ނަޞޭޙަތާއި އިރުޝާދު
މައިންބަފައިންނަށް ހެޔޮކޮށްހިތުން

ދެދުނިޔޭގެ ބާއްޖަވެރިކަންވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައެވެ.

ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށްވާ ޙައްޤުތަކަށްފަހުގައި އަޅާގެ މައްޗަށް އެންމެ ބޮޑުވެގެންވާ ޙައްޤަކީ މައިންބަފައިންގެ މައްޗަށްވާ ޙައްޤުތަކެވެ. އެހެންކަމުން އެދެމީހުންނަށް ހެޔޮކޮށްހިތާ އިޙްސާންތެރިވުމަށް އިސްލާމްދީންވަނީ ނުހަނު ބާރު އަޅުއްވާފައެވެ.

މިކަމަށް އިޝާރާތް ކުރައްވާ މާތް ﷲ ވަޙީކުރެއްވިއެވެ. وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا މާނައީ: ”އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ.“ (ސޫރަތުލް އިސްރާ 23)

މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ނުރައްކާތެރިކަމުގެ ވާހަކައިން އުންމަތަށްވަނީ އިންޒާރުވެސް ދެއްވާފައެވެ. އަދި އެކަމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭނެ ކަމެއްކަންވެސް ވަނީ އަންގަވާފައެވެ.

މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢަމްރު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ”އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި މައިންބަފައިންނަށް ލަޢުނަތް ދިނުން ހިމެނެއެވެ.“ ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މީހަކު އޭނާގެ މައިންބަފައިންނަށް ލަޢުނަތްދޭނީ ކިހިނެތް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ”އޭނާގެ ބައްޕައަށް ހަޑި ހުތުރު ވާނެގޮތަށް ވާހަކަ ދެއްކުމެވެ. އަދި މަންމައަށް ހަޑިހުތުރު ވާނެގޮތަށް ވާހަކަ ދެއްކުމެވެ.“

މިޙަދީޘްފުޅުން ދޭހަވާކަމަކީ އެހެން މީހުންގެ މައިންބަފައިންނަށް ވެސް ބަދުބަސް ނުބުނުމެވެ. އެހެނީ އެގޮތަށް ކަންތައް ކޮށްފިނަމަ އޭގެ ބަދަލުގައި އެމީހަކުވެސް ތިމާގެ މައިންބަފައިންނަށް ބަދުބަސް ބުނާނެއެވެ. އެހެންކަމުން މައިންބަފައިންނަށް ބަދުބަސް ރައްދުވާފަދަ އެއްވެސް ކަމެއް ނުކުރުމެވެ.

ﷲ ތަޢާލާއަށް ޝުކުރުވެރިވުމަށް އަމުރު ކުރެއްވުމަށްފަހުގައި އަންގަވާފައިވަނީ މައިންބަފައިންނަށް ޝުކުރުވެރިވުމަށެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ މާނައީ: ”(ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ.“

މިއާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސް ވިދާޅުވިއެވެ. ”މައިންބަފައިންނަށް ޝުކުރުވެރި ނުވެއްޖެމީހާ މާތް ﷲ އަށް ވެސް ޝުކުރުވެރިއެއް ނުވެއެވެ. އެހެނީ މިއާޔަތުގައި މާތް ﷲ އަށް ޝުކުރުވެރިވުމަށް އެންގެވުމަށްފަހުގައި އެއާއި ވިދިގެން އަންގަވާފައިވަނީ މައިންބަފައިންނަށް ޝުކުރުވެރިވުމަށެވެ.“

އެހެންކަމުން ﷲ ގެ ރުހުން އެދޭކަމަށް ވަނީނަމަ މައިންބަފައިންގެ ރުހުން ހޯދަންޖެހެއެވެ. ބާއްޖަވެރިއަކީ މާތް ﷲ އަށް ތަޤްވާވެރި ވުމަށްފަހުގައި، އެމީހެއްގެ މައިންބަފައިންނަށް ހެޔޮކޮށް ކަންތައް ކުރާ މީހާއެވެ. އެމީހުންގެ ދުނިޔޭގެ ޙަޔާތުގައްޔާއި މަރުވުމަށްފަހުގައި ވެސް މެއެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ހެޔޮކޮށް ނުހިތާ މީހަކީ އަބާއްޖަވެރިއެއް ކަމާމެދުގައި ކުޑަވެސް ޝައްކެއްނެތެވެ.

އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. ”ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށްފަހުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތައިފިނަމަ އެމީހަކަށްޓަކައި ސުވަރުގޭގައި ދެދޮރު ހުޅުވިގެންވެއެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ނުހިތައިފި މީހާއަށްޓަކައި ނަރަކައިގާ ދެދޮރު ހުޅުވިގެންވެއެވެ.“

ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މައިންބަފައިންނަށް ހެޔޮކޮށް ހިތުންވަނީ ދެމިގެންވާ ކަމެއްގެ ގޮތުގައި ލައްވާފައެވެ. މާނައަކީ އެމީހުންނަށް ހެޔޮކޮށް ހިތެނީ ހަމައެކަނި ދުނިޔޭގައި އެދެމީހުން ތިބި ދުވަސްވަރު އެކަނި ނޫންކަމެވެ. އެދެމީހުންކުރެ މީހަކު ނުވަތަ އެދެމީހުން ދުނިޔެ ދޫކުރުމަށްފަހުގައިވެސް ހެޔޮކޮށް ހިތޭނެމަގު ﷲ ވަނީ ފަހިކޮށްދެއްވާފައެވެ. އެއީ އެމީހުންނަށްޓަކައި ހެޔޮދުޢާކޮށްދީ އެދެމީހުންގެ މަތިން ޞަދަޤާތްކޮށް، އެމީހުންގެ ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށް، ރަޙިމުގެ ގުޅުން ދަމަހައްޓާ، އެމީހުންގެ ގާތް ރަޙްމަތްތެރިންނާމެދުގައި ހެޔޮކޮށްހިތުން ހިމެނެއެވެ. އެމީހުން ދުނިޔޭގައި ދިރިތިބި އިރު ހެޔޮކޮށް ކަންތައް ކޮށްދެވިފައި ނުވާނަމަ މަރުވުމަށްފަހުގައި އެބައި އަނބުރާ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަން ވާނެއެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދީނީގޮތުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ. އެކަން ނުކޮށް ދޫކޮށްލުމަކީ ނުވަތަ އެމީހުންނަށް ހެޔޮކޮށް ނުހިތުމަކީ ބޮޑު ވެގެންވާ ޙަރާމްކަމެކެވެ. މިކަމަށް އިޝާރާތް ކުރައްވާ ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا މާނައީ: ”އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ.“ (ސޫރަތުލް އިސްރާ 23)

އަދިވެސް ވަޙީކުރެއްވިއެވެ. وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ މާނައީ: ”އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރައްވައި، އަމުރު ކުރެއްވީމެވެ.“

އެއްދުވަހަކު މީހަކު އައިސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ދެންނެވިއެވެ. މީސްތަކުންގެ ތެރެއިން އެންމެ ހެޔޮކޮށް ހިތުން ބޮޑީ ކާކުތޯއެވެ. ޙަދީޘްކުރެއްވިއެވެ. ”ކަލޭގެ މަންމައެވެ.“ ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ”ކަލޭގެ މަންމައެވެ.“ ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ”ކަލޭގެ މަންމައެވެ.“ ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ”ކަލޭގެ ބައްޕައެވެ.“ އަދިވެސް ޙަދީޘްކުރެއްވިއެވެ. ”އެމީހެއްގެ މައިންބަފައިން ނުވަތަ އޭގެތެރެއިން އެކަކު މުސްކުޅިވެފައި ހުއްޓާ ބައްދަލުވެ، އެމީހުންނާމެދު ހެޔޮކޮށް ނުހިތުމުގެ ސަބަބުން ސުވަރުގެ ނުވަދެވުނު މީހާއަށް ހަލާކު ހުއްޓެވެ. ހަލާކު ހުއްޓެވެ. ހަލާކު ހުއްޓެވެ.“ މިފަދައިން ތިން ފަހަރު ޙަދީޘްކުރެއްވިއެވެ.

އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ތިމަންކަލޭގެފާނު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ދެންނެވީމެވެ. މާތް ﷲ ގެ ހަޟްރަތުގައި އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ”ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ.“ ތިމަން ކަލޭގެފާނު ދެންނެވީމެވެ. ދެން ކޮންކަމެއް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ”މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ.“ ދެން ކޮންކަމެއް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ”ﷲ ގެ މަގުގައި ޖިހާދުކުރުމެވެ.“

 

މިއީ އިސްލާމިކް ނޮލެޖް ވައިބާ ގުރޫޕްގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުލް ލަޠީފް ލިޔުއްވާފައިވާ ލިޔުމެކެވެ.

0