ރަމަޟާން
ރަނގަޅު ނިމުން – ކޯމާގައި ސުވަރުގޭގެ ވާހަކަ ކިޔައިދިން މީހާ

ސުޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް ޢަލީ އަލްޔާސީން ވިދާޅުވިއެވެ.

އަހަރެންނަށް ސުޢޫދީ ޢަރަބިއްޔާގެ ޤާޟީއަކު ކިޔައި ދެއްވިއެވެ. އެއްދުވަހަކު އަހަރެން ހެޔޮ މަރާއި ނުބައި މަރުގެ މައްޗަށް ދަރުސެއް ދިނީމެވެ. އޭގައި އަހަރެން ވަރަށް ގިނަ މިސާލުތައް ކިޔައިދިނީމެވެ.

އެދަރުސް ނިމުމުން ޤާޟީ އައިސް އަހަރެންނަށް ސަލާމް ކުރިއެވެ. އަދި ބުންޏެވެ. އޭ މިވެނި މީހާއެވެ. އަހަރެންގެ ބައްޕަގެ ވާހަކަ ތިޔަ ދަރުސްގައި ވިދާޅުވެ ނުދެއްވަމެއް ނޫންތޯއެވެ. އަހަރެންގެ ބައްޕަގެ ވާހަކަ އަޑު ނައައްސަވަމުތޯއެވެ.

އަހަރެން ދެންނެވީމެވެ. އަޑެއް ނާހަމެވެ.

އޭނާއަކީ އަހަރެން ދަންނަ މީހެކެވެ. ރަނގަޅު ޞާލިޙު މީހެކެވެ. ހެޔޮ ލަފާ ޤާޟީއެކެވެ. އޭނާއަކީ އިތުބާރު ހުރި ރަނގަޅު މީހެކެވެ. އަހަރެންނަށް މިވާހަކަ ކިޔައިދިނީ އޭނާގެ ދުލުންނެވެ. އަޑު އެހީ އަހަރެންގެ ދެކަންފަތުންނެވެ. އަހަރެމެންގެ ދެމެދުގައި އިތުރު މެދުވެރިއަކު ނުވެއެވެ.

އޭނާގެ ބައްޕަގެ ވާހަކަ އަހަރެންނަށް ކިޔައި ދެއްވިއެވެ. އެއީ ހެޔޮލަފާ ޞާލިޙު އަޅެކެވެ. އޭނާގެ ރޯދައާއި ރޭ އަޅުކަން ކުރުމެވެ. ޤުރުއާން ކިޔެވުމާއި ޞަދަޤާތް ކުރުމެވެ. އޭނާ އެންމެ ބޮޑަށް ފާހަގަ ވެފައިވަނީ ﷲ ހަނދުމަކޮށް ޛިކުރު ކުރުން ގިނަ މީހެއްގެ ގޮތުގައެވެ. އޭނާގެ އަވަށުގައި އެންމެންނަށްވެސް އެކަމުގައި އޭނާ މަޝްހޫރު ވެގެންވެއެވެ.

ކޮންމެއަކަސް ބައްޕައަށް ނުރައްކާތެރި ކެންސަރުގެ ބައްޔެއް ޖެހުނެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. އަދި ޙާލު ދެރަވެ، ބައްޕަ ކޯމާއަކަށް ދިޔައެވެ.

ކޯމާއަކަށް ދިޔަ ނަމަވެސް ބައްޕަގެ ކިބައިން ވަރަށް ޢަޖާއިބު ކުރުވަނިވި ކަމެއް ފާހަގަ ކުރެވެން ފެށިއެވެ. އެއީ އޭނާ ކޯމާއަކަށް ދިޔުމާއެކު، އޭނާގެ ދުލުން ވާހަކަ ދައްކަން ފެށިއެވެ. ވަރަށް ޢަޖާއިބު ކުރުވަނިވި ވާހަކަތަކެއް އޭނާ ދައްކަން ފެށިއެވެ. ބައްޕަ ކޯމާގައި އޮވެ، ވާހަކަ ދައްކައި، އެވާހަކައިގައި ސުވަރުގެ ސިފަކޮށްދެމުން ދިޔައެވެ. ސުވަރުގޭގެ ގަނޑުވަރުތަކާއި ކޯރުތަކާއި ޙޫރުލްޢީނުންނާއި ދޫނިތަކާއި ގަސްތަކާއި އެހެނިހެން ނިޢުމަތްތައް ސިފަކޮށްދެމުން ގެންދިޔައެވެ.

