ނަޞޭޙަތާއި އިރުޝާދު
އިސްލާމްދީނުގައި ކުދިން ތަރުބިއްޔަތުކުރުމުގެ މަގު
މި މަޒުމޫނު އަޅުގަނޑު ތަޚްސީޞް ކުރަނީ އިސްލާމީ ދިވެހި މުޖްތަމަޢުގައި ދަރީން ތަރުބިއްޔަތު ކުރުމުގެ ބުރަ އުފުއްލަވަމުން ގެންދަވާ ހިތްވަރު ގަދަ މައިންނާއި ބަފައިންނަށެވެ.
ކުއްޖާ ދުނިޔެއަށް އައުމުގެ ކުރިން އޭނާގެ ތަރުބިއްޔަތަށްޓަކާ ކުރަންޖެހޭ ކަންތައްތައް
1. ކުއްޖާއަށްޓަކާ ޞާލިޙު ރަނގަޅު މަންމައަކު އިޚްތިޔާރު ކުރުން.
2. ލިބޭން އުޅޭ ދަރިފުޅަށްޓަކައި އަބަދުވެސް ހެޔޮ ދުޢާ ކުރުން.
3. މަންމަ އާއި ބައްޕަ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުން.
ކުއްޖާ ދުނިޔެއަށް އައުމާ ގުޅިގެން އޭނާގެ ތަރުބިއްޔަތަށްޓަކާ ކުރަންޖެހޭ ކަންތައްތައް:
1. ވިހެއުމުން ކުއްޖާގެ ކަންފަތް ދޮށުގައި ބަންގި ގޮވުން.
2. ތަޙްނީކު ކުރުން (ކުއްޖާގެ އަނގައަށް ކަދުރު ފަދަ ފޮނި އެއްޗެއް ލެއްވުން.)
3. ހަތްވަނަދުވަހު ބޯބޭލުން.
4. ހަތް ވަނަދުވަހު ކުއްޖާއަށް ރަނގަޅު ނަމެއް ދިނުން.
5. ޢަޤީޤާ ކަތިލުން: (ޢަޤީޤާއަކީ ކުއްޖާއަށް ހަތްދުވަސް ފުރޭ ދުވަހު ކަތިލާ ބަކަރިއަށް ކިޔާ ނަމެކެވެ.)
ޢަޤީޤާ ކަތިލުމުގެ ޙިކްމަތް:
– އެއީ ކުއްޖާ ދުނިޔެއަށް އައުމާ ގުޅިގެން އެކުއްޖާއަށްޓަކާ މާތްﷲ އަށް ކުރެވޭ ޤުރުބާނެކެވެ.
– އެއީ ކުއްޖާ، އާފާތާއި މުޞީބާތުން ސަލާމަތްވުން އެދި ކުރެވޭ ކަމެކެވެ.
– އެއީ މި އުއްމަތަށް އިތުރުވާ މުއުމިނަކަށްޓަކައި ފާޅުކުރެވޭ އުފަލެކެވެ.
– އެއީ މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި ގުޅުން ބަދަހިވާ ކެމެކެވެ.
– އެއީ ފަޤީރުންނާއި މިސްކީނުންގެ ހެޔޮދުޢާ ކުއްޖާއަށް ލިބޭ ކަމެކެވެ.
6. ޚިތާނު ކުރުން:
ޚިތާނު ކުރުމުގެ ޙިކްމަތް:
– ޚިތާނު ކުރުމަކީ ފިޠުރަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އެއީ އިސްލާމްދީނުގެ ޝިޢާރެކެވެ.
– ޚިތާނު ކުރުމަކީ މުސްލިމުންނާއި ޢައިރު މުސްލިމުން ވަކިކޮށްދޭ ކަމެކެވެ.
-ޚިތާނު ކުރުމަކީ ﷲ ޢުބޫދިއްޔަތަށް އިޤްރާރުވެ އެ އިލާހުގެ އަމުރުފުޅަށް ކިޔަމަންވެވޭ ކަމެކެވެ.
– ޚިތާނު ކުރުމުން ޝަހުވަތްތެރިކަން މެދުމިންވެ ވަރަށް ގިނަ ބަލިތަކުން ސަލާމަތްވެއެވެ.
ކުއްޖާ ތެދުމަގުން އެއްކިބާވުމަށް މެދުވެރިވާ ސަބަބުތަކާއި އޭގެ ޙައްލު
1. މައިންބަފައިންގެ ފަޤީރުކަން:
ޙައްލު: ފަސޭހައިން މަސައްކަތް ލިބޭނެ މަގު ތަނަވަސްވެފައި އޮތުން.
ނުކުޅެދޭ މީހުންނަށް އެހީވާނެ ގޮތްތައް ތަފާތު ފެންވަރުގައި ރޭވިފައި އޮތުން.
2. ކުއްޖާގެ ކުރިމަތީގައި މައިންބަފައިން އަރާރުންވުން:
ޙައްލު: މަންމަ އާއި ބައްޕަ އަދި އާއިލާގެ އެހެނިހެން އަފުރާދުން މިކަމަށް ހޭލުންތެރިވެ ނަމޫނާ ބަޔަކަށްވުން.
