“ތުއްތު ކުއްޖާ އުފަންވާއިރު ދެކޮނޑު ދޭތެރޭ ބޮލެއް ހުރެއެވެ. އެބޮލުގައި އުނގެނުން ތައްޔާރަށް އޮތް ސިކުނޑިއެއްވެއެވެ. ނަމަވެސް އެސިކުނޑީގެ ތަފާތު ބައިތައް (ބަހުރުވަޔާއި ހިސާބާއި އަޑުތަކާއި ހެވާއިނުބައި ވަކިކުރުމާއި ޝުއޫރުތަކާއި އެނޫންވެސް ކަންތައްތަކާ ބެހޭ ތަފާތު ބައިތައް) ތަރައްޤީ ކުރުމަށް ބޭނުންވާ އެތަކެއް ބިލިއަން ސާކިޓްތައް (ނުވަތަ ދޭދޭ ނިއުރޯންތަކުގެ ދެމެދުގައިވާ ގުޅުންތައް) ވައިރުކޮށް ފުރިހަމަކުރުމަށް ގިނަ އަހަރު ދުވަސްތަކެއްގެ ތަޖުރިބާ (ލޮލުން ބެލުމާއި، އަޑުއެހުމާއި، ކުޅުމާއި، މުއާމަލާތް ކުރުމުން ލިބޭ ތަޖުރިބާ) ބޭނުންވެއެވެ.” މިޢިބާރާތަކީ “ނިއުސްވީކް” މަޖައްލާގެ 1997 ވަނަ އަހަރުގެ ރަބީއުމޫސުމުގެ ޚާއްޞަ ނަމްބަރުގައި އެމަޖައްލާގެ ސީނިއަރ އެޑިޓަރ ޝެރޯން ބެގްލީ ލިޔެފައިވާ ޢިބާރާތެއްގެ ތަރުޖަމާއެވެ.
ޤަބޫލުކުރެވޭގޮތުގައި އިންސާނާގެ ވިސްނުން ބައްޓަންކުރަނީ އެކުއްޖާއަށް ފެންނަ މަންޒަރުތަކާއި، އިވޭއަޑުތަކާއި ކުރެވޭ ތަޖުރިބާއިންނެވެ. މީގެ ސައިންޓިފިކް ހެކި ފެންނާން އެބަހުއްޓެވެ. ޒަމާނުއްސުރެ ކުރެވެމުން އަންނަ ތަޖުރިބާތަކުންނާއި ވާރުތަވަމުން އަންނަ ހެޔޮ ވިސްނުމުންވެސް މިކަން ސާބިތުވެއެވެ. އަދުގެ ހޯދުންތަކުން ހާމަވާ އެއްކަމަކީ މާބަނޑުން ފެށިގެންވެސް ތުއްތު ދަރިފުޅު ވިސްނާކަމެވެ. އަދި އެވިސްނުން ތަރައްޤީ ކުރުމުގައި މައިންބަފައިންނަށް ދައުރެއް އަދާކުރެވޭ ކަމެވެ.
ހާވަޑް މެޑިކަލް ސްކޫލްގެ ޕްރޮފެސަރެއްކަމަށްވާ ޑރ. ބުރެޒެލަޓަން އާއި ޖޯޖް ވޮޝިންގޓަން ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގ ކުޑަކުދިންގެ ބަލިތަކާބެހޭ ޚާއްޞަ ޕްރޮފެސަރ ޑރ. ގްރީން ސްޕޭން ވިދާޅުވާ ގޮތުގައި ކޮންމެ ތުއްތު ކުއްޖަކަށްވެސް ކޮންމެހެން ފުރިހަމަ ކޮށްދޭންޖެހޭ އަސާސީ 7 ބޭނުމެއް އޮވެއެވެ. މި 7 ކަންތައްތައް ތިރީގައި މިވަނީއެވެ.
