ނަޞޭޙަތާއި އިރުޝާދު
ކީރިތި ޤުރްއާން ކިޔަވައި އުޅޭމީހާއާއި ކިޔަވައިނޫޅޭ މީހާގެ މިސާލު

 

أَبو موسى الأشعري رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.: ((  مَثَلُ الْمُؤْمِنِ الَّذِي يَقْرَأُ القُرْآنَ مَثَلُ الأُتْرُجَّةِ : رِيحُهَا طَيِّبٌ وَطَعْمُهَا طَيِّبٌ ، وَمَثَلُ الْمُؤْمِنِ الَّذِي لاَ يَقْرَأُ القُرْآنَ كَمَثَلِ التَّمْرَةِ : لاَ رِيحَ لَهَا وَطَعْمُهَا حُلْوٌ ، وَمَثلُ المُنَافِقِ الَّذِي يقرأ القرآنَ كَمَثلِ الرَّيحانَةِ : ريحُهَا طَيِّبٌ وَطَعْمُهَا مُرٌّ ، وَمَثَلُ المُنَافِقِ الَّذِي لاَ يَقْرَأُ القُرْآنَ كَمَثلِ الحَنْظَلَةِ : لَيْسَ لَهَا رِيحٌ وَطَعْمُهَا مُرٌّ )) أخرجه : البخاري 7/99 – 100 ( 5427 ) ، ومسلم 2/194 ( 797 ) ( 243 ) .

މާނައީ: ކީރިތި ޤުރްއާން ކިޔަވައި އުޅޭ މުއުމިނެއްގެ މިސާލަކީ، (ފޮނި) ނިޔަނދުރެއްގެ މިސާލެވެ. އޭގެ ވަސް މީރެވެ. އަދި ރަހަވެސް ފޮންޏެވެ.

އަދި ކީރިތި ޤުރްއާން ކިޔަވައި ނޫޅޭ މުއުމިނެއްގެ މިސާލަކީ، ކަދުރުގެ މިސާލެވެ. އޭގައި އެއްވެސް ވަހެއް ނުހުރެއެވެ. އަދި އޭގެ ރަހަ ފޮންޏެވެ.

އަދި ކީރިތި ޤުރްއާން ކިޔަވައި އުޅޭ މުނާފިޤެއްގެ މިސާލަކީ، ގަނދަކޯޅީގެ މިސާލެވެ. އޭގެވަސް މީރެވެ. އަދި އޭގެ ރަހަ، ހިއްޗެވެ.

އަދި ކީރިތި ޤުރްއާން ކިޔަވައި ނޫޅޭ މުނާފިޤެއްގެ މިސާލަކީ، ވިހަ ކެކުރީގެ މިސާލެވެ. އޭގައި ވަހެއް ނުދުވައެވެ. އަދި އޭގެ ރަހަ ހިއްޗެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މިއީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައހި ވަސައްލަމްގެ ބަސްފުޅެވެ. ކީރިތި ޤުރްއާން ކިޔަވާ މީހެއް ކަމުގައި މަސައްކަތް ކުރަމާ ހިންގަވާށެވެ. ދުވަހަކަށް އިރުއަރައި އޮއްސިގެންދާއިރު ޤުރްއާނުން މިންވަރެއް ނުކިޔެވޭނަމަ، އެއީ ބޮޑުވެގެންވާ ހިތާމައެކެވެ. އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ކީރިތި ޤުރްއާން ކިޔަވައި އެފޮތުގައިވާ ޙުކުމްތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓާ ބައެއްކަމުގައި، ކީރިތި ﷲ އަޅަމެން ލައްވާށިއެވެ. އަދި ޤުރްއާނުގެ ސަބަބުން މަތިވެރިކުރައްވާ މީހުންގެ ތެރޭގައި ލައްވާށިއެވެ. އަދި އަޅުގަނޑުމެން އެންމެންނަކީ ކީރިތި ޤުރްއާނުގެ އަހުލުވެރިން ކަމުގައި ލައްވާށިއެވެ. އާމީން.

 

މަސްދަރު: ނޫރުލްއިސްލާމް

0