އޭނާގެ އެވާހަކައިގައި އެއްވެސް ގޮތަކަށް ޤުރްއާނާއި ސުއްނަތުގައި އައިސްފައިވާ ސުވަރުގޭގެ އެއްވެސް ސިފައަކާއި އެއްވެސް މިންވަރަކަށް ޚިލާފެއް ނެތެވެ.

އެކަމުގައި އޮތީ ދެގޮތުން އެއްގޮތް ކަމުގައި އަހަރެމެން ދެކެމެވެ. އެއް ގޮތަކީ އަހަރެމެންގެ ބައްޕަ ކޯމާގައި، الإمام ابن القيم (رحمه الله) ސުވަރުގެ ސިފަކުރައްވައި ލިޔުއްވާފައިވާ ފޮތް حَادِي الْأَرْوَاحِ إِلَى بِلاَدِ الْأَفْرَاح ކިޔަމުން ދިޔަފަދައެވެ. ނުވަތަ ބައްޕަ ސުވަރުގޭގެ ގަނޑުވަރުތަކުގެ މެދުގައި ހިނގަމުން ދިޔަ ފަދައެވެ.

ބައްޕަގެ ޚަބަރު ހޮސްޕިޓަލުގައި ފެތުރުނެވެ. އަދި ހޮސްޕިޓަލުގެ މުދީރަށް މިޚަބަރު ލިބުނެވެ. އޭނާވެސް ވަޑައިގެންނެވިއެވެ. ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ބައްޕަގެ އެނދުގެ ވަށައިގެން، ކޯމާގައި އޮވެގެން ބައްޕަ ދެއްކެވި ވާހަކަ އަޑުއެހިއެވެ.

އަހަރެމެންގެ ތެރެއިން ބައެއް މީހުން އެވާހަކަ ތައް އަޑުއަހައި ރޮމުން ގެންދިޔައީމެވެ. އެ ވަގުތު ކުއްލިއަކަށް ބައްޕަ ކޯމާއިން ހޭއެރިއެވެ. އަދި އެނދުގައި އިށީންނެވިއެވެ. ހުރިހާ އެންމެން އެއްވެ ތިބި މީހުންނަށް ޙައިރާންކަމާއެކު ބައްލަވަމުން ގެންދެވިއެވެ. އެއަށްފަހު އަހަރެމެންނާ ދިމާއަށް ބެއްލެވިއެވެ. އޭރު އަހަރެމެންނަށްވެސް ތިބީ ރޮވިފައެވެ.

އަހަރެމެންނަށް ރޮވުނީ ބައްޕައަށް ހޭވެރިކަން ލިބުމުން ކަމެއް، ނުވަތަ ބައްޕަގެ ޙާލާމެދު ކަމެއް އަހަރެންނަކަށް ނޭނގެއެވެ.

ތިމަންމެން ބައްޕަގެ ގައިގައި ބައްދާލީމެވެ. އަދި ބައްޕަގެ ބޮލަށާއި އަތަށް ބޮސް ދިނީމެވެ. ބައްޕަ ސުވާލުކުރެއްވިއެވެ. ކަލޭމެން ތިޔަ ރޮނީ ކީއްވެގެން ހެއްޔެވެ؟ ކަލޭމެން ތިޔަ ރޮނީ ސުވަރުގޭގެ އަހުލުވެރިއެއްގެ މައްޗަށް ހިތާމައިން ހެއްޔެވެ؟

އޭގެ ސަބަބުން އަހަރެމެންގެ ރުއިން އިތުރުވުން ނޫން ކަމެއް ނުވިއެވެ. އަހަރެމެން ބައްޕަގެ ގައިގައި އަނެއްކާވެސް ބައްދާލީމެވެ. އަދި ބޮސްދިނީމެވެ.

އެހިނދު ބައްޕަ އިސްއުފުއްލަވައި މައްޗަށް ބައްލަވާލެއްވިއެވެ. އަދި ވިދާޅުވިއެވެ.

ނޫރު!! ނޫރު!! އެމޫނުތަކެއްގައި ނޫރުވާ މޫނުތަކެއް…. ﷲ ގަންދީ ބުނަމެވެ.  އަހަރެންނަކީ ސުވަރުގޭގެ އަހުލުވެރިއަކީމެވެ. ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކުނުވާ ކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެއިލާހުގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ.

އެހިސާބުން ބައްޕަގެ ފުރާނަ ހަށިގަނޑާ ވަކިވިއެވެ.

 

މަސްދަރު: ނޫރުލްއިސްލާމް

23