ނަޞޭޙަތާއި އިރުޝާދު
ލޯބި ހޯދަންވިޔަސް ދުރުކުރަން ވިޔަސް، ސިޙުރު ހެދުމުގެ ކުރިން މިކަންކަމާމެދު ވިސްނާލާ!

މީހެއްގެ ލޯބި ހޯދަންވިޔަސް މީހަކު ދުރުކުރަން ވިޔަސް، ސިޙުރު ހެދުމުގެ ކުރިން މިކަންކަމާމެދު ވިސްނާލާ.

👈 ސިޙުރަކީ ކުފުރެކެވެ.

👈 ބޮޑުވެގެންވާ ހަތް ފާފައިގެ ތެރެއިންވާ ފާފައެކެވެ.

👈 ސިޙުރު ހަދާމީހާ އިސްލާމް ދީނުގެ މިއްލަތުން ބޭރުވެގެންދެއެވެ.

👈 ސިޙުރުވެރިޔަކަށް ސިޙުރުން ކުޑަމިންވަރެއްވެސް ﷲ ތަޢާލާއަށް ޝިރުކު ކުރުމަކާއިނުލާ ނެހެދޭނެއެވެ.

👈ސިޙުރުގައި އަޅާ ފުރަތަމަ ފިޔަވަޅަކީ ކުފުރުގައި އަޅާ ފުރަތަމަ ފިޔަވަޅެވެ.

👈 ސިޙުރަކީ އޭގައި އެއްވެސް މަންފާއެއް ނުވާކަމެއްކަމުގައި ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވެއެވެ. އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ. ( وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ) މާނައީ: ” އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ.”

👈 ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ) މާނައީ: “އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައި ކަމުގައި ވިޔަސް އޭނާއަށް ކާމިޔާބެއް ނުލިބޭނެއެވެ.”

👈 ސިޙުރު ހަދާމީހާއަކީ ﷲ ތަޢާލާއަށް ކާފަރުވެގެންވާ މީހެކެވެ.

👈 ސިޙުރުވެރިންނާއި، ކާހިނުންނާއި، އަތްބަލާމީހުންގެ ގާތަށް ދާމީހުން އެމީހުންގެ ގާތަށް ދަނީ އެމީހުން ދައްކާ ވާހަކަތައް ތެދުކުރާ ޙާލުގައި ކަމަށްވާނަމަ އެމީހުންގެ ގާތަށްދާ މީހުން ﷲ عز وجل އަށް ކާފިރުވެއްޖެއެވެ.
ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ޙަދީޘްފުޅެވެ. (( مَنْ أَتَى كَاهِنَا أَوْ عَرَّافَا فَصَدَقَه بِمَا يَقُوْلُ فَقَدْ كَفَرَ بِمَا أنْزَلَ عَلَى مُحَمَّد )) رواه الإمام أحمد 2\429 މާނައީ: “ކާހިނެއްގެ ގާތަށް ނުވަތަ އަތްބަލާމީހެއްގެ ގާތަށްގޮސް އެމީހުން ދައްކާވާހަކަ ތެދުކޮށްފިމީހާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ މައްޗަށް ބާވައިލެއްވި އެއްޗައްސަށް ކާފަރުވެއްޖެއެވެ.”

👈 ސިޙުރުވެރިންނާއި، ކާހިނުންނާއި، އަތްބަލާމީހުންގެ ގާތަށް ދާމީހުން އެމީހުން ދައްކާ ވާހަކަ ތެދުނުކުރިޔަސް އެމީހުންގެ ނަމާދު 40 ދުވަސް ވަންދެން ﷲ عز وجل ޤަބޫލު ނުކުރައްވާ ހުށްޓެވެ. (( مَنْ أَتَى عَرَّافَا فَسَأَلَه عَنْ شَيءٍ لَمْ تُقْبَلْ لَه صَلَاة أَرْبَعِيْنَ لَيْلَةٍ )) صحيح مسلم 4\1751 މާނައީ: ” އަތްބަލާމީހެއްގެ ގާތަށްގޮސް ކަމާކާއި ބެހޭގޮތުން ސުވާލުކޮށްފިމީހާގެ ނަމާދު 40 ރޭ ވަންދެން ޤަބޫލް ނުކުރެއްވޭ ހުއްޓެވެ.”

 

(Huiy Ali Didi) ގެ ފޭސްބުކް ޕޭޖްއިން ނެގިފައި

5