ލ.މާމެންދޫން ޤުރްއާން ހިތުދަސްކުރުމުގައި މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދަރިވަރުންނަށް ޢިލްމު ޖަމިއްޔާގެ ފަރާތުން އިނާމުދީފިއެވެ. ލ. މާމެންދޫގައި ޢިލްމު ޖަމިއްޔާއިން ލޯންޗުކުރި ޙުއްފާޒު ޕްރޮގްރާމްގެ ދަށުން ޤުރްއާން ހިތުދަސްކުރަން ފެށި ދަރިވަރުންނަކީ އޭ.އެސް ޤުރުއާން ކުލާހުގެ ދަރިވަރުންނެވެ .
އެންމެ 7 މަސް ތެރޭގައި މީގެތެރެއިން ބައެއްދަރިވަރުންވަނީ 6ފޮތް ދަސްކޮށްފައެވެ. އަދި އޭގެތެރެއިން ބައެއްދަރިވަރުން މާމެންދޫ ބޮޑު މިސްކިތުގައި އިމާމްވެ ނަމާދުކުރަމުންދާކަންވެސް ފާހަގަކޮށްލަމެވެ.
އިނާމްދިނުމުގެ ރަސްމިއްޔާތުގައި އިނާމްތަށް ބައްސަވައިދެއްވީ ޢިލްމް ހުއްފާޒު މަޝްރޫޢުގެ މުޝްރިފު ޤާރީ ޢަބުދުލް ރަޢޫފް، މާމެންދޫ ކައުންސިލްގެ ނައިބް ރައީސް، މާމެންދޫ ޕޮލިސް ސުޓޭޝަން އިންޗާރޖް އިބްރާހިމް ޙުސައިން، މާމެންދޫ ސުކޫލް ޕުރިންސިޕަލް ޢަބުދުﷲ ޝާކިރު އަދި ވިޔަފާރިވެރިޔާ އިސްމާއިލް ޒާހިދެވެ. މި ރަސްމިއްޔާތުގައި ޤުރުއާން ހިތުދަސް ކުރުމުގެ މުހިއްމުކަމާއި އޭގެ ބައެއް އުކުޅުތަކަށް އަލި އަޅުވާލާ ވާހަކަ ދެއްކެވީ ލ.އަތޮޅުގައި ޤުރުއާން ކުލާސް ހިންގުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އަދި ޢިލްމް ހުއްފާޒް ޕުރޮޖެޓްގެ މުޝްރިފު ޤާރީ ޢަބުދުލް ރައޫފެވެ.
ޢިލްމު ޖަމިއްޔާއިން ހާމަކުރައްވާގޮތުގައި ޙުއްފާޒުގެ ތަކްރީމް އިވެންޓް ކުލަގަދަގޮތެއްގައި މި ބޭއްވުނީ ޞަދަޤާތުގެ ގޮތުގައި ދީލަތި އެތައް ފަރާތަކުން ދީފައިވާ އެހީއާ އެކީގައެވެ. މި އެންމެހާ ފަރާތްތަކަށްވެސް ޢިލްމު ޖަމިއްޔާއިން ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެއެވެ. ޢިލްމު ޖަމިއްޔާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި އެ ޖަމިއްޔާއަށް އެހީވެދެއްވަން ބޭނުންފުޅުވާ ވިޔަފާރިވެރިންނަށް ޢިލްމު ޖަމިއްޔާއަށް ޞަދަގާތްކޮށްގެން ޓެކްސް ޑިޑަކްޝަންސް ލިބޭނެއެވެ. އެއީ މީރާގެ ޗެރިޓަބަލް އޮގަނައިޒޭޝަންސްތަކުގެ ތެރޭގައި ޢިލްމު ޖަމިއްޔާ ހިމެނޭތީއެވެ.
ޙުއްފާޒު ޕްރޮގްރާމަކީ ޢިލްމު ޖަމިއްޔާއިން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭ އެއް ޕްރޮގްރާމެވެ.
ILM has been registered with MIRA as a charitable organization which allows the donors to get tax deductions as per Section 10(e) of the Business Profit Tax Act (Law Number 5/2011).