ރަމަޟާން
މެދުއިރުމަތީ ރަހަތައް: މައުސޫބު (ބަނާނާ ބްރެޑްޕުޑިން)

 

މަޢުސޫބު ނުވަތަ މަލާކިއާ އަކީ ދޮންކޭލާއި މާމުޔާއި އާޓާރޮށި އެއްކޮށްގެން ހަދާ ކެއުމެކެވެ. މިއީ ޔަމަން، ސަޢޫދީ ޢަރަބިއްޔާ އަދި މެދުއިރުމަތީގައި މަޝްހޫރު ކެޔުމެކެވެ.

އެކުލެވޭ ބާވަތްތަށް:  (4 މީހުންނަށް)

 • 4 ވަރަށް ދޮން ދޮންކެޔޮ (މީހަކަށް 1 ދޮންކެޔޮ)
 • 4 އާޓާރޮށި
 • 4 ސަމުސާ ޤީ ނުވަތަ ދިޔާ ބަޓަރު ( ބޭނުންވާ ނަމަ)
 • 1 ދަޅު ކްރީމް (ކިޝްތާ)
 • ¼ ތަށި މާމުއި ( ބޭނުންވާ ވަރަކަށް)

ތައްޔާރުކުރާނެ ގޮތް:

 1. ދޮންކެޔޮ ނޮޅާލުމަށްފަހު މޮޑެފައި މެދު ސައިޒު ބޯތައްޓެއްގައި ބަހައްޓާށެވެ.
 2. އާޓާރޮށި ފުޑް ޕްރޮސެސާއަކުން(މިކްސަރު) ކުދިކޮށް ފުނޑާލާށެވެ.
 3. ފުނޑާފައިވާ އާޓާރޮށި ދޮންކޭލާއި އެއްކޮށްލާށެވެ. ދޭތީގެ ނިސްބަތް ހުންނަންވާނީ 50/50 އަށެވެ.
 4. އެބޯތައްޓަށް، ޤީއާއި ކްރީމްގެ ދެބައިކުޅަ އެއްބަޔާއި މާމުއި އަޅައި، ރަނގަޅަށް އެއްވަންދެން އެއްކޮށްލާށެވެ.
 5. ރަހަބެލުމަށްފަހު މާމުއި ރަހަ ހެޔޮވަރުކޮށްލާށެވެ.
 6. ކުދިތަށިތަކަށް ބަހާލުމަށްފަހު މައްޗަށް ބޭނުންވާ ޓޮޕިންއެއް އަޅާލާށެވެ. ހިކިމޭބިސްކަދުރު، އާމަންޑް، ކްރީމް، ގާނާފައިވާ ޗެޑަރ ޗީޒް (ލޮނު/ފޮނި ރަހަކަމުދާ ފަރާތްތަކަށް)، ދޮންކެޔޮ ފޮތި ނުވަތަ މާމުއި.

މިކެއުމަކީ އާދައިގެ ބާވަތްތަކެއް ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށެލެވޭނެ ކެއުމެކެވެ. މިރެސިޕީ ތައްޔާރުކުރަނީ އާޓާރޮށި ކުދިކުދިކޮށްފައި، މޮޑެފައިހުރި ދޮންކޭލާއި މާމުޔާއި ކްރީމްއާއި އެއްކޮށްގެންނެވެ. މީގެ އިތުރުން ބަދަނާއި ކަދުރާއި ހިކިމޭބިސްކަދުރު ނުވަތަ ޗީޒް މީގެމައްޗަށް އަޅައިގެން ރަހައިތުރު ކުރެވިދާނެއެވެ. އާޚިރު ނަތީޖާގައި ދޮންކޭލާއި މާމުއީގެ ސަބަބުން އަންނަ ފޮނި މޭވާ ރަހަ، ކްރީމް މެދުވެރިކޮށް އިތުރުރަހައަކާއި އެއްކޮށް ގަދައަށް ފާހަގަކޮށްދެއެވެ. މިރަހަތައް ހަމަހަމަ ކޮށްދެނީ އާޓާރޮށީގެ ބަދަންޒާތުގެ ރަހައިންނެވެ. ކްރީމް އަޅާ މިންވަރު މަދުކޮށްލައިފިނަމަ، މިކެއުން ބަދަލުވެގެން ދަނީ ޞިއްހަތަށް ފައިދާހުރި ހެދުނު ނާސްތާއަކަށެވެ. ކެއުމަށް ފަހު އަނގަފޮނި ކޮށްލަން ހަދާނަމަ، ކްރީމް އިތުރުކޮށްލާފައި މައްޗަށް ބަދަން އަޅާލުމުން ވަރަށް ފުރިހަމަ ވާނެއެވެ.

0