ޚަބަރު
ޤައުމުގައި ހިނގާ މުންކަރާތްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވަން ޖެހޭނެ – ޚުތުބާ

ޤައުމުގައި ހިނގާ މުންކަރާތްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވަން ޖެހޭނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވަފައިފިއެވެ.

ޚުތުބާގައި ގޮވާލައިފައިވަނީ “ ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައި ހަދީޘެއްގައިވެއެވެ.  ”ތިޔަބައިމީހުންކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ، ފަހެ އެމީހެއްގެ އަތުން އެކަން މަނާކުރާށެވެ! އަތުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާމީހާ، ދުލުން އެކަން މަނާކުރާށެވެ. ދުލުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާމީހާ ހިތުން އެކަމަށް އިންކާރުކުރާށެވެ. އެއީ އީމާންކަމުގެ އެންމެ ދަށު ދަރަޖައެވެ.“ އިސްވެދިޔަ ޙަދީޘްގައި ތިންޙާލަތެއް ބަޔާންކުރެވިފައިވާއިރު ފުރަތަމަ ޙާލަތަކީ އަތުން މަނާކުރުމުގެ ޙާލަތެވެ. އެއީ ބާރުގެ ބޭނުންކުރުމުގެ ޙާލަތެވެ. އެހެންކަމުން ބާރާއި އިޚްތިޔާރު އޮންނަ ފަރާތްތަކަށް މުންކަރާތް މަނާކުރުމުގައި ބާރުގެ ބޭނުންކުރެވޭނެއެވެ. ގޭތެރޭގައި ވިޔާނުދާ ޢަމަލުތަކެއް ހިންގާ ކަމަށްވަނީނަމަ ގޭގެވެރިފަރާތަށް އެކަންހުއްޓުވޭނެއެވެ. ޤައުމުގައި ހިނގާ މުންކަރާތްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވަން ޖެހޭނެއެވެ. ދެވަނަޙާލަތަކީ ދުލުން މަނާ ކުރުމުގެ ހާލަތެވެ. އަތުންމަނާ ކުރުމުގެ ބާރާއި އިޚްތިޔާރުނެތް ފަރާތްތައް މުންކަރާތާ ދެކޮޅަށް ވާހަކަ ދައްކަންޖެހެއެވެ. ނަސޭހަތްތެރި ވާންޖެހެއެވެ. ދެންއޮތީ ތިންވަނަ ހާލަތެވެ. އެއީ އެންމެ ނިކަމެތި ހާލަތެވެ. މި ޙާލަތުގައި ހިތުން އެކަމާ ދެކޮޅުހަދަން ޖެހެއެވެ. މި ޙާލަތަކީ ހުރިހާ މުސްލިމުންނަށް ބައިވެރިވެވޭނެ ހާލަތެކެވެ.“

އިތުރަށްޚުތުބާ ގޮވާލައްވާފައިވަނީ “ މިއުއްމަތުގެ ތެރެއިން ބަޔަކު ޝައިޠާނާގެ ވަސްވާސް ތަކަށް ހެއްލި، ﷲ ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރަމުން ދާއިރު އެބައި މީހުންގެ އަތުގައި ހިފާ ހެޔޮމަގަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން މަނާކުރުން ދީނުގައި މުހިއްމުވަނީ މިޙިކުމަތަށް ޓަކައެވެ. ﷲ ޙަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ މުންކަރާތެކެވެ. ފާފައަކަށްވާ ކޮންމެ ކަމަކީ މުންކަރާތެކެވެ. އެކަލާނގެއަށް އުރެދުމަކީ މުންކަރާތެކެވެ. ދީނުގެ ޝިޢާރުތަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ މުންކަރާތެކެވެ. އަމަންއަމާންކަން ނަގާލުމަކީ މުންކަރާތެކެވެ. ޙައްޤަކާނުލައި މީހުންގެ މުދަލަށާއި ފުރާނައަށާއި އަބުރަށް އަރައިގަތުމަކީ މުންކަރާތެކެވެ.“

0