ރަމަޟާން
ރަސޫލުﷲ ﷺ އަށް ލައިލަތުލް ޤަދްރި ދެއްކެވުނެވެ.

ރަމަޟާންމަހަކީ އެއްގޮތަށްވުރެ ގިނަ ގޮތުން އެމަހެއްގައި ބަރަކާތް ލެއްވިގެންވާ މަހެކެވެ. އެމަހަކީ މާތް ވެގެންވާ ކީރިތި ޤުރުއާން އެމަހެއްގައި ބާވާލެއްވުނު މަހެވެ. އެޤުރުއާން ބާވާލެއްވުނީ ޤަދްރި ވިލޭރޭގައެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ.

( إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ) (ސޫރަތުލް ޤަދްރި 1)

މާނައީ: ”ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدرގައެވެ.“

އަދި އެރޭ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާކަންވެސް މާތް ﷲ ވަނީ އަންގަވާފައެވެ.

އެކަލާނގެ ވަޙީކުރެއްވިއެވެ. (لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ) (ސޫރަތުލް ޤަދްރި 3)

މާނައީ: ”ليلةالقدر، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.“

ރަސޫލުﷲ  صلى الله عليه وسلم  ގެ ޙަދީޘްތަކުން އެނގޭގޮތުގައި އެކަލޭގެފާނަށް އެރޭ ދެއްކެވުނެވެ. އަބޫ ސަޢީދު(ރަޟިޔަﷲ ޢަންހު)ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގަފާނު ވިދާޅުވިއެވެ. ރަމަޟާންމަހުގެ ވިހިވަނަދުވަހު ހެނދުނު ޚުޠުބާއެއް ދެއްވަމުން ޙަދީޘްކުރެއްވިއެވެ.

”‏ إِنِّي أُرِيتُ لَيْلَةَ الْقَدْرِ فَأُنْسِيتُهَا فَالْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ فِي الْوَتْرِ“‏ (ޞަޙީހުލް ބުޚާރީއާއި މުސްލިމް މި ޙަދީޘް އައިސްފައިވެއެވެ.)

މާނައީ: “ ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް ލައިލަތުލް ޤަދްރި ދެއްކެވުނެވެ. (އެބަހީ: އެއީ ސީދާ ކޮން ރެއެއްކަން ހުވަފެނުގައި އެކަލޭގެފާނަށް އަންގަވައި ދެއްވިއެވެ.) ދެން ތިމަންކަލޭގެފާނަށް އެރޭ ހަނދުމަފުޅުނެތި ކުރެއްވުނެވެ. ފަހެ، ތިޔަބައިމީހުން ފަހުދިހައިގެ އޮނަހިރި ރޭތަކުގައި އެރޭހޯދުމަށް މަސައްކަތް ކުރާށެވެ.“

މިޙަދީޘުން އެނގޭ ގޮތުގައި ލައިލަތުލް ޤަދްރި ވަނީ ރަމަޟާން މަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުން ރެއެއްގައެވެ. އޮނަހިރި ރޭތަކަކީ 21،23،25،27،29 ވިލޭރޭއެވެ. އަޅުގަނޑުމެންނަށް އޮތީ މިރޭތަކުގައި އެއްހާސް މައްސަރުގެ ޘަވާބާއި ދަރުމަ ހޯދުމަށް ހިތްވަރާއެކު ގަދައަޅައި މަސައްކަތްކުރުމެވެ.

މާތް ﷲ، އަޅުގަނޑުމެންގެ ތެރެއިން ހަމައެކަކުވެސް އެރޭގެ ދަރުމައާއި ޘަވާބުން މަޙްރޫމު ނުކުރައްވާށިއެވެ. އާމީން!

 

94