ޚަބަރު
މުސްލިމް އުންމަތުގެ ނަމޫނާ ލީޑަރު، މުރުސީގެ ހަޔާތުން ނޭނގި އޮވެދާނެ 10 ކަމެއް!

.މުރުސީއަކީ އަބަދުވެސް އުންމަތަށް އެންމެ ފައިދާވާނެ ގޮތެއް ވިސްނެވި، ހަރުދަނާ ލީޑަރެއްގެ ގޮތުގައި އުރުދުޣާން ސިފަކުރެއްވި އިރު، މުޅި އުންމަތަށް ގެއްލިގެން ދިޔައީ އަގުހުރި ޝަހުސިއްޔަތެކެވެ. ހުޅަނގުގެ ޕްރޮޕެގެންޑާތަކާއި، ހުޅަނގުން މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކަށް ނޫނެކޭ ބުނަން ކެރޭނެ މަދު ލީޑަރުންގެ ތެރެއިން އެއް ލީޑަރެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ޒަމާންވީ ވެރިކަން ވެއްޓި 2012 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި މުރްސީގެ ޖަނާޒާ، ހަޔާތުގެ ފަހު ދުވަސްކޮޅު ހޭދަކުރެއްވި ޖަލުގައި ބާއްވާފައިވާ އިރު، ޖަނާޒާގައި ބައިވެރިވީ އާއިލާއެވެ.

އަސްކަރީ ބަޣާވާތަކުން 2013 ވަނަ އަހަރު މުރުސީގެ ވެރިކަން ވައްޓާލީ އޭނާ ހައްޔަރުކޮށް ޖަލަށް ލާފައި ވަނިކޮށެވެ. މުރްސީއާ ދެކޮޅު މުޒާހަރާގެ ބައިވެރިން މެރުމާއި ބޭރު ގައުމުތަކަށް ޖާސޫސްކޮށްދިނުމާއި ޓެރެރިޒަމް ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މުރްސީ ޖަލަށް ލީ ފަހުން އޭނާ އަށް ސިއްހީ ފަރުވާ އެކަށީގެންވާ ގޮތަށް ނުދޭ ކަމުގެ ޝަކުވާ އެތައް ބަޔަކު ވަނީ ކޮށްފައެވެ.

މިސްރުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުނެފައިވާ ގޮތުގައި، މުރުސީ ޖަލުގައި ހޭދަކުރީ ތަކުލީފުން ފުރިގެންވާ ދުވަސްތަކެކެވެ. ހަކުރު ބަލީގެ އިތުރުން ލޭ މައްޗަށް ދިޔުން ފަދަ ބަލިތަކަށް މުރުސީއަށް އެކަށީގެންވާ ފަރުވާ ނުލިބިވާ ކަމަށާއި، ”ޖަލުގެ ކަންތައް ހުރީ ސީދާ މުރުސީ މަރާލުމަށް“ ތައްޔާރު ކޮށްފައި ކަމަށް މުރުސީގެ ޕާޓީންވެސް ވަނީ ބުނެފައެވެ.

ވަކިވެގެން ދިޔަ ނަމޫނާ ޝަހުސިއްޔަތުގެ ހަޔާތުގެ ބޮޑު ބައެއް ވަނީ ސިއްރު ކުރެވިފައެވެ. އެމެރިކާއާއި އިސްރާއީލް އަޑީގައި ތިބެ ހިންގި ބަގާވާތާ ހަމައިން، މުރުސީގެ ހަގީގަތް ދުނިޔެއަށް އޮޅުވާލީ، ހުޅަނގުގެ އަތް ދަށުގައި އޮންނަ މީޑިއާތަކުންނެވެ. މި 10 ކަމަކީ މިސްރުގެ ބައެއް މީޑިއާތަކުން މުރުސީގެ ހަޔާތާ ގުޅޭގޮތުން ގެނެސްދީފައިވާ ވާހަކަތަކެވެ.

1- މުރުސީއަކީ ޤުރުއާން ހިތުދަސް، ހާފިޒެއް

މުރުސީއަކީ ޤުރުއާން ހިތުދަސް ލީޑަރެކެވެ. މުރުސީ ޖަލުގައި އިންނެވި ދުވަސްވަރު، ހަތިމެއް ދޭން އެދުމުން އެކަމަށް ގާޑުން އިންކާރު ކުރިކަމަށް ވެއެވެ. އެކަމާ ގުޅިގެން މުރުސީ ވިދާޅުވި ކަމަށް ބުނެފައި ވަނީ އެމީހުންނަށް އޭނާއަކީ ޤުރުއާން ހިތުދަސް މީހެއްކަން ނޭނގުނު ނަމަވެސް، އޭނާ ބޭނުންވީ ހަތިމެއްގައި އަތް ޖަހާލުމަށް ކަމަށެވެ.

