ރަމަޟާން
އިބުރަތްތެރި ވާހަކަ: އާފަލަކާއި ތަޤްވާވެރި ޒުވާނާ

ހިޖުރައިން ފުރަތަމަ ގަރުނުގައި ވަރަށް ތަޤުވާވެރި ޒުވާނަކު އުޅުނެވެ. އެ ޒުވާނާގެ ކަމަކީ ޢިލްމު ހާސިލުކުރުމަށްޓަކައި ހުސްވެ ހުރެގެން ތަޢުލީމު ލިބިގަތުމެވެ. ނަމަވެސް ވަރަށް ފަޤީރު ޒުވާނެކެވެ. އެއްދުވަހެއްގައި ވަރަށް ބަނޑުހައިވެފައިވާ ހާލުގައި ޒުވާނާ ގެއިން ނުކުތެވެ. ކާލާނެ ހަމަ އެކައްޗެއް ވެސް އެ ޒުވާނާއަށް ލިބިގެންނެއް ނުވެއެވެ. މިހެން ހިނގާފައި ދަނިކޮށް ފެނުނީ އާފަލުން ބަރާކޮށްފައިވާ ގަސްތަކަކުން ނަލަހެދިފައިވާ ދަނޑުތަކެކެވެ. ވަކިހިސާބަކަށް ދެވުނު އިރުގައި މި ފެނުނީ އެތަނުން ދަނޑެއްގައި ހުރި ގަހަކުން މަގުމައްޗަށް ވާ ގޮތަށް ގޮފިގަނޑެއް ނުކުމެފައިވާ ތަނެވެ.

ޒުވާނާގެ ހިތަށް ވަގުތުން އެރީ އެ ގޮފިގަނޑުން އާފަލެއް ކާލަންވީ ކަމުގައެވެ. އަދި އެންމެ އާފަލެއް ކާލުމަކުން އެއޮއްބޮޑު ދަނޑުން އެއްޗެއް މަދުނުވާނޭ ކަމުގައެވެ. މާ ގިނަ އިރުތަކަކު ބަލާކަށްނުހުރެ އާފަލެއް ބިނދެލައިގެން ކާލައިފިއެވެ.

އެނބުރި ގެއަށް އާދެވުމާއެކީ އަމިއްލަ ނަފުސު އޭނާއަށް މަލާމާތް ކުރަން ފަށައިފިއެވެ. މީހެއްގެ އެއްޗެއް އޭނާގެ އިޒުނަޔާއި ނުލައި ކެއުމަކީ ކޮން ގޮތަކުންހުއްދަވާނޭ ކަމެއްހެއްޔެވެ؟ ދެން މި ކަމުގައި އެމީހާގެ ކިބައިން މާފަށް ނޭދިހުރުން ހެޔޮވާނީ ވެސް ކިހިނަކުންހެއްޔެވެ؟ (މުއުމިނުންގެ ހާލަކީ އަބަދުވެސް މިއީއެވެ.)

މި ފިކުރު އަންނަލެއް ބޮޑު ކަމުން ޖެހިގެން އައި ދުވަހު ދަނޑުގެ ވެރި މީހާ ހޯދުމަށްޓަކައި ޒުވާނާ ހިގައްޖެއެވެ. އަދި ވެރި މީހާ ފެނި އެއީ ދަނޑުގެ ވެރި މީހާކަން ޔަގީންވުމުން ބުނެފިއެވެ. އޭ ބޭބެއެވެ. ބޭބެގެ ދަނޑުން އިއްޔެގައި ބޭބެގެ އިޒުނައެއް ނެތި އާފަލެއް ކެވުނެވެ. އެކަން އެހެންވީ އަހަރެން ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. މިއަދު މިއައީ އެކަމާ މާފު އެދިގެން މާފުކޮށްދޭތޯއެވެ؟

ދަނޑުގެ ސާހިބު މީހާ ބުންޏެވެ. އަހަރެން ކަލެއަށް މާފު ކުރާނޭ ހަމަ އެއް ގޮތެއް ވެސް ނޯންނާނެއެވެ. އަދި މާދަމާ ޤިޔާމަތް ދުވަހުގައި މާތް ﷲ ގެ ދަރުބާރުގައި މި މައްސަލަ އުފުލާނަމެވެ.

އެހިނދު ތަޤުވާވެރި ޒުވާނާއަށް ރޮވިއްޖެއެވެ. އަދި އެކި ގޮތްގޮތުން މާފު ދޭތޯ އާދޭސްކުރެވެން ފަށައިފިއެވެ. އަދި ބުންޏެވެ. އަހަރެން ބޭބެ ބުނި ކޮންމެ ކަމެއް ވެސް ކޮށްދޭން ތައްޔާރެވެ. އޭގެ ބަދަލުގައި އަހަރެންނަށް މާފުކޮށްލަދޭށެވެ. ނަމަވެސް ދަނޑުގެ ސާހިބާ ކުރީ އެކަމާ މުޅިންވެސް އިންކާރެވެ. އަދި އެންމެ ފަހުން ޒުވާނާ ދޫކޮށްފައި ސާހިބާ ގެއަށް ދާން ހިނގައިގަނެއްޖެއެވެ. ޒުވާނާ ދަނޑުގެ ސާހިބާ ގެއަށް ވަދެއްޖައުމަށް ދާންދެން ފަހަތުން އާދޭސްކުރަމުން ދިޔައެވެ. ގެއަށް ވަނުމުން އެމީހާ ނުކުންނާނޭ އިރެއްގެ އިންތިޒާރުގައި މަޑުކޮށްގެން ހުއްޓެވެ.

ދަނޑުގެ ސާހިބާ ޢަޞްރު ނަމާދަށް ދިއުމަށްޓަކައި ނުކުތް އިރުގައި ވެސް އެއްކަލަ ޒުވާނާ ދޮރުކައިރީގައި ރޮވިފައިހުއްޓެވެ.

ހަމަ ނުކުތުމާއެކު ބުނެފިއެވެ. ބޭބޭއެވެ. އެ ދނަޑުގައި އެއްވެސް މުސާރައަކާ ނުލައި މުޅި އުމުރު ދުވަހަށް އަހަރެން މަސައްކަތް ވެސް ކޮށްދީފާނަމެވެ. އަހަރެންނަށް މާފުކޮށް ހިތް ހަލާލުކޮށްދޭށެވެ.

ދަނޑުގެ ސާހިބު މީހާ ވިސްނާލާފައި ޖަވާބުގައި ބުންޏެވެ. ކޮއްކޯއެވެ. މާފުކުރަން މިހިރީ ތައްޔާރަށެވެ. އެކަމަކު ޝަރުތެއްގެ މަތީންނެވެ. އެހިނދު ޒުވާނާގެ މޫނު އުފަލުން ހިނިތުންވެފައި ބުންޏެވެ. އަވަހަށް ބުނާށެވެ. ބޭނުން ޝަރުތެއް ކުރާށެވެ.

ސާހިބު މީހާ ޖަވާބު ދިނެވެ. ޝަރުތަކީ ކޮއިފުޅު އަހަރެންގެ ދަރިފުޅާއި ކައިވެނިކުރުމެވެ. ނަމަވެސް ބުނަމެވެ. އަހަރެންގެ ދަރިފުޅަކީ ލޯއަނދިރިވެފައިވާ ބީރު މަންމަން ކުއްޖެކެވެ. އަދި ހިނގޭ ވެސް ކުއްޖެއް ނޫނެވެ. ޖެހިގެން މިއައި ދެވަނަ މުސީބާތާއެކު ޒުވާނާ ދިޔައީ ހިތާމައިގެ ނޭވާއަކުން ސިއްސައިގެންނެވެ.

ޒުވާނާ ހިތާ ހިތާ ކިޔާލިއެވެ. އެހާ ބަލި ކުއްޖަކާ އެކު އުޅޭނީ ކިހިނަކުންހެއްޔެވެ؟ އެހާވަރުގެ ނުކުޅެދޭ ކުއްޖެއް ބެލެހެއްޓޭނީ ކޮން ގޮތަކަށް ހެއްޔެވެ؟ ނަމަވެސް ހިތަށް އެރިއެވެ. އެކަމަށްޓަކައި ކެތްތެރިވެފައި މި އާފަލުގެ ފާފައިން ސަލާމަތްވެގަންނާނީއެވެ.

އެއަށްފަހު ސާހިބާއާ ދިމާއަށް މޫނު ސީދާކޮށްލާފައި ބުންޏެވެ. ބޭބޭއެވެ. އަހަރެން ބޭބެ ގެ ޝަރުތު ޤަބޫލުކޮށްފީމެވެ. އަހަރެން ﷲ ގެ ޙަޟްރަތުން އެދެނީ އަހަރެންގެ ނިޔަތަށްޓަކައި ހެޔޮ ޖަޒާ މިންވަރުކުރައްވާ އަހަރެންނަށް ޖެހިފައިވާ މުސީބާތް ލުއިކުރެއްވުމެވެ.

ސާހިބު މީހާ ބުންޏެވެ. އެހެންވީއިރު އަންނަ ބުރާސްފަތި ދުވަހުގައި އަންނާށެވެ. އަހަރެން ހުރިހާ ކަމެއް ފުރިހަމަކޮށް ތައްޔާރުކުރާނަމެވެ.

ޖެހިގެން އައި ބުރާސްފަތި ދުވަހުގައި ތަޤްވާވެރި ޒުވާނާ އެ އަންނަނީ ބަރު ހިނގުމެއްގައެވެ. މޮޅިވެފައިވާ ހިތަކައިގެންނެވެ. އުންމީދުތަކުން މަހުރޫމުވެފައިވާ ޚިޔާލަކައިގެން ނެވެ. އެއްވެސް މީހަކު އެމީހެއްގެ ކައިވެންޏަށް އަންނާނޭ ފަދަ މޫނަކައިގެންނެއް ނޫނެވެ.

އެއައި ގޮތަށް އައިސް ސާހިބާގެ ގޭގެ ދޮރުގައި ޓަކި ދިނުމާއެކު ދޮރު ހުޅުވާލާފައި ސާހިބު މީހާ ނުކުމެ މަރުހަބާ ކިޔައިފިއެވެ. އަދި ބުންޏެވެ. ދަރިފުޅާއެވެ. ދަރިފުޅުގެ އަނބިމީހާއާ ބައްދަލުކުރަން އަންނާށެވެ. ކަލޭމެން ދެ ކުދިންގެ ކައިވެނީގައި މާތް ﷲ ބަރަކާތްލައްވާށިއެވެ.

އެއަށްފަހު ޒުވާނާގެ އަތުގައި ހިފައިގެން ގެން ގޮސް އަންހެންކުއްޖާއަށް ޚާއްސަކުރެވިފައި ހުންނަ ކޮޓަރި ދައްކައިފިއެވެ. ޒުވާނާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ޒުވާނާއަށް ފެނުނީ ރީތިކަމުގައި އެފަދަ މިސާލެއް ނެތް ފަތްމިންޏެކެވެ. ޒުވާނާ ފެނުމާއެކު އެކަމަނާ ނިކަން އަންހެންވަންތަ ލޫޅާފަތި ހިނގުމަކާއި އެކު ތެދުވެގެން އައިސް ސަލާން ގޮވާލިއެވެ.

ޒުވާނާ ހުރީ އޭނާއަށް ފެންނަމުން ދާ ކަންކަން ގަބޫލުކުރުމަށް ނުކުޅެދުންތެރިވެގެންނެވެ. އަންހެން ކުއްޖާއަށް އެ ޒުވާނާއަށް ވެފައި ހުރި ގޮތް އެނގެއެވެ. އެހެންވެ އެ ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ.

އާއެކެވެ. ހަރާން މަންޒަރުތަކަށް ބެލުމުގައި އަހަރެންގެ ދެ ލޯ އަނދިރިވެފައި ކަނުވާނެއެވެ. ޙަރާން އަޑުތައް އެހުމުގައި އަހަރެންގެ ދެ ކަންފަތް ބީރުވާނެއެވެ. ޙަރާން ބަސްތައް ބުނުމުގައި އަހަރެންގެ ދޫ މަންމަންވާނެއެވެ. އަދި ޙަރާން ކަންކަމަށް ވާސިލުވުމަށް އަހަރެންގެ ދެ ފަޔަކަށް ނުހިނގޭނއެވެ. އަހަރެންނަކީ އަހަރެންގެ ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އަހަރެންނަށްޓަކައި ތަޤްވާވެރި ފިރިއަކު ބައްޕަ ހޯދަމުން ދާތާ ވަރަށް ޒަމާންވެއްޖެއެވެ.

ދެން ތިބާ އެ އާފަލު ކެވުނު ކަންތަކުގައި މާފަށް އެދެން އައި ހިނދު ބައްޕަ ބުންޏެވެ. ޙަލާލު ނޫން އާފަލެއް ކެވިގެން އެކަމާ މާތްކަލާނގެ ކިބަފުޅަށް މިހާ ބިރުވެތިވާ ޒުވާނަކަށް އަހަރެންގެ ދަރިފުޅާ މެދުގައި މާތްކަލާނގެ ކިބައަށް ބިރުވެތިވެވޭނެ ކަމާމެދަކު ޝައްކެތް ނެތެވެ. އަހަރެންގެ ފިރިއަކަށްޓަކައި ތިބާއަށް މަރުހަބާއެވެ.

ރިވާވެގެންވެއެވެ. އަލްއިމާމް އަބޫޙަނީފާ ރަޙިމަހު ﷲ އަކީ މީގެ ދެކަނބަލުންނަށް މާތް ﷲ ރިޒުޤުކުރެއްވި ސާލިޙު ދަރީންގެ ތެރެއިން ދަރިކަލެކެވެ.

 

މަސްދަރު: ނޫރުލްއިސްލާމް

3