މުޖުތަމަޢު
ސިކުނޑީގެ ކަނާތް ފަރާތާއި ވާތް ފަރާތުގެ ވިސްނުން

އިންސާނާގެ ސިކުނޑި މަސައްކަތްކުރާ ގޮތާދޭތެރޭ ކުރެވޭ ދިރާސާތަކުގެ އަލީގައި މިހާރު ޤަބޫލުކުރެވޭ އެއްކަމަކީ ވިސްނާ ފިކުރުކުރުމުގައި ސިކުނޑީގެ ދެފަޅި މަސައްކަތްކުރާގޮތް ތަފާތުކަމެވެ. ސިކުނޑީގެ ދެފަޅީގައި ވިސްނާ ވިސްނުމުގެ ފިޒިއޮލޮޖީ ނުވަތަ ވިސްނުމުގެ ޢަމަލީ މަސައްކަތްކުރާގޮތް ތަފާތެވެ. ވިސްނާ ދާއިރާތައްވެސް ތަފާތެވެ. ވިސްނާ ފިކުރުކުރުމުގައި ސިކުނޑި މަސައްކަތް ކުރާގޮތަށް ބަލާއިރު މައިގަނޑު ދެބަޔަކަށް ސިކުނޑި ބަހާލެވިދާނެއެވެ. އެއީ ”ކަނާތު ސިކުނޑި“ އާއި ”ވާތު ސިކުނޑި“ އެވެ.

 

ސިކުނޑީގެ ވާތްފަރާތް ނުވަތަ ”ވާތު ސިކުނޑީގެ“ މަސައްކަތް

ތަފާތު ދިރާސާތައް ދައްކާ ގޮތުގައި އިންސާނާގެ ސިކުނޑީގެ ވާތްފަރާތް ޚާއްޞަ ވެގެންވަނީ ތަފްޞީލް ދެނެގަތުމަށެވެ. ކޮންމެ ކަމެއްގެވެސް ތަފްޞީލްތައް ވަކިވަކީން ފާހަގަކޮށް ދެނެގަތުމަކީ ”ވާތު ސިކުނޑީން“ ކުރާ މަސައްކަތެއްކަމަށް މިހާރު ޤަބޫލުކުރެވެއެވެ. މިސާލަކަށް މީހެއް ދެނެގަތުމުގައި އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ހުންނަގޮތް ދެނެގަތުމާއި އޭނާ ލައިގެން ހުރި ހެދުމުގެ ތަފްޞީލްތައް ދެނެގަތުމަކީ ސިކުނޑީގެ ވާތް ފަރާތުގެ މަސްޢޫލިއްޔަތެއްކަމަށް ބެލެވެއެވެ. ޤަބޫލުކުރެވޭގޮތުގައި ހަމަވިސްނުމާއި، ކަންކަން ތަރުތީބުކުރުމާއި، ދިރާސާކުރުމާއި، ވަކި ހަމަތަކަކާއި، އިންތަކެއްގެ ތެރޭގައި ޚިޔާލާއި ފިކުރު ގެންގުޅުމާއި، ލިޔެކިޔުމާއި ބަސްބަހުގެ މާނަ ދޭހަކުރުމަކީ ވާތު ސިކުނޑީގެ މަސްޢޫލިއްޔަތެކެވެ.

 

ސިކުނޑީގެ ކަނާތްފަރާތް ނުވަތަ ”ކަނާތު ސިކުނޑީގެ“ މަސައްކަތް

މީހެއް ދެނެގަތުމުގައި އޭނާގެ ތަފްޞީލުތައް ދެނެގަތުމަކީ ވާތު ސިކުނޑީގެ މަސްޢޫލިއްޔަތެއްކަމަށް ބެލެވޭއިރު އޭނާގެ ޖުމްލަ ސިފަތައް (މިސާލަކަށް އޯގާތެރިކަން ، ރީތިކަން، މަޑުމައިތިރިކަން) ދެނެގަތުމަކީ ކަނާތު ސިކުނޑީގެ މަސައްކަތެއްކަމަށް ބެލެވެއެވެ. ސިކުނޑީގެ ކަނާތް ފަރާތް ޚާއްޞަ ކުރެވިފައިވަނީ ޖުމްލަ މަންޒަރާއި އިޙުސާސުތައް ދެނެގަތުމަށެވެ. މިސާލަކަށް ޖުމްލަގޮތެއްގައި ކަމެއް ރަގަޅުކަމަށް ކަނާތު ސިކުނޑި ބުނާއިރު އެކަމެއް ރަގަޅުވީ ކީއްވެކަން ތަފްޞީލްކޮށް ވިސްނާނީ ވާތު ސިކުނޑިންކަމަށް ބެލެވެއެވެ. ޤަބޫލުކުރެވޭގޮތުގައި އައު ޚިޔާލު ނެރުމާއި، ލަފާކުރުމާއި، އަންދާޒާ ކުރުމަކީވެސް ކަނާތު ސިކުނޑީގެ މަސްޢޫލިއްޔަތެކެވެ.

