ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާއަކީ ޢިލްމީ އެއްވެސް މަޤާމެއްގައި އެކަލޭގެފާނުގެ ނަންފުޅު އަޑު ނީވި ނުދާނެ މަތިވެރި ޞަޙާބީއެކެވެ. އެކަލޭގެފާނު މަޝްހޫރުވެގެން ގޮސްފައިވަނީ މި އުއްމަތުގެ ޢިލްމުވެރިޔާގެ ގޮތުގައެވެ. އެކަލޭގެފާނު އުފަންވެވަޑާއިގެންފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރައަށް ވަޑައިގަތުމުގެ ތިން އަހަރު ކުރިންނެވެ. އެ ދުވަސްވަރަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ އެކަލޭގެފާނަށް ތަބަޢަވީ އެންމެހާ ބޭކަލުން މައްކާގެ މުޖުތަމަޢުން އެކަހެރި ކުރެވި ، ޝިއުބު އަބީޠާލިބުގައި ބަންދުކުރެވިގެންވީ ދުވަސްވަރެވެ. ސިޔަރަތު ޢިލްމުވެރިން ޒިކުރު ކުރައްވާ ގޮތުގައި ޢަބްދުﷲ ބުނު ޢައްބާސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ދެ އަހަރާއި ބައިގެ މުއްދަތަކަށް ޢިލްމު ޙާސިލުކުރެއްވިއެވެ.
އިބްނު ޢައްބާސްގެ ފަރާތުން ރިވާވެގެންވެއެވެ. [ކީރިތި ރަސޫލާ ﷺ އަވަހާރަވުމުން ތިމަންކަލޭގެފާނު އަންޞާރީ ބޭކަލުންގެތެރެއިން ބޭކަލެއްކައިރީ ދެންނެވީމެވެ.
“ކީރިތި ރަސޫލާ ﷺ ގެ އަޞްޙާބުންގެ ފަރާތުން ޢިލްމު އުގެނުމަށް އެބޭކަލުންނާއި ސުވާލުކުރުމަށް ހިންގަވާށެވެ. އެހެނީ، އެބޭކަލުން (އަޞްޙާބުން) މިއަދު ގިނަވެގެންވެއެވެ.”
އެބޭކަލަކު ޖަވާބުދެއްވިއެވެ.
“އޭ އިބްނު ޢައްބާސްއެވެ. ތިމަންކަލޭގެފާނު ތިބާއާއިމެދު އަޖާއިބުވަމެވެ.
ޢިލްުމުގައި އަރާތިއްބެވި އެތައް އެތައް ޞަޙާބީންނެއް ދުނިޔޭގައި ތިއްބަވަނިކޮށް ކަލޭގެފާނު ފަދަ އުމުރުން ހަގު ބޭކަލަކަށް މީސްތަކުން ހާޖަތްތެރިވާނެކަމަށް ކަލޭގެފާނަށް ހީފުޅުވަނީ ހެއްޔެވެ؟
ތިމަންކަލޭގެފާނު އޭނަގެ ވާހަކަ ޤަބޫލުނުކޮށް، ޢިލްމު އުނގެނުމާއި ކުރިމަތިލީމެވެ. ފަހެ ތިމަންކަލޭގެފާނު ކައިރީގައި މިވެނި ބޭކަލެއް އާ ޙަދީޘެއް އެބަ ރިވާކުރައްވައޭ ބުނުމުން ތިމަންކަލޭގެފާނު އެބޭފުޅެއްގެ ގެ ކައިރިއަށްދަމެވެ. އެބޭފުޅަކު ނުކުމެ ފެންނަންދެން، އެގޭގެ ދޮރު ކައިރީގައި ރިދާ ފަތުރާ އޭގެ ބޯ އަޅައިގެން އޮށޯވެ އޮންނަމެވެ. އެތާގައި އޮންނައިރު ތިމަންކަލޭގެފާނު ބޮލަށް ވަޔާއިއެކީ ހިރަފުސްވެސް އެޅެއެވެ. އެބޭފުޅަކު ނުކުމެ ތިމަންކަލޭގެފާނު ފެނުމުން ބުނާނެތެވެ.
“އޭ އިބްނު ޢައްބާސްއެވެ. ތިމަންކަލޭގެފާނުކައިރިއަށް ތިއައީ ކީއްވެހެއްޔެވެ؟ ތިމަންކަލޭގެފާނު ހޯދަން ފޮނުވިނަމަ ކަލޭގެފާނު ކައިރިއަށް އައީމުހެވެ.”
ޖަވާބުގައި ތިމަންކަލޭގެފާނު ބުނަމެވެ.
“ނޫނެކެވެ. ކަލޭގެފާނު ކައިރިއަށް އައުން ތިމަންކަލޭގެފާނަށް މާޙައްޤުކަންބޮޑެވެ. ޢިލްމަކީ ތިބާ ކައިރިއަށް އަންނަ އެއްޗެއް ނޫނެވެ. (ޢިލްމު ހޯދަން ބޭނުންނަމަ) ތިބާ ޖެހޭނީ ޢިލްމު ފަހަތުން ދާށެވެ.”
އެއަށްފަހު ޙަދީޘާއި ބެހޭގޮތުން ސުވާލުކުރަމެވެ.
އިބްނު ޢައްބާސްވިދާޅުވިއެވެ.
” ބޮޑެތި ބޮޑެތި ޞަޙާބީން ތިއްބާ ތިމަންމެން ފަދަ ޅަ ޒުވާނުން ޢިލްމު އުނގެނެން އުޅުމަކީ ބޭކާރު ކަމެއް ކަމުގައި ވިސްނައިދޭން އުޅުއްވި ޞަހާބީ ދިރިއުޅުއްވަމުން ގޮސް އެއްދުވަހަކު
އެކަލޭގެފާނަށް ތިމަންކަލޭގެފާނު ފެނިވަޑާއިގަތެވެ. އެއިރު ތިމަންކަލޭގެފާނުގެ ވަށައިގެން މީހުން އެއްވެފައި ތިއްބެވެ.
* އިބްނު އައްބާސްގެ ގެކޮޅަށް ވާޞިލުވާން އޮންނަ މަގުތައް،މީސްތަކުންނާއިގެން ތޮއްޖެހިފައި ވެއެވެ.
އެ އަންޞާރީ ޞަހާބީ ވިދާޅުވިއެވެ.”
“މިޒުވާނާ އަކީ ތިމަންނާއަށްވުރެ މާބުއްދިވެރި މީހެކެވެ.”]
ވާހަކައިން ލިބޭ ބައެއް ޢިބްރަތްތައް:
1. ޢިލްމަކީ ތިބާ ކައިރިއަށް އަންނަ އެއްޗެއް ނޫނެވެ. (ޢިލްމު ހޯދަން ބޭނުންނަމަ) ތިބާ ޖެހޭނީ ޢިލްމު ފަހަތުން ދާށެވެ.
2. ކެތްމަދުވުމާއި ކެތްތެރިވުމުގެ އިނާމު ތަފާތު ވާނެކަން މި ވާހަކައިން އެނގެއެވެ. މި މަފްހޫމަށް އިނގިރޭސި ބަހުން ކިޔަނީ
Delayed gratification vs. Instant gratification
3. ޒުމަރު ސޫރަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
“ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.”
އިބްނި ޢައްބާސްގެފާނު ޢިލްމު ހޯދުމަށްޓަކައި އުޅުއްވަން ޖެހިވަޑައިގެންނެވީ ވަރަށް ދަތި ޙާލުގައެވެ. މި އުނދަގޫތަކަށް އެކަލޭގެފާނު ކެތްތެރިވެވަޑައިގަތުމުގެ ނަތީޖާ އަކީ އުއްމަތް ނުދެކޭ ފަދަ ބޮޑު ޢިލްމުވެރިޔަކަށް ވެވަޑައިގަތުމެވެ.
ޢިލްމުގެ ސަބަބުން ޢިލްމުވެރިޔާގެ ދަރަޖަ ދުނިޔެއާއި އާޚިރަތުގައި މަތިވެރިވެގެންވެއެވެ.
މީހަކަށް ލިބިފައިވާ ވެރިކަމެއްގެ ސަބަބުން ނުވަތަ މުއްސަނދިކަމެއްގެ ސަބަބުން ނުވަތަ އެނޫން ކަމެއްގެ ސަބަބުން އެމީހެއްގެ ދަރަޖަ މަތިވެރިވިގެން ނުދާހާ މިންވަރަށެވެ. ޤަދަރާއި ޢިއްޒަތް ލިބިފައިވާ މީހާ ޢިލްމު އުނގެނުމަށް މަސައްކަތް ކުރާނަމަ އެކަމުގެ ސަބަބުން އޭނަގެ ޝަރަފްވެރިކަން އިތުރުވެގެންދެއެވެ. ދެރަ ނިކަމެތި އަޅުމީހާއަށް ލިބިފައިވާ ޢިލްމުގެ ސަބަބުން އޭނައަށް ރަސްރަސްކަލުންގެ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދެއެވެ.“