ނަޞޭޙަތާއި އިރުޝާދު
ޕިއަރ ޕްރެޝަރ (ރަޙުމަތްތެރިންގެ ނުފޫޒު)

މަގޭދަރިފުޅު އެކުއެއުޅޭ ކުދިންނަކީ ކޮންކަހަލަ ކުދީންނެއްބާއެވެ؟ އެކުދީންނާއި ގުޅިގެން އޭނާ ގޯސް ގޮތަކަށް އުޅޭކަށް ނުފަށާނެބާއެވެ؟ މިއީ ހުރިހާ ޒަމާނެއްގައިވެސް މައިން ބަފައިންކުރަމުން އަންނަ ސުވާލެކެވެ. އެކަމު މިއަދު މިސުވާލުކުރެވެނީ ހަޤީޤަތުގައިވެސް ވަރަށް ބޮޑަށް ކަންބޮޑުވެ ހާސްކަން މަތީ ތިބެގެނެވެ. ކުރިމަތީގައި ފެންނަމުންދާ މަންޒަރުތަކެއްގެ ސަބަބުންނެވެ. ލޯމަރާލާ ފުރަގަސް ދޭންބޭނުންވިއަސް އެހެން ހެދޭކަށް ނެތެވެ. ”މަގޭދަރިފުޅު އެހެންނެއް ނުއުޅޭނެއޭ“ ބުނެ ހިތްހަމަ ޖައްސާލައިގެން ތިބެއްޖެބަޔަކަށް އެކަމުގެ ހިތިނަތީޖާ ނުފެނި ދިއުމަށްވުރެ ގާތީ ފެނުމެވެ. ޅައުމުރުގައި ކުދީންނަށް މިހާރު ކުރިމަތިވެފައިވާ އެކިއެކި ހެއްލުންތައް މިއޮތީ ފެންނާށެވެ. މަސްތުވާތަކެއްޗާއި ތަޅާފޮޅުމެވެ. ޖިންސީ އެކިއެކި ޖަރީމާތަކާއި ވައްކަމެވެ. މުޖުތަމަޢުގައި ނުރަނގަޅު ކަމެއްވާނަމަ އެކަމެއް ދަނީ މިކުދީންނަށް ދަޢުވަތުދެމުންނެވެ. މިކަމުގެ ސަބަބުން އެތައް ކުދީންނެއްގެ ދިރިއުޅުން ހަލާކުވެ އެތައް ޢާއިލާއެއް ހިތާމައިގައި އުޅެން ވަނީ ޖެހިފައެވެ. މިމައްސަލައިގެ މައިގަނޑު އެއް އަސްލެއްކަމުގައި ފެންނަނީ އެކުއުޅޭ ކުދީން ނުވަތަ ވަށައިގެންވާ މާހައުލެވެ. ވީމާ ވަކި ގޮތަކަށް އުޅޭ ކުދިބަޔަކާއެކު ތިމާގެ ދަރީން އުޅުނަނުދިނުމަށް އެތައް މަސައްކަތެއް ކުރެވެއެވެ. އެއީ ކިތަންމެ ވިސްނައިގެން އުޅުނު ނަމަވެސް އެކުއުޅޭކުދީންނާއި އެއްގޮތް ވުމަށާއި އެކުދީންގެ މަޤުބޫލުކަން ހޯދުމަށް އުޅުމަކީ ނުވެނުދާނެ ކަމެކެވެ. މިއެޅޭބާރަށް ”ޕީއަރ ޕްރެޝަރ“ އޭ ކިޔެއެވެ.