 

ވިސްނުމާއި، ސިކުނޑީގެ ދެފަރާތާއި ހުރި ގުޅުން

ވަކިމީހަކީ ވަރަށް ރަގަޅު، ޚުލްޤު ހެޔޮ މީހެއްކަމަށް ހިތްބުނާއިރު، އެމީހާ ރަނގަޅުވީ ނުވަތަ ހެޔޮވީ ކީއްވެގެންކަން ބުނެދޭން ނޭގޭ ފަހަރު އާދެއެވެ. ހަމައެފަދައިން ވަކިމީހަކާ އާދަޔާ ޚިލާފަށް ގަޔާވާކަމަށް ޤަބޫލު ކުރެވޭއިރު، އޭނާޔާ ގަޔާވަނީ ވަކި މިވެނި ކަމެއް ވެގެންނޭ ބުނެދޭން ނޭގޭ ފަހަރުވެސް އާދެއެވެ. ޖުމްލަ މަންޒަރު ދެނެގަތުމާ، އެމަންޒަރުގެ ތަފްޞީލްތައް ފާހަގަކުރުމަކީ ސިކުނޑީގެ ތަފާތު ދެ ދިމާލަކުން ކުރާ ދެމަސައްކަތަކަށް ވާނަމަ، މިހެންވުމަކީ އެކަށީގެންވާ ކަމެކެވެ.

ކަމާބެހޭ މާހިރުން ބަޔާންކުރާ ގޮތުގައި އިންސާނުންގެ ތެރޭގައި ގިނައީ ވިސްނުމުގައި ސިކުނޑީގެ ކޮންމެވެސް އެއްފަޅިއަކަށް ބުރަވާ މީހުންނެވެ. ވިސްނުމުގައި އެއްބައި މީހުންނަށް ފަސޭހައީ ޖުމްލަ މަންޒަރު ދެނެގަންނާށެވެ. މިމީހުންނަށް ތަފްޞީލްތަކާ ދިމާލަށް ދާކަށް އެހާ ފަސޭހައެއް ނޫނެވެ. މިފަދަ މީހުންނަކީ ކަނާތު ސިކުނޑީގެ ބޭނުން ބޮޑަށް ހިފާ މީހުންނެވެ. އަނެއްބައި މީހުންނަށް ފަސޭހައީ ތަފްޞީލްތަކަށް ގޮސް، އެތަފްޞީލުތަކުގެ އަލީގައި ނިންމުމެއް ނިންމާށެވެ. މިފަދަ މީހަކު ބައިވެރިޔަކު ހޯދާއިރު އެބައިވެރިޔާގެ އެކިއެކި ޢަމަލުތަކާއި އުޅުމާއި
ގުޅުންތަކާއި މިނޫންވެސް ތަފާތު ގިނަ ކަންކަމަކަށް ވިސްނާފައި މެނުވީ އެބައިވެރިޔާއަކީ ރަނގަޅު މީހެއްކަމަށް ނުނިންމާނެއެވެ. މިފަދަ މީހުންނަކީ ވާތު ސިކުނޑީގެ ބޭނުން ބޮޑަށް ހިފާ މީހުންނެވެ. ސިކުނޑީގެ ދެފަރާތް ހަމަހަމައަށް ބޭނުންކޮށްގެން ވިސްނާމީހުންގެ ޢަދަދު މަދުކަމުގައިވިޔަސް، ކޮންމެ އިންސާނަކުވެސް ސިކުނޑީގެ ދެފަރާތް ކޮންމެވެސް ވަރަކަށް ބޭނުންކުރެއެވެ. ލެބޯޓްރީ ތަޙުލީލުތަކުން ދައްކާގޮތުގައި ކޮންމެ ކަމަކާއި ދޭތެރޭ މީހަކު ވިސްނިކަމުގައިވިޔަސް ކަނާތު ސިކުނޑިއާއި ވަތު ސިކުނޑިއާ ދޭތެރޭގައި މުވާޞަލާތު ކުރެވެއެވެ. ނަމަވެސް މިމުވާޞަލާތު ކުރެވޭ މިންވަރު އެކި މީހުންގެ ތަފާތެވެ. ކަމެއްގެ ދެކޮޅު ރަގަޅަށް ބަލާ ކަންތައްތައް ނިންމާ މީހުންގެ ސިކުނޑީގެ ދެބައިގެ ދެމެދުގައި އާދަޔާ ޚިލާފަށް މުވާޞަލާތު ކުރެވޭކަމަށް ޤަބޫލު ކުރެވެއެވެ.

އިންސާނާގެ ސިކުނޑިއަކީ އަދިއަދަށްވެސް އޭގެ ތަފްޞީލްތައް އަޅުގަޑުމެންނަށް ނޭގޭ އަޖާއިބެކެވެ. ނަމަވެސް މިހާރުގެ ތަޙުލީލުތަކާއި ދިރާސާތަކުން އެކި މީހުން ވިސްނާ ގޮތާއި، ސިކުނޑި މަސައްކަތްކުރާ ގޮތް ތަފާތު ކަން ޤަބޫލުކުރެވެއެވެ. ތަފާތު ޚިދުމަތްދޭ ފަރާތްތަކުންނާއި، ތަރުބިއްޔަތާއި ތަމްރީންދޭ ފަރާތްތަކުން އެތަފާތުތަކަށް ސަމާލުވާންޖެހެއެވެ. ދަރިންނާ މުއާމަލާތު ކުރާއިރު މައިންބަފައިންވެސް މިކަމާ ދޭތެރޭ ވިސްނާންޖެހެއެވެ. ކިޔަވާދޭ
މުދައްރިސުންވެސް މިތަފާތުތަކަށް ވިސްނައިގެން ފިލާވަޅު ރާވާންޖެހެއެވެ.

 

މިއީ ދަރުމަ މަޖައްލާއަށް ޑރ. ޢަބްދުލް މުޙްސިން މުޙައްމަދު ލިޔުއްވާފައިވާ ލިޔުމެކެވެ.

0