1. ދިގުދެމިގެންދާ އޯގާތެރި ފަރުވާތެރި ބެލެހެއްޓުން
ކޮންމެ ކުޑަކުއްޖަކަށްވެސް އެތަކެއް އަހަރުވަންދެން ބެލެނިވެރިއެއްގެ ހިތްހެޔޮކަމާއި އޯގާތެރިކަމާއި އަޅާލުން ބޭނުންވެއެވެ. ދެތިން ހަފްތާއަކަށް ނުވަތަ ދެތިން މަހަކުން ނޫނެވެ. އެތަކެއް އަހަރަކަށް މިއަޅާލުން ދެމިގެންދާން ޖެހެއެވެ. ވަކިވަރަކަށް ބޮޑުވާފަހުން ސްކޫލަށް ވައްދާ މޮޅު އުސްތާޛުންގެ އިރުޝާދު ދިނުމަށްވުރެ ކުއްޖާގެ ތޫނުފިލިކަމާ، ވިސްނުމުގެ ތަރައްޤީއަށް އެންމެ ޅަފަތުގައި ކުއްޖާއަށް އަޅާލުމުގެ މުހިންމުކަން ބޮޑެވެ. މިއަޅާލުން މެދުކެނޑިއްޖެނަމަ ނުވަތަ ނެތި ހިގައްޖެނަމަ ކުއްޖާގެ ވިސްނުންކޮށިވެ، ނެގިމަޑުވެ، ހިތްވަރު އެލޭގޮތް ދިމާވެއެވެ. ކުރިޔަށް ދިޔުމުގެ ބާރު ކުޑަވެއެވެ. އެންމެ ޅަފަތުގެ ކުދީންނާއި، ޕްރީސްކޫލް ކުދިންނަށްވެސް މިއަޅާލުން ބޭނުންވެއެވެ.
2. ޖިސްމާނީ ޙިމާޔަތާއި، ރައްކާތެރިކަމާއި، ބެލެހެއްޓުންތެރި ކޮންޓްރޯލް
ރަޙިމުން ފެށިގެން އެންމެ ޅަފަތާއެކު ކުޑަކުދީންނަށް ޙިމާޔަތްތެރި މާހައުލެއް ބޭނުންވެއެވެ. މި މާހައުލަކީ ކުއްޖާއަށް ގެއްލުންދެނިވި ތަފާތު ވައްތަރުގެ ވިހަތަކުން ރައްކާތެރިކަން ލިބިގެންވާ މާހައުލަކަށް ވާންޖެހެއެވެ.
ޖިސްމާނީ އަދި ނަފްސާނީ ހާނިއްކަތަކުން ކުއްޖާއަށް ރައްކާތެރިކަން ލިބިދޭންޖެހެއެވެ. އަނިޔާވެރި މަންޒަރުތަކާ އަޑުތައް ކޮންޓްރޯލް ކުރެވިފައިވާ މާހައުލަކަށް ވާންޖެހެއެވެ. ބަލިވެއިނީއްސުރެ ދުންފަތާއި ޑޮކްޓަރުގެ ސީދާ އިރުޝާދުގެ ދަށުން ނޫންގޮތަށް ބޭނުންކުރާ ބޭހާއި، މަސްތުވާ ތަކެއްޗާއި އަނިޔާވެރި ފިލްމުބެލުމާއި، ރުޅިގަދަކުރުމާއި، މިނޫންވެސް ދަރިފުޅަށް ނޭދެވޭ އަސަރު ކޮށްފާނެ ކަންކަމުން މައިންބަފައިން ދުރުވާން ޖެހެއެވެ. މާބަނޑަކީ ދަރިފުޅުގެ ވަރަށް ގިނަ ސިފަތައް އަށަގަނެ ތަރައްޤީވާ މަރުހަލާއެއްކަން ޤަބޫލުކޮށް އެދަރިފުޅަށް ނޭދެވޭ އަސަރުކޮށްފާނޭ ވިހަތަކުން ރައްކާތެރިވާންޖެހެއެވެ.
3. ކުއްޖާގެ ޚާއްޞަ ބޭނުންތަކާ ގުޅޭޭ ބިނާކުރަނިވި ތަޖުރިބާ ލިބޭނޭ ފުރުޞަތު ފަހިކޮށްދިނުން
ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ. އެކުއްޖާގެ މިޒާޖާއި ޠަބީއަތް އެހެން ކުދީންނާ ތަފާތުވާނެއެވެ. އެކުއްޖާގެ ޝައުޤުވެރިކަން އެންމެ ޅަފަތުން ފެށިގެން ދެނެގަންނަން މަސައްކަތް ކުރާންޖެހެއެވެ. އަދި އެކަންކަން ތަރައްޤީކުރުމުގެ ފުރުޞަތުތަކެއް އެންމެ ޅަފަތުން ފެށިގެން ފަހިކޮށްދިނުމަކީ ކުއްޖާގެ ކުޅަދާނަކަން އިތުރު ކުރުމަށާއި، ކުއްޖާގެ ޤާބިލްކަން ތަރައްޤީކުރަން އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިސަބަބަށްޓަކައި އެންމެ ޅަފަތުގައިވެސް ކުއްޖާއާއެކު ތަފާތު ކަންތައް ކުރުމަށާއި ކުޅުމަށް ބޮޑެތި މީހުން ވަގުތު ހޭދަކުރުން މުހިންމެވެ. މިގޮތަށް ހޭދަކުރާ ވަގުތުގައި ކުއްޖާގެ ޚާއްޞަ ސިފަތައް ދެނެގަނެވޭނެއެވެ. ކޮންމެ ކުއްޖަކުވެސް ވަރަށް ޅަފަތުގައި އަޑުއަޑު ލައްވާނެއެވެ. ނަމަވެސް ބައެއް ކުދިން ތަންކޮޅެއް އަވަހަށް ވާހަކަ ދައްކަން އުޅެއެވެ. މިފަދަ ކުދިންނަށް ވާހަކަދެއްކުމުގެ ފުރުޞަތު ހޯދާދެވިއްޖެނަމަ އެކުދިންގެ ވިސްނުން ތަރައްޤީ ކުރުމަށް ބާރެއް އަޅައިދެވުނީއެވެ. އަނެއްބައި ކުދިން އާދަޔާ ޚިލާފު އަވަހަށް އެއްޗިހީގައި ހިފަން ފަށައެވެ. މިފަދަ ކުދިންނަށް ތަފާތު އެއްޗިހީގައި އަތްލައި ހިފައި ހެދުމުގެ ފުރުޞަތު ދެވިއްޖެނަމަ އެކުއްޖާގެ ވަށައިގެންވާ މާހައުލާ ދޭތެރޭ ވިސްނާނެ ފުރުޞަތުދެވި އޭނާގެ ވިސްނުން ތަރައްޤީ ކުރުމަށް އެހީވެދެވޭނެއެވެ.
4. ކުއްޖާއަށް ކުރެވޭ ތަޖުރިބާ އޭނާގެ ހެދިބޮޑުވުމާ މުނާސަބުވުން
ބޮޑުވަމުން އަންނަ ކުއްޖަކަށް އޭނާގެ އެކި ޢުމުރުގައި އަޅާލުން ބޭނުންވާނީ އެކިގޮތަށެވެ. އެ އަޅާލުމާއި ބެލެހެއްޓުން އެކުއްޖެއްގެ ޢުމުރާ މުނާސަބުވާންޖެހެއެވެ. އެންމެ ޅަފަތުގައި އަޅާލުމުގެ ގޮތުން ކުރަން ޖެހޭ ބައެއް ކަންކަމަކީ އެއަށްވުރެ ދޮށިވުމުން ކުރުން އެންމެ ރަގަޅު ކަމަކަށް ނުވެދާނެއެވެ. އަދި އެންމެ ޅަފަތުގައި އަޅާލުމަށްޓަކައި ނުކުރާ ބައެއް ކަންތައްތައް އެއަށްވުރެ ދޮށިވުމުން ކުރަން ޖެހެއެވެ. މިގޮތުން ކުއްޖާއަށް ކޮށްދެވޭ ކޮންމެ ކަމަކުން އަދި ކޮށްނުދީ ދޫކޮށްލާ ކޮންމެ ކަމަކުން އެކުއްޖާ އަށް ލިބޭ ތަޖުރިބާއިން ފިލާވަޅުތަކެއް ލިބިގަންނާނެއެވެ. އަދި ބަލަދުވެރިންނަށް އެނގިގެންނާއި ނުއެނގި ކުއްޖާއަށް ހުށަހެޅޭ ތަފާތު ތަޖްރިބާތަކުގެ އަސަރު ކުއްޖާގެ ވިސްނުމުގައި ބިންވަޅުނެގި ހަރުލާފައި ހުންނާނެއެވެ. ބޮޑެތިމީހުން މަޖާކޮށްލުމުގެ ގޮތުން ބަލާ ތަޅާފޮޅާ ފިލްމުގެ އަސަރު އުނގުގައި އޮންނަ ކުއްޖާއަށް ކުރާނެއެވެ. ކުއްޖާއަށް ދިމާވާ ބިރުވެރި ހާދިސާތަކުގެ އަސަރު އޭނާގެ ވިސްނުމަށް ކުރާނެއެވެ. ކުއްޖާއާ މުޢާމަލާތުކުރެވޭ ބަހުރުވައާއި ކައިރީގައި އުޅޭމީހުންގެ އަސަރު ކުއްޖާއަށް ކުރާނެއެވެ. އަނެއްކޮޅުން ބަލާއިރު ކުއްޖާގެ ހަށިގަނޑާއި ވިސްނުން ތައްޔާރު ނުވަނީސް ގަދަކަމުން ކަންކަން ކުރުވުމަކީ އޭގެ ނޭދެވޭ އަސަރު އޭނާއަށް ކުރާނޭ ކަމެކެވެ. އަތާއި އިގިލިތައް ރަގަޅަށް ތައްޔާރު ނުވަނީސް އަކުރުއަޅުވަން މަސައްކަތް ކުރުވުމުން ލިޔުން ލަސްވެ ހުތުރުވެއެވެ. ހިނގައިގަންނަން ތައްޔާރު ނުވަނީސް ހިންގުވަން މަސައްކަތް ކުރުވައިފިނަމަ ހިނގުން ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ. ވަކިކަމަކަށް ކުއްޖާ ތައްޔާރުވުމުން އޭނާގެ އުޅުމުން އެކަން އެނގޭނެއެވެ. އެއިރުން އެކަމެއް ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ވީއެވެ. ކޮންމެކަމަކީ ކުއްޖާގެ ޢުމުރާއި ކުއްޖާގެ ހެދިބޮޑުވުމާއި މުނާސަބު ކަންކަންތޯ ފަރުވާތެރި ކަމާއެކު ބަލަން ޖެހެއެވެ. ކުއްޖާއާ މުނާސަބު ނޫން ތަޖުރިބާތަކަކަށް ހުށަހެޅިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.
5. އަޚުލާޤީ މިންގަނޑުތައް ކަނޑައެޅުމާއި، ދިރިއުޅުން ރޭވުމާއި ޙާޞިލްކުރަންވީ މިންގަނޑުތައް ކަނޑައެޅުން
އަޚުލާޤާއި ރޭވުންތެރިކަމާއި އިންތިޒާމް އެންމެ ޅަފަތުން ފެށިގެން ކުޑަކުދީންނަށް ބޭނުންވެއެވެ. އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމަށާއި، ދިރިއުޅުން ރޭވުމަށް ބޭނުންވާ އަޚުލާޤީ މިންގަނޑުތައް އެކުދީންނަށް ދަސްކޮށްދޭންޖެހެއެވެ. ރުޅި ކޮންޓްރޯލްކޮށް ސުލްޙަވެރިގޮތުގައި މައްސަލަ ޙައްލުކުރަން ދަސްކޮށްދޭންޖެހެއެވެ. އަޚުލާޤީ މިންގަނޑުތައް ދަސްކޮށް ދިނުމަށްޓަކައި އެކުދީންނާއެކު ވަގުތު ހޭދަކޮށް ވަކިކަހަލަ ކަންކަމަށް އަބަދު ސަމާލުކަންދީ އެކުދީންގެ ސަމާލުކަމަށް ވަކި ކަންތައްތަކެއް ގެނެސްދިނުމުގައި ފޫހިކަމެއްނެތި ވަގުތު ހޭދަކުރާނޭ ބޮޑެތި މީހުން ތިބެންޖެހެވެ. ކުއްޖާގެ ޢަމަލުތައް ގެންގުޅެން ޖެހޭނޭ ވަކި މިންގަނޑުތަކެއް ކަނޑައަޅައި ބަޔާންކޮށްދީ ތަކުރާރުކޮށް ހަނދާންކޮށްދޭނޭ ބޮޑެތި މީހުން ތިބެގެން މެނުވީ އެދެވޭ އަޚުލާޤީ މިންގަނޑުތައް އެކުދިންނަށް ދަސްކޮށް ނުދެވޭނެއެވެ. އެކުދީންނަށް ނޭދެވޭ ޢަމަލެއް ކުރެވޭ ހިނދު “ވިޔާނުދާ” ނުވަތަ “ގޯސް” ކުއްޖެއް ކަމުގެ ލަޤަބު ދިނުމުގެ ބަދަލުގައި ކެތްތެރިކަމާއެކު ކަންކުރަންވީގޮތް ހަނދާންކޮށްދޭ ބޮޑެތި މީހުންގެ އެހީ ކޮންމެ ކުއްޖަކަށްވެސް ބޭނުންވެއެވެ. އެކުއްޖާއަށް އެންމެ އެދެވޭގޮތަށް ކަމެއް ނުކުރެވޭހިނދު އެކަން އެހަފަރު އޭނާއަށް ނުކުރެވުނަސް ދެން ފަހަރަކުން މަސައްކަތްކުރުމުން ރަގަޅަށް އެކަން ކުރެވޭނޭކަމުގެ ޔަޤީންކަން އޮތްކަން އެކުއްޖާއަށް އަންގައިދީ ހިތްވަރުދީ ރަނގަޅަށް މަސައްކަތް ކުރާނޭގޮތް ބުނެދޭނޭ ބޮޑެތިމީހުން އެކުއްޖާއަށް ބޭނުންވެއެވެ. އެކުދީންގެ ޤާބިލްކަމާއި، ކުރެވޭ ކަންކަމާއި ނުކުރެވޭ ކަންކަން ދެނެތިބެ ކުރެވޭކަންކަން ރަނގަޅަށް ކުރުމަށާއި އެއްވެސް މީހަކަށް ހުރިހާކަމެއް އެންމެ ރަނގަޅަށް އަދި އެންމެ ފުރިހަމައަށް ނުކުރެވޭނޭކަން ބުނެދީ ހިތްވަރުދޭނޭ ބޮޑެތިމީހުން ކޮންމެ ކުއްޖަކަށްވެސް ބޭނުންވެއެވެ. ޅަފަތުން ފެށިގެންވެސް ކުއްޖާއަށް ބޭނުންވަނީ ހިތްވަރެވެ. ކާމިޔާބު ކުރުމަށް ކަންކުރަންވީގޮތުގެ ނަމޫނާއެވެ. ނާކާމިޔާބުވެ ދިޔަ ލަދުވެތިގޮތުގެ ހަނދާން އައުކޮށް ދިނުމެއް ނޫނެވެ. ހިތްވަރު ދޭންވީ އެކުއްޖާގެ “ޕާސަނަލް ބެސްޓް” ނުވަތަ އެކުއްޖާއަށް ކަންކުރެވޭ އެންމެ ފުރިހަމައަކަށް ކޮންމެ ކަމެއްވެސް ކުރުމަށެވެ.
6. ހިތްވަރުދެނިވި އިޖުތިމާޢީ ހަމަޖެހުމާއި ޘަޤާފަތް
ފުރިހަމަ މީހަކަށް ވުމަށްޓަކާ ބޮޑުވަމުން އަންނަ ކުއްޖާއަށް ހަމަޖެހޭ އިޖުތިމާޢީ ވެއްޓެއް ބޭނުންވެއެވެ. އެ އިޖުތިމާޢީ ވެށީގެ ޒަރީއާއިން އިޖުތިމާޢީ އަގުތަކާއި އަބުރުވެރިކަމުގެ މިންގަނޑުތައް އެކުއްޖާއަށް ނަގުލުވެ ދަސްވާންޖެހެއެވެ. އެކުއްޖާގެ ޘަޤާފަތަކީ ކޮބައިކަމާއި އެކުއްޖާގެ މުޖުތަމަޢުގައި އުޅެންވީ ސުލޫކާއި އަޚުލާޤީ މިންގަނޑުތައް އެކުއްޖާއަށް އުގެނޭން ތަޖުރިބާތަކެއް އެ މުޖުތަމަޢުން ލިބޭންޖެހެއެވެ. ތާރީޚާއި ޘަޤާފަތާއި ދެދުނިޔޭގެ އަގުހުރި ފިލާވަޅުތައް އެކުއްޖާއަށް ލިބިދޭންޖެހެއެވެ. އެ ފުރުޞަތުތައް އެންމެ ޅަފަތުން ފެށިގެން ލިބެންޖެހެއެވެ. މި ތަޖުރިބާތަކުން ކުއްޖާ ދަސްކުރާނެއެވެ. އުނގެނޭނެއެވެ. މިކަންކަމާދޭތެރޭ ވިސްނާނެއެވެ. ފިކުރުކުރާނެއެވެ.
7. މުސްތަޤުބަލު ޙިމާޔަތްކޮށްދިނުން
ރަޙިމުގައި ގަރުބަގަތް ދުވަހުން ފެށިގެން މިބަޔާންކުރެވުނު ބޭނުންތައް ދަރީންނަށް ފުއްދައިދޭން މަސައްކަތް ކުރުމަށް އަހައްމިއްޔަތު ދޭންޖެހެއެވެ. މީން އެއްވެސް ކަމަކަށް އިހުމާލުކުރެވިއްޖެނަމަ މުސްތަޤުބަލާ ކުރިމަތިލުމުގެ ނަފްސާނީ ޤާބިލުކަން އެދަރިންނަށް ނުލިބުމުގެ ފުރުޞަތު ބޮޑެވެ. ބޮޑެތި މީހުންގެ ދުނިޔެ ކާމިޔާބު ކުރުމުގެ ވިސްނުމާއި ނަފްސާނީ ކެރިފޯރުންތެރިކަން ނުލިބިދާނޭކަމުގެ ބިރު ބޮޑެވެ. އާދެ! ޢިލްމުވެރިން ވިދާޅުވާގޮތުގައި މާބަނޑުން ފެށިގެން ދަރިފުޅު ތަރުބިއްޔަތު ކުރުމާއި އޭނާގެ ވިސްނުން ތަރައްޤީކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދަރިފުޅުގެ ވިސްނުމާއި ނަފްސާނީ ކެރިފޯރުންތެރިކަން ތަރައްޤީވެއެވެ. އަދި އޭނާގެ ދިރިއުޅުން ކާމިޔާބުކޮށް ދިނުމުގެ ބިންގާ އަޅައިދެވެއެވެ.
މިއީ ޑރ. ޢަބްދުލް މުޙްސިން މުޙައްމަދު ދަރުމަ މަޖައްލާއަށް ލިޔުއްވާފައިވާ ލިޔުމެކެވެ.