- ނަމާދުތައް މިސްކިތުގައި ކުރުން
- މިސްކިތަށް ނަމާދަށް ދިއުމަށް އެކުވެރިއަކަށް ދަޢުވަތު ދިނުން
- ޤުރުއާން ކިޔެވުން
- ބަލި މީހަކަށް ޒިޔާރަތް ކުރުން
- މުޖުތަމަޢަށް ޚިދުމަތް ކުރާ ޖަމްޢިއްޔާއަކަށް މާލީ އެހީއެއް ދިނުން
- ސުންނަތެއް ދިރުވުން
- މަދުވެގެން ﷲ ގެ 10 އިސްމުފުޅު ދަސްކޮށް އެ އިސްމުފުޅުތައް ބޭނުން ކޮށްގެން އެކަލާނގެއަށް ދެންނެވުން
- މިސްކިތުގައި ނުވަތަ ޖަމްޢިއްޔާ އެއްގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުން ނުވަތަ ފީއެއް ނެގުމަކާއި ނުލާ ކުއްޖަކަށް އުނގަންނައި ދިނުން
- ދަމު ނަމާދު ކުރުން
- ތިމާއަށް ލިބިފައިވާ ޢިލްމެއް އެހެން މީހުނަށް ފޯރުކޮށްދިނުން
ޒިކުރާއި އިސްތިޣްފާރު ގިނަގިނައިން ކުރުން
ޒިކުރުކުރުމުގެ ގޮތުން ޤުރުއާން ކިޔެވިދާނެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
«مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ» [رواه الترمذي وصححه الألباني]
މާނައީ:”ﷲ ގެ ފޮތުން އެންމެ އަކުރެއްވެސް ކިޔަވައިފި މީހަކަށް ހެޔޮ ކަމެއްވެއެވެ. ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ހެޔޮކަންފަދައެވެ. الم އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއް ނުވަމުއެވެ. އެހެންނަމަވެސް ا އަކީ އަކުރެކެވެ. ل އަކީވެސް އަކުރެކެވެ. އަދި م އަކީވެސް އަކުރެކެވެ.”
ޤުރުއާން ކިޔެވުމުގެ އިތުރުން ކުރެވިދާނެ ބައެއް އެހެން ޒިކުރުތަކުގެ ތެރޭގައި:
((مَنْ قَالَ سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ)) [رواه الترمذي وصححه الألباني]
މާނައީ: ”سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ [މާނައީ: “ހުރިހާ އުނި ސިފައަކާއި ކަމަކުން، މަތިވެރިވަންތަ މާތް ﷲ ހުސް ޠާހިރުވެވޮޑިގެންވެއެވެ. އަދި ހުރިހާ ޙަމްދެއް ހުރީ އެއިލާހަށެވެ. [“މިފަދައިން ކިޔައިފިމީހާ ދަންނައެވެ. އޭނާއަށްޓަކައި ސުވަރުގޭގައި ކަދުރު ރުކެއް އިންދޭ ހުށްޓެވެ.”
«كَلِمَتَانِ حَبِيبَتَانِ إِلَى الرَّحْمَنِ، ثَقِيلَتَانِ فِي الْمِيزَانِ، خَفِيفَتَانِ عَلَى اللِّسَانِ: سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ» [أخرجه البخاري]
މާނައީ: “ރަޙްމާންވަންތަ ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދެކަލިމައެއްވެއެވެ. އެ ދެކަލިމަ މީޒާނުގައި ބަރުވެގެންވެއެވެ. އަދި ދުލަށް ލުއިވެގެންވެއެވެ. (އެބަހީ: އެއީ ކިޔާލަން ފަސޭހަ ދެކަލިމައެވެ.) އެ ދެކަލިމައަކީ سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ އެވެ.”
އިސްތިޣްފާރުކުރެވިދާނެ ފަސޭހަގޮތެއް
))أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ((
މާނައީ: “ޔާ ﷲ! މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ. އަދި މިއަޅާ އިބައިލާހަށް ތައުބާވަމެވެ.”
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ)) [صحيح مسلم, 133 – 1893].
މާނައަކީ: ”ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭފަދަ އަޖުރާއި ޘަވާބު ހުއްޓެވެ.”
މިސްކިތުގައި މުސްލިމުންގެ ޖަމާޢަތާއެކު ފަތިސްނަމާދު އަދާކުރާށެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ صَلَّى صَلَاةَ الصُّبْحِ فَهُوَ فِي ذِمَّةِ اللهِ» [رواه مسلم]
މާނައީ: “ފަތިސްނަމާދުކޮށްފި މީހަކު ވަނީ ﷲ ގެ ޛިންމާގައެވެ.”