ނަޞޭޙަތާއި އިރުޝާދު
މިރޭތަކާއި ދުވަސްތަކުގައި މިކަންކަމަށް އެދި ދުޢާ ކުރައްވާ!

އަޅުގަނޑުމެން ގުނަމުން މިގެންދަނީ ބަރަކާތުން ފުރިގެންވާ ދުވަސްތަކެކެވެ. މުޅި އަހަރުގައިވެސް އަންނާނެ އެންމެ މާތް ރޭތަކެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. މާތް ވެގެންވާ ލައިލަތުލް ޤަދްރި ވިލޭރޭ ވަނީ މީގެން ރެއެއްގައެވެ.

އަޚުންނޭވެ. އެރޭ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ތަރާވީޙް ނަމާދާއި ދަމު ނަމާދު ކުރުމުގައި ހީވާގި ވެލާށެވެ. ދަމު ނަމާދުގެ ވަގުތުގައި ގިނަގިނައިން ދުޢާކުރާށެވެ. ދަމު ނަމާދުގެ ވަގުތަކީ ރަޙްމާންވަންތަ ރަސްކަލާނގެ ދުނިޔޭގެ އުޑަށް ފައިބާވޮޑިގަންނަވާ ވަގުތެވެ. އެވަގުތުގައި ކުރެވޭ ދުޢާ އިޖާބަކުރެވޭނެއެވެ. ރައްދު ނުކުރެވޭ ހުއްޓެވެ.

މިފަދަ މާތް މައްސަރަކާއި ބައްދަލުވީތީ މާތް ﷲ އަށް ޙަމްދުކުރާށެވެ. ފާފަ ފުއްސެވުމަށާއި ސުވަރުގެ ދެއްވުންއެދި ދުޢާ ކުރައްވާށެވެ! މަރުގެ ސަކަރާތް ލުއިކޮށްދެއްވުންއެދި ދުޢާ ކުރައްވާށެވެ! ޤަބަރު ޢަޒާބުންނާއި ނަރަކައިގެ ވޭންދެނިވި ޢަޒާބުން ރައްކާތެރިކަމަށް އެދިލައްވާށެވެ! ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން ދުޢާ ކުރައްވާށެވެ!

އާއިލާގެ މެދުގައި ލޯތްބާއި ކުލުނާއި ރަޙުމްލެއްވުން އެދި ދުޢާ ކުރައްވާށެވެ! ހެޔޮލަފާ ޞާލިޙް ދަރިފަސްކޮޅެއް ދެއްވުންއެދި ދުޢާ ކުރައްވާށެވެ! އަޅުގަނޑުމެންގެ ދަރިންނަކީ ދީނީ ކަންކަމަށް ފަރުވާތެރިވާ މައިންބަފައިންގެ ބަސްއަހާ ކުދިބަޔަކަށްވުމަށް އެދި ދުޢާ ކުރައްވާށެވެ! އަޅަމެންނީ ހެޔޮކަންކަމަށް މަގުދައްކާ، މުންކަރާތްތައް މަނާކުރާ ބަޔަކު ކަމުގައި ލެއްވުންއެދި ދުޢާ ކުރައްވާށެވެ!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް އަމާންކަން ދެއްވައި ކެތްތެރިކަން ދެއްވުންއެދި ދުޢާ ކުރައްވާށެވެ! އިސްލާމްދީނުގެ ޢަދުއްވުން ބަލިކުރައްވާ އިސްލާމްދީނަށް ނަޞްރު ދެއްވުންއެދި ގިނަގިނައިން ދުޢާ ކުރައްވާށެވެ!

ކީރިތި ޤުރުއާނަކީ އަޅުގަނޑުމެންގެ ހިތުގެ ނޫރުކަމުގައި ލެއްވުންއެދި ދުޢާ ކުރައްވާށެވެ! އެފޮތަށް ކިޔަމަންގަންނަ ހެޔޮލަފާ ޞާލިހު ބަޔަކަށް ވުމަށް އެދި ދުޢާ ކުރައްވާށެވެ!

މާތް ނަބިއްޔާ އާއިއެކު ސުވަރުގޭގައި ވުމަށްއެދި ދުޢާ ކުރައްވާށެވެ! ތަފާތު ކޯރުތައްވާ، ފޫހިވުމެއް ނުވާ، އެތަނުގައި މުސްކުޅިވުމެއް ނުވާ ޖަންނަތަށް ދިއުމަށްއެދި ދުޢާ ކުރައްވާށެވެ! ސުވަރުގޭގައިވާ އެންމެ އަގު ބޮޑު ނިޢުމަތްކަމުގައިވާ މާތް ﷲ ގެ ވަޖުހުފުޅު ދުށުމުގެ ތައުފީޤު ދެއްވުންއެދި ދުޢާ ކުރައްވާށެވެ!

އެކަލާނގެއީ ގިނަގިނައިން އެކަލާނގެ ޙަޟްރަތުގައި ކަންކަމުކިޔާ އަޅުންދެކެ ލޯބިވެވޮޑިގެންވާ ދީލަތިވަންތަ ރަސްކަލާނގެއެވެ. ކީރިތި ޤުރުއާނުގައި ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

}وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ {

މާނައީ: “ އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.“

70