އިއްސޭ އަކީ ފިލްމު ބެލުމަށް ދެވި ހިފާފައިވާ ޒުވާނެކެވެ. ނަމަވެސް 2017 ވަނަ އަހަރު އިއްސޭ ޢަޒުމެއް ކަނޑައެޅިއެވެ. އެއީ އެއަހަރުގެ ރޯދަމަސް ފެށުމާއި އެކު ފިލްމުތައް ބެލުން ހުއްޓާލުމެވެ. އެ ޢަޒުމާއި އެއްގޮތަށް އެ އަހަރުގެ ރޯދަ މަސް ފެށުމާއި އެކު އިއްސޭ ފިލްމު ބެލުން ހުއްޓާލިއެވެ. އިޚްލާޞްތެރިކަމާއެކީގައި ތައުބާވިއެވެ. ތައުބާގެ ހެޔޮ އަސަރު އިއްސޭ އަށް އެކި ގޮތް ގޮތުން ފެނުނެވެ. ތަރާވީސް ނަމާދު ކުރާއިރު ގަޔާއި ދަމު ނަމާދު ކުރާއިރު، އިއްސޭ އަށް ކާއިނާތުގެ ވެރި އިލާހާ ކުއްތަންވެވޭ ކަމުގެ އިޙްސާސް ވަރަށް ބޮޑަށް ކުރެވެއެވެ.
އެއަހަރުގެ ރޯދަމަސް ނިމުމާއި އެކުވެސް، އިއްސޭ، އިއްސޭގެ ޢަޒުމުގެ މަތީގައި ސާބިތު ވިއެވެ. ފުރަތަމަ ކޮޅު ވަރަށް އުނދަގޫ ވިއެވެ. ފިލްމު ބެލުމަކީ ކަށީގައި ހިފާފައި ހުރި އާދައެއްކަމުން، ލިބޭ ހުސްވަގުތުތަކުގައި ހިންދީ ފިލްމެއް ނުވަތަ އިނގިރޭސި ފިލްމެއް ބަލާލާ ހިތް ވަނީއެވެ. މިފަދަ ވަގުތުތަކުގައި އިއްސޭ އޭނާގެ އަމިއްލަ ނަފުސަށް ހަނދާން ކޮށްދެނީ ﷲ ގެ މި ވަޙީ ބަސްފުޅެވެ.
(إِنَّ كَیۡدَ ٱلشَّیۡطَـٰنِ كَانَ ضَعِیفًا) [ސޫރަތުއް ނިސާއި 76]
”ހަމަ ކަށަވަރުން، ޝައިޠާނާގެ ކެހިވެރިކަން ވަނީ ނިކަމެތި ވެގެންނެވެ.“
ހަވާ ނަފުސުގެ އެދުންތަކާއި، ޝައިޠާނީ ވަސްވާސްތަކާއި އިއްސޭ ފަދަ ޒުވާނަކަށް ދެކޮޅު ނެހެދެންވީ ކީއްވެ ހެއްޔެވެ؟ ފިލްމު ބަލާހިތްވާ ކޮންމެ ފަހަރަކު މިހާރު އިއްސޭ ބަލަނީ ދީނީ ދަރުސްތަކެވެ. ހަފްތާ ބަންދުގައި ފިލްމުތައް ބެލުމާއި ދުރުވުމުގެ ގޮތުން ކަސްރަތުކުރުން، ގަސްހެއްދުން ފަދަ ކަންކަމުން އިއްސޭ އޭނާގެ ތާވަލު ފުރާލައެވެ.
އޭގެ ދެ އަހަރު ފަސް….
ފިލްމުބެލުން ހުއްޓާލުމާއެކު، އުފެއްދުންތެރި ގޮތުގައި ވަގުތުތައް ހޭދަކުރުމުގެ އާދަ އިއްސޭގެ ކަށީގައި ހިފިއެވެ. އިއްސޭ މިހާރު އަމިއްލަ ފިހާރައެއްވެސް ހިންގައެވެ. އަޅުކަމުގަޔާއި ޤުރުއާންކިޔެވުމުގައި ގިނަ ވަގުތުތައް ހޭދަކުރެއެވެ.