ނަމަވެސް މި ”ބާރަކީ“ ހަމައެކަނި ފުރާވަރުގެ ކުދީންނަށް އޭގެ އަސަރު ކުރާ ބާރެއްބާއެވެ؟ އެކުދީންނަށް މީގެ އަސަރުކޮށްފާނެތީ ފިކުރުބޮޑުވެފައިވާ މައިންބަފައިން ތިބެނީ މީގެ އަސަރުން ސަލާމަތްވެގެން ބާއެވެ؟ ”މީހުން ބުނާނީ ކީކޭބާއެވެ؟ މަލާމާތް ކުރާނީ ބާއެވެ؟ މިކަން މިކުރަނީ ކީއްވެކަން އެމީހުންނަށް ވިސްނޭނެބާއެވެ؟ މިއީ އަބަދުމެ ހިތަށް ވަންނަ ސުވާލުތަކެކެވެ. މި ސުވާލުތަކުގެ ފަހަތުގައިވަނީ ކުރިން ބުނެވުނުކަހަލަ ”ބާރެކެވެ.“ މީހުން ގެ މަލާމާތް ރައްދުވުމަށް ވެވޭ ނުރުހުމެވެ. މީސްތަކުންގެ ޤަދަރާއި ލޯބި އަބަދު ލިބިލިބި ހުރުމަށް އެދެވޭ އެދުމެވެ. އާދޭހެވެ. ފުރާވަރު ގެ ކުދީން އެކިއެކި ނުރަނގަޅު ޢަމަލުތައް ކުރުމަށް އޮންނަ ބާރާއި ދާދި އެއްގޮތް ބާރެކެވެ. ވަރަށް ފުރިހަމަ އަދި ހުރިހާ ކަމެއްވެސް ރަނގަޅަށް ހިނގާ މުޖުތަމަޢެއްގައި މިބާރު ވާނީ ހެޔޮކަންކަމަށް މަގުފަހިކުރާ ބާރަކަށެވެ. ނަމަވެސް މިފަދަމުޖުތަމަޢަކީ މިހާރު މީސްތަކުންގެ ޚިޔާލާތުން ނޫނީ ފެންނަށް އޮތް މުޖުތަމަޢެއްނޫނެވެ. ހަޤީޤަތުގައި މިހާރު ފެންނަ ގިނަ މުޖުތަމަޢުތަކުގައި މި ބާރު އޮންނަނީ
ނުރަނގަޅު ކަންތަކަށް ބާރުއަޅާ އަދި އެކަންތައް އެކިގޮތްގޮތަށް ”ފަރި“ ކޮށްދޭ ބާރަކަށް ވެފައެވެ. ކަމެއް ރަނގަޅުތޯ ނުވަތަ ނޫންތޯގެ ސުވާލު މިހާރު ބަދަލުވެފައި އޮންނަނީ މި މީހުނަށް ކަމުދާނެކަމެއްތޯ ނޫނީ ނޫންތޯއެވެ.

މިކަމުގެ އަސަރުތައް ގިނައިން ފެންނަނީ ޣައިރު މުސްލިމް މުޖުތަމަޢު ތަކުގައި އުޅޭ މުސްލިމުންގެ ކިބައިންނެވެ. ގިނަމީހުން ކުރާތީ އާއި މީހުންގެ ރުހުން ލިބުމުގެ ބޭނުމުގައި އެކިއެކި ދީންތަކުގެ އިޚުތިފާލުތަކުގައާއި ޕާރޓީ ތަކުގައި ބައިވެރިވެވެއެވެ. ކްރިސްމަސް ޕާރޓީ އާއި ނިވް ޔިއަރ ފާހަގަ ކުރުމުގައެވެ. ދީވާލީ އާއި ހޯލްގައެވެ. ތޭންކްސް ގިވިން އަދި ހެޔޮވީން ގެ ”މަޖާ“ ގަނޑުގައެވެ. ”އަހަރުމެންގެ ހިތުގައި އެއްވެސް ގޯސް އެއްޗެއް“ ނޯންނާތީ އެހެން ދީނެއްގެ ކަމެއްގައިވެސް ބައިވެރިވުމުގެ ހުއްދަ އަމިއްލައަށް ލިބި ގަނެގެނެވެ. ހަޤީޤަތުގައި ”ޕިއަރ ޕްރެޝަރ“ އަށް ބޯލަނބާ ލެވެނީއެވެ. އެވަގުތެއްގައި ވަށައިގެންވާ މުޖުތަމަޢުގެ ގިނަ މީސްތަކުންގެ ރުހުން ލިބުން އެއީ އެންމެ މުހިންމު ކަމަކަށް ހެދެނީއެވެ.

ހަނދާނަށް އަންނަނީ އީރާނަށް ހިޖުރަކުރި އިނގިރޭސިއެއްގެ ގާތު ތިފަދަތަނަކަށް ހިޖުރަ ކުރަނީ ކީއްވެހޭ އެހުމުން ދިން ޖަވާބެވެ. އޭނާބުންޏެވެ. ތިމަން ކުޑައިރު އެއްޖިންސުގެ މީހުން ޖިންސީ ގުޅުން ހިންގުމަކީ މުޅީން މަނާކަމެކެވެ. އަދަބު ލިބެއެވެ. އަދި ނަފްސާނީ ބައްޔެއްކަމަށް ބެލެވި އެތައް ބޭހެއްކުރެވެއެވެ. ދެން މިހާރު އެއީވެސް ހަމަ އެންމެ ރަނގަޅުކަމެއްކަމަށް ބެލެވެން ފަށައިފިއެވެ. އަހަރެން މި ބިރުގަންނަނީ ދުވަސްކޮޅަކުން މި މުޖުތަމަޢުއިން އެއްޖިންސުގެ ގުޅުން ހިންގުމަކީ މަޖުބޫރުކަމެއްކަމަށް ހަދާފާނެތީއެވެ. އާދޭހެވެ. އެކުއުޅޭމީހުންގެ ތެރޭގައި ގިނައީ އެއްޖިންސުގެ ގުޅުން ހިންގާ މީހުންކަމުގައިވާނަމަ މިހާރު މިވާގޮތުން ވިއްޔާ އެއީ އެންމެ ރަނގަޅުކަމެއްކަމަށް ބެލެވެންވީއެވެ. ނޫނީ ކޮންމެ ގޮތަކުންވިއަސް އެމީހުންގެ ބަލައިގަތުން ހޯދުންބޭނުންވާ މީހާ އެކަމުގެ ތެރެއަށް ވަންނަންވީއެވެ. ޅަފަތުގައި މަސްތުވާތަކެއްޗާއި އަދި އެހެނިހެން ކަންތަކުގެތެރެއަށް ވަންނަ ކުދީންނަށްވެސް ވާގޮތަކީ މިއީއެވެ.

