ރަމަޟާން
އިބުރަތްތެރި ވާހަކަ: ތިން ފަޅި ރޮށި

އެއްދުވަހަކު ޢަބްދު ﷲ ބިން ޖަޢުފަރު (ރަޟިޔަ ﷲ ޢަންހުމާ) ޖަންގައްޔެއްގައި ހިންގަވަނިކޮށް ނުކުންނެވުނީ، އަޅު ކުއްޖަކު އޭނާގެ ސާހިބުމީހާއަށް ދަނޑުވެރިކަންކޮށްދޭ ސަރަހައްދަކަށެވެ. އެކަލޭގެފާނު އެކުއްޖާގެ މަސައްކަތް ބައްލަވަން ހުއްޓައި އެތަނަށް މީހަކު އައިސް އެކުއްޖާއަށް އެކުއްޖާގެ ކެއުން ހަވާލު ކުރިއެވެ. އޭގައިވަނީ ހަމަ އެންމެ ތިން ފަޅި ރޮއްޓެވެ.

އެކުއްޖާއަށް ދުވަހުގެ ކޮއްތު ހަވާލު ކުރުމަށްފަހު އެ އައި މީހަކު ދިއަތަނާހެން ބިންމަތީގައި ދޫހާކަމުން ކަހަލަ ގޮތަކަށް ކުއްތާއެއް އަތުވެއްޖެއެވެ. މިތަން ފެނިފައި މި ކުއްޖާއަށް ލިބުނު ރޮށި ފަޅިތަކުން، ފަޅިވަރެއް ކުއްތާއާ ދިމާއަށް އެއްލިއެވެ. ހަމަ އެއާއިއެކު ބަނޑުހައިވެފައިވާ ކުއްތާ އަވަސްއަވަހަށް އެ އެރޮށިފަޅި ކާލިއެވެ. ދެންވެސް ކުއްތާ އެތަނުން ދާކަށް ނޫޅުނެވެ. ބިންމަތީގައި ވަސް ބަލަބަލާފައި ހައިހޫނުކަމުގެ ވައްތަރުތައް ޖައްސަޖައްސާ އޮތެވެ. މިތަން ފެނިފައި އަނެއްކާވެސް އެކުއްޖާގެއަތުގައި ބާކީ އޮތް ދެ ފަޅި ރޮށިން ކުރެ ފަޅިވަރެއް ކުއްތާއަށް އެއްލިއެވެ. މި ފަހަރުވެސް ކުއްތާގެ ހައިކަން ފިލާ ގޮތެއް ނުވިއެވެ. އެންމެ ފަހުން އެ ކުއްޖާގެ އަތުގައި ދެން ބާކީ އޮތް ރޮށި ފަޅިވެސް ކުއްތާއާ ދިމާއަށް އެއްލިއެވެ.

ޢަބްދު ﷲ ބިން ޖަޢުފަރު (ރަޟިޔަ ﷲ ޢަންހުމާ) މިތަން ބައްލަވަން ހުންނަވާފައި ވަޑައިގެން އެކުއްޖާއާއި ސުވާލު ކުރެއްވިއެވެ. ”ކޮއްތުގެ ގޮތުގައި ދުވާލެއްގެ މައްޗަށް ކޮއްކޮއަށް ލިބެނީ ކިތަށް ފަޅި ރޮށި؟“

އެކުއްޖާ ޖަވާބު ދިނެވެ. ”އަހަރެންނަށް ދުވާލަކު ލިބެނީ ތިން ފަޅި ރޮށި، ދެންމެ އެ ގެނައީ އަހަރެންގެ މިއަދުގެ ކާނާ“

ޢަބްދު ﷲ ބިން ޖަޢުފަރު (ރަޟިޔަ ﷲ ޢަންހުމާ) އަނެއްކާވެސް ސުވާލު ކުރެއްވިއެވެ. ”ދެން ކީއްވެގެން މުޅި ދުވަހުގެ ކޮއްތު އެއްކޮށް ކުއްތާއަށް ތިޔަދިނީ؟“

އެކުއްޖާ ޖަވާބު ދިނެވެ. ”އަހަރެންނަށް އޭތި ބަލައިގަނެވުނީ ކުއްތާއެއްގެ ގޮތުގައެއް ނޫން، އަހަރެންނަށް ފެނުނީ ނިކަމެތިކަމާއިއެކު ބަނޑުހައިވެގެން ކާނެ އެއްޗެއް ލިބޭތޯ ބިންމަތީ ދޫހާކަމުން ދިޔަ ޖަނަވާރެއް، އެމަންޒަރު ފެނިފައި އަހަރެން އަހަރެންގެ ކާނާއިން ކެއުމަށް ލަދުވެތިވީ“

ޢަބްދު ﷲ ބިން ޖަޢުފަރު (ރަޟިޔަ ﷲ ޢަންހުމާ) ސުވާލު ކުރެއްވިއެވެ. ”ދެން މިއަދު ކޮއްކޮ ކެއުމައްޓަކައި ކޮއްކޮގެ އަތުގައި ހުރީ ކޮން އެއްޗެއް؟“

އެކުއްޖާ ޖަވާބުދިނެއެވެ. ”އަހަރެންނަށް އެއްދުވަހުގެ ކާނާއާ ނުލައި އުޅެވިދާނެއެވެ. އެއީ އަހަރެންނަށް މައްސަލައެއްނޫނެވެ.“

ޢަބްދު ﷲ ބިން ޖަޢުފަރު (ރަޟިޔަ ﷲ ޢަންހުމާ) އެކަލޭގެފާނު އަމިއްލަ ނަފުސާއި މުޚާތަބުކުރައްވާ ވިދާޅުވިއެވެ. ”މީހުން ބަލަނީ ކަލެއަކީ އެންމެ ދީލަތި މީހާ ކަމުގައެވެ. އެކަމަކު މި ކުއްޖާ ވެސް ކަލެއަށް ވުރެން އެތައް ގުނައެއް ދީލައްޗެވެ.“

ދެން ޖަޢުފަރުގެފާނު ވަޑައިގެން އެ އަޅުކުއްޖާގެ ސާހިބު މީހާއާ ބައްދަލުކުރައްވާ އެކުއްޖާއާއި އެދަނޑާއި އެކުގައި ބައްލަވައި ގަތުމަށްފަހު އަޅުކުއްޖާ މިނިވަންކުރައްވާފައި ހަދިޔާއެއްގެ ގޮތުގައި އެދަނޑު އެކުއްޖާއަށް ދެއްވިއެވެ.

 

މަސްދަރު: ނޫރުލްއިސްލާމް

1