2- އިލްމީ ގޮތުން ގާބިލު، ވިސްނުންތޫނު ބޭފުޅެއް

މުރުސީއަކީ މުޅި މިސްރު ދުތް އެންމެ ވިސްނުން ތޫނު އެއް ބޭފުޅާ ކަމަށް އެތައް ބަޔަކު ހެކިވެއެވެ. ޒަގާޒިގް ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް އިންޖިނިއަރިންއިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި މުރުސީގެ ވެރިކަމުގައި ހޭދަވި އެއް އަހަރަކީ އޭނާއަށް ގޮންޖެހުން ބޮޑު އެއް އަހަރު ނަމަވެސް، ޖުޑިޝަރީއާއި ސަރުކާރުގެ ޖިޒީ ނިޒާމަށް ގެންނެވި އިންގިލާބުތަކުގައި، ވިސްނުންފުޅު ތޫނުކަން ދައްކަވާފައިވެއެވެ.

3- ދިރިއުޅުއްވީ އަމިއްލަ އެޕާޓްމަންޓްގައި

މިއަދުގެ ލީޑަރުން ދިރިއުޅޭ ގަނޑުވަރުތަކުގެ ފާހާނާ އެކަނިވެސް، އަހަރެމެން ދިރިއުޅޭ ކުދި އެޕާޓްމަންޓްތަކާ އެއްވަރެވެ. މުރުސީއަށްވެސް ވެރިކަން ލިބުމާއެކު، ޝާހީ ގަނޑުވަރަށް ވަދެވުނެވެ. އެހެން ނަމަވެސް، އާންމުންނަށްވުރެ މަތީ ފަންތިއެއްގައި ދިރިއުޅެން އޭނާ ބޭނުންފުޅެއް ނުވިއެވެ. ވެރިކަން ކުރެއްވި އިރުވެސް، ދިރިއުޅުއްވީ އަމިއްލަ އެޕާޓްމަންޓްގައެވެ.

4- މަރުގެ ތަންމަތީގައި އޮތް ދައްތައަށްވެސް އިސްކުރީ ހަމަހަމަކަން

މުރުސީގެ އެއްބަނޑު އެއްބަފާ ދައްތަ، ވަރަށް ބޮޑަށް ބަލިވެ، މަރުގެ ތުންފަތްމަތީގައި އޮތް އިރު، ޑޮކްޓަރުން ލަފާ ދީފައި ވަނީ ޔޫރޮޕް ނޫނީ އެމެރިކާއަށް ގެންދިޔުމަށެވެ. އެކަމަށް ބޭނުންވެފައި އޮތީވެސް ރައީސް މުރުސީގެ އެންމެ އޯޑަރެކެވެ. ހެލިކޮޕްޓަރާއި ޖެޓެއް ތައްޔާރަށް އޮތް ނަމަވެސް، އެކަމަށް އޭނާ އަމުރު ނުކުރިއެވެ.

މުރުސީ ވިދާޅުވެފައި ވަނީ އޭނާއަކީ ރައީސް ނަމަވެސް، އެހެން ރައްޔިތުންނަށް ނުލިބޭ ހާއްސަ އިނާޔަތްތައް އޭނާއަށް ލިބެން ނުޖެހޭ ކަމަށެވެ. ދައްތަ މަރުވެގެން ދިޔައީ އެބަލީގައެވެ.

5- ވާހަކައިގެ ތެރެއިން އަޑު ހަރުކޮށް ބަންގި ދިނުން

މުސްލިމް ލީޑަރުންގެ ނަމޫނާއަކަށް ވާންވާނީ، މުސްތަގުބަލުގެ ޖީލުތަކަށް ނަމޫނާ ދެއްކުން ނޫންތޯއެވެ. މުރުސީއަކީ ބަހާއި އަމަލުން އެކަން ދެއްކެވި ލީޑަރެކެވެ. މުރުސީގެ މުހިއްމު ”ސްޕީޗެއް“ގެ ތެރެއިން ބަންގީގެ އަޑު އިވުމާއެކު، އެންމެންވެސް ހީކުރީ ބަންގިއަށް ހުއްޓާނުލާ، ނޫނީ ބަންގިއަށް މިނެޓެއްވަރު މެދު ކަނޑާލުމާއެކު އަލުން ފަށާނެ ކަމަށެވެ.

އެހެން ނަމަވެސް، މުރުސީ އަޑު ހަރުކޮށް ބަންގި ގޮވުމުގެ ސަބަބުން، އެ ވީޑިއޯ ވަނީ ވައިރަލްވެ، މުސްލިމް އެތައް ކުދިންނެއްގެ ހިތްތަކުގައި ހަރުލާފައެވެ.

6- ހުވަފަތްވެފައިވާ އަންހެނަކަށް ދިން އެޕާޓްމަންޓް

މިސްރުގެ މަގުމަތީގައި ދިރިއުޅެން ޖެހިފައިވާ ނިކަމެތި މަންމައެއްގެ ތަކުލީފު އަޑުއެހި ހަމައެކަނި ލީޑަރަކީވެސް މުރުސީއެވެ. އަންހެން މީހާ މަގުމަތީގައި ނިދާ، ކައިބޮއެ ހަދަމުންދިޔަ މަންޒަރު ބަލަން ކެއްނުވެގެން، ސީދާ އޭނާ ގާތަށް ގޮސް، މުރުސީ ވަނީ އެޕާޓްމެންޓެއް ސަރުކާރުގެ ހަރަދުގައި ހަމަޖައްސައިދީފައެވެ.

