ނަޞޭޙަތާއި އިރުޝާދު
ސަލާމްކުރުމުގެ މުހިއްމުކަން

 

ސަލާމްކުރުމަކީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ. ސަލާމްކުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. އެގޮތުން، އިސްވެ ސަލާމްގޮވުމަކީ ސުންނަތެއްކަމުގައްޔާއި، ސަލާމަށް ރައްދު ދިނުމަކީ މުސްލިމުން އެކަކު އަނެކަކަށް އަދާކޮށްދޭންޖެހޭ ޙައްޤެއްކަމަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ސަލާމް ފެތުރުމަކީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކު މެދުގައި ލޯބި އިތުރުވެގެންދާނެކަމެއްކަމުގައި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅެއްގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެއީ ސުވަރުގެ ވަނުމުގެ ސަބަބެއްކަމުގައިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅެއްގައިވެއެވެ. އެހެންކަމުން، އަޅުގަނޑުމެން ގޭގެއަށް ވަންނައިރުގައި، އަދި އެކަކުއަނެކަކާއި ބައްދަލުވާ ހިނދު ގިނަގިނައިން ސަލާމްފެތުރުމަށް އާދަކުރަންވާނެއެވެ.

އެގޮތުން، ސަލާމްގޮވުމާއި ބެހޭގޮތުން، ވަރަށް ގިނަ ދަލީލުތައް ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެން އައިސްފައިވެއެވެ.

ﷲ ޞުބްޙާނަހޫ ނޫރު ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ. {يَا أَيُّهَا الَّذِينَ آمَنُوا لا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّى تَسْتَانِسُوا وَتُسَلِّمُوا عَلَى أَهْلِهَا}[1] މާނައީ: ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ أهل ވެރިންނަށް سلام ކޮށް إذن ލިބިގެންފުމަށްދާނދެން ނުވަންނާށެވެ!“.

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. {فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ اللَّـهِ مُبَارَكَةً طَيِّبَةً ۚ}[2]. މާނައީ: ”ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، اللَّه ގެ حضرة ންވާ بركات ތެރި ރަނގަޅު سلام އަކުން ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން سلام ކުރާށެވެ!“.

މީގެ އިތުރުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (أن رجلاً سأل رسول الله صلى الله عليه وسلم أي الإسلام خير؟: قال ”تطعم الطعام وتقرأ السلام على من عرفت ومن لم تعرف)[3] މާނައީ: ”މީހަކު ރަސޫލާ صلى الله عليه وسلم ގެ އަރިހުން ސުވާލުކުރެއްވިއެވެ. އިސްލާމްދީނުގައި އެންމެ މާތްވެގެންވާ ޢަމަލަކީ ކޮބައިހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ތިބާ މީސްތަކުންނަށް ކާންދޭށެވެ. އަދި ތިބާ ދަންނަ މީހުންނާއި ތިބާ ނުދަންނަ މީހުންނަށް ސަލާމްކުރާށެވެ“.

އަދި ސަލާމަށް ރައްދު ދިނުމަކީ މުސްލިމުން އެކަކު އަނެކަކަށް އަދާކޮށްދޭންޖެހޭ ޙައްޤެއްކަން ބަޔާންކުރައްވަމުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (‏حق المسلم علي المسلم خمس‏:‏ رد السلام، وعيادة المريض، واتباع الجنائز، وإجابة الدعوة، وتشميت العاطس)[4] މާނައީ: ”އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކޮށްދޭންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމްގެ ޖަވާބުދިނުމާއި ބަލިމީހާއަށް ގޮވާލަންދިއުމާއި ދަޢުވަތުދޭ މީހާއަށް އިޖާބަދިނުމާއި ކިނބިހިއަޅާ މީހާއަށް ޖަވާބުދިނުމެވެ“.

އަދި ސަލާމްފެތުރުމަކީ އެއްބަޔަކު އަނެއްބަޔަކު މެދުގައި ލޯބި އިތުރުވާކަމެކެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (‏‏لا تدخلوا الجنة حتى تؤمنوا ولا تؤمنوا حتى تحابوا أولا أدلكم على شيء إذا فعلتموه تحاببتم‏؟‏ أفشوا السلام بينكم‏)[5] މާނައީ: ”ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާ ހިނދެއްގައި ތިޔަބައިމީހުންނަށް ސުވަރުގެ ނުވަދެވޭ ހުއްޓެވެ. އަދި ތިޔަބައިމީހުން އެއްބައިވަންތަކަށް ޤާއިމްނުކުރާ ހިނދެއްގައި ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާ ހުއްޓެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުން އެޢަމަލެއްގެ ސަބަބުން އެއްބައިވަންތަކަން ޤާއިމްވާފަދަ ޢަމަލެއްގެ ވާހަކަ ބުނެދެން ހެއްޔެވެ؟ ދަންނާށެވެ. ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ގިނަކުރާށެވެ“. އެހެންކަމުން، މި ޙަދީޘުން އެނގިގެންދާގޮތުގައި ސަލާމްކުރުން ގިނަކުރުމަކީ ސުވަރުގެ ވަނުމަށް އޮތް ސަބަބެކެވެ.

އެހެންކަމުން، އަޅުގަނޑުމެން ގިނަގިނައިން ސަލާމްގޮވާއި، މުޖްތަމަޢުގައި ގެއްލިގެންދާ މި ޞިފަ ދިރުވާ ބަޔަކަށްވަމާތޯއެވެ. އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އަޅުގަނޑުމެންނީ، ގިނަގިނައިން ސަލާމްފަތުރާ ބަޔަކުކަމުގައި ލައްވާ، މި ރިވެތި ޞިފަ އަޅުގަނޑުމެންގެ ކިބައިގައި އަށަގެންނެވުމެވެ. އާމީން!

[1] ނޫރު 27

[2] ނޫރު 61

[3] މުއްތަފަޤުން ޢަލައިހި

[4] މުއްތަފަޤުން ޢަލައިހި

[5] މުސްލިމު

1