އިބުރަތްތެރި ވާހަކަ
މާމަގެ ހަނދާން

އަހަރެންގެ މަންމަ އަބަދުވެސް އަހަރެން ގާތު ބުނެއެވެ. ދަރިފުޅާއެވެ. ދަރިފުޅުގެ މާމައަކީ ފަސްމީރު ކުރިރުކެކެވެ. އަޅުކަމުގައި، މާމަހައި ހީވާގި މީހަކު މަންމައެއް ނުދެކެމެވެ.
މަންމަ އަބަދާއަބަދު އެހެން ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ބުނަންހެއްޔެވެ؟ އަހަރެންގެ މާމަފަދަ އަޅުވެރިއަކު، އަހަރެންގެ ޙަޔާތުގައިވެސް ނުދެކެމެވެ. އެކުވެރީންނޭވެ! އަހަރެންގެ މާމަގެ ވާހަކަ ކިޔައިދޭނަމެވެ. އަޑުއަހާށެވެ. ވިސްނައި ފިކުރުކޮށްފި މީހަކަށް، މި ވާހަކައިން ޢިބުރަތެއް ލިބޭނެއެވެ.

* * * * *
އަހަރެން ހަނދާން ހުންނަންފެށިއިރުވެސް މާމައަކީ އުމުރުން ދުވަސްވީ،މުސްކުޅި މީހެކެވެ. ގައިގެ ކުލަ ދޮން، މޫނު ވަކިން އަލި، މާމަގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއް އަބަދުވެސް ހުރެއެވެ. ރަށުގެ ހުރިހާ ކުޑަކުދިންނަށް ޤުރުއާން އުނގަންނައިދެނީ މާމައެވެ. އެއްވެސް އުޖޫރައަކާއި ނުލައެވެ. ތެދުތެދަށް ބުނާނަމަ، އަހަރެން ބޮޑުވެގެން އައިއިރު ރަށުގައި ޤުރުއާން ކިޔަވަން އެނގޭ ކުއްޖަކު ހުރިނަމަ އެއީ އަހަރެންގެ މާމަގެ މިންނެތް މަސައްކަތެވެ. މިކަމުގައި މާމައަކަށް، ހެނދުނެއް، މެންދުރެއް، ހަވީރެއް ނޯވެއެވެ. އުމުރުން ދުވަސްވުމާއެކު، ގޭތެރޭގެ އެއްވެސް މަސައްކަތެއް މާމައަކަށް ނުޖައްސަމެވެ. ވުމާއެކު ދުވާލުގެ ހަތަރުދަން މާމަ ހޭދަކުރަނީ، ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާއި، ކުދިންނަށް ޤުރުއާން އުނގަންނައިދިނުމުގައެވެ. ރެއާއި ދުވާލު، އެންމެ ފަޅި ސިކުންތެއްވެސް، އަޅުކަމާ ގުޅުން ނެތް ކަމެއްގައި ހޭދަކުރާތީ އަހަރެން ނުދެކެމެވެ. ހުސް ވަގުތެއް ލިބިއްޖެނަމަ އިންނާނީ ”ސާޅިސް ހަދީސް“ ކިޔާށެވެ. ލޯ ބަލިކަމާއެކުވެސް، ނަންބަރު އައިނެއްގެ އެހީގައި، އެފޮތުގައި ދެލޯ ޖަހައިގެން ނަމަވެސް، އެންމެ ދުވަހެއް ވެސް ވައްޓާނުލާ ކިޔާނެއެވެ. އެއީ ހިތްތިރިކަމާއި، މީހުންނަށް އޯގާތެރިވުމާއި، އަވައްޓެރިންނަށް ކަމޭހިތުމުގައި ނަމޫނާއެކެވެ. މި ސަބަބުތަކާހުރެ، މާމަދެކެ ލޯބި ނުވާ ބޮޑު މީހަކު، ކުޑަކުއްޖަކު ރަށަކު ނޫޅެއެވެ.
އެފަދަ ނާ ތަހުޒީބު، ދީނީ ހޭލުންތެރިކަން ކުޑަ ދުވަސްވަރެއްގައި ވެސް، މާމަ އަޅުކަމަށް ސަމާލުކަން ދިންވަރު ހިތަށް އެރުމުން، އޭރު ހިތަށް އެއްޗެއް ނޭރިޔަސް، މިއަދު ގައިން ހީބިހި ނަގައެވެ.
މާމަގެ ބަލި ޙާލަތު ހުންނަ ގޮތުން ވަރަށް ގިނަފަހަރު މާމައަށް ޚިދުމަތް ކުރުމާއި، މާމަގާތުގައި ނިދުމުގެ ފުރުޞަތު އަހަންނަށް ލިބެއެވެ. ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މާމަ ޒިކުރު ކިޔުމުގައި ނުވަތަ ނަމާދަށް ހުއްޓައި މެނުވީ ދަންވަރެއްގައި ވެސް އަހަންނަކަށް ހެޔެއްނުލެވެއެވެ. ފަރުޟު އެންމެ ނަމާދެއް ކީއްކުރަން ހެއްޔެވެ؟ ރަވާތިބު އެންމެ ސުންނަތެއް ވެސް އަހަރެންގެ މާމަ ދޫކޮށެއް ނުލާނެއެވެ. ފަތިސް ނަމާދަށް ވެސް ވަގުތުވުމުގެ މާކުރިޔަށް މާމަ އިންނާނީ ތައްޔާރު ވެގެން، ފަޔަށް ”އުރަ“ ލައްވައިގެންނެވެ.
މިގޮތުގައި ދުވަސްތައް ހޭދަވަމުން ގޮސް މާމަގެ ބަލިޙާލު ބޮޑުވެ، ހިނގާބިނގާނޫޅެވި، ތަންދޮރު ވަކިނުވާވަރު ވެއްޖެއެވެ. މާމަގެ ޙާލު ބަލަން އައިސް، ހެޔޮ ދުޢާއެއް ނުކުރާ ހަމަ އެކަކު ވެސް ރަށުގައި ނެތެވެ.
ޙާލު ބޮޑުވެ އުމުރުގެ އެންމެ ފަހު ދުވަސްތައް ގުނަން މާމައަށް ޖެހުނީ އައި ޖީ އެމް ހޮސްޕިޓަލުގައެވެ. މާމަ ނިޔާވިދުވަހު ކަން ހިނގައިދިޔަ އަޖައިބު ގޮތް މިހާރުވެސް ހިތަށް އެރުމުން އަހަރެންގެ ގައިން ހީބިހި ނަގައެވެ. މާމަގެ އަޖަލު މާމައާ ބައްދަލުވުމުގެ ކުޑަހިނދުކޮޅެއް ކުރިން ކަން ހިނގައިދިޔަ ގޮތް އަހަރެންގެ މަންމަ ކިޔައިދިނެވެ.
އެރޭ އިރާކޮޅު މަންމަ، މާމަގާތަށް ހޮސްޕިޓަލަށް ދިޔައެވެ. ކަން ދިމާކުރިގޮތުން އެވަގުތު އެތަނުގައި މާގިނަ ބަޔަކު ނެތެވެ. މަންމަ، މާމަގެ އަތުގައި ހިފައި އަތަށް ފިތާލުމާއެކު މާމަ ހެވިލާފައި ބުންޏެވެ.
“ ދަރިފުޅާ! މިފަހަރު ޢީދު ހަދިޔާ ވެސް ނުހަދަނީތަ؟ “
މަންމަގެ ލޮލުން ކަރުނަ ހިލުނީ ޢީދު އަންނަން ކުރިޔަށް އަދި ހައެއްކަ މަސް އޮތީތީ އާއި، އެވަގުތު މަންމަގެ ޒަމީރު މަންމަގެ ހިތަށް ވިސްނައިދިން ކަމަކުންނެވެ. މަންމަ ވަރަށް ލޯބިން މާމަގެ ބޮލުގައި ފިރުމާލުމަށްފަހު، އަދި ޢީދު އަންނަން ލައްކަ ދުވަސް އެބަ އޮތްކަމުގައި ބުންޏެވެ. އިރުކޮޅަކު އަނގައިން ނުބުނެ އޮތުމަށްފަހު އަނެއްކާ ވެސް މާމަ ބުނެލިއެވެ. “ ދަރިފުޅާއެވެ. މިތަނުގައި މި އުދުހެނީ ކޮން ދޫނިތަކެއް ހެއްޔެވެ؟ “ އެވަގުތު މަންމަގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. އަދި، މިތަނުގައި އެއްވެސް ދޫންޏެއް ނެތްކަމަށް ބުނެ މާމައަށް ޖަވާބު ދިނެވެ. އެވަގުތު އިހުނަށްވުރެ ބޮޑަށް ހެވިލާފައި މާމަ ބުންޏެވެ. “ މިތަނުގައި މި އުދުހޭ ހުދުކުލައިގެ ބޮޑެތި ދޫނިތަކެއް ދަރިފުޅަކަށް ހަމަ ނުފެނޭ ހެއްޔެވެ؟!!“ އެވަގުތު މަންމަގެ ބަޑި ފަޅައިގެން ދިޔައެވެ. އޭގެ ހަމަ ކުޑަ ހިނދުކޮޅެއްގެ ފަހުން މާމަ މި ދުނިޔެއަށް އަލްވަދާޢު ކިޔެވެ. އޭރުވެސް އޮތީ ހިނިތުންވެފައެވެ. ނިޔާވެފައި އޮތްއިރު، ދުވަހަކު ނުވާފަދަ އުޖާލާކަމެއް އެ މޫނުމަތިން ބަބުޅަމުން ދިޔަކަމަށް މަންމަ ބުންޏެވެ…..
ވިސްނާލައިބަލާށެވެ. ކިހައި ރިވެތި މަރެއް ހެއްޔެވެ؟ މާމަ ނިޔާވިފަހުން މިހާރު 18 އަހަރުވީއެވެ. ދާދި މިދާކަށްދުވަހަކު އަހަރެންގެ ބޮޑު ދައިތަ އަހަރެންގާތަށް ޒިޔާރަތްކުރުމުން އަހަރެން ބުނީމެވެ. “ އަހަރެން ނަމާދުކޮށްގެން ދުޢާކުރާ ހަމަ ކޮންމެ ފަހަރަކު މާމަ ހަނދާންވެއެވެ. ”އެވަގުތު ބޮޑުދައިތަ ސިއްސައިގެން ގޮސްފައި ބުންޏެވެ. “ އަހަރެން މި ދަތުރު އަންނަން އެއާޕޯޓަށް ގެނެސްދިން ޓެކްސީ ޑްރައިވަރު ވެސް ހަމަ ތިޔަ ޖުމުލަ ބުންޏެވެ… “
އެ ޓެކްސީ ޑްރައިވަރަކީ އަހަރެން ކުޑައިރު ރަށުގައި އުޅުނު ކުއްޖެކެވެ. ދިރިއުޅުން މާލެ ބަދަލުކުރިފަހުން ވިއްސަކަށް އަހަރުވެދާނެއެވެ…. މިގޮތަށް މާމައަށް ހެޔޮދުޢާ ކުރާނެ ކިތައް މީހުން ވާނެހެއްޔެވެ؟ ވިސްނާލަބަލާށެވެ.

0