާނައީ: ”އެއްމުސްލިމަކު އަނެއް މުސްލިމްމީހާގެ މައްޗަށްވާ ޙައްޤުތައް ހައެކެވެ.“ އޭގެތެރެއިން އެއްކަމަކަށް އެކަލޭގެފާނު ޙަދީޘްކުރެއްވީ: (وَإِذَا مَرِضَ فَعُدْهُ) މާނައީ: ”އަދި އޭނަ ބަލިވާހިނދު އޭނާއަށް ޒިޔާރަތްކުރާށެވެ.“

އަދި ހަމައެފަދައިން ބަލިމީހާއަށް ޒިޔާރަތްކުރުމުގެ މާތްކަން ބަޔާންކުރައްވައި ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ. (إِنَّ الْمُسْلِمَ إِذَا عَادَ أَخَاهُ الْمُسْلِمَ لَمْ يَزَلْ فِي خُرْفَةِ الْجَنَّةِ حَتَّى يَرْجِعَ) رواه مسلم (2568)

މާނައީ: ހަމަކަށަވަރުން މުސްލިމްމީހާ އޭނާގެ މުސްލިމް އަޚާއަށް(އޭނާ ބަލިވުމުން) ޒިޔާރަތްކޮށްފިނަމަ އޭނާ އެނބުރި އަންނަންދެން ވާހުށީ ސުވަރުގޭގެ ބަގީޗާއެއްގައެވެ.

މަތިވެރި، މާތް ޢަމަލެއް ނޫންތޯއެވެ؟ ފަހެ ސުވަރުގޭގެ ބަގީޗާއެއްގައި ވުމަށް ނޭދޭނީ އަޅުގަނޑުމެންގެ ތެރެއިން ކާކުތޯއެވެ؟

6