3. މަންމަ އާއި ބައްޕަ ވަރިވާން ޖެހުން.
ޙައްލު: ދެމަފިރިންގެ ޙައްޤުތަކަށް އެކަކު އަނެކަކު ރައްކާތެރިވުން.
4. އަނބިމީހާގެ މައްޗަށްވާ ފިރިމީހާގެ ޙައްޤުތައް؛
ހ. ފިރިމީހާ ކުރާ ކޮންމެ ހެޔޮ އަމުރަކަށް އަނބިމީހާ ބޯލަނބައި ކިޔަމަންވުން.
ށ. ފިރިމީހާއަށްޓަކައި ތިމާގެ ނަފުސާއި ފިރިމީހާގެ މުދާ ރައްކާތެރިކުރުން.
ނ. ފިރިމީހާ ރޭކުރަން އެދިއްޖެ ޙާލެއްގައި އެކަމުން މަނާވެ ނުގަތުން.
ފިރިމީހާގެ މައްޗަށްވާ އަނބިމީހާގެ ޙައްޤުތައް:
ހ. އަނބިމީހާ އަށާއި ދަރިންނަށް ދޭންޖެހޭ ނަފާޤާތް ދިނުމުގައި ޤާއިމުވެ ހުރުން.
ށ. އާއިލާގެ ކަންތައްތަކުގައި އަނބިމީހާ އާއި މަޝްވަރާ ކުރުން.
ނ. އަނބިމީހާގެ ކިބައިގައިވާ ބައެއް އުނި ސިފަތަކަށް ފިރިމީހާ ލޯމަރާލުން.
ރ. އަނބިމީހާ އާއި މެދު ހެޔޮ ގޮތުގައި ކަންތައް ބެހެއްޓުން.
ބ. ގޭތެރޭގެ މަސައްކަތުގައި އަނބިމީހާއަށް އެހީތެރިވެ ދިނުން.
4. ބޮޑެތިވަމުން އަންނަ ކުދީންނަށް ބޭކާރު ގޮތުގައި ހުސްވަގުތު ހޭދަކުރާން ޖެހުން:
ޙައްލު: އަޅުކަމަށް ކުދިން ހޭނުވުން. އުނގެނުން ތަފާތު ފައިދާހުރި ކަސްރަތުތައް ދަސްކޮށްދިނުން.
5. އަޚުލާޤު ގޯސް ރަޙުމަތްތެރިންނާއި ގުޅިގެން އުޅެން ދިމާވުން:
ޙައްލު: ދަރީންނަށް ހެޔޮލަފާ ރަޙްމަތްތެރިން ހޯދާދީ ވިޔާނުދާ ކުދިންގެ ކިބައިން ސަލާމަތްކޮށް ދިނުން.
6. މައިންބަފައިން ކުއްޖާއާއި މެދު ގޯސްކޮށް ކަންތައް ބެހެއްޓުން:
(ހަރުކަށި ވުމުގައި ޙައްދުން ނެއްޓުން، އަނިޔާކުރުން ފަޟީޙަތްކުރުން)
ޙައްލު: ކީރިތި ޤުރުއާނާއި ސުއްނަތުގެ އަލީގައި ކުދިންނާއި މެދު މުޢާމަލާތު ކުރަންވީ ގޮތް މައިންބަފައިން ރަނގަޅަށް ދަނެ އެގޮތުގެ މަތީން ޢަމަލުކުރުން.
7. ޖިންސީ ފިލްމުތަކާއި މަޖައްލާތަކާއި މަސްތުވާ ތަކެތީގެ މައްސަލަ:
ޙައްލު: މިފަދަ ނޭދެވޭ ކަންތައްތަކުން މައިންބަފައިން އަމިއްލައަށް ސަލާމަތްވެ ތިބެ ދަރިން ސަލާމަތް ކުރުމަށް ވެވެން އޮތް ހުރިހާ ރޮނގަކުން މަސައްކަތް ކުރުން.
މިފަދަ ނޭދެވޭ ކަންތައްތަކުގެ ސަބަބުން ދުނިޔެއާޢި އާޙިރަތުން ލިބިދާނެ ގެއްލުން ދަރިންނަށް ބުނެދިނުން.
ބޮޑެތިވަމުން އަންނަ ދަރިންގެ ހުރިހާ ކަމެއް މައިންބަފައިންގެ ފުރިހަމަ ބެލެހެއްޓުމުގެ ދަށަށް ގެނައުން.
8. ކުއްޖާ ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ފަރުވާ ކުޑަވުން:
ޙައްލު: ދަރީންނަކީ މާތްﷲ މައިންބަފައިންނާއި ޙަވާލު ކުރައްވާފައިވާ އަމާނާތެއްކަން ދަނެ އެ އަމާނާތަށް ރައްކާތެރިވެ ދަރިން ފުރިހަމަ ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްކަންދިނުން.
ނޯޓް: މިލިޔުމަކީ ދަރުމަ މަޖައްލާއަށް އައްޝައިޚް ޙަސަން ލަޠީފް މޫސާ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

 

0