އަދި އެ އަންހެން މީހާ ފަދައިން، އެކަނިވެރިކަން އިހުސާސް ކުރަމުންދިޔަ، އެކަނިވެރި ހުރިހާ މައިންނަށްވެސް ސަރުކާރުގެ އެހީގައި ދިރިއުޅެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް މުރުސީ ނިންމިއެވެ.

7- އެހީތެރިކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި

ރައީސް ޖެނަރަލް ސީސީގެ ސިފައަކީ ހަމްދަރުދީގެ މެސެޖު ފޮނުވުމަށްފަހު، މިސްރުގެ މުސްލިމުންނަށް އަނިޔާ ދިނުމަށް ކަމަށް މުރުސީ އެތައް ފަހަރަކު ވިދާޅުވެފައިވާ އިރު، މުރުސީއަކީ އެހީތެރިވުމާއި، ކާރިސާތަކުގައި ހާލުގައި ޖެހޭ މީހުންނަށް އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނުކުންނަވާ ބޭފުޅެކެވެ.

އެގޮތުން 2004 ވަނަ އަހަރު ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރިމަތިވި ސުނާމީގައި އެންމެ ބޮޑަށް ހާލުގައި ޖެހުނު އެއް ގައުމު ކަމަށްވާ އިންޑޮނޭޝިއާގެ ބަންޑާ އާޗޭގެ ރައްޔިތުންނަށް އެހީތެރިވުމަށްވެސް މުރުސީ ވަނީ ޒިޔާރަތް ކޮށްފައެވެ.

8- އަގަކާ ނުލާ ހިދުމަތް ކުރި ހަމައެކަނި ލީޑަރު

މުރުސީގެ މުސާރަ އޭނާ ނަންގާވަފައެއް ނުވެއެވެ. ގަނޑުވަރުގައި ދިރިއުޅުމަށް ދެކޮޅު ހެއްދެވުމުގެ އިތުރުން އޭނާ ވިސްނެވީ އަހަރަކު 10،000 ޑޮލަރު އެކަނި މުސާރައަށް ނަންގަވާށެވެ. އެހެން ނަމަވެސް އެ މުސާރަ އޭނާއަށް ނުނެންގެވިގެން އުޅެނިކޮށް، ކިޑްނެޕްކޮށް ރަހީނު ކުރިއެވެ.

އެހެންކަމުން މުރުސީގެ ހިދުމަތަށް އޭނާ ދައުލަތުން އެއްވެސް ފައިސާއެއް ނަންގަވާފައެއް ނުވެއެވެ.

9- ފަތިސް ނަމާދުގެ ޖަމާއަތް ދޫކޮށް ނުލައްވާ

މުރުސީއަކީ ފަތިސް ނަމާދު، މިސްކިތުގެ ޖަމާއަތުގައި އަބަދުވެސް ކުރައްވާ ލީޑަރެއް ކަމަށް މިސްރުގެ ނޫސްތަކުން ބުނެފައިވެއެވެ. ދުވާލުގެ ޝެޑިއުލްގެ ތެރެއިން ޖަމާއަތަށް ބައެއް ނަމާދުތަކަށް މިސްކިތަށް ނުދެވުނު ނަމަވެސް، އަބަދުވެސް ހުކުރަށް ވަޑައިގަންނަވާ ކަމަށާއި، ހުކުރު ހުތުބާއަކީ މުރުސީއަށް ވަރަށް އަސަރު ކުރުވާ ވާހަތަކެއް ކަމަށް ނޫސްތައް ބުނެފައިވެއެވެ.

10- އޮފީހުގައި ފޮޓޯ ނުބަހައްޓަވާ

މުސްލިމް ބައެއް ލީޑަރުންގެ އޮފީހުގެ އިތުރުން އެގައުމެއްގެ ސަރުކާރުގެ ހުރިހާ އިމާރާތެއްގައިވެސް، ވެރިޔާގެ ފޮޓޯ ބެހެއްޓުން މަޖުބޫރެވެ. މުރުސީ ވެރިކަމުގެ ކުރިން އެކަން މިސްރުގައިވެސް އޮތީ އެގޮތަށެވެ. އެހެން ނަމަވެސް، އޭނާގެ ވެރިކަމާއެކު ފޮޓޯ ފްރޭމް ބަދަލުވިއެވެ.

މުރުސީގެ ވެރިކަމުގައި އެ ފޮޓޯ ބަދަލުވީ ﷲގެ އިސްމުފުޅު ލިޔެފައިވާ ފޮޓޯއަކަށެވެ.

9