ޚަބަރު
ރަމަޟާން މަހު ކުރަމުންގެންދިޔަ ހެޔޮ ޢަމަލުތައް ހުއްޓައިނުލާށެވެ! – ޚުތުބާ

ރަމަޟާން މަހު ކުރަމުންގެންދިޔަ ހެޔޮ ޢަމަލުތައް ހުއްޓައިނުލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވާފިއެވެ.

މިއަދު ގެ ޚުތުބާގައި ގޮވާލެއްވީ ”ކީރިތި ރަސޫލާ صلى الله عليه وسلم  ގެ އިރުޝާދު ދެއްވާފައި ވަނީ ކިތަންމެ ކުޑަ ނަމަވެސް ރަނގަޅު ޢަމަލެއް ކުރެވިއްޖެ ނަމަ އެ ކަންކުރުން މަތީގައި ދެމިތިބުމަށެވެ. ރަސޫލާ صلى الله عليه وسلم  ޙަދީޘް ކުރައްވާފައިވާ ހަދީޘެއްގެ މާނަގަވެއެވެ. “ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ، އޭގެ މިންވަރު ކިތަންމެ ކުޑަ ނަމަވެސް މެދުނުކެނޑި ކުރެވޭ ޢަމަލެވެ.“ މި ބަސްފުޅުން އެނގެނީ ކުރާ ހެޔޮ ޢަމަލުތަކުގެ މަތީގައި ސާބިތުވެ ދެމިހުރުމުގެ މުހިއްމުކަމެވެ. ވީމާ ރަމަޟާން މަހު ކުރަމުންގެންދިޔަ ހެޔޮ ޢަމަލުތައް ހުއްޓައިނުލާށެވެ! ކުޅަދާނަވީ މިންވަރަކަށް އެ ކަންކަން ކުރެވޭތޯ ބަލާށެވެ! މާތް ﷲ އަށް ކިޔަމަންގަތުމުގެ މަތީގައި ދެމިހުރުމަކީ މުއުމިނުންގެ އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމެކެވެ. “

އިތުރަށް ރަމަޟާން މަހުގައި ކުރެވުނު ހެޔޮއަމަލުތަކާއި ގުޅޭގޮތުން ޚުތުބާގައި ބުނެފައިވަނީ “ ބަރަކާތުން ފުރިގެންވާ، ރަޙްމަތާއި، ފާފަފުއްސެވުމާއި، ނަރަކައިން ދިންނެވުމުގެ މައްސަރު، އަޅުގަނޑުމެންނާއި ވަކިވުމުގެ ވަގުތު ދާދި ގާތްވެއްޖެއެވެ. ހެޔޮ ގޮތުގައި މި މައްސަރު ހޭދަކުރި މީހަކަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހުއްޓެވެ. ހެޔޮ ގޮތުގައި މި މައްސަރު ހޭދަ ނުކުރެވުނު މީހަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ! ރަމަޟާން މަސް އެމީހަކާ ބައްދަލުވެ، އެމަސް ނިމުނުއިރު އެމީހެއްގެ ފާފަ ނުފުއްސެވުނު މީހާ ނިކަމެތިވެ، ގެއްލި ހަލާކުވެއްޖެއެވެ.“

0