ޣައިރު މުސްލިމް މުޖުތަމަޢު ތަކުން މިކަން ގިނައިން ފެނުނު ކަމުގައި ވިއަސް ޚުދު މުސްލިމް މުޖުތަމައުތަކުގައި އުޅޭ މުސްލިމުންގެ ކިބައިންވެސް މިކަމުގެ އަސަރުތައް ފެންނަމުންދެއެވެ. އެހެނީ މިހާރު ރަނގަޅުނުބައި ވަރަށް ފަސޭހައިން ވަކިވާން އޮތަސް އެކަމާއި އުޅޭނެ ވަގުތެއް މީސްތަކުންނަކަށް ނުވެއެވެ. އެއަށްވުރެ އުޅެންޖެހިފައިވާލެއް މާބުރައެވެ. ނަތީޖާއަކަށް ވަނީ އެނގިތިބެ ނުވަތަ ނުއެނގިތިބެވިޔަސް ރަނގަޅުކަންތަކަށް ތަރުހީބު ދިނުމުގެ ބަދަލުގައި ގިނަ މީސްތަކުން އެކަންތަކަށް ފުރައްސާރަކޮށް، ނުރަނގަޅު ކަންތަކަށް ތަރުހީބު ދެވުމެވެ. ދެން ”ޕިއަރ ޕްރެޝަރ“ އޮންނާނެ ގޮތާއި މެދު ވިސްނަވާށެވެ. މި ބާރުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެކުގައި ގިނަވަގުތު އުޅެވޭ މީހުންގެ ފުށުންނެވެ. ”މަޖުތަމަޢުއަކީ“ އެމީހަކަށް އެއީއެވެ. އަދި ”ދެންމިހާރު މިތިބެވެނީ އެއްގޯސްވެފައޭ“ ބުނުމަކުންވެސް އެކަމުން ސަލާމަތްވެވުނީކީ ނޫނެވެ. މީގައި ކުރަންޖެހޭނެ ކަމަކީ އެކުއުޅޭ މީހުން ވިސްނައިގެން ޚިޔާރު ކުރުމެވެ. އަދި އެއަށްވުރެވެސް ބޮޑަށް ސަމާލު ވާންޖެހޭކަމެއްވެއެވެ. އެއީ އެކިއަތަށް މިލަންބުވާ ބާރު ދެނެގަތުމެވެ. ފުރާވަރުގެ ކުދީން މި ނޭދެވޭ ބާރުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެމުން ތިމާމެންވެސް ހަމަ އެފަދަ ކަންތަކުން ސަލާމަތް ވެވޭނީ ވިސްނައިގެން ތިބެގެންކަން ޤަބޫލު ކުރުމެވެ. ކަމެއްގައި ބަލަންވީ ހަޤީޤަތުގައިވެސް އެއީ ރަނގަޅުކަމެއްތޯއެވެ. ނުވަތަ ނޫންތޯއެވެ. މީހުންގެ (ޚާއްޞަކޮށް އެންމެ ގާތްކޮށް އެކުއުޅެވޭ މީހުންގެ) ރުހުން ލިބޭނެތޯ ނޫނީ މަލާމާތް ރައްދުވާނެތޯއެއް ނޫނެވެ. ހަޤީޤަތުގައިވެސް ރަނގަޅު ކަމެއްނަމަ އެކަމަކައިގެން ކުރިއަށް ދިއުމުގައި މަލާމާތްތެރިއެއްގެ މަލާމާތައް ޖެހިލުންވުމަކީ މުސްލިމުންގައި ހުރުން ރަނގަޅު ސިފައެއްނޫނެވެ. ”ޕިއަރ ޕްރެޝަރ“ އަށް ތަބާވުމަކީ އަހަރުމެންގެ ގޮތެއްކަމުގައި ނުހަދަމާހެވެ. ނުއެދެވޭ ހުރިހާ ކަމަކުން އަހަރުމެންނާއި އަހަރުމެންގެ މުޖުތަމަޢު ދުރުކުރެވޭނީ މިފަދަ ގޮތަކަށް ސާބިތުވެގެންނެވެ.

 

މިއީ ދަރުމަ މަޖައްލާއަށް ޑރ. އިބްރާހީމް ޝިހާމް ލިޔުއްވާފައިވާ ލިޔުމެކެވެ.

0