ދިރާސާ
ޤުދުރަތީ ޢަޖާއިބުތަކުގެ ތެރެއިން ސެލް

ވަރަށް ގިނަ މީހުން ޤަބޫލު ކުރާ ގޮތުގައި ބޮޑެތި އެއްޗިހި ހެދެނީ ކުދި އެއްޗިހިތަކެއް ވަކި ތަރުތީބަކަށް ގިނައިން ތަކުރާރު ކޮށްގެންނެވެ. މިސާލަކަށް ފޮތެއް ހެދެނީ ކަރުދާސްތަކެއް ވަކި ގޮތަކަށް އެއްކުރުމުންނެވެ. ވާހަކައެއް ހެދެނީ އަކުރު ތަކަކުންނެވެ. އަކުރުތައް ގިނަވުމުން ލަފުޒެއް ހެދެއެވެ. ލަފުޒުތަކުން ޖުމްލައެއް ހެދެއެވެ. ޖުމްލަތަކެއް ވަކި ގޮތަކަށް އެތުރުމުން ވާހަކައަކަށް ވެދެއެވެ. ސައިންސްވެރިން ދެކޭ ގޮތުގައި އެންމެ
ކުޑަ އެތިން ފެށިގެން މުޅި ޢާލަމް ހެދިފައިވަނީ މިގޮތަށެވެ. ގައު ތަކެއް ވަކި ގޮތަކަށް ބަހައްޓައިގެން އެއްކުރުމުން ޢިމާރާތެއް އެޅޭ ފަދައިންނެވެ. މިއީ ވަރަށް އާދައިގެ ވިސްނުމަކުން ނެރެވިދާނެ ނަތީޖާއަކަށް ވިއަސް، ދިރޭ ތަކެތި އުފެދިފައި ވަނީ ކުދި އެއްޗިހިތަކެއް ތަކުރާރުވެ ވަކި ގޮތަކަށް އެތުރުމުން ކަމަށް ޚިޔާލު ކުރެވުނުތާ އަދި ދުއިސައްތަ އަހަރުވެސް ނުވެއެވެ.

މިކަން ފެށުނު ގޮތް ދަންނަވާލާނަމެވެ. 1665 ވަނަ އަހަރުގެ ދުވަހެއްގައި މީހަކު މުށި ފުޅިމަދު ކޮޅަކަށް ބޮޑުވާ ބިއްލޫރިން ފަރުވާ ތެރިކަމާއެކު ބަލައިލިއެވެ. މުށިކުލައިގައި އެހުންނަ ފުޅިމަދަކީ ގަހެއްގެ ތޮށްޓެކެވެ. މިގަސް ހެދެނީ ލެބަނަން، އިޓަލީ ފަދަ ރަށްރަށުގައެވެ. ފުޅިމަދަކީ ބައެއް ފުޅިފުޅީގެ މަތި ޖެހުމަށް ބޭނުން ކުރާ އެއްޗެކެވެ.

ކޮންމެއަކަސް ބޮޑުވާ ބިއްލޫރިން ބެލުމުން ފުޅިމަދު ހެދިފައިވަނީ ކޮޓަރިތަކެއް ފަދަ ހުސް ގޮޅިތަކަކުން ކަމަށް އޭނާއަށް ފާހަގަ ކުރެވުނެވެ. އިނގިރޭސި ބަހުން ޖަލު މީހުންތިބޭ ފަދަ ކުދި ގޮޅިތަކަށް ކިޔަނީ ސެލްއެވެ. މީނާ ބުނީ ފުޅިމަދު ހެދިފައިވަނީ ސެލްތަކަކުން ކަމަށެވެ. އޭގެ ފަހަށް ހިނގި ދޮޅު ގަރުނުގައި އެތައް ބައެއް ފުޅިމަދު ފަދަ ތަކެއްޗަށް ބެލިއެވެ. އެކަމަކު އެއްވެސް މީހަކަށް ހުރިހާ ދިރުމެއް ހެދެނީ ސެލް ތަކަކުން ކަމަށް ބުނާކަށް ޚިޔާލަކަށް ނައެވެ.

މީހުން ހީކުރަމުން އަންނަނީ ޖަނަވާރާއި އިންސާނުން އުފެދިފައިވަނީ އަތް، ލޯ، ކަންފަތް، ހިތް، ކުރަޑި، މައު، ފަތް، ފަދަ ”ގުނަވަން“ ތަކަކުން ކަމަށެވެ. ނަމަވެސް 1800 ގެ އަހަރު ތަކުގެ ތެރޭގައި އެތައް ސައިންޓިސްޓުންނެއް ދިރޭ އެތައް އެއްޗެއް މައިކްރޮސްކޯޕުން ބެލިއެވެ. މައިކްރޮސްކޯޕަކީ ދެ ބޮޑުވާ ބިއްލޫރި ކޮޅު ބޭނުންކޮށްގެން ހަދާފައި ހުންނަ ކުދި އެއްޗިހި ބޮޑުކޮށް ފެންނަ ހޮޅިއެއް ފަދަ އެއްޗެކެވެ. މައިކްރޮސްކޯޕުން ބެލުމުން މި މީހުންނަށް ފާހަގަ ކުރެވުނީ، ހުރިހާ ގުނަވަންތަކެއްވެސް ހެދިފައިވަނީ ކުދިކުދި އެތިކޮޅު ތަކަކުން ކަމަށެވެ. ފުޅިމަދު ބެލި ސައިންޓިސްޓް މި އެތިކޮޅުތަކަށް ދިން ނަން ބޭނުންކޮށް އެމީހުން ވެސް އެއަށް ކީ ނަމަކީ ސެލް އެވެ. ހުރިހާ ހައިވާނެއްގެ ސެލް އަކުންވެސް ގާތްގަޑަކަށް ވަށްކޮށްވާ އެއްޗެއް އެމީހުންނަށް ފެނުނެވެ. އެއަށް އެމީހުން ކީ ނަމަކީ ނިއުކުލިއަސް އެވެ.

1831 ވަނަ އަހަރު ބްރައުން ކިޔާ މީހަކު ގަސްގަހާ ގެހީގެ ސެލްތައް މައިކްރޮސްކޯޕުން ބެލުމުން އޭނާއަށް އޭގެ ސެލްތަކުގައި ނިޔުކުލިއަސް ކިޔާ ބައި ވާކަން ފާހަގަ ކުރެވުނެވެ. 1838 ވަނަ އަހަރު ދެ ސައިންޓިސްޓެއް ލެބޯރަޓަރީ ކިޔާ ސައިންސްގެ ތަކެތި ތަޖުރިބާ ކުރާ ކޮޓަރިއެއްގައި ވަރަށް ގިނަ ބާވަތުގެ ޖަނަވާރާއި ގަސްގަހާ ގެހީގެ ސެލްތައް ބެލިއެވެ. މި ތަޖުރިބާއިން އެމީހުންނަށް ޔަޤީންވީ ދުނިޔޭގައިވާ ހުރިހާ ދިރުމެއް އުފެދިފައިވަނީ ކުދި އެއްޗިހި ތަކަކުންކަމެވެ. އެއީ ސެލްއެވެ. މި ޢިލްމީ ހުށަހެޅުމަކީ ވަރަށް އާދަޔާ ޚިލާފު ހުށަހެޅުމެކެވެ. މިއީއޭގެ ކުރިން އެއްވެސް މީހަކު ޚިޔާލު ކޮށްފައިވާ ކަމެއް ނޫނެވެ. 2002 ވަނަ އަހަރުވެސް އެމީހުންގެ ހޯދުމަކީ ގާތްގަނޑަކަށް ތެދުކަމަށް ޤަބޫލު ކުރެއެވެ.

ޢާއްމު ދިރިއުޅުމެކޭ އެއްފަދައިން ސައިންސްގައިވެސް އެއްވެސް ކަމަކާ ގުޅިގެން ހުރިހާ ބޭނުންކުރުމަކީ މައްސަލަ ޖެހޭ ކަމެކެވެ.

ބައެއް ތަކެތީގައި ޖަހާ ފުލަކީ ވަރަށް އާދަޔާ ޚިލާފު ފުލެކެވެ. މައިކްރޮސްކޯޕުން މިއަށް ބެލުމުން ފެންނަނީ އޭގެ ތެރޭގައި އެތައް ނިޔަކްލިމަހެއް ވާކަމަށެވެ. ބުނާނީ ކީކޭތޯއެވެ؟ އެއީ އެންމެ ސެލެއްހެއްޔެވެ؟ އޭގައި އެތައް ނިއުކްލިއަސްއެއް ވަނީ ހެއްޔެވެ؟ ނޫނީ އެއީ އެތައް ނިޔުކުލިއަހެއް ހެއްޔެވެ؟ އޭގައި ސެލް ވަށައިގެންވާ ”ފާރު“ ނެތީ ހެއްޔެވެ؟ އަނެއް މައްސަލައަކީ ވައިރަސް އޭކިޔާ ވަރަށް ކުދި އެއްޗަކީ ސެލްއެއްގެ ސިފަ އެއްވެސް ގޮތަކަށް ނުހުންނަ އެއްޗެކެވެ. އެ ގިނަވަނީ ސެލްއެއްގެ ތެރެއަށް ވަނުމަށް ފަހުއެވެ. އިންސާނުންގެ ބައެއް ބައިތައް، މިސާލަކަށް ކަށި، މަޑުކަށި، ދަތް ފަދަ އެއްޗިއްސަށް މައިކްރޮސްކޯޕަކުން ބެލުމުން އެއްވެސް ކަހަލަ ވަކިވަކި ސެލްއެއް ނުފެނެއެވެ. ނަމަވެސް މިތަކެއްޗަކީ ސެލްއިން އުފެދޭ ތަކެއްޗެވެ. އެހެންކަމުން އެންމެ ތެދު ބަހަކަށް ވާނީ މިހެން ބުނިއްޔާއެވެ. ހުރިހާ ދިރޭ ތަކެއްޗެއް އުފެދިފައިވަނީ ސެލްއިން ނުވަތަ އެއިން އުފައްދާ އެއްޗެތިންނެވެ.

މަތީގައި ދެންނެވުނު ނަޒަރިއްޔާ އަކީ ނުވަތަ ތިއަރީ އަކީ އޭގައި ކުދިކުދި މައްސަލަ ހުއްޓަސް ވަރަށް މޮޅު ޚިޔާލެކެވެ. ނުވަތަ ރައުޔެކެވެ. ސައިންސްގެ ވަރަށް ފަހުގެ ހޯދުންތައްވެސް ބިނާވެފައި ވަނީ ހުރިހާ ދިރުމެއްގެ އަސާސީ ބަޔަކީ ސެލްކަމަށް ބަލައިގެންނެވެ. މި ފިކުރަކީ 350 އަހަރު ކުރިން ގަހެއްގެ ތޮށިކޮޅަކަށް ބޮޑުވާ ބިއްލޫރި ކޮޅަކުން މީހަކު ބަލާލުމުން އުފެދުނު ޚިޔާލެއްގެ ނަތީޖާއެވެ.

 

މިއީ ދަރުމަ މަޖައްލާއަށް ޢަބްދުﷲ ޢަބްދުއްރަޙްމާނު ލިޔުއްވާފައިވާ ލިޔުމެކެވެ.

0