ޚަބަރު
ކިތަންމެ ގިނަ ބަޔަކު ރިބާގެ މުޢާމަލާތް ކުރި ކަމުގައިވިޔަސް އެއީ ހުއްދަކަމެއް ނޫން – ޝެއިޚް ޢަލީ ޒާހިރު

ކިތަންމެ ގިނަ ބަޔަކު ރިބާގެ މުޢާމަލާތް ކުރި ކަމުގައިވިޔަސް އެކަން ހުއްދަ ނުވާނެކަމަށް އައްޝެއިޚް ޢަލީ ޒާހިރު ވިދާޅު ވެއްޖެއެވެ. ޝެއިޚް މިހެން ވިދާޅުވީ ޖަމިއްޔަތުއް ސަލަފުން މި ރަމަޟާންމަހު ސިއްސިލާކޮށް ކޮންމެ ދުވަހަކު ކުރިއަށް ގެންދާ ”މަރުވުމަށްފަހު“ ދަރުސްގައެވެ.

ކަށްވަޅުގެ އަޒާބު ލިބިގެންދާ ކަންކަންތަކުގެ މައްޗަށް ބިނާ ކުރި ދަރުސް ޝެއިޚް ވިދާޅުވީ ”މީ ވިސްނަށް ޖެހޭކަމެއް މިއަދު ދުނިޔޭގެ ވިޔަފާރިތަކުގަ ކުރާ މުޢާމަލާތްތަށް ސަރުކާރުތަކާއި އާންމު މީހުންގެ މުޢާމަލާތްތަށް ހިމެނިލާމެހި ގުޅިފައިވާނީ ރިބާގެ މުޢާމަލާތަކާއި މިއީ ވަރަށް ފުންކޮށް ވިސްނާ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ހައްދުތަކުގެ ތެރެއިން ހައްލެއް ހޯދަންޖެހިފައިވާ ކަމެކެވެ. އަމުދުން އިސްލާމީ ޤައުމުތަކުގައި އިސްލާމީ ދަޢުލަތްތަކުގައި މުސްލިމުންނަށް ރިބާގެ ނުޖެހި އެމީހުންނަށް ގޯތިގެދޮރު ލިބޭނެގޮތް، ރިބާގެ މުޢާމަލާތަށް ނުކޮށް އެމީހުންގެ ވިޔަފާރި ކުރިއެރުވޭނެގޮތް، ރިބާގަ ނުޖެހި އިއްފަތްތެރިކަމާއި ރައްކާތެރިކަމާއި އެއްކޮށް އެމީހުންނަށް އުޅެވޭނެގޮތް ވާން އެބަޖެހޭ“ ކަމަށެވެ.

އިތުރަށް ޝެއިޚް ވިދާޅުވީ ”ދުނިޔޭގެ ކޮންމެ ތަނެއްގައި އެއީ އިސްލާމީ ޤައުމެއްކަމުގައި ވިޔަސް އެއީ އެނޫން ޤައުމެއް ކަމުގައި ވިޔަސް، ރިބާގެ މުޢާމަލާތްތަށް އެއީ ބޭންކެއްގަ ކުރާ ކަމެއްކަމުގައި ވިޔަސް، އެއީ އަމިއްލަ ގޭގެ ކުރާ ކަމެއްކަމުގައި ވިޔަސް، އެއީ މަގުމަތީ ކުރާ ކަމެއް ކަމުގައި ވިޔަސް އެއީ ﷲގެ އަޒާބުން ސަލާމަށް ވާނެކަމެއްނޫން.“

ރިބާގެ ނުބައިކަން ބޮޑުކަން ބަޔާންކުރައްވަމުން ޝެއިޚް ވިދާޅުވީ ”ރިބާގެ އެންމެ ކުޑަ މިންވަރު ބައެއް ހަދީޘްގައި ބަޔާންކޮށްފައިވަނީ ތިބާގެ އަމިއްލަ މަންމައާއިއެކު ބަދުއަޚުލާޤީ އަމަލު ހިންގުން ފަދަކަމެއް ކަމުގައި. އެހެންނަމަވެސް ހަވާނަފުސަށް ތަބާވެވި އަމިއްލަ އެދުންތަށް ބޮޑުވެފައިވާ ބައެއް މުސްލިމް އަޚުންނާއި އުޚުތުން ބިރުވެރިކަމެއްނެތި ރިބާގައި ހިފަނީ ނުވަތަ ރިބާގެ މުޢާމަލާތުގެ ތެރެއަށް ވަންނަނީ. ބައެއް ބޭފުޅުންނަށް ހީވަނީ ވަރަށް ގިނަ މީހުން އެމުޢާމަލާތް އެބަކުރެޔޭ އެއީ ހުއްދަ ކަމެކޭ. ނޫން! ކިތަންމެ ގިނަ ބަޔަކު އެ މުޢާމަލާތް ކުރި ކަމުގައިވިޔަސް އެއީ ހުއްދަކަމެއް ނޫން.“

އިތުރަށް ޝެއިޚް ވިދާޅުވީ ”ﷲގެ އަޒާބު ދެއްކެވުމަށް ޓަކައި މީހުންގިނަވެގެން އެކަމުން ސަލާމެއް ވެވޭނެގޮތެއް ނޯންނާނެ ކަމަށެވެ. އަދި ﷲގެ ދަރުބާރުގައި ޑިމޮކުރަސީއެއް ނުހިގާނެ ކަމަށާއި ﷲގެ ދަރުބާރުގައި މުޒާހަރާކޮށްގެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ބައިގިނަވެގެން ކުރެވޭނެ ކަމެއްވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.